މެދުއިރުމަތީގެ ގައުމުތަކުން ތެޔޮ އުފައްދާ މިންވަރު ވަރަށް ބޮޑަށް ދަށްކޮށްފި، އަގު މަތިވުމުގެ ބިރު

ސައުދީ އަރަބިއްޔާ، ޔޫއޭއީ، ކުވައިތު، އަދި އިރާގުން ދުވާލެއްގެ މައްޗަށް ތެޔޮ އުފައްދާ މިންވަރު ވަރަށް ބޮޑަށް ދަށްކޮށްފިއެވެ. މިއީ މެދުއިރުމަތީގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ހާލަތުގެ ތެރޭގައި އެޅުނު ފިޔަވަޅެކެވެ. މި ބަދަލާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އިގްތިސާދީ ގޮންޖެހުންތަކެއް ކުރިމަތިވެދާނެކަމުގެ އިންޒާރު މާހިރުން ދެއެވެ. މިކަން ކޮންޓްރޯލް ކުރުމަށް ޖީ7 ގައުމުތަކުން ފިޔަވަޅުތަކެއް އެޅުމަށް މަޝްވަރާ ކުރަމުންދާއިރު، ހަކަތައިގެ ދާއިރާއަށް މިކަމުގެ ނޭދެވޭ އަސަރުތައް ކުރާނެކަމަށް ބެލެވެއެވެ.

  • މެދުއިރުމަތީގެ މައިގަނޑު ގައުމުތަކުން ތެޔޮ އުފެއްދުން ބޮޑުތަނުން ދަށްކުރުން
  • ސަރަހައްދީ ހަނގުރާމަތަކުގެ ސަބަބުން ހަކަތައިގެ ސިނާއަތަށް ބުރޫއެރުން
  • ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ނުރައްކާ ބޮޑުވުން
  • ޖީ7 ގައުމުތަކުން ތެލުގެ އަގު ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އެޅުމަށް މަސައްކަތްކުރުން

ސައުދީ އަރަބިއްޔާއާއި މެދުއިރުމަތީގެ ބައެއް އެހެން ގައުމުތަކުން ދުވާލެއްގެ މައްޗަށް ތެޔޮ އުފައްދާ މިންވަރު ވަރަށް ބޮޑަށް ދަށްކޮށްފިއެވެ.

ބްލޫމްބާގް ނިއުސްއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ސައުދީ އަރަބިއްޔާއިން ވަނީ ދުވާލަކު ދެ މިލިއަނާއި 2.5 މިލިއަން ފީފާއާ ދެމެދުގެ އަދަދަކަށް ތެޔޮ އުފެއްދުން މަދުކޮށްފައެވެ.

މީގެ އިތުރުން، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އިން ދުވާލަކު 500،000 އާއި 800،000 ފީފާއާ ދެމެދުގެ އަދަދަކަށް ތެޔޮ އުފެއްދުން މަދުކޮށްފައިވާއިރު، ކުވައިތުން ވަނީ ދުވާލަކު ބައި މިލިއަން ފީފާގެ ތެޔޮ އުފެއްދުން މަދުކޮށްފައެވެ. އަދި، އިރާގުން ވަނީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 2.9 މިލިއަން ފީފާގެ ތެޔޮ އުފެއްދުން މަދުކޮށްފައެވެ.

މި މައުލޫމާތު ހާމަކޮށްފައިވަނީ މި ކަމާ ގުޅުންހުރި ފަރާތްތަކާ ހަވާލާދީކަމަށް ބްލޫމްބާގުން ބުނެފައިވެއެވެ. މެދުއިރުމަތީގެ ގައުމުތަކުން ތެޔޮ އުފައްދާ މިންވަރު މިހާ ބޮޑަށް ދަށްކޮށްފައި މިވަނީ، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ގުޅިގެން ސަރަހައްދީ މަސްރަހު ނުހަނު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

ތެޔޮ އުފައްދާ މިންވަރު މަދުކުރުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާ ވެސް އުފުލިދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. މިހާރު ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 93 ޑޮލަރަށެވެ. އިއްޔެ އެ އަގު 117 ޑޮލަރަށް ވެސް އުފުލުނެވެ.

މިކަމާ ގުޅިގެން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ހަތް ގައުމު (ޖީ7) އިން ތެލުގެ އަގު ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ވިސްނަމުންދާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. މި ނިންމުންތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެކަމަށް މާހިރުން އިންޒާރުދެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު