އީރާނުގެ އާ ސުޕްރީމް ލީޑަރުގެ މަގާމަށް އައްޔަންކޮށްފައިވާ، މުޖުތަބާ ޚާމަނާއީއަށް ވެސް، އިސްރާއީލާއި އެމެރިކާއިން ދެމުންދާ ހަމަލާތަކުގައި އަނިޔާވެފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
މިދިޔަ މަހުގެ 28ގައި އިސްރާއީލާއި އެމެރިކާއިން އީރާނަށް ދޭން ފެށި ހަމަލާތަކުގައި، އީރާނުގެ ސުޕްރީމް ލީޑަރުގެ ގޮތުގައި 36 އަހަރަށްވުރެ ދިގު މުއްދަތަކަށް ހުންނެވި އަލީ ޚާމަނާއީ ވަނީ އަވަހާރަކޮށްލައިފައެވެ. އެއަށްފަހު، އެ ގައުމުގެ އާ ސުޕްރީމް ލީޑަރަކަށް އައްޔަންކޮށްފައިވަނީ، އޭނާގެ ދަރިކަލުން މުޖުތަބާ އެވެ.
އެމެރިކާގެ ނިއު ޔޯކް ޓައިމްސްއިން، އީރާނާއި އިސްރާއީލުގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އަލީ ޚާމަނާއީ އަވަހާރަކޮށްލި ދުވަހު، މުޖުތަބާ ވެސް ވަނީ ޒަޚަމްކޮށްލައިފައެވެ. އެގޮތުން މުޖުތަބާގެ ފަޔަށް އަނިޔާވެފައިވާ ކަމަށް އެ ނޫހުގައިވެއެވެ.
މީގެ އިތުރުން އީރާނުގެ ދައުލަތުގެ ޓީވީން ވަނީ، މުޖުތަބާއަކީ 'ރޯދަމަހުގެ ހަނގުރާމައިގައި ޒަޚަމްވެފައިވާ ހަނގުރާމަވެރިއެއް'ގެ ގޮތުގައި ސިފަކޮށްފައެވެ. ނަމަވެސް އަނިޔާތަކާ ގުޅޭ އެއްވެސް ތަފުސީލެއް ހާމަކޮށްފައިނުވެއެވެ.
އެ ރިޕޯޓުތަކާ ގުޅިގެން، އީރާނުގެ ރައީސްގެ ދަރިކަލުން އަދި ސަރުކާރުގެ އެޑްވައިޒަރު ޔޫސުފް ޕެޒެޝްކިއަން ވަނީ މުޖުތަބާ ހުންނެވީ ސަލާމަތުން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެއްވައެވެ.
އެމެރިކާއާއި އިސްރާއީލުން އަދިވެސް އީރާނަށް ހަމަލާތައް ދެމުން އަންނައިރު، އީރާނުން ވެސް އަންނަނީ ރައްދުގައި ވަރުގަދަ ހަމަލާތައް ދެމުންނެވެ.