އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބުނު އަނިޔާ ހީކުރިވަރަށްވުރެ ސީރިއަސްވެ، ފަރުވާއަށް ސްޕެއިނަށް ފުރައިފިއެވެ.
އުމުރުން 41 އަހަރުގެ މި ފޯވާޑަށް އަނިޔާވީ ސައުދީ ޕްރޯ ލީގުގައި އަލް ފައިހާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުން އަލް ނަސްރު 3-1 އިން މޮޅުވި ނަމަވެސް، ރޮނާލްޑޯ ވަނީ އަނިޔާގެ ސަބަބުން ދަނޑުން ބާލާފައެވެ.
އަލް ނަސްރުގެ ކޯޗު ޖޯޖް ޖީސަސް ހާމަކުރި ގޮތުގައި، ރޮނާލްޑޯއަށް ލިބުނު ހަމްސްޓްރިންގް އަނިޔާ ހީކުރި ވަރަށްވުރެ މާ ސީރިއަސް ކަމަށެވެ. މި އަނިޔާއިން ރަނގަޅުވުމަށް އޭނާ ސްޕެއިނަށް ގޮސް، އަމިއްލަ ފިޒިއޮތެރަޕިސްޓެއްގެ ބެލުމުގެ ދަށުން ފަރުވާ ހޯދާނެ ކަމަށްވެސް ކޯޗު ބުންޏެވެ.

ރޮނާލްޑޯއަށް އަނިޔާވެ ދަނޑުމައްޗަށް ވެއްޓިފައި--
މި ސީޒަނުގައި ރޮނާލްޑޯ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ އަލް ނަސްރަށް ކުޅުނު 22 މެޗުން 21 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަލް ފައިހާއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ޕެނަލްޓީއެއް ބޭކާރުކޮށްލި ނަމަވެސް، ޓީމުގެ ކާމިޔާބީގައި އޭނާގެ ދައުރު ބޮޑެވެ.
މި އަނިޔާގެ ސަބަބުން މާޗު މަހުގެ 29 ގައި މެކްސިކޯއާ ދެކޮޅަށް އަދި އޭޕްރީލް މަހުގެ 1 ގައި އެމެރިކާއާ ދެކޮޅަށް ޕޯޗުގަލް ކުޅޭ އެކުވެރިކަމުގެ މެޗުތަކުގައި ރޮނާލްޑޯއަށް ކުޅެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.
މުޅި ކެރިއަރުގައި 965 ލަނޑު ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ ވަނީ 1000 ލަނޑު ހަމަކުރުމުގެ ކުރިން ފުޓުބޯޅަ ކުޅުން ހުއްޓާނުލާނެ ކަމަށް ބުނެފައެވެ. އޭނާ އަލް ނަސްރާއެކު ދެ އަހަރު ދުވަހުގެ އާ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ ޖޫން މަހުއެވެ.