މެދުއިރުމަތިން އަންނަ 35 އިންސައްތަ ފަތުރުވެރިން ދެން މަދުވާނެ، އޭގެ އަސަރު އާމްދަނިއަށް ކުރާނެ: ތޯރިގު

ފަތުރުވެރިންތަކެއް ވެލާނާ އެއާޕޯޓުގައި: މެދުއިރުމަތިން އަންނަ 35 އިންސައްތަ ފަތުރުވެރިން ދެން މަދުވާނެ ކަމަށް ބުނެފި -- ފޮޓޯ/ އެމްއޭސީއެލް

ދިވެހިރާއްޖެއަށް ދުވާލަކު އަންނަ ފަތުރުވެރިންގެ ތެރެއިން 35 އިންސައްތަ ފަތުރުވެރިންނަކީ މެދުއިރުމަތީގެ ފަތުރުވެރިން ކަމަށް ވާއިރު، ހަނގުރާމައިގެ ސަބަބުން ދެން އެ އަދަދު ވެސް ދަށްވާނެ ކަމަށާއި އޭގެ އަސަރު ވަރަށް ބޮޑަށް އާމްދަނީއަށް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ސަން' އިން ކުރި ސުވާލަށް ޖަވާބުދެއްވައި މިނިސްޓަރު ތޯރިގު ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހަށް ބަލާނަމަ، އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 8،800 ފަތުރުވެރިން ރާއްޖެ ވަނީ އައިސްފައެވެ. އޭގެތެރެއިން ގާތްގަނޑަކަށް 30 އާއި 35 އިންސައްތަ ފަތުރުވެރިން އަންނަނީ މެދުއިރުމަތިންކަން އޭނާ ފާހަގަކުރެއްވިއެވެ.

އުންމީދަކީ ވީހާވެސް އަވަހަށް ހަނގުރާމަ ނިމުމަކަށް އައިސް ކަންކަން ހައްލުވެގެން ދިޔުން ކަމަށް ތޯރިގު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރު ތާރިގް އިބްރާހީމް --

ކަންބޮޑުވުން ފާޅުކުރައްވައި ތޯރިގު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތިން އަންނަ ފަތުރުވެރިންގެ އަދަދު ދެން މަދުވާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އާމްދަނީއަށް ވެސް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށް ތޯރިގު ވިދާޅުވިއެވެ.

ދެން ރާއްޖެ އަންނަ މީހުން ބަލާނީ ކޮންމެވެސް އެހެން ރޫޓަކުން އާދެވޭތޯ. މި ދެ ތިން ދުވަހު ރާއްޖެ އަންނަ ފަތުރުވެރިންނަށް ވަރަށް ބޮޑަށް އެފެކްޓުކުރާނެ. އެއީ ހަމަ ރާއްޖެއަށް ވަންނަ އާމްދަނީ ދަށްވެގެންދާނެ. އެހެންނަމަވެސް އަޅުގަނޑުމެން ބަލަމުން މިދަނީ ކޮބައިތޯ ރާއްޖެއަށް ފަތުރުވެރިން ގެނައުމުގެ އިތުރު އޮޕްޝަންތަކަކީ. އަދި އިތުރު މާކެޓުތަކަކީ ކޮބައިތޯ، ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް

މިނިސްޓަރު ވިދާޅުވީ ކަންކަން ބަލައި، ވީހާވެސް އަވަހަށް އެ އަންނަ ހީނަރުކަން ކުޑަކުރެވޭތޯ މަސައްކަތްކުރައްވާނެ ކަމަށެވެ.

https://sun.mv/218529

މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ހަނގުރާމައިގެ ހާލަތު ގޯސްވުމާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރައިފައެވެ. އަދި އެ ސަރަހައްދުން ރާއްޖެ އަންނަ ފުލައިޓުތައް ކެންސަލްވުމުގެ ސަބަބުން ވީއައިއޭގެ ބައިނަލްއަގުވާމީ ޓާމިނަލް ވެސް އިއްޔެ އޮތީ ތޮއްޖެހިފައެވެ. އެހެންވެ، ރާއްޖޭގައި މިވަގުތު 1،400 އެއްހާ ފަތުރުވެރިން ނުފުރިފައި އެބަ ތިބި ކަމަށް، މިނިސްޓަރު ރޭ ވެސް ވިދާޅުވިއެވެ.

އިސްރާއީލުން އީރާނަށް ހަމަލާ ދިނުމުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ހޫނުވެ، މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. މީގެ ސަބަބުން ސަޢޫދީ ހިމެނޭހެން އެ ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ވައިގެ ދަތުރުތަކަށް ވަނީ ބަދަލުތަކެއް ގެންނަން ޖެހިފައެވެ.

comment ކޮމެންޓް