މިފަހަރުގެ ބައިބަލާ މުބާރާތް ޑަބަލް އެލިމިނޭޝަން ފޯމެޓަށް

ބައިބަލާ އެސޯސިއޭޝަނުގެ ސެކްރެޓަރީ ޖެނެރަލް ސައީދު އަލީ---

އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ބާއްވާ އީދު ބައިބަލާ ޗެލެންޖު 1447 ކުރިއަށްދާނީ ޑަބަލް އެލިމިނޭޝަން އުސޫލުން ކަމަށް ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް ޗާޖްޑް ގޯލްޑް ހަމަޖައްސާ، އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބައިބަލާ އެސޯސިއޭޝަނުގެ ސެކްރެޓަރީ ޖެނެރަލް ސައީދު އަލީ ވިދާޅުވީ މިގޮތަށް މުބާރާތުގެ ފޯމެޓު ބަދަލުކުރީ ޓީމުތަަކަށް ވީހާވެސް ގިނަ މެޗުތަކެއް ދިނުމުގެ ބޭނުމުގައި ކަމަށެވެ.

"މިފަހަރުގެ މުބާރާތް މުޅިން އަލަށް އަޅުގަނޑުމެން މި ބާއްވަނީ ޑަބަލް އެލިމިނޭޝަން އުސޫލުން. ކުރިން އޮންނަ ގޮތުން ވެއްޖެއްޔާ އެއް މެޗުން ބަލިވީމަ މުބާރާތުން ކަޓަނީ ޑަބަލް އެލިމިނޭޝަން ފޯމެޓާއެކު ކޮންމެ ޓީމެއް ވެސް މުބާރާތުގައި މަދުވެގެން ދެ މެޗު ކުޅޭނެ" ސައީދު ވިދާޅުވިއެވެ.

މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ޗާޖްޑް ގޯލްޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ބްރޭންޑް މެނޭޖަރ އަމްރު އަކްރަމެވެ. ބައިބަލާ އެސޯސިއޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެސޯސިއޭޝަނުގެ ސެކްރެޓަރީ ޖެނެރަލް ސައީދު އަލީއެވެ.

މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ޗާޖްޑް ގޯލްޑްއާއި ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އެއްބަސްވުމުގައި ސޮއިކުރަނީ--

"ސަން" އާއި ވާހަކަދައްކަމުން އެސޯސިއޭޝަނުގެ އެކްސްކޯ މެމްބަރު މުހައްމަދު އަސީލް ބުނީ މި ބަދަލުގެ ސަބަބުން މުބާރާތުގައި ވާދަކުރާ ޓީމުތަކަށް އެއް މެޗުން ބަލިވެ ކެޓުމުގެ ބަދަލުގައި އިތުރު މެޗުތަކެއް ކުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

"އެހެން ފަހަރު އޮންނަނީ ސިންގަލް އެލިމިނޭޝަން ގޮތަށް، މިފަހަރު ވިނާސް ސައިޑާ ލޫޒާސް ސައިޑެއް މިއޮންނަނީ ، ކުރިން އެންމެ ބޮޑަށްޖެހޭ މައްސަލައަކީ ކޮންމެ ޓީމެއްވެސް ބޮޑު ހަަރަދު ކޮށްގެން މިއަންނަނީ، އެންމެ މެޗަކުންވެސް އެ ޓީމުތަކަށް މުބާރާތް އެބަ ނިމޭ، މިފަހަރު އިތުރު ފުރުސަތު މި ލިބެނީ ޓީމުތަކަށް" އަސީލް ބުންޏެވެ.

އެހެންވުމާއެކު ކުރިން މުބާރާތް ފަސްް ދުވަހުން ނިމުނު ނަމަވެސް މިފަހަރު އެ މުއްދަތު އިތުރުވެގެންދާނެ ކަމަށް އަސީލް ބުންޏެވެ. އެގޮތުން މި ބަދަލާއެކު 10 ދުވަހަށް މުބާރާތް ދިގުލައިގެންދާނެ ކަމަށް އަސީލް ބުންޏެވެ.

އަސީލް ބުނީ މި ބަދަލުގެންނަން ނިންމީ ޓީމުތަކުގެ މެނޭޖްމަންޓުތަކާ އެސޯސިއޭޝަނާއި ރެފްރީންގެ އިތުރުން ކަމާ ގުޅުންހުރި ފަރާތްތަކާ ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު ކަމަށެވެ.

"ވަރަށް ގިނަ ޓީމުތަކުގެ ރިކުއެސްޓުތަކުން މިގޮތަށް ނިންމީ، އެސޯސިއޭޝަން ތެރެއިންނާއި ޓީމުތަކުގެ މެނޭޖްމަންޓުތަކާ ވާހަކަދައްކައިގެން އަދި ރެފްރީންނާ ކަމާ ގުޅުންހުރި ފަރާތްތަކާ ވާޙަކަދައްކައިގެން ޓީމުތަކަށް އެންމެ ފައިދާވާނެ ގޮތަކަށް ވިސްނައިގެން މިކަން ކުރަން ނިންމީ، އެގޮތުން އެންމެ ރަނގަޅު ގޮތެއްގެ ގޮތުގައި ފެނުނީ ޑަބަލް އެލިމިނޭޝަން އުސޫލުން ކުރިއަށްގެންދަން" އަސީލް ބުންޏެވެ.

މިފަހަރުގެ ބައިބަލާ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 ގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު