މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ 2026 ގެ ބަޖެޓުގައި މިއަހަރު ރާއްޖެއިން ވާދަކުރަން ނިންމާފައިވާ ފަސް ގޭމްސްއަށް، ބަޖެޓުގެ 72 އިންސައްތަ ހަރަދުވާނެކަމަށް ލަފާކޮށްފިއެވެ.
އެމްއޯސީގެ ބަޖެޓު ފާސްކޮށްފައިވަނީ ހ. މީރުމާގައި ކުރިއަށްދިޔަ އެއެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާގައެވެ.
އެމްއޯސީގެ މިއަހަރަށް ފާސްކުރި ބަޖެޓުގައި ޚަރަދުވާނެކަމަށް ލަފާކޮށްފައިވާ ޢަދަދަކީ 59،750،830.19 (ފަންސާސް ނުވަ މިލިއަން ހަތްލައްކަ ފަންސާސްހާސް އަށްސަތޭކަ ތިރީސް ރުފިޔާ ރުފިޔާ ނަވާރަ ލާރި)އެވެ.
ބަޖެޓުގެ ތެރެއިން ގޭމްސްއަށް ހަރަދުކުރަން ނިންމާފައިވަނީ މި ބަޖެޓުގެ 72 އިންސައްތައެވެ. އެއީ މި ބަޖެޓުން 46 މިލިއަން ރުފިޔާއެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ 2026 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން-- ފޮޓޯ: އެމްއޯސީ
އާމްދަނީގެ ގޮތުގައި އެމްއޯސީއަށް ލިބޭނެ ކަމަށްބުނާ އަދަދަކީ 54،902،381.42 (ފަންސާސް ހަތަރު މިލިއަން ނުވަ ލައްކަ ދެހާސް، ތިންސަތޭކަ އަށްޑިހަ އެއް ރުފިޔާ ސާޅީސް ދެލާރި) އެވެ.
އެމްއޯސީގެ އަހަރީ ޢާންމު ޖަލްސާގައި މިއަހަރު 16 މެންބަރު އެސޯސިއޭޝަނަކުން ބައިވެރިވެފައިވާއިރު، އެތުލީޓު ރެޕްރެޒެންޓޭޓިވްއިންގެ ގޮތުގައި އިންތިޚާބުކުރެވުނު ދެ ފަރާތްވެސް ބައިވެރިވެފައިވެއެވެ.
އެމްއޯސީގެ އަހަރީ ޢާންމު ޖަލްސާ ޝަރަފުވެރިކޮށްދެއްވާފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.
މި ޖަލްސާގައި އެކި ގޮތްގޮތުން އެމްއޯސީއަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ އަގުވަޒަަންކޮށްފައިވެއެވެ.
މީގެއިތުރުން ދިވެހި އެތުލީޓުންނަށް ދެ ސްކޮލަރޝިޕެއްވަނީ އިއުލާންކޮށްފައެވެ. އެއީ އޮލިމްޕިކް ސޮލިޑާރިޓީގެ ތެރެއިން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) މެދުވެރިކޮށް ލިބޭ ސްކޮލަޝިޕާއި ބީއެމްއެލް ސްކޮލާޝިޕެވެ.