ހުޅުމާލޭގައި އަޅާ އަގުހެޔޮ 1،000 ޔުނިޓު ދިނުމުގައި އިސްކަން ދޭނީ އިންވެސްޓްމަންޓެއް ކުރުމުގެ ބޭނުމަށް ރިއަލް އެސްޓޭޓް ގަންނަ ފަރާތްތަކުގެ ބަދަލުގައި، އަލަށް ގެދޮރުވެރިވާން ބޭނުންވާ އާއިލާތަކަށް ކަމަށް މިނިސްޓާ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހުޅުމާލެ ތިން ވަނަ ފިޔަވަހީގައި އަގުހެޔޮ 1،000 ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދުމަށް ހައުސިން މިނިސްޓްރީން އިއުލާން ކުރީ އިއްޔެއެވެ.
މިކަމާ ގުޅިގެން ހައުސިން މިނިސްޓަރު މިއަދު ވިދާޅުވީ ވޭތުވެދިޔަ ގިނަ އަހަރުތަކުގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީ ދެ އުސޫލެއްގެ މައްޗަށްކަމަށެވެ. އެއީ ލޯނު ނަގައިގެން އިޖުތިމާއީ ބޯހިޔާވަހިކަން ތަރައްގީކުރުމާއި، ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށް ހިންގާ ރިއަލް އެސްޓޭޓް މަޝްރޫއުތަކުގެ ތެރެއިން، ވަކި އިންސައްތައެއްގެ ޔުނިޓުތައް ކޮންޓްރޯލް ކުރެވިފައިވާ އަގުތަކެއްގައި ވިއްކުންކަމަށެވެ.
މީގެ ސަބަބުން ބޯހިޔާވަހިކަމުގެ ފުރުސަތުތައް އިތުރުވެގެންދިޔަ ނަމަވެސް، ރިއަލް އެސްޓޭޓް އުސޫލުން ހިންގި މަޝްރޫއުތަކުގައި އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ޚާއްސަ އިސްކަމެއް ދެވިފައި ނުވާކަން މުއްތަލިބު ފާހަގަކުރެއްވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ކޮންޓްރޯލް އަގުގައި ވިއްކި އެޕާޓްމަންޓްތަކުގެ ބޮޑު ބައެއް ގަނެފައި ވަނީ، އަލަށް ގެދޮރުވެރިވާން ބޭނުންވާ އާއިލާތަކުގެ ބަދަލުގައި، އާމްދަނީ ހޯދުމަށް ކުރާ އިންވެސްޓްމަންޓެއް ނުވަތަ މިލްކިއްޔާތެއްގެ ގޮތުގައި ބަލާ ފަރާތްތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މިގޮތަށް ގަންނަ ތަންތަން ގިނައިން ބޭނުންކުރެވެނީ ކުއްޔަށް ދީގެން ނަފާ ހޯދުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެކަމަށް ހައްލެއްގެ ގޮތުން މި ސަރުކާރުގެ "ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން" ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، އިސްކަން ދޭނީ އަލަށް ގެދޮރު މިލްކުކުރާ ފަރާތްތަކަށް ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ އަމާޒަކީ، މިފެށި އަގުހެޔޮ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަކީ ގިނަ ފުލެޓްތައް މިލްކުކޮށްފައިވާ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ބަދަލުގައި، އަލަށް ދިރިއުޅުމެއް ފަށާ އާއިލާތަކަށް ޚާއްސަ ކުރެވިފައިވާ މަޝްރޫއުތަކަކަށް ހެދުން، މިނިސްޓާ އޮފް ކޮންސްޓްރަކްޝަން ޑރ. އަބްދުﷲ މުއްތަލިބު
މުއްތަލިބު ވިދާޅުވި ގޮތުގައި ބިމުގެ އަގު އުފުލި، ކުއްޔަށް ހިފާ ފަރާތްތަކުގެ ބޭނުންތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ބޯހިޔާވަހިކަމުގެ އަގުތަކަކީ ހަމައެކަނި ބާޒާރުގެ އުސޫލުތަކަށް ދޫކޮށްލެވިފައިވާ ކަމެއް ނޫންކަން މި މަޝްރޫއުން ކަށަވަރުކޮށްދެއެވެ. މިއީ ވަކި އުސޫލުތަކަކުން ބައްޓަންކުރެވި، ބެލެހެއްޓި، އަދި ހަރުދަނާކަމާއެކު ތަންފީޒުކުރެވޭނެ ނިޒާމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި އިސްނެގުމުގެ ދަށުން، އިންވެސްޓްމަންޓްގެ ބޭނުމަށް ރިއަލް އެސްޓޭޓް ގަންނަ ފަރާތްތަކަށް ވުރެ، އަމިއްލަ ފުރަތަމަ ބޯހިޔާވަހިކަން ހޯދާ ފަރާތްތަކަށް އިސްކަންދެވި، މި ހައުސިން ޔުނިޓުތަކަކީ އާއިލާތަކަށް ދިރިއުޅެވޭނެ ފަދަ މާހައުލަކަށް އަމާޒުކޮށް ފަރުމާކުރެވިފައިވާ ތަންތަނެވެ.
"ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން" މަޝްރޫއުގެ ދަށުން ކުރާނެ މަސައްކަތްތަކަކީ:
- ޖުމްލަ ފަސް ބިމެއްގައި 1,000 ހައުސިންގް ޔުނިޓް އެޅުން. (އެއީ ކޮންމެ ބިމެއްގައި ގާތްގަނޑަކަށް 200 ޔުނިޓް).
- ކޮންޓްރެކްޓާ ފައިނޭންސް ކުރާ އީޕީސީ (EPC) މޮޑެލްގެ ދަށުން ހިންގާ މަޝްރޫޢެއް.
- އެއްވެސް އަގަކާ ނުލައި ހިލޭ, ޑިވެލޮޕަރަށް ބިން ފޯރުކޮށްދިނުން.
- 30 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ހަވާލުކުރުން.
- ގެދޮރު ގަންނަ ފަރާތްތަކަށް ޖީއެސްޓީ (GST) ދައްކަން ނުޖެހޭ ގޮތަށް އިސްތިސްނާކުރުން.
- އިމާރާތްކުރުމަށް ބޭނުންވާ ތަކެތިން އިމްޕޯޓް ޑިއުޓީ ކަނޑާލުން.
މި މަޝްރޫއުގެ ފުލެޓްތަކުގެ ތެރެއިން ދެ ކޮޓަރީގެ ޔުނިޓަކަށް އެންމެ ގިނަވެގެން ވެސް ނަގާ އަގަކީ 1.8 މިލިއަން ދިވެހި ރުފިޔާއެވެ. އަދި ތިން ކޮޓަރީގެ ޔުނިޓަކަށް 2.3 މިލިއަން ދިވެހި ރުފިޔާ ނަގާނެއެވެ. މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގެ ތެރެއިން މަދުވެގެން 70 އިންސައްތަ ޔުނިޓުތަކަކީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެވެ.
މިއީ މާލެ ސަރަހައްދުގެ މިހާރުގެ މާކެޓް އަގުތަކާ އަޅާބަލާއިރު ބޮޑުތަނުން ހެޔޮ އަގުތަކެއް ކަމަށާއި، މީގެ ބޭނުމަކީ ހަމައެކަނި ނަމެއްގައި އަގުތައް ކޮންޓްރޯލް ކުރުމުގެ ބަދަލުގައި، އާންމުންނަށް އަތްފޯރާ ފަށުގެ ހަގީގީ ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބޯހިޔާވަހިކަމަކީ ހަމައެކަނި އުމްރާނީ ތަރައްގީއެއް ނޫންކަމަށާއި، އެއީ އިޖުތިމާއީ އަދި އިގްތިސާދީ ސިޔާސަތެއްގެ އިތުރުން އެއީ ގައުމު ބިނާކުރުމުގެ މުހިންމު ބަހާއެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ހުޅުމާލެ ތިން ވަނަ ފިޔަވަހީގައި އަގުހެޔޮ 1،000 ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދުމަށް ހައުސިން މިނިސްޓްރީން އިއްޔެ އިއުލާނުކުރިއިރު އެ ޔުނިޓުތައް އިމާރާތް ކުރުމާއި ޑިޒައިން ކުރުމަށް ޝައުގުވެރިވާ ކުންފުނިތަކަށް ޕްރޮޕޯސަލް ހުށަހެޅޭނީ، އަންނަ މަހު 23ގެ 13:00އަށެވެ.
އަގުހެޔޮ ފުލެޓުތައް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކުރިއިރު، ބޯހިޔާވަހިކަމަކީ މާލެ ސަރަހައްދަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައެވެ. ގިނަ ބަޔަކު މި ސަރަހައްދުގައި ދިރިއުޅެނީ، ބޮޑު ޚަރަދެއް ކޮށްގެން ކުއްޔަށެވެ.