ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ސްޓޭޖުގެ ފުރަތަމަ ހާފުގައި ހެދި ހެޓްރިކާއެކު 3-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ބަލިކޮށް ރެއާލް މެޑްރިޑުގެ ފެޑެރިކޯ ވަލްވާޑޭ ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ،.
މިއީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ނޮކްއައުޓް މެޗެއްގެ ފުރަތަމަ ހާފުގައި ކުޅުންތެރިއަކު ހެޓްރިކް ހެދި 5 ވަނަ ފަހަރެވެ.
މީގެ ކުރިން މި ރެކޯޑް ހަދާފައިވަނީ 2010 ވަނަ އަހަރު އާސެނަލްއާ ދެކޮޅަށް ލިއޮނެލް މެސީ، 2022 ވަނަ އަހަރު ރެޑް ބުލް ސާލްޒްބާގްއާ ދެކޮޅަށް ރޮބަޓް ލެވަންޑޯސްކީ، 2023 ވަނަ އަހަރު އާރްބީ ލައިޕްޒިގްއާ ދެކޮޅަށް އާލިން ހާލަންޑް އަދި މި ސީޒަނުގައި ކަރަބާގްއާ ދެކޮޅަށް އެންތަނީ ގޯޑަން އެވެ.
މިއީ ޔޫރަޕިއަން ކަޕް ނުވަތަ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް މަރުހަލާގެ ފުރަތަމަ ލެގުން 3 ލަނޑަށްވުރެ ބޮޑު ތަފާތަކުން ރެއާލް މެޑްރިޑް މޮޅުވި 29 ވަނަ ފަހަރެވެ. މީގެ ކުރިން މިގޮތަށް މޮޅުވި 28 ފަހަރުވެސް އެ ޓީމު ވަނީ މުބާރާތުގެ ދެން އޮތް ބުރަށް ދަތުރުކޮށްފައެވެ.
ނަމަވެސް މި މެޗަށް ނުކުތްއިރު އޮޕްޓާގެ ސުޕަކޮމްޕިއުޓަރުން ދައްކާގޮތުގައި މެޗުން މޮޅުވުމުގެ 45.9 އިންސައްތަ ފުރުސަތު އޮތީ ޕެޕް ގާޑިއޯލާގެ ސިޓީ ޓީމަށެވެ.
ރެއާލް މެޑްރިޑް މި މެޗަށް ނުކުތީ މުހިންމު ކުޅުންތެރިން ކަމަށްވާ ކިލިއަން އެމްބާޕޭ އާއި ޖޫޑް ބެލިންހަމް ނުލައެވެ. އެމްބާޕޭ ފިޓް ނޫންކަމަށް ނިންމާފައިވާއިރު، ބެލިންހަމް ހުރީ އަނިޔާގައެވެ. މީގެ އިތުރުން ޑިފެންޑަރު ތިއާގޯ ޕިޓާކް ވަނީ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް މެޗެއްގައި ރެއާލް މެޑްރިޑްގެ ފުރަތަމަ އެގާރައިގައި ހިމެނުނު ސްޕެއިންގެ އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ހަދާފައެވެ.
މެޗަށްފަހު ވާހަކަދައްކަމުން ޓްރެންޓް އެލެގްޒެންޑަރ-އާނޯލްޑް ބުނީ މިއީ ވަރަށް ފުރިހަމަ ކުޅުމެއް ކަމަށެވެ. މެޗުގެ ގުރުއަތުލުމަށްފަހު އަދި މެޗާ ހަމައަށް އައިއިރު ގިނަ ބަޔަކު ހީކުރީ ރެއާލް މެޑްރިޑް ވަރަށް ބޮޑަށް ބަލިވާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.
އޭނާ އިތުރަށް ބުނީ މިއިން ދައްކައިދެނީ ޓީމުގެ ވަރުގަދަ ވިސްނުން ކަމަށާއި، ކިތަންމެ ގިނަ ކުޅުންތެރިންނަށް އަނިޔާވެފައި ތިބި ނަމަވެސް، މި މުބާރާތަކީ ކްލަބަށް ވަރަށް މުހިންމު މުބާރާތެއްކަން ކުޅުންތެރިންނަށް އެނގޭ ކަމަށެވެ.