މިއަހަރުގެ މެއި މަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ ޖުނައިދު ޚާން އާއި ސައި ޕައްލަވީ މުހިއްމު ރޯލްތަކުން ފެންނަ ފިލްމު "އޭކް ދިން"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
ބޮލީވުޑްގެ ޒުވާން އެކްޓަރު ޖުނައިދު ޚާން އަދި ސައުތު ބަތަލާ ސައި ޕައްލަވީ ފުރަތަމަ ފަހަރަށް އެކީގައި މަސައްކަތްކުރާ މި ފިލްމަކީ ވަރަށް އަސަރުގަދަ އަދި ހިތްގައިމު ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ.
ޖުނައިދުގެ ބައްޕަ އަދި ކުޅަދާނަ އެކްޓަރު އާމިރު ޚާންގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނިން އުފައްދާ މި ފިލްމަކީ ކުރީގެ ރީތި ހަނދާންތަކާއި ލޯބީގެ އިހުސާސްތަކުން ފުރިގެންވާ ފިލްމެކެވެ. ޓްރެއިލާ އިން އެންމެ ބޮޑަށް ފާހަގަވީ ޖުނައިދު އާއި ސައިގެ އޮން ސްކްރީން ކެމިސްޓްރީގެ ފުރިހަމަކަމާއި އެ ދެމީހުންގެ ކެރެކްޓާގެ ފުރިހަމަކަން ކަމަށް ޓްރެއިލާ ބެލި ގިނަބަޔަކު ވަނީ ބުނެފައެވެ.
ފިލްމު "އޭކް ދިން" އަކީ 2016 ވަނަ އަހަރު ނެރުނު ތައިލެންޑްގެ ފިލްމު "ވަން ޑޭ" އަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމަކީ ސައި ޕައްލަވީ ހިންދީ ސިނަމާއަށް ތައާރަފުވާ ބަތަލާގެ ފުރަތަމަ ބޮލީވުޑް ފިލްމެވެ.

ފިލްމު "އޭކް ދިން"ގެ މަންޒަރެއްގައި ޖުނައިދު އަދި ސައި--ފޮޓޯ/ޒޫމް
ފިލްމުގައި ޖުނައިދު ފެންނަނީ މަޑުމައިތިރި، ލަދުވެތި އަދި އާދައިގެ ގޮތަކަށް އުޅޭ ޒުވާނެއްގެ ގޮތުގައި ނަމަވެސް އޭގެ އިދިކޮޅަށް، ސައި ޕައްލަވީގެ ކެރެކްޓާއަކީ އަމިއްލަ ނަފްސަށް އިތުބާރު އޮތް، ހިތްވަރުގަދަ އަދި ކެރޭ އަންހެން ކުއްޖެެއްގެ ކެރެކްޓާއެކެވެ. ޓްރެއިލާގައި މި ދެމީހުން އެކުގައި ހޭދަކުރާ އުފާވެރި ވަގުތުތަކާއި، ކުރިމަތިވާ ބައެއް ހިތާމަވެރި އަދި ގޮންޖެހުންތައް ވެސް ވަނީ ދައްކުވައިދީފައެވެ.
މީގެ އިތުރުން، ފިލްމުގެ މިއުޒިކަށް ބަލާއިރު، މަޝްހޫރު ލަވަކިޔުންތެރިޔާ އަރިޖިތު ސިންގް ކިޔާފައިވާ ފިލްމުގެ ޓައިޓަލް ލަވަޔަށް މިހާރުވެސް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ. މި ލަވައިގެ ވީޑިއޯ ކްލިޕްތަކެއް ވެސް ޓްރެއިލާގައި ވަނީ ހިމަނާފައެވެ.
މި ފިލްމަކީ ގިނަ ދުވަސްތަކަކަށްފަހު އާމިރު ޚާން އާއި ޑައިރެކްޓަރު މަންސޫރު ޚާން އެކުގައި މަސައްކަތްކުރާ ފިލްމެކެވެ. "ގަޔާމަތު ސޭ ގަޔާމަތު ތަކް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން މި ޓީމުން އުފައްދާ "އޭކް ދިން" ޑައިރެކްޓްކުރީ ސުނިލް ޕާންޑޭއެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ މި އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހުއެވެ.