މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓާލައި، އީރާނާއި އެމެރިކާއިން އަލުން މަޝްވަރާގެ މޭޒަށް އެނބުރި އައުމަށް ގަތަރުގެ ސްޓޭޓް މިނިސްޓާ ފޮރިން އެފެއާޒް މުޙައްމަދު ބިން ޢަބްދުލްޢަޒީޒް އަލް-ޚުލައިފީ ގޮވާލައްވައިފިއެވެ.
އަލްޖަޒީރާއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި އޭނާ މިއަދު ވިދާޅުވީ، ސަރަޙައްދީ ގައުމުތަކަކީ އީރާނުގެ ދުޝްމަނުން ނޫން ކަމަށާއި، ނަމަވެސް އީރާނަށް އެކަން ނުވިސްނޭ ކަމަށެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންދާ ޙަމަލާތަކުގެ ރައްދުގައި، އީރާނުން ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން އެއްވެސް ބަޔަކަށް ފައިދާއެއް ނުކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އީރާނާއި ހުޅަނގާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރަމުން އައި ގަތަރާއި އޮމާނަށް ޙަމަލާދެމުންދާހާ ހިނދަކު، އެ ދައުރު އަދާނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގަތަރުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު..
މީގެ އިތުރުން، އާންމުންނާއި އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކާމެދު ގަތަރުން އިންތިހާއަށް ކަންބޮޑުވާ ކަމަށް ޚުލައިފީ ވިދާޅުވިއެވެ.
މި މައްސަލައަށް ދާއިމީ ޙައްލެއް ގެނެވެން އޮތީ ހަމައެކަނި މަޝްވަރާކޮށްގެން ކަމަށް ގަތަރުން ގަބޫލުކުރެއެވެ. އަދި ހޮރުމޫޒް ކަނޑުއޮޅިން ހަކަތަ ފޯރުކޮށްދިނުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި، މި ހަމަނުޖެހުންތަކަށް ބައިނަލްއަޤުވާމީ ޙައްލެއް ބޭނުންވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ގަތަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އާލް ޘާނީ ވެސް ވަނީ ދާދިފަހުން އީރާނުގެ އިސްވެރިންނާ ފޯނުން ގުޅުއްވައި، އަވަށްޓެރި ގައުމުތަކަށް ޙަމަލާދިނުން ހުއްޓާލުމަށް އެދިވަޑައިގެންފައެވެ. ގަތަރުން އަންނަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާ ގުޅިގެންވެސް ޞުލްޙަ ގާއިމުކުރުމަށް ބާރުއަޅަމުންނެވެ.