އިޤުރާރުވީމޭ ލޯބިން - 11

އިޤުރާރުވީމޭ ލޯބިން -

"އީލާފް...." ޒަހްރާން ވާހަކަ ދައްކަން އުޅުނީ އައިރާ މަޑުޖެހިލުމުންނެވެ. އެހެންނަމަވެސް އޭނައަށް އެއްޗެއް ބުނެވުމުގެ ކުރިން އައިރާ ވާހަކަ ދައްކައިފިއެވެ.

"އެކަކަށް އެއްވެސް ކަމެއް ސާބިތުކޮށްދޭކަށް ބޭނުމެއް ނޫން. އެމީހަކު ޤަބޫލުކުރާނެ ގޮތަކަށް ޤަބޫލުކުރަންވީ. ކަންތައްތައް ލޯކުރިމަތިން ފެނުނަސް، ނުފެނުނަސް، ކޮންމެ މީހަކުވެސް ދޮގާ ތެދާ މީޒާން ކުރަނީ އެމީހަކު ބޭނުންވާ ގޮތަކަށް." އެހެން ބުނެލުމަށްފަހު ޒަހްރާނަށްވެސް ބަލައިލުމެއްނެތި އައިރާ އެތެރެއަށް ވަދެ ދޮރު ޖަހައިފިއެވެ. ހީވީ އޭނަ ޒަހްރާނާ ކުރިމަތިލާން ބޭނުންނުވާ ހެންނެވެ. މީހުންނަށް ހަޤީޤަތް ހާމަކޮށްދީދީ ވަރުބަލިވެފައިވާހެންނެވެ.

އައިރާގެ އަޑުގައިވި އަސަރުތަކުން ޒަހްރާނަށް އުނދަގޫވިއެވެ. އެ އަޑުގައިވި ހިތްދަތި ވޭނީ އަސަރުތައް ބަޔާންކުރަމުން ދިޔައީ އީލާފްއަށް އަޑު އިވުނީ މުޅިން ހަޤީޤަތް ނޫންކަމެވެ. އައިރާގެ މަންމައަކީ ކޮންމެ ފަދަ މީހަކަށް ވީނަމަވެސް، އައިރާ އަކީ އެފަދަ އަންހެން ކުއްޖެއް ނޫނޭ ޒަހްރާންގެ ހިތް ބުނަމުން ދިޔައެވެ. އައިރާގެ ހިމޭންކަމާއި، އެ އަޑުގައިވި ވޭނީ އަސަރާއި މޫނުމަތީން ފެނުނު ތަކުލީފުތައް އެކަނިވެސް އެކަމަށް ހެކިދެމުން ދިޔައެވެ. ހުރި ފިޔަވަޅުމަތިން ގުޑިލަން ނޭނގިފައި ޒަހްރާނަށް ހުރެވުނެވެ. އޭނައަށް އޭރުވެސް ބެލެމުން ދިޔައީ އައިރާ އުޅޭ އެޕާރޓްމެންޓަށެވެ.

އިރުގަނޑަކު އެހެން ހުރުމަށްފަހު ޒަހްރާންވެސް ގޮސް ގެއަށް ވަނެވެ. އެ ދިޔަ ގޮތަށް ގޮސް އޭނައަށް ޖައްސައިލެވުނީ ސޯފާގައެވެ. މޫނުގައި އަތް ހާކާލުމާއެކު، ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލާ އިސްތަށިގަނޑު ހާވާލެވުނެވެ. ނުތަނަވަސްކަން ދުރުކޮށްލުމުގެ ނިޔަތުގައި ފުންނޭވާއެއް ވެސް ދޫކޮށްލެވުނެވެ.

"ވަޓްސް ހެޕެނިންގ ޓުމީ؟ ލިފްޓުން އޭނަ ވާހަކަ ނުދެއްކީމަ ކީއްވެ އަހަރެން އޭނައާ ވާހަކަ ދައްކަންވީ؟ ޖަވާބެއް ލިބެން ދެން ކީއްވެ އިންތިޒާރުކުރެވުނީ؟ ކީއްވެ؟" ޒަހްރާނަށް އަމިއްލަ ނަފްސާ ވާހަކަ ދެއްކުނެވެ. ކުރިން ނުވާ ގޮތްތަކެއް ވަމުން ދިޔައީތީ އެކަމުން ވެސް އޭނައަށް ލިބުނީ ނުތަނަވަސްކަމެކެވެ. އެކަމަކު ކީއްވެހެއްޔެވެ؟ އައިރާގެ މޫނުމަތިން އޭނައަށް ފެންނަނީ މައުސޫމްކަމެވެ. ވޭނީ އަސަރުތަކެކެވެ. ހިމޭންކަމަކާއި އެކަނިވެރިކަމެކެވެ. އޭނައަށް އެ އަންނަ ބަދަލުތަކުގެ އަސްލަކީ ހަމްދަރުދީބާވައެވެ.

ޒަހްރާން ސޯފާގައި އޮށޯވެލިއެވެ. ވިސްނުންތަކުން ފުނިޖެހެމުން ދިޔަ ސިކުނޑި އެ ޚިޔާލުތަކުން މިންޖުކުރެވޭތޯ އޭނަ މަސައްކަތްކުރިއެވެ. އެހެންނަމަވެސް އެއީ ނާދިރުކަމަކަށް ވެއްޖެއެވެ. އެގޮތުގައި އޮތް ޒަހްރާނަށް ޚިޔާލުތަކުން ނުކުމެވުނީ ގޭގެ ބެލް އަޅައިލި އަޑަށެވެ. ފުންނޭވާއެއް ދޫކޮށްލަމުން އޭނަ ތެދުވެލިއެވެ. އެއީ އީލާފްއަށް ނުވާނެކަން ޒަހްރާނަށް ޔަޤީންވިއެވެ. އޭނަވަނީ އީލާފްއަށް ދޮރުގެ ލޮކް ކޯޑު ކިޔައިދީފައެވެ. އޭނަ ސްކްރީނަށް ބަލައިލުމާއެކު ލޮލުގައި އަޅައިގަތީ ބޭރުގައި ތިބި ބައްޕައާއި ދޮންބެއެވެ.

ދޮރު ހުޅުވައިލުމަށްފަހު އެއްވެސް އެއްޗެއް ނުބުނެ ޒަހްރާން އެ ދެމީހުން ވަންނަން ތަން ދެއްކިއެވެ. ޒަހްރާންގެ ނަޒަރު މުރާދަށް ހުއްޓުނު ނަމަވެސް، އަވަސް އަވަހަށް އެ ނަޒަރު ވަކިކޮށްލަމުން ގޮސް ސޯފާގައި އިށީނެވެ. އެހާ ދުވަސްފަހުން ބައްޕަ ފެނުމުން އެ ބައްޕައަށް ގޮވާލުމަށް ބޭނުންވި ނަމަވެސް، މިފަހަރުވެސް ފަސްޖެހެވުނީ ދެރަ ޤަބޫލުކުރަން ބޭނުންނުވާތީއެވެ.

މުރާދު އަޔާޝްއަށް ބަލައިލިއެވެ. އަޔާޝް ކުޑަކޮށް ބޯ ޖަހާލުމުން މުރާދު ހިތްހަމަޖެހުނެވެ. އެ ދެމީހުންވެސް ގޮސް ސޯފާގައި އިށީނދެލިއެވެ. މުރާދަށް އޭނަގެ ދަރިފުޅަށް ބަލައިލެވުނެވެ. އެހާ ދުވަސްފަހުން ފެނުމުން އޭނަގެ ދެލޯ ފެންކަޅިވާ ގޮތްވިއެވެ. މުރާދު ކިތަންމެ ޖަޒުބާތީ ވިޔަސް ޒަހްރާންގެ އިސްތަށިގަނޑާ މެދު އޭނަ ނުރުހުންވިއެވެ. ޑައީކޮށްލާފައިވާ ޒަހްރާންގެ އިސްތަށިގަނޑަށް އޭނަގެ ނަޒަރު ހުއްޓުނު ގޮތުން އެކަނިވެސް އެކަން އަޔާޝްއަށް ދެނެގަނެވުނެވެ. އޭނަ ހީކުރީ އެކަމާ ގުޅުވައިގެން ބައްޕަ އެއްޗެއް ބުނާނެކަމަށެވެ. އެހެންނަމަވެސް ވީ އެހެންނެއް ނޫނެވެ. މުރާދު ފެށީ މުޅިން އެހެން ވާހަކައެކެވެ.

"ދޮންބެ ބުނި މިކޮޅުގައި ތަންކޮޅެއް ގިނަ ދުވަހު މަޑުކުރާ ވާހަކަ." މުރާދު ބުނެލި އެވެ. އެ ދެމެދުގައި ލެވިފައިވާ ބޯ ފާރު ފުނޑާލާނެ ގޮތެއް މުރާދަކަށް ނޭނގުނެވެ. ޒަހްރާން ބޯ ޖަހައިލިއެވެ.

"ރެން...." ޒަހްރާން އަނގައިން ނުބުނުމުން މުރާދު އަނެއްކާވެސް ގޮވައިލިއެވެ. މިފަހަރުވެސް ޒަހްރާން ހަމައެކަނި ބޯ ޖަހައިލީއެވެ. އެއްޗެއް ނުބުނި ނަމަވެސް މުރާދު ފެނުމުން ޒަހްރާންގެ ހިތަށްވެސް ފިނިކަމެއް ލިބިފައިވިއެވެ. އެހެންނަމަވެސް އަދިވެސް ގޮތް ދޫކުރާކަށް އޭނަ ބޭނުމެއް ނޫނެވެ. އެ ދެމެދުގައި ވާ ނުތަނަވަސްކަމުގެ ފަރުދާ ހިއްލާލާކަށްވެސް ބޭނުމެއް ނޫނެވެ.

"ދަރިފުޅު......." މުރާދު ވާހަކަ ދައްކަން އުޅެފައިވެސް މަޑުޖެހިލިއެވެ.

"ގެއަކަށް ނުދާނަން..." މުރާދު ބުނާނީ ކީކޭކަން އެނގޭ ޙާލު ޒަހްރާން ބުނެލިއެވެ. އެ އަޑުގައި ހަރުކަށިކަމެއް ވެއެވެ. "އެ އަންހެނާ ހުއްޓަކާ ގެއަކަށް ނުވަންނާނަން."

"ރެން... ބައްޕައާއޭ ތި ވާހަކަ ދައްކަނީ؟ ރީއްޗަށްވެސް ބުނެވޭނެއެއްނު." އަޔާޝްއަށް ވެސް ކުޑަކޮށް ބާރަށް ބުނެވުނެވެ. ބައްޕައާ ދިމާލަށް ޒަހްރާން އަޑު ހަރުކޮށް ވާހަކަ ދައްކާ އަޑު އަހަން އޭނައަށް ކެތް ނުވީއެވެ.

"ހެވޭ... ބުނެފީމެއްނު ނުދާނަމޭ..." ޒަހްރާން އަނެއްކާވެސް ބުންޏެވެ. މިފަހަރުވެސް އޭނަ ވާހަކަ ދެއްކީ ނުރުހިފައެވެ.

"ރެން! ބައްޕަ އެހާވަރުން ރެންއާ ބައްދަލުކުރަން އައިމަ ތީތަ ވާހަކަ ދައްކަން ވާ ގޮތަކީ، ކޮންމެ ގޮތެއް ވިޔަސް މިއަދު އެއީ ބައްޕަގެ ވައިފް. އަހަރެމެންގެ...." އަޔާޝްއަށް ބުނެވުނީ އެވަރަށެވެ. ޒަހްރާން އޭނަގެ ވާހަކަ މެދުކަނޑާލައިފިއެވެ.

"އަހަރެމެންގެ ކާކު؟ މަންމަތަ؟" ޒަހްރާންވެސް ދެބުމަ ގާތްކޮށްލައިފިއެވެ.

"ރެން ޤަބޫލުކުރަން ބޭނުން ނުވިޔަސް އަހަރެމެންނަށް މަންމައެއްގެ ލޯބި ދިން މީހަކީ އެއީ... މިއަދު އަހަރެމެންގެ މަންމަގެ މަޤާމުގައި ހުރި މީހަކީވެސް އެއީ..." އަޔާޝްވެސް ބުނެލިއެވެ.

"އަޔާ... " އެ ދެމެދުގައި މައްސަލަ ގޯސްވެދާނެހެން ހީވެ އެންމެފަހުން މުރާދު ވާހަކަ ދެއްކިއެވެ.

"ބައްޕައަށް އެނގޭ ރެން ގެއަށް ނުދާނެކަން. އެހެންވެ އެހާވަރުން ރެންއާ ބައްދަލުކުރަން މިގެއަސް މިއައީ... ތީވެސް ބައްޕަގެ ދަރިއެއް. ރެން ކިތަންމެ ދުރުގަ ހުއްޓަސް ރެން މަތިން ހަނދާން ނައްތައެއް ނުލަން. އަދި ހިތުގައިވާ ލޯތްބަކަށްވެސް ބަދަލެއް ނާދެ. ހިތްހަމަ ނުޖެހުނު ނަމަވެސް، ރެން ދެކިލުމުގެ ހުއްދަ ބައްޕައަކަށް ނެތްތަ؟ އެ ހައްޤުވެސް ނެތީތަ؟" މުރާދު ބުންޏެވެ. އޭނަގެ އަޑުގައި ވޭނީ އަސަރެއް ވެއެވެ.

"ރެން... އާންސަރ މީ..." ޒަހްރާން އެއްޗެއް ނުބުނުމުން، އަނެއްކާވެސް މުރާދު ވާހަކަ ދެއްކިއެވެ. "ތި ތިން ކުދިންނަށްޓަކައި ބައްޕައަށް ކުރެވުނީ އެހާވެސް ގޯސް ކަމެއްތަ؟"

ދެން ތަނަށް ވެރިވެގެން ދިޔަ ހިމޭންކަމަށްފަހު، އަޔާޝް ޒަހްރާނަށް ގޮވާލައިފިއެވެ. މިފަހަރުވެސް ޒަހްރާން ޚިޔާރުކުރީ ހިމޭންކަމެވެ. އެ މަންޒަރު ބަލަން އިނދެފައި މުރާދު ނުކުމެގެން ދިޔައީ އޭނައަށް ލިބުނު ހިތްދަތިކަމާއެކުގައެވެ. ޒަހްރާންގެ ރުޅިގަނޑު ފިނިކުރަން ކޮށްފަ ނުކުރާނެކަމެއް އޭނައަކަށް ނޭނގުނެވެ. ވިސްނައިދީދީވެސް ވަރުބަލިވެއްޖެއެވެ. އަދި އަމްދުން މިއަދު ޒަހްރާން ވާހަކަ ދެއްކި ގޮތުން ވަކީން ބޮޑަށް އޭނަ ދެރަވިއެވެ.

"ރެން... ކީއްވެ އެ ގޮތަށް ބައްޕައާ ތި ވާހަކަ ދެއްކީ؟ ކިތަންމެ ރުޅިއައިސް ހުރިނަމަވެސް، ޔޫ ޝުޑް ރެސްޕެކްޓް ހިމް... ބައްޕަ އެހާވަރުން ރެން ދެކިލަން އައިމަ އިޒް ދިސް ދަ ވޭޓު ޓޯކް ޓު ހިމް؟ ބައްޕައާ ދޭތެރެ ކަންތައް ކުރަން ފެނުނު ގޮތަކީ ތީތަ؟ އައި ޑިޑިންޓް އެކްސްޕެކްޓް ދިސް ފްރޮމް ޔޫ..." އަޔާޝް ހަޤީޤަތުގައިވެސް ޒަހްރާން ދެކެ ހިތްހަމަނުޖެހުނެވެ. އެފަދަ ގޮތަކަށް ނުރުހުމާއެކު އޭނަ ޒަހްރާނާ އެ ވާހަކަ ދެއްކީވެސް އަލަށެވެ. މީގެ ކުރިން އޭނަ ބޭނުންވީ ޒަހްރާނަށް ވިސްނައިދޭށެވެ. ބާރަށް އެއްޗެއް ނުބުނަނީ އެހެންވެގެންނެވެ. އެހެންނަމަވެސް ބައްޕައަށް އިޙްތިރާމް ކުޑަކޮށްފައި ވާހަކަ ދެއްކުމުން އޭނައަށް ކެތް ނުކުރެވުނީއެވެ. އެންމެފަހުން، އަޔާޝްވެސް އެ ދިޔަ ގޮތަށް ގޮސް ނުކުމެ ދޮރު ޖަހައިފިއެވެ.

ޒަހްރާނަށް ސޯފާއަށް ހަށިގަނޑު ދަމާލެވުނެވެ. އޭނައަށް ނިތުގައި އަތް ބާއްވާލެވުނެވެ. ސީލިންގަށް ނަޒަރު ހުއްޓާލައިގެން އޮވެވުނެވެ. ކޮންމެވެސް ވަރަކަށް ދެރަވިއެވެ. ބައްޕައާ ވާހަކަ ދެއްކުނީ ދައްކަން ޖެހޭ ގޮތަކަށް ނޫންކަން ޚުދު އޭނަވެސް ޤަބޫލުކުރެއެވެ. އެހެންނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ބައްޕަ ފެންނަ ކޮންމެ ފަހަރަކު އޭނައަށް މާޒީގެ މަތީން ހަނދާންވަނީއެވެ. ބައްޕަ ދެކެ ކިތަންމެ ލޯބިވިއެއްކަމަކު ބައްޕަ ކަންތައްކުރި ގޮތުން އެ ލޯބި ފާޅުކުރަން އުނދަގޫވަނީއެވެ. ހިތްދަތިކަމުގެ މައްޗަށް ރުޅިވެރިކަން ކުރި ހޯދަނީ އެހެންވެގެންނެވެ.

އެޕާރޓްމެންޓުން ނުކުތް މުރާދު އެ ދިޔަ ގޮތަށް ދިޔައީ ތިރިއަށެވެ. އިރުކޮޅަކުން އަޔާޝްވެސް އަތުވެއްޖެއެވެ. އަޔާޝް އައިސް ކައިރިއަށް ހުއްޓުމާއެކު މުރާދު ވާހަކަ ދެއްކިއެވެ. އޭނަގެ އަޑުގައި މާޔޫސްކަމާ އެއްވަރަށް މަޑުމޮޅިކަމެއް ވެސް ވެއެވެ.

"ބައްޕައަކަށް ނޭނގެ ރެންއަށް ވިސްނައިދޭނެ ގޮތެއް." އަޔާޝްއަށް ބަލައިލަމުން މުރާދު ބުނެލިއެވެ.

"އަޅުގަނޑު އަދި ރެންއާ ވާހަކަ ދައްކާނަން. ބައްޕަ އެކަމާ ކަންބޮޑުވެނުލައްވާ!" އަޔާޝް ބޭނުންވީ މުރާދުގެ ހާސްކަން ދުރުކޮށްލަދޭށެވެ. ޒަހްރާންގެ ބޯ ހަރުކަމުން ގޮތް ދޫނުކުރަން ބޭނުން ނުވަނީކަން އަޔާޝްއަށް އެނގެއެވެ. އޭނަ މުރާދުގެ ހިތްހަމަ ޖައްސައިލަދޭން އެހެން ބުނި ނަމަވެސް، ޒަހްރާންއާ ވާހަކަ ދައްކަންވީ ގޮތެއް ޚުދު އޭނައަކަށްވެސް ނޭނގެއެވެ.

"ބައްޕަ ކަންބޮޑުވަނީ އޭނަ އަނެއްކާވެސް ގޮސްފާނެތީ..." މުރާދު އޭނަގެ ކަންބޮޑުވުން ހިއްސާކުރިއެވެ. އޭނަ ޑްރައިވަރަށް ގުޅާފައި ތިރީގައި ހުރިކަމަށް ބުނެލިއިރު، އަޔާޝްއަށްވެސް ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނީއެވެ. ބައްޕަގެ ނުތަނަވަސްކަން އޭނައަށް އަންދާޒާކޮށްލެވެއެވެ. ޒަހްރާންއާ މެދު ކަންބޮޑުވާ މިންވަރުވެސް މެއެވެ.

*****

ރޭގަނޑުގެ ކެއުމަށް އިންސާފުކުރުމަށް އައިރާ ނުކުތީ އިޝާ ނަމާދު ކޮށްލައިގެންނެވެ. ކާން ހެދުމުގެ ބަދަލުގައި ތައްޓަށް ބަތާ، މިއަދު ކެއްކި މުގުރިހަ އަޅައިގެން ގޮސް އޭނަ އިށީނީ މޭޒު ކައިރީގައެވެ. އެހެންޏާ ކޮންމެ ރެއަކު އޭނަ ރިހާމްއަށް ގުޅާނެއެވެ. މިރޭވެސް އޭނަ ރިހާމްއަށް ގުޅަން ބޭނުންވިއެވެ. އެހެންނަމަވެސް ކިތަންމެ ވަރަކަށް ގުޅިނަމަވެސް، ރިހާމް ނާންނާނެކަން އެނގޭތީ ރިހާމްއަށް ނުގުޅަން އައިރާ ނިންމިއެވެ. އޭނަ ހިތަށް އިތުރު މާޔޫސްކަމެއް ދޭން ބޭނުންނުވީއެވެ. އުންމީދަކީ ބައެއްފަހަރު އިންސާނާގެ ހިތް މަރާލާ އެއްޗެކެވެ. ހިތަށް ތަދުކުރުވާ އެއްޗެކެވެ. އެހެންކަމުން، އެހިތް އެ ތަކުލީފުން ދުރުކުރަން އައިރާ ބޭނުންވަނީއެވެ.

އުދާސްކަމާއި ހިތްދަތިކަމުގެ ސަބަބުން އައިރާއަށް ކެވުނީވެސް ވަރަށް ކުޑަކޮށެވެ. އިސްރާފުކުރުމަކީ އޭނަ އެހާ ގަޔާވާ ކަމަކަށްނުވި ނަމަވެސް، ނުކެވުނު ބައި މިފަހަރު ޖެހުނީ ޑަސްބިނަށް އަޅައިލާށެވެ. ތަށި ދޮވެލުމަށްފަހު، ޑިޝް ރެކުގައި ބާއްވާފައި އައިރާ ގޮސް ޖައްސައިލީ ސޯފާގައެވެ. ޓީވީ އަޅުވައިލީ ސިކުނޑި ޚިޔާލުތަކުން ދުރުކޮށްލުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް ނާއުންމީދާ، ތަކުލީފިތައް ލިބެމުން ދާ ހިތެއްގެ ކުރިމަތީގައި ސިކުނޑިއަށް ދެއްކޭނީވެސް ކޮން ބާރެއް ހެއްޔެވެ؟ ކޮންމެ ކަމެއް ކުރި ނަމަވެސް ޚިޔާލުތައް ގޮސް ގުޅެނީ އޭނަގެ ބަނަވެފައިވާ ދިރިއުޅުމާއެވެ. މުޅި ހަޔާތުގައިވަނީ މޮޅިވެރިކަމުގެ ސާލެއް ލެވިފައިކަހަލައެވެ. އެހުރިހާކަމަކުން އޭނަގެ ނޭވާ ހާސްކުރުވަނީއެވެ. ދުނިޔޭގެ ލަދާ، ތަދަށް ކެތްކޮށްކޮށް އޭނަ ވަރުބަލިވެއްޖެއެވެ. އެންމެ ދެރަވަނީ އޭނަގެ ދިރިއުޅުމުގެ ގިލަންވެރިކަމުގެ ޒައްޔެއްގެ މިންވަރުވެސް ނޭނގޭ މީހުން އޭނައާ މެދު ގޮތް ނިންމާތީއެވެ. އޭނަގެ ވާހަކަ އަޑު އަހަން ބޭނުންނުވާތީއެވެ.

ސޯފާގައި އޮށޯވެލައިގެން އޮތް އައިރާއަށް ނިދިޖެހޭ ގޮތްވިއެވެ. ދެން ހޭލެވުނީ ފަތިހުގެ ވަގުތުގައެވެ. ބުރަކަށިދަށުގައި އޮތް ފޯނު ނަގާ ގަޑިއަށް ބަލައިލިއެވެ. އޭރު ފަތިސް ނަމާދަށް ގޮވަން ކައިރިވެއްޖެއެވެ. ދެން ނިދައިފިއްޔާ ނުހޭލެވޭނެތީ، އޭނަ، ގަސްތުކުރީ ބަންގިގޮވަންދެން ހޭލާ އޮންނާށެވެ. މާގިނަ އިރަކު އިންތިޒާރުކުރާކަށް ނުޖެހުނެވެ. ބަންގި ގޮވައިފިއެވެ. އައިރާ ގޮސް ކޮޓަރިއަށް ވަނެވެ. ފާޚާނާއަށް ވެދެ ވުޟޫކޮށްލައިގެން ނުކުމެ ނަމާދުކުރިއެވެ. ހިތަށް ހިތްހަމަޖެހުމެއް ލިބިގެން ދިޔައީ ދެނެވެ.

އެ ދުވަހު ހަތަރު ދަމުވެސް އައިރާ ރިހާމްއަކަށް ނުގުޅައެވެ. ގުޅަން ބޭނުންނުވާތީއެއް ނޫނެވެ. ކިތަންމެ ފަހަރަކު ފޯނު ނަގާ ނަންބަރަށް ޑައިލްކޮށްލަންވެސް އޭނަ އުޅުނެވެ. އެހެންނަމަވެސް އަމިއްލަ ޒަމީރަށް ވިސްނައިދެމުން އެކަމުން އުޒުރުވެރިވަނީއެވެ. އެކަމުން ރިހާމްއަށް ފަރަޤެއް ވޭތޯ ބަލަން އޭނަ ބޭނުންވާތީއާ ވެސް އެކުގައެވެ.

އިރުއޮއްސި ހައެއް ޖަހަން އުޅެނިކޮށް ގޭތެރެ ފޮޅާ ސާފުކޮށްލާފައި މޮޕް ލުމަށްފަހު، ޑަސްބިނުގައި ހުރި ކޮތަޅުތައް ނަގާ ގޮށްޖަހާލުމަށްފަހު އެ ހިފައިގެން ތިރިއަށް ދާންވެގެން އައިރާ އަވަސްވެގަތެވެ. އެޕާރޓްމެންޓް ކޮންޕްލެކްސްގެ ތިރީގައި ވަކިން ހުންނަ ތަނެއްގައި ކުނި އުކާލާ ޑަސްބިންތައް ބަހައްޓާފައި ހުންނާތީ އެންމެންވެސް ކުނި ގެންދަން ޖެހެނީ އެތަނަށެވެ. ކޮތަޅު ހިފައިގެން އައިރާ ނުކުތީ ހުސް ކަޅުކުލައިގެ އަބާޔާއެއް ލައިގެން އާދައިގެ ބުރުގާއެއް އަޅާލައިގެންނެވެ. ތިރިއަށް ގޮސް ކޮތަޅު ޑަސްބިނަށް ލާފައި ލިފްޓަށް އަރައިގެން މައްޗަށް އައިރާ ދިޔައެވެ. ހަތްވަނަ ފަންގިފިލާއަށް ލިފްޓު ހުއްޓުމާއެކު، އޭނަ ފައިބަންވެގެން އުޅުނު ވަގުތު ލިފްޓަށް މަޑުކޮށްގެން ހުރި، ޒަހްރާން ލޮލުގައި އަޅައިގަތެވެ. އައިރާ ވަގުތުން އިސްޖަހާލުމަށްފަހު ލިފްޓުން ނުކުތެވެ. އޭނަ ބޭނުންވީ ޒަހްރާންގެ ކުރިމަތިން ދުރަށް ދާށެވެ. އެކަމަކު އައިރާގެ ފިޔަވަޅުތައް މަޑުޖެހި ހުރިހާ ހަރަކާތެއް ހުއްޓުނީ ޒަހްރާން ބުނެލި ޖުމްލައަކުންނެވެ.

"އިޓްސް ނޮޓް ޔޯ ފޯލްޓް..." އެ އަޑުގައި އެވަނީ ކޮންފަދަ އަސަރެއްހެއްޔެވެ؟ އައިރާ އެހުރި ގޮތަށް ހުންނަން ފެށުމުން ޒަހްރާން ދެވަނަ ފަހަރަށްވެސް އެ ޖުމްލަ ތަކުރާރުކޮށްލައިފިއެވެ. ލިފްޓު ލެއްޕުނު އިރުވެސް ޒަހްރާނަށް ހުރެވުނީއެވެ. އައިރާއަށް ބަލަހައްޓައިގެންނެވެ. އައިރާ މަޑުމަޑުން ޒަހްރާނަށް ބަލައިލިއެވެ. އޭނަގެ ދެލޮލުން ވިދުމެއްގެ އަސަރު ފާޅުވެލިއެވެ. ތުންފަތުގައި ދަތް އަޅައިލިއިރު، އައިރާގެ ނޭވާވެސް ވަނީ އަވަސްވެފައެވެ. އޭނަ ނުރޯން ހިތްވަރުކުރަން މަސައްކަތްކުރަނީއެވެ. އައިރާއަށް އޭނަގެ އިޙްސާސްތައް ކޮންޓްރޯލް ކުރުންވީ ނުހަނު އުނދަގޫކަމަކަށެވެ. ނުރޯން ހިތްވަރު ކުރިނަމަވެސް، އޭނަގެ ދެކޯތާފަތް މައްޗަށް ކަރުނަ ތިއްކެއް ވެއްޓިއްޖެއެވެ. ޒަހްރާންއަށް ވީގޮތެއް ނޭނގުނެވެ. އައިރާގެ މޫނުމަތީން އޭނައަށް އެތަކެއް ކަމެއް ބުނެދީފިއެވެ. އެކަރުނަތައް އެތަކެއް ވާހަކައެއް ބުނެދީފިއެވެ. އައިރާގެ މައުސޫމްކަން ބަޔާންކުރާ ހެއްކެއްކަމުގައި ޒަހްރާނަށް އެ ކަރުނަތައް ފުދިއްޖެއެވެ. އޭނައަށް ބޭއިޚްތިޔާރުގައި އައިރާއާ ދިމާލަށް ފިޔަވަޅެއް އަޅައިލެވުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު