އެޕަލް ކުންފުނިން އުފައްދަމުންދާ ސްމާޓް ހޯމް ޑިސްޕްލޭ ނެރުން، އޭގައި ހިމެނޭ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފީޗާތަކުގެ މަސައްކަތް ނުނިމޭތީ އަނެއްކާވެސް ފަސްކޮށްފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި އާލާތް ނެރުން ފަސްކުރަން ޖެހުނީ އެ އާލާތުގެ މައިގަނޑު ބާރަކަށްވާ "ސިރީ" ޑިޖިޓަލް އެސިސްޓެންޓްގެ އާ ފެންވަރުގެ މަސައްކަތްތައް ނުނިމި ލަސްވަމުންދާތީ ކަމަށް ބްލޫމްބާގްގެ މަޝްހޫރު ނޫސްވެރިޔާ މާކް ގާމަން ވަނީ ހާމަކޮށްފައެވެ.
ކުރިން 2025 ވަނަ އަހަރުގެ ކުރީކޮޅު ނެރުމަށް އަމާޒު ހިފި މި ޑިވައިސް، ސިރީގެ މަސައްކަތްތައް ފުރިހަމަކުރުމަށްޓަކައި މިހާރު ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
މި ސްމާޓް ހޯމް ޑިސްޕްލޭ ފަރުމާކޮށްފައިވަނީ ހަތް އިންޗީގެ އައިޕެޑެއް ފަދަ ސްކްރީނެއް، ހާފް-ޑޯމް ބައްޓަމުގެ ސްޕީކަރެއްގެ މަތީގައި ހަރުކޮށްފައިވާ ގޮތަށެވެ.
އެލްމިނިއަމް ބޮޑީއަކާއެކު އުފައްދާ މި އާލާތަކީ ފާރުގައިވެސް ހަރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ، ޔޫއެސްބީ ޓައިޕް-ސީ ޕޯޓަކުން ޗާޖުކުރެވޭނެ ޑިވައިސްއެކެވެ.
މި ޑިވައިސްގެ ޔޫޒާ އިންޓަފޭސް އެޕަލް ވޮޗްގެ ހޯމް ސްކްރީނާ އެއްގޮތަށް ބޮޅު އައިކަންތަކެއްގެ ގޮތުގައި ފެންނަން ހުންނައިރު، މީގައި ހިމެނޭ ފޭޝަލް ރިކޮގްނިޝަންގެ އެހީގައި ބޭނުންކުރާ މީހާ ދެނެގަނެ، އެ މީހެއްގެ ޒާތީ ކަލަންޑަރާއި، ނޯޓްސް އަދި މިއުޒިކް ފަދަ މައުލޫމާތުތައް ސްކްރީނުން ދައްކައިދޭނެއެވެ.
އެޕަލްއިން މިހާރު މަސައްކަތް ކުރަމުންދަނީ ސިރީއަކީ ބޭނުންކުރާ މީހާގެ މައުލޫމާތުތައް ރަނގަޅަށް ދެނެގަނެ، މި ޒަމާނުގެ ޗެޓްބޮޓެއްގެ ގޮތުގައި މައުލޫމާތު ފޯރުކޮށްދޭ ފެންވަރުގެ ވަސީލަތަކަށް ހެދުމަށެވެ.
މި އާ ސިރީ ފީޗާތައް ފުރަތަމަ ފެނިގެންދާނީ މި އަހަރުގެ ފަހުކޮޅު ބާޒާރަށް ނެރޭ އައިފޯން 18 ޕްރޯއާ އެކުގައެވެ.
މި ސްމާޓް ހޯމް ޑިސްޕްލޭއަކީ އެޕަލްއިން ނެރުމަށް ތައްޔާރުވަމުންދާ ސްމާޓް ހޯމް އާލާތްތަކުގެ ތެރެއިން ފުރަތަމަ އުފެއްދުމެވެ.
މީގެ އިތުރުން، ރޮބޮޓިކް އަތެއް ހަރުކޮށްފައިވާ ނުވަ އިންޗީގެ ބޮޑު ސްމާޓް ޑިސްޕްލޭއަކާއި، އޭއައި ސިސްޓަމް ހިމެނޭ ސްމާޓް އައިނާއި، ކެމެރާ ހަރުކޮށްފައިވާ އެއާޕޮޑްސް ފަދަ އާ އުފެއްދުންތަކެއްގެ މަސައްކަތް ވެސް އެޕަލްއިން ދަނީ ކުރަމުންނެވެ.