އިންގްލެންޑުގެ ގައުމީ ފުޓުބޯޅަ ޓީމަށް 96 މެޗު ކުޅެދިނުމަށްފަހު، މަޝްހޫރު ޑިފެންޑަރު ކައިލް ވޯކަރ ބައިނަލްއަގުވާމީ ފުޓުބޯޅައިން ރިޓަޔާކޮށްފިއެވެ.
އުމުރުން 35 އަހަރުގެ ވޯކަރ ވަނީ އިންގްލެންޑާއެކު ބޮޑު ފަސް މުބާރާތެއްގައި ކުޅެފައެވެ. މީގެ ތެރޭގައި 2021 އަދި 2024 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފައިނަލް އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލް ހިމެނެއެވެ. ނަމަވެސް، މިއަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި އޮންނަ ވޯލްޑް ކަޕްގައި އޭނާ ނުފެންނާނެއެވެ.
ވޯކަރ ގައުމީ ޓީމަށް ކުޅެދިން އެންމެ ފަހު މެޗަކީ މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ސެނެގޯލްއާ ދެކޮޅަށް ކުޅުނު މެޗެވެ. ރިޓަޔާކުރުމާ ގުޅޭގޮތުން ވާހަކަދައްކަމުން ވޯކަރ ބުނީ، މިއީ ހިތާމަވެރި ނިންމުމެއް ކަމުގައިވިޔަސް، އިންގްލެންޑާއެކު ހޯދުނު ކާމިޔާބީތަކާމެދު ފަޚުރުވެރިވާ ކަމަށެވެ.
"އިންގްލެންޑް ޓީމާއެކު ބޮޑު ފަސް މުބާރާތެއްގައި ގައުމު ތަމްސީލުކުރުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް. ޚާއްސަކޮށް މި ޓީމުގެ ކުޅުންތެރިންނާއި، އަހަރެންނަށް އިރުޝާދުދިން މޮޅެތި ކޯޗުންނާއެކު މަސައްކަތްކުރުމަކީ ލިބުނު އުފަލެއް،" ވޯކަރ ބުންޏެވެ.
މީގެއިތުރުން 1966 ވަނަ އަހަރަށްފަހު އިންގްލެންޑުން ބޮޑު މުބާރާތެއްގެ ފައިނަލްގައި ކުޅުނު ފުރަތަމަ ޓީމުގައި ހިމެނުމަކީ ލިބޭ ވަރަށް ބޮޑު ފަޚުރެއްކަން އޭނާ ފާހަގަކުރިއެވެ.
ވޯކަރ ވަނީ އޭނާއަށް ގައުމީ ޓީމުގައި އިރުޝާދުދިން ހުރިހާ ކޯޗުންނަށް ޝުކުރު އަދާކޮށްފައެވެ. އޭގެ ތެރޭގައި ފަބިއޯ ކަޕެއްލޯ، ރޯއި ހޮޖްސަން، ލީ ކާސްލީ، ގެރެތު ސައުތުގޭޓް އަދި މިހާރުގެ ކޯޗު ތޯމަސް ޓުޗެލް ހިމެނެއެވެ.
މީގެ އިތުރުން، އިންގްލެންޑުގެ ސަޕޯޓަރުންނާއި އޭނާގެ އާއިލާއިން ދިން ފުރިހަމަ އެއްބާރުލުމަށްވެސް ވޯކަރ ވަނީ ޝުކުރު އަދާކޮށްފައެވެ.
އިންގްލެންޑުގެ މިހާރުގެ ކޯޗު ތޯމަސް ޓުޗެލް ބުނީ، ވޯކަރގެ ކާމިޔާބު ބައިނަލްއަގުވާމީ ކެރިއަރަށް ހުރިހާ ސަޕޯޓަރުންވެސް މަރުހަބާ ކިޔާނެކަން ޔަގީންކުރާ ކަމަށެވެ. އަދި 14 އަހަރު ވަންދެން ގައުމީ ޓީމަށް ކުޅެ، ބޮޑު ފަސް މުބާރާތުގައި ބައިވެރިވުމަކީ ވޯކަރގެ މަސައްކަތްތެރިކަން ދައްކުވައިދޭ ކަމެއް ކަމަށް ޓުޗެލް ފާހަގަކުރިއެވެ.
ވޯކަރ އެންމެ ފުރަތަމަ އިންގްލެންޑުގެ ސީނިއަރ ޓީމަށް ކުޅުނީ ފަބިއޯ ކަޕެއްލޯގެ އިރުޝާދުގެ ދަށުން 2009 ވަނަ އަހަރު ސްޕެއިންއާ ދެކޮޅަށެވެ. އެ މެޗުގައި އޭނާ ކުޅެން އެރީ، މިހާރު ބާންލީގައި އޭނާގެ ކޯޗެއްގެ ގޮތުގައި ހުރި ސްކޮޓް ޕާކަރގެ ބަދަލުގައެވެ.
އޭގެ ދުވަސްކޮޅެއް ފަހުން ސްވިޑަންއާ ދެކޮޅަށް ކުޅުނު ފުރަތަމަ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު މެޗުގައި އޭނާ ވަނީ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.
ކްލަބް ލެވެލްގައި ވޯކަރ ވަނީ ގިނަ ކްލަބްތަކަކަށް ކުޅެފައެވެ. އޭގެ ތެރޭގައި ޝެފީލްޑް ޔުނައިޓެޑް، ޓޮޓްނަމް ހޮޓްސްޕަރ، އެސްޓަން ވިލާ، މެންޗެސްޓަރ ސިޓީ، އޭސީ މިލާން އަދި މިހާރު ކުޅެމުން އަންނަ ބާންލީ ހިމެނެއެވެ.