ފުލައިޓުތަކަށް އައިސްފައިވާ ބަދަލުތައް ކަށަވަރުކުރުމަށް ފަތުރުވެރިކަމުގެ ޚިދުމަތްދޭ ފަރާތްތަކަށް ޓޫރިޒަމް މިނިސްޓްރީން އިލްތިމާސްކޮށްފި

ފަތުރުވެރިންތަކެއް އެއާޕޯޓުގައި: ފުލައިޓުތައް ދަތުރުކުރާ ވަގުތަށް ބަދަލު އައިސްފައިވާތީ، އެ ބަދަލުތައް ކަށަވަރުކުރުމަށް ރިސޯޓުތަކަށާއި، ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނަށް ވަނީ އިލްތިމާސްކޮށްފަ ---- ފޮޓޯ/ އެމްއޭސީއެލް

މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ހަނގުރާމައިގެ ހާލަތު ގޯސްވުމާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ބުރޫއަރައި، ފުލައިޓުތައް ދަތުރުކުރާ ވަގުތަށް ބަދަލު އައިސްފައިވާތީ، އެ ބަދަލުތައް ކަށަވަރުކުރުމަށް ރިސޯޓުތަކަށާއި، ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނަށް ޓޫރިޒަމް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނުގައިވަނީ، ދަތުރުތައް ކެންސަލްވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބައިނަލްއަގުވާމީ ޓާމިނަލްގައި މަޑުކުރަންޖެހިފައިވާ ފަރާތްތަކާއި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުގައި މަޑުކުރަންޖެހިފައިވާ ފަރާތްތަކުން، އެއާލައިންތަކާއި ކަމާގުޅުންހުރި ފަރާތްތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ސަމާލުކަން ދިނުމަށްވެސް އިލްތިމާސްކޮށްފައެވެ.

އެއާއެކު، ދަތުރުވެރިންނަށް ދިމާވެފައިވާ ދަތިތައް ދެނެގަނެ އެ ފަރާތްތަކަށް އެހީތެރިކަން ދިނުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އިސްރާއީލުން އީރާނަށް ހަމަލާ ދިނުމުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ހޫނުވެ، ސަރަހައްދީ ވައިގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ބުރޫތަކެއް އަރައިފައެވެ. އެގޮތުން މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. މީގެ ސަބަބުން ސަޢޫދީ ހިމެނޭހެން އެ ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ވައިގެ ދަތުރުތަކަށް ވަނީ ބަދަލުތަކެއް ގެންނަން ޖެހިފައެވެ.

އީރާނުން މެދުއިރުމަތީގައި ހުންނަ، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާ ދެމުން އަންނައިރު، އެ ސަރަހައްދުގެ ގިނަ ގައުމުތަކުގެ ވައިގެ ސަރަހައްދުތައް ވަނީ ބަންދުކޮށްފައެވެ.

އޭގެ ސަބަބުން، ގަތަރު އެއާވޭސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ވަގުތީ ގޮތުން ދަތުރުތައް މެދުކަނޑާލައިފައިވާ ކަމަށް ބުނެފައެވެ. އަދި އެމިރޭޓްސްއިން ވަނީ، ދުބާއީއާ ދެމެދު ކުރާ ދަތުރުތައް ކެންސަލްކޮށްފައިވާ ކަމަށް ބުނެފައެވެ.

މީގެއިތުރުން މެދުއިރުމައްޗަށް ނިސްބަަތްވާ އިތުރު އެއާލައިންތަކުންވެސް ދަނީ ދަތުރުތައް މެދުކަނޑާލަމުންނެވެ.

އެ ފިޔަވަޅުތަކާ ގުޅިގެން، މެދުއިރުމަތިން މިއަދު ރާއްޖެ އައުމަށް ހަމަޖެހިފައިވާ ބައެއް ޝެޑިއުލް ފްލައިޓުތައް ވެސް ވަނީ އެނބުރި ރާއްޖެ އައިސްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ދުބާއީއާއި ދޯހާގައި ޓްރާންސިޓްކޮށްފައެވެ.

comment ކޮމެންޓް