އެމެރިކާގައި ބާއްވާ ފީފާ ވޯލްޑްކަޕުން އީރާނު ވަކިވެއްޖެ

އީރާނުގެ ގައުމީ ފުޓުބޯޅަ ޓީމު--

އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި، އެ ގައުމުގެ އެންމެ އިސް ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އީރާނުން ބައިވެރިނުވާނެކަން އެ ގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު ދުންޔާމާލީ އިއުލާންކުރައްވައިފިއެވެ. އީރާނުން މި ނިންމުން ނިންމީ އެމެރިކާގެ ފަސްގަނޑުގައި މުބާރާތް ބާއްވާއިރު، އެ ގައުމުގެ ކުޅުންތެރިންނަށް ރައްކާތެރިކަމެއް ނެތްކަމަށް ބުނެއެވެ. މި ހަމަލާތަކުގެ ރައްދުގައި އީރާނުން ދަނީ ސަރަހައްދީ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާތައް ދެމުންނެވެ.

  • އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކުގައި އީރާނުގެ ރޫހާނީ ލީޑަރު އަވަހާރަކޮށްލުން.
  • އީރާނުން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބައިވެރިނުވާން ރަސްމީކޮށް ނިންމުން.
  • ކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމާމެދު އީރާނުން ކަންބޮޑުވުން ފާޅުކުރުން.
  • ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ސަރަހައްދީ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުން.

އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި އެ ގައުމުގެ އެންމެ އިސް ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އީރާނުން ބައިވެރިނުވާނެކަން އެ ގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު ދުންޔާމާލީ އިއުލާންކުރައްވައިފިއެވެ.

އީރާނުގެ ދައުލަތުގެ ޓީވީއަށް މައުލޫމާތު ދެއްވަމުން ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ، އެމެރިކާ ފަދަ ފާސިދު ނިޒާމަކުން އީރާނުގެ ލީޑަރު އަވަހާރަކޮށްލާފައިވާތީ، އެ ގައުމުގައި ބާއްވާ ވޯލްޑް ކަޕެއްގައި ބައިވެރިވުމުގެ ޖާގައެއް އީރާނަށް ނެތް ކަމަށެވެ.

ދުޝްމަނު ގައުމަކުން މުބާރާތް ހޯސްޓްކުރާއިރު، އީރާނުގެ ގައުމީ ޓީމުގެ ކުޅުންތެރިންނަށް އެއްވެސް ރައްކާތެރިކަމެއް ނެތް ކަމަށާއި، މި މައްސަލައިގައި ފީފާއިން ފިޔަވަޅުތަކެއް އެޅުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

މިއަހަރުގެ ޖޫން އަދި ޖުލައި މަހު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ގުޅިގެން ބާއްވާ މި މުބާރާތުގައި އީރާނަށް ބައިވެރިވެވޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ގޮތުގައި، އަންގާރަ ދުވަހު އޭނާ ވަނީ ރައީސް ޓްރަމްޕާ ބައްދަލުކުރައްވާފައެވެ. އަދި މި ބައްދަލުވުމުގައި ޓްރަމްޕް ވަނީ އީރާނުގެ ޓީމަށް މުބާރާތުގައި ވާދަކުރުމަށް މަރުހަބާ ކިޔާނެކަން ހާމަކުރައްވާފައެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގައި 1300 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި ޚާމަނާއީގެ އިތުރުން 150 އަށްވުރެ ގިނަ ސްކޫލް ކުދިން ހިމެނެއެވެ.

މި ހަމަލާތަކުގެ ރައްދުގައި އީރާނުން ދަނީ އިސްރާއީލު، އުރުދުން، އިރާގު އަދި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ގަލްފުގެ ގައުމުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތައް ދެމުންނެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުތަކަށާއި ވައިގެ ދަތުރުފަތުރަށް ވަނީ ވަރަށް ބޮޑެތި ބުރޫތަކެއް އަރާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު