ގެސްޓްހައުސްއަކަށް މީހަކު ގެންގޮސް އަނިޔާކޮށް ފޭރުނު މީހަކަށް 28،000 ރުފިޔާގެ ޖޫރިމަނާއެއް

ފެބްރުއަރީ 18، 2021: މާލޭ ބޮޑުތަކުރުފާނު މަގު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ ގެސްޓްހައުސްއަކަށް މީހަކު ގެންގޮސް އަނިޔާކުރުމަށްފަހު އޭނާގެ އަތުން 30،000 ރުފިޔާ ފޭރުނު މައްސަލައެއްގައި ވ. ބޮލިހުރާ، ޙުސައިން ޔޫނުސް ފަޞީޙްގެ މައްޗަށް ކުށް ސާބިތުވެއްޖެއެވެ. ދައުލަތުން އުފުލި ފޭރުމުގެ ދައުވާއަށް އޭނާ އިއުތިރާފުވުމުން، އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން އޭނާ ހަތަރު މަހާއި 23 ދުވަހަށް ޖަލަށްލުމާއެކު 28،600 ރުފިޔާއިން ޖޫރިމަނާކުރަން ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި އޭނާ މިހާރުވެސް ޖަލުގައި ހޭދަކޮށްފައިވާތީ، ޖަލު ހުކުމް މިހާރު ވަނީ ތަންފީޒުވެ ނިމިފައެވެ. ނަމަވެސް، އޭނާގެ މައްޗަށް ކަނޑައެޅި ޖޫރިމަނާގެ ފައިސާ ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހެއެވެ.

  • ގެސްޓްހައުސްއެއްގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ޙުސައިން ޔޫނުސް ފަޞީޙް ކުށްވެރިވެއްޖެ
  • ފޭރުމުގެ ކުށުގައި 4 މަހާއި 23 ދުވަހުގެ ޖަލު ހުކުމަކާއި 28،600 ރުފިޔާގެ ޖޫރިމަނާއެއް ކަނޑައެޅި
  • ޝަރީއަތުގެ މުއްދަތުގައި ޖަލުގައި ހޭދަކުރި ދުވަސްތަކާއެކު ޖަލު ހުކުމް މިހާރު ވަނީ ފުރިހަމަވެފައި
  • ޖޫރިމަނާގެ ފައިސާ 12 މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރަން ޖެހޭ

މާލޭގެ ގެސްޓްހައުސްއަކަށް މީހަކު ގެންގޮސް، އޭނާއަށް އަނިޔާކޮށް އޭނާ އަތުން 30،000 ރުފިޔާ ފޭރުނު މީހަކު، ޖަލަށްލާން ހުކުމްކޮށް، 28،600 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މިއީ، ވ. ބޮލިހުރާ، ޙުސައިން ޔޫނުސް ފަޞީޙް، އިތުރު ބަޔަކާއެކު، ލ. އަތޮޅު މީހަކު، ހަލަވެލި ގެސްޓްހައުސްއަށް ގެންގޮސް އެ މީހާއަށް އަނިޔާކޮށް، އެ މީހާގެ ބޭންކް އެކައުންޓުން 30،000 ރުފިޔާ ނެގި މައްސަލައެވެ.

މި މައްސަލައިގައި ޙުސައިން ޔޫނުސް ފަޞީޙްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ފޭރުމުގެ ކުށުގެ ދައުވާއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ހެނދުނު ހިނގި މި ހާދިސާއާ ގުޅިގެން ދައުލަތުން ދައުވާ ކުރުމުން، ޙުސައިން ޔޫނުސް ފަޞީޙްވަނީ ދައުވާއަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ. އެކަމަކު ކުށަށް އިއުތިރާފުވެ، އިއުތިރާފުގެ އެއްބަސްވުން ހަދާފައިވަނީ އެންމެ ފުރަތަމަ ދައުވާއަށް އިންކާރު ކުރުމަށް ފަހުގައެވެ.

ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމުގައި އޮތީ ޙުސައިން ޔޫނުސް ފަޞީޙް، ހަތަރު މަހާއި 23 ދުވަހަށް ޖަލަށްލުމާއެކު 28،600 ރުފިޔާއިން ޖޫރިމަނާ ކުރާށެވެ. މި މައްސަލައިގެ ތަހުގީގުގައި އަދި ޝަރިއަތުގެ މުއްދަތުގައި ޙުސައިން ޔޫނުސް ފަޞީޙް، ޖުމްލަ އެކު ހަތަރު މަހާއި 26 ދުވަސް ޖަލުގައި ހޭދަކޮށްފައިވެއެވެ. އެހެންކަމުން މި މައްސަލައިގައި އޭނާ ދެން އިތުރަށް ތަންފީޒު ކުރަން ޖެހޭ ޖަލު ހުކުމެއް ނެތެވެ.

ހުކުމުގައި ދެން ބާކީ އޮތީ ހަމަ އެކަނި، 12 މަސް ދުވަހުގެ ތެރޭގައި 28،600 ރުފިޔާގެ ޖޫރިމަނާ ދެއްކުމެވެ.

ދައުލަތުން މި މައްސަލަ ޝަރިއަތަށް ހުށަހަޅާފައިވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ އަށްވަނަ ދުވަހެވެ. މި މައްސަލަ ކޯޓުން ނިމުނީ މި ހިނގާ މާރިޗު މަހުގެ ފަސްވަނަ ދުވަހުއެވެ. ހުކުމް ކުރެއްވީ ގާޒީ އަލީ ނަދީމެވެ.

comment ކޮމެންޓް