އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން، އެ ގައުމުގެ 'ޗޯ ހްޔޯން' މަނަވަރުން ކްރޫޒް މިސައިލް ފޮނުވާލުމުގެ އިތުރު ތަޖުރިބާލެއްވުމެއް ބައްލަވާލައްވައިފި ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުދަ ދުވަހު ރިޕޯޓްކޮށްފިއެވެ.
މި މިސައިލް ކުރިއަށް ގެންގޮސްފައިވަނީ ދެކުނު ކޮރެއާ އާއި އެމެރިކާ ގުޅިގެން އަހަރީ އަސްކަރީ ތަމްރީނުތައް ފަށާފައިވާ ދަނޑިވަޅެއްގައެވެ.
ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީ (ކޭސީއެންއޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިއްޔެ ކުރިއަށްދިޔަ މި ހަރަކާތް ކިމް ބައްލަވާލެއްވީ ވީޑިއޯ މެދުވެރިކޮށެވެ. މި ތަޖުރިބާތަކާ ގުޅޭގޮތުން ކިމް ވިދާޅުވީ، އެ ގައުމުގެ ނިއުކްލިއާ ބާރުވެރިކަން ވަރުގަދަކޮށް، އިތުބާރު ހިފޭ ފަދަ ގޮތަކަށް އެ ނިޒާމު ފުޅާކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
ދައުލަތުގެ މީޑިއާއިން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، މި މިސައިލް ލޯންޗު ބައްލަަވަން ކިމްގެ ދަރިކަނބަލުން ޖޫ އޭ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިދިޔަ ހަފުތާގައި ވެސް އުތުރު ކޮރެއާއިން ވަނީ އެ މަނަވަރު ބޭނުންކޮށްގެން މިފަދަ މިސައިލް ތަޖުރިބާތަކެއް ކޮށްފައެވެ. އުތުރު ކޮރެއާއިން މި ހަތިޔާރުތަކަކީ "ސްޓްރެޓީޖިކް" ހަތިޔާރުގެ ގޮތުގައި ސިފަކޮށްފައިވާތީ، މިއީ ނިއުކްލިއާ ބޮން އުފުލުމުގެ ގާބިލްކަން ލިބިގެންވާ ހަތިޔާރުތަކެއް ކަމަށް ބެލެވެއެވެ.
އުތުރު ކޮރެއާއިން މި ފިޔަވަޅު އަޅާފައިވަނީ، ދެކުނު ކޮރިއާ އާއި އެމެރިކާ ގުޅިގެން 11 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ "ފްރީޑަމް ޝީލްޑް" އަސްކަރީ ތަމްރީނުތައް ހޯމަ ދުވަހު ފަށާފައިވަނިކޮށެވެ. މި ތަމްރީނުތަކަކީ ދިފާއީ ތަމްރީނުތަކެއްކަމަށް އެމެރިކާ އާއި ދެކުނު ކޮރެއާއިން ބުނި ނަމަވެސް، އުތުރު ކޮރެއާއިން އަބަދުވެސް ތުހުމަތުކުރާ ގޮތުގައި މިއީ އެ ގައުމަށް އަރައިގަތުމަށް ބާއްވާ ތަމްރީނުތަކެކެވެ.
ކޭސީއެންއޭ އިން މައުލޫމާތު ދިން ގޮތުގައި، މި ފަހަރު ފޮނުވާލި ކްރޫޒް މިސައިލްތައް ރީނދޫ ކަނޑުގެ މަތިން 10,116 އާއި 10,138 ސިކުންތުގެ މުއްދަތަކަށް ދަތުރުކޮށް، ކަނޑައެޅިފައިވާ އަމާޒުތަކަށް ވަނީ ހަމަލާދީފައެވެ.
މީގެ އިތުރުން ކިމް ވިދާޅުވީ، ގައުމުގެ އަސްކަރީ ބާރުވެރިކަން މިހާރު ދަނީ ވަރަށް ހަރުދަނާ އަދި އަވަސް ދުވެއްޔެއްގައި ތަރައްގީވަމުން ކަމަށާއި، ގައުމުގެ ނިއުކްލިއާ ބާރުތައް މިހާރު ވަނީ އެކި ގޮތްގޮތުން ހަރަކާތްތެރިވެވޭ ފަދަ މަރުހަލާއަކަށް ބަދަލުވެފައި ކަމަށެވެ.