ބޮލީވުޑްގެ ކުޅަދާނަ ފިލްމު އެކްޓަރު އަދި ޕްރޮޑިއުސަރު އާމިރު ޚާން ޕްރޮޑިއުސްކުރާ ފިލްމު "ލާހޯރު 1947"ގެ ނަން ފިލްމުގެ ނަން "ބަޓްވާރާ 1947" އަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަ އާމިރު ދޮގުކޮށްފިއެވެ.
ފިލްމީ ތަރިން ކަމަށްވާ ސަނީ ޑިއޯލް އަދި ޕްރިތީ ޒިންތާ ލީޑް ރޯލުން ފެނިގެންދާ ފިލްމު "ލާހޯރު 1947" ގެ ނަން ބަދަލުކޮށް "ބަޓްވާރާ 1947" ގެ ނަމުގައި ރިލީޒްކުރަން ނިންމާފައިވާ ކަމަށް ޚަބަރުތައް ފެތުރިފައިވީ ނަމަވެސް ފިލްމުގެ އަސްލު ނަން ދަމަހައްޓާނެ ކަމަށް ތަކުރާރުކޮށް އާމިރު ވަނީ ދާދިފަހުން މީޑިއާގައި ބުނެފައެވެ.
މި ފިލްމުގެ ނަން ބަދަލުކުރުމާ ބެހޭ ވާހަކަތައް ބޮޑަށް ދެކެވެންފެށީ ބޮލީވުޑްގެ ފިލްމަކަށް އަވަށްޓެރި ޕާކިސްތާނުގެ އަވަށަކަށް ކިޔާ ނަމެއް ދިނުމުން އޭގެ ނޭދެވޭ އަސަރު އެ ފިލްމަށް ކުރުމުގެ އިތުރުން އަނެއްކާވެސް ދެ ޤައުމުގެ ދެމެދު އިޖްތިމާއީ އަދި ސިޔާސީ މައްސަލަތަކެއް އުފެދުމުގެ ފުރުސަތު ފަހިވާނެ ކަމަށް ގިނަބަޔަކު އިންޑަސްޓްރީގެތެރޭގައި ބުނެ ވާހަކަ ދައްކަން ފެށުމުންނެވެ.
ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސްގެ ކެޕިޓަލް ސިޓީ "ލަހޯރު"ގެ ނަން ފިލްމަށް ދެވިފައި ވަނީ ބެލުންތެރިންގެ ތަރުހީބުވެސް އެކަމަށް ލިބިފައިވާތީ ކަމަށް ބުނެ ބޭނުންވަނީ އެ ނަމުގައި ފިލްމު ރިލީޒްކުރަން ކަމަށް އާމިރު ވަނީ މީޑިއާގައި ބުނެފައެވެ. މީގެކުރިން ފިލްމުގެ ނަމާ ގުޅިގެން ޚިޔާލު ތަފާތުވުންތަކެއް އުފެދުނު ނަމަވެސް އެކަން މިހާރު ހައްލުވެފައިވާ ކަމަށާއި ފިލްމުގެ ނަމަށް ބަދަލު ގެނައުމުގެ ވިސްނުމެއް ނެތް ކަމަށް އާމިރު ވަނީ ބުނެފައެވެ.

"ދަ ހީރޯ: ލަވް ސްޓޯރީ އޮފް އަ ސްޕައި"ގެ މަންޒަރެއްގައި ސަނީ އާއި ޕްރިތީ--ފޮޓޯ/ފިލްމުފެއަ
މި ފިލްމަކީ ރާޖް ކުމާރު ސަންތޯޝީ ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. ފިލްމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސަންތޯޝީ ބުނެފައި ވަނީ، މީގެކުރިން އޭނާ ވަނީ އާމިރު ޚާންއާ އެކު ފިލްމު "އަންދާޒް އަޕްނާ އަޕްނާ"ގައި މަސައްކަތްކޮށްފައި ކަމަށެވެ، އޭރު އާމިރާ އެކު މަސައްކަތްކުރީ އެކްޓަރެއްގެ ހައިސއްޔަތުން ކަމަށާއި ނަމަވެސް "ލާހޯރު 1947"ގައި މަސައްކަތް ކުރަނީ ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން ކަމަށްވާތީ މިފަހަރުގެ ތަޖުރިބާ ވަރަށް ތަފާތު ކަމަށް ރާޖް ވަނީ ބުނެފައެވެ.
އޭއާރް ރަހްމާން މިއުޒިކް ތައްޔާރުކޮށްދޭ މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރު ވަނީ މި އަހަރު ފާހަގަކުރާ އިންޑިއާގެ މިނިވަންދުވަހާ ދިމާކޮށެވެ. މިއީ 2003 ވަނަ އަހަރު ރިލީޒްކުރި "ދަ ހީރޯ: ލަވް ސްޓޯރީ އޮފް އަ ސްޕައި"އަށް ފަހު ސަނީ އާއި ޕްރިތީ އެކީގައި ބެލުންތެރިންނަށް ފެންނާނެ ފުރަތަމަ ފިލްމެވެ. އެހެންވެ މި ފިލްމަށް ވަރަށް ގިނަބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ.