ފިލްމު 'ވަރާނަސީ'ގެ މަސައްކަތް ނިންމަން އަދިވެސް އިތުރު ހަ މަސް ބޭނުންވޭ: ޕްރިޔަންކާ

އިންޑިއާގެ މަގުބޫލު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސް--ފޮޓޯ/ޕިންކްވިލާ

ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ ފިލްމުތައް ވެސް ކުޅެމުން އަންނަ އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ އާ ފިލްމު "ވަރާނަސީ"ގެ މަސައްކަތް ކުރާތާ 14 މަސް ވެއްޖެ ކަމަށާއި، އަދިވެސް ހަ މަސްދުވަހުގެ މަސައްކަތް ބާކީ އެބައޮތް ކަމަށް ބަތަލާ ބުނެފިއެވެ.

ޕްރިޔަންކާ ޗޯޕްޅާ މިހާރު ދަނީ އެމެޒޯން ޕްރައިމް ވީޑިއޯއިން ދައްކަން ފަށާފައިވާ އޭނާގެ އެންމެ ފަހުގެ ފިލްމު "ދަ ބްލަފް" އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މިގޮތުން، ދާދި ފަހުން "ދަ ޓުނައިޓް ޝޯ ސްޓާރިން ޖިމީ ފެލަން" ގައި ބައިވެރިވެ، އޭނާ ވަނީ މަޝްހޫރު ޑައިރެކްޓަރު އެސް. އެސް. ރާޖާމޯލީ އުފައްދާ، ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ އިންޑިއާ ފިލްމު "ވަރަނާސީ" އާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ.

މިއީ ގާތްގަނޑަކަށް ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު އެނބުރި އިންޑިއާގެ ސިނަމާއަށް ބަތަލާ އައުން ފާހަގަކުރާ ފިލްމެއް ކަމަށާއި ފިލްމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ ތަފްސީލު ޕްރިޔަންކާ ވަނީ ބެލުންތެރިންނާ ހިއްސާކޮށްފައެވެ.

ޕްރިޔަންކާ ފިލްމު "ވަރަނަސީ"ގެ ޓައިޓްލް އިއުލާނުކުރި ހަފްލާގައި--ފޮޓޯ/ޕިންކްވިލާ

"މިއީ ވަރަށް ތަފާތު ތަޖުރިބާއަކަށް ވާނެތީ އަހަރެން ހުރީ ވަރަށް އުފަލުން. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ މި އަންނަ އަހަރުގެ އެޕްރީލް މަހުގެ ހަތް ވަނަ ދުވަހު. އަދި މިއީ އައިމެކްސް ފޯމެޓަށް ތައްޔާރުކުރާ ފިލްމަކަށް ވާތީ، އައިމެކްސް ތިއޭޓަރުތަކުގައި ބަލާލަން މި ފިލްމު ވަރަށް ފުރިހަމަ ވާނެ،" ޕްރިޔަންކާ ބައިވެރިވި "ދަ ޓުނައިޓް ޝޯ ސްޓާރިން ޖިމީ ފެލަން" ޝޯގައި ބުނެފައިވެއެވެ.

އިންޑިއާގެ އެންމެ އަގުބޮޑު ބަތަލާއިންގެތެރޭ ހިމެނޭ ޕްރިޔަންކާ އެންމެ ފަހުން ކުޅުނު ބޮލީވުޑް ފިލްމަކީ 2019 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ދަ ސްކައި އިޒް ޕިންކް"އެވެ. ޕްރިޔަންކާގެ އެންމެ ފަހުން ރިލީޒްކޮށްފައިވާ ހޮލީވުޑް ފިލްމު "ދަ ބްލަފް"އަށް ފަހު ބަތަލާ އިތުރު ބޮލީވުޑްގެ ޕްރޮޖެކްޓްތަކުން ފެނުމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

comment ކޮމެންޓް