"ޝައިތާނާގެ އެންމެ ބޮޑު ހަތިޔާރަކީ ﷲ ތައާލާގެ މަތިން ހަނދާން ނައްތުވައިލާ އެހެން ކަންތައްތަކުގައި ވަގުތު ބޭކާރުކުރުވުމެވެ. މުނިފޫހިފިލުވުމުގެ ކަންތައްތަކާއި އަވަދިނެތި ތިއްބާ ނިމުން އައިސްދާނެއެވެ.އޭގެ ކުރިން ޝައިތާނާ ބަލިކޮށްލަން ޖެހޭނެއެވެ."
***
މަންމަގެ ޖަވާބު ލިބުމުން ހަޔާއަށް ގަބޫލުކުރަން ދަތިވިއެވެ.
ހަޔާ ބޭރަށް ނުކުތީ ހާސްވެފައި ހުރެއެވެ. އަނެއްކާވެސް ހިތް ހުއްޓިގެން ޑޮކްޓަރެއް ނިޔާވީއެވެ. މިވަނީ ކިހިނެއްހެއްޔެވެ؟ އޭނަ އަވަސް ހިނގުމެއްގައިގޮސް އިމަޖެންސީކައިރިއަށް ނުކުމެވުނުއިރު ހިތް އަވަސްވާގޮތްވިއެވެ. އޭނައަށް ފެނުނީ ހިތަށް ނާރާ އަދި އުދަގޫދެނިވި މަންޒަރެކެވެ. އަބަދުވެސް ހަމަޖެހިގެން "ކޫލް"ކަމަށް ބޭރުފުށުން ދައްކުވައިގެން އުޅޭ މިނާހް ރޮނީއެވެ. ދެއަތުން މޫނު ފޮރުވައިގެން އެނެއެވެ.
އެހިތުގެ މަޑުކަމާއި ކުލުނުން ފުރިފައިވާވަރު ފެނި މީހަކު އަޖައިބެއް ފަހެ ނުވާނެހެއްޔެވެ؟
އޭނައަށް މިނާހްގެ ގާތަށް ގޮސް ވާހަކަދައްކައިލާނެ ހިތްވަރެއްވެސް ނުލިބުނެވެ.
އޭނަގެ ލޯވެސް ފެންކަޅިވާންފެށިއެވެ.
އަނބުރާލާފައި އައިކޮޅަށް ދާން ހިނގައިގަނެވުނީއެވެ.
މޮޅިވެރިކަމާއި ކަރުނައަކީ ހަމައެކަނި އަންހެންކުދިންނަށް ޚާއްސަ އެއްޗެއް ނޫނެވެ. ފިރިހެނުންގެވެސް އިހުސާސްތައް ލައްވާފައިވެއެވެ. ހިތްވަރުގަދަކަން ބޭރުފުށުން ދެއްކިޔަސް ހިތާމައާއި ކުރިމަތިލާއިރު ހިތްވަރުގަދަކަމުގެ އައްޑަނަ ފޫއަޅުވައިލާނެއެވެ. ހަޔާ ޓިޝޫއިން ލޯ ފޮހެލިއެވެ.
***
ހަޔާ "ލޭކްވިއު"އަށް ވަނީ މަންމަގެ ގެ ގޭގެ ރީތިކަމާއި މުއްސަދިކަން ފެނި ކޮސްވާނެކަމަށް ސިކުނޑި ތައްޔާރުކޮށްގެންނެވެ. އާދެވުނީ ނުބައި ގެއަކަށް ކަމަށްވެސް ހީކުރެވުނެވެ. އޭނައަށް އިސްތިގުބާލުކިޔަން ހުރީ ދަބަރުޖެހި ގޭޓަކާއި ކުލަގޮސްފައިވާ ފާރެކެވެ. ނަމަވެސް ހިޔާދޭ ގަސްތައް ގިނަކަމާއެކު އާސާރީކަމުން ހަޔާ ގަޔާވިފަދަ ތަނެއްކަމުގައިވިއެވެ. އޭނައަށް ކަމުދަނީ މިފަދަ ތާރީޚީ ކުލަ ހުންނަ އިމާރާތްތަކެވެ. ބަގީޗާއެއް އޮތުމުން ވަކިން ހިތްފަސޭހައެވެ. ގޭގެ ދޮރުމަތިން އޭނަގެ މަންމަ ތަގުވާ ބައްދަލުކުރިއެވެ.
"ހަޔާ...ކިތައް ދުވަހަށް މަޑުކުރަނީ؟" ތަގުވާގެ ފުރަތަމަ ސުވާލެވެ.
ހަޔާ ހުއްޓުން އެރިއެވެ. އަންހެންކުއްޖަކު ހުންނަން ޖެހޭނީ މަންމަގެ ހިމާޔަތުގައި ނޫންހެއްޔެވެ؟
އެކަމަކު މަންމަ އޭނައާއިމެދު އެއްވެސް ފަރުވާލެއްނެތެވެ. ހުރިނަމަ ކުޑައިރު ދޫކޮށްލާފައި އެހެން
ކުދިންތަކެއްގެ "މަންމަ"އަކަށްވެގެން މުޅި އުމުރު ހޭދަނުކުރީސްކަން ޔަގީނެވެ. މިހާރު ވަކިން
މަންމަގެ ފަރާތުން އެހީތެރިކަމާއި އަޅާލުން ލިބޭނެކަމަށް އުއްމީދުކުރުމަކީ މޮޔަކަމެކެވެ.
"ސުބުހާނަﷲ..ހާދަ ސާމާނެކޭ.."
"ގެއިން ނިކުންނަން ޖެހުނީމަ ކޮޓަރި އެއްކޮށް ގެންނަން ޖެހުނީ..ނޭގޭ. ތަނެއް ލިބުނުހާ އަވަހަށް ދާނަން.."
ސިޓިންރޫމް ތަންކޮޅެއް އަރާމެވެ. މުއްސަދިކަމުގެ ކުލަވަރު ގޭތެރެއިން ފެނުނެވެ. ފަރުނީޗަރާއި
ދޫލަތަކާއި ބިއްލޫރި ބައްތިތައް ހާމަކޮށްދެނީ ޝާހީ ފާޑުވެރިކަމެވެ. ހަޔާއަށް އަމިއްލަވަންތަކަމެއް
އިހުސާސްކުރެވުނު ސަބަބެއް ނޭގެއެވެ. މަންމަގެ ގައިން ދުވަމުން ދާ ލުއި މަލުގެ ވަހާއިއެކު
މަންމަގެ ނަޒަރުންވެސް ހިތްހަމަޖެހުމެއް ލިބުނެވެ. ދުރުހިލޭ އެކަމަކު އޭނަ ގާތްގުޅުމެއްގެ
ގޮތަށް ދެކެން ބޭނުންވާ ގުޅުމެކެވެ. މަންމައަކާއި ދަރިއެއްގެ ލޯބި ކިހާ މާތްވާނެހެއްޔެވެ؟
"މިގޭ އެންމެން ނިދާފައިތަ؟"
"ނޫން...ފިރިހެން ކުދިން ބޭރުގައިވީ...ކުދިންގެ ބައްޕަ ބަލިކޮށް އުޅެނީ އެހެންނޫނަސް
އިޝާކޮށްލައިގެން އާއްމުކޮށް ނިދާލާ...އާސީން އާއި ޔަލް ކޮޓަރީގައިހެން ހީވަނީ..ކައިގެން
ތިއައީ؟" ތަގުވާ ދެފޮށި ދަމަމުންގޮސް ގޭގެ ފަހަތުގައިވާ ދޮރެއް ހުޅުވާލާފައި ބޮކި
ދިއްލައިލިއެވެ. ގެއާއި ދިހަވަރަކަށް ފޫޓުދުރުގައި ވަކިން ހުރި ކޮޓަރިބަރިއެއް ވިއެވެ.
އެދޭތެރޭގައިވެސް އޮތީ ވިނައާއި ގަސް އިންދާފައެވެ."މިއީ ގެސްޓްހައުސް......"
"އެހެން މީހަކަށް ނުފެނި މާދަން އެހެން ތަނެއް ހޯދައިގެން ދިޔައްޔާ ރަގަޅުވާނީ....އެންމެނަށް އެނގިގެން އިތުރު މައްސަލަތަކެއް ޖެހުން ނޫންކަމެއްނުވާނެ."
ހަޔާގެ މޫނުގެ ކުލަ އޮއްސުނެވެ. ނޭވާ އެތެރެހަށީގައި ތާށިވިއެވެ.
"މިތަން ރައްކާތެރިވާނެތަ؟"
"އާނ މިތަނަށް އެއްވެސް މީހަކު ވަދެއެއްނޫޅޭ..ހަޔާ އެކަނި އުޅެން ދަސްކުރަންވާނީ....ދުނިޔެއަށް
އައިގޮތަށް ނިމިގެންދާނީވެސް އެކަނި..ﷲ ތައާލާއާއި އޮތް ގުޅުން އެކަނި
މުހިއްމުވާންޖެހޭނީ...އެކަން އެނގެއެއްނު..." ތަގުވާގެ އަޑަށް ހަރުކަށިކަމެއްވެރިވިއެވެ.
"ކާން ބޭނުންވާނެހާ ސާމާނެއް ބަދިގެއިން ލިބޭނެ.."
ތަގުވާ ދިޔުމުން ހަޔާއަށް ޖެހި ބުދެއްހެން ގަނޑުވެފައި ހުރެވުނެވެ. މިގެއަށް ނާދެވުނުނަމައެވެ.
"ނަމަ" ބޭނުންނުކުރަން އަމިއްލަ ނަފުސަށް ވެވުނު ވައުދު ހަނދާންވުމާއެކު އެ ޚިޔާލު ބޮލުން
ނެރެ އެއްލައިލެވުނެވެ. މިގެއަށް އައީ މަޖުބޫރު ހާލަތެއް ކުރިމަތިވެގެން ވަގުތީގޮތުންނެވެ.
ނިދާލާނެ ފިނި ކޮޓަރިއެއް ލިބުނުކަމަށްޓަކާ ޝުކުރުވެރިވެ އެހެންތަނެއް ހޯދަން ފަށަން ޟަމީރު
އަމުރުކުރިއެވެ.
ހަޔާ އިޝާ ނަމާދުކޮށްގެން ތަރާވީހުކުރުމަށްފަހު އެއްޗެއް ކައިގެން ނިދަންވެގެން އެނދުގެ
އަރާމުކަމުގެ ތެރެއަށް ގެނބިގަތީ މުޅި ގައިގާ ރަޖާ އޮޅާލައިގެންނެވެ. ތަންޑު އަޅުވާފައި
ހުރުމާއެކު ވަގަކަށްވެސް ފަސޭހައިން ކޮޓަރިއަށް ނުވަދެވޭނެކަމުގެ ޔަގީންކަމާއެކު ﷲއަށް ވަކީލުކުރުމުން ނިދުމަށް ހުރަސް ނޭޅުނީއެވެ.
***
ދެތިން ދުވަސް ފާއިތުވެގެން ދިޔައިރު ހަޔާވެސް އިނީ ގެސްޓްހައުސް އިން ނުކުމެވޭނެގޮތެއް
ނެތިފައެވެ. ބަދިގޭގައި ސާމާނުތައް ހަމަޔަށް ހުރުމާއެކު ފްރިޖް ފުރެންދެން ބަރާވެފައިވުމުން
ރޯދަ ހިފުމަށް މައްސަލައެއް ނުޖެހެއެވެ. އޭނަ ހުންނާނެ އެހެން ތަނެއް ހަމަނުޖެހިގެން މަންމަ
ދޭތެރެއަކުން ސުވާލުކުރަން ފެށުމުން އޭނަގެ ކެތްތެރިކަން ކޮޅުންލައިގެން ދާންފެށިއެވެ.
މަންމައާއި ދެކޮޅަށް އެގޭގައި ހުރުމަށް ހިތް ބާރު އަޅަންފެށިއެވެ. މަންމަ އޭނަ ދުނިޔެއަށް
ގެނައީ ކީއްކުރަންހެއްޔެވެ؟ މަންމަގެ ހަޔާތުން ޖާގައެއްނުދީ އޭނަ ދުރަށް ލާން ޖެހޭ
ސަބަބަކާއިމެދު ވިސްނަން ފެށުނެވެ. ހަޔާ ބޮލުން ޚިޔާލުތައް ނެރެ އެއްލައިލަން ލިބުނު
ހަމައެކަނި ވަސީލަތަކީ ނަމާދާއި ގުރުއާން ކިޔެވުމެވެ. ޒިކުރުކުރުމެވެ. އަޅުކަމުގައި އިނުމުން
ހިތަށް ލިބެނީ ތަފާތު ހިތްހަމަޖެހުމެކެވެ. ރޫހާނީ އުފަލެކެވެ. އަޅުވެރި ކުއްޖަކަށް ނުވިނަމަ
ހަޔާތުގެ މިސްރާބުދާނީ ކޮން ދިމާލަކަށް ކަމެއްވެސް ނޭގެއެވެ.
***
ރޯދަ ވީއްލަން ސުފުރާމަތި ތައްުޔާރުކޮށްފައިވަނީ ނިަކން ފުރިހަމައަށެވެ. މުޅިންވެސް ތަގުވާގެ
މަސައްކަތެވެ. އާސީންއާއި ޔަލްވީ ބަދިގެއަށް ވަނިއްޔާ ޖެހެނީ އިތުރު ތަކުލީފެކެވެ. ޚާއްސަކޮށް
ޔަލްވާ ވަނިއްޔާ ކޮންމެވެސް ޖެއްސުމެއްކޮށްނުލާ ދާނެ އެންމެ ވަގުތެއްވެސް ނުވެއެވެ. އެންމެން
ރޯދަ ވީއްލާގަޑިއަށް މޭޒުދޮށަށް އައެވެ. މިނާހްއާއި އާސީންގެ މޫނުމަތިން އަދިވެސް ފެންނަނީ
ހިތާމައިގެ ކުލަވަރެވެ.
"އަޔާޝް...މިއަދުވެސް ޓީވީއިން ކިއެއްނު ވެކްސިން ޖަހައިގެން މީހަކު މަރުވިއޭ....ކިހިނެއް މިވަނީ؟"
"މީޑިއާ ބޭން ކޮށްލަންވީ....ދޮގު ޚަބަރާއި އެއްޗެހި ގިނައިން ކިޔަނީ.."އަޔާޝް ހިތް ހަމަނުޖެހުނެވެ.
"އެއީ ޒުވާނެއް..ދާއިމީ ބައްޔެއް ނެތް.."
އަޔާޝް ތަށިތެރޭގައި އޫ ބޭއްވިއެވެ. "ބައްޕަ އަޅުގަނޑުގެ ހޮސްޕިޓަލާއި މެދު ސުވާލު ތިކުރަނީ؟"
"ބައްޕައެއްގެ ހައިސިއްޔަތުން މިއެހީ...."
"ބައްޕާ...އެކަމަކު ޒަމާނީ ސައިންސްއާއި ބެހޭގޮތުން އެހާ
އަންޑަސްޓޭންޑްނުވާނެއްނު.........."ޔަލްވީ އަނގަ ބޭނިއެވެ.
"އަންޑަސްޓޭންޑުވުމުގެ ވާހަކައެއްނޫން..ޒިންމާގެ ވާހަކަ މިދައްކަނީ..." ސަލާހުއްދީން ބުނެލިއެވެ."ހޮސްޕިޓަލުން އެވަރަށް ޒުވާނުން މަރުވަންޏާ ޒިންމާ ނަގާނެ މީހަކީ ވެރިޔާއެއްނު...."
"މިގޭތެރެއިން ޖަޖްކުރާވަރުން ބޯ ހަލާކުވާވަރު އެބަވޭ..."އަޔާޝް ބުމަ ގާތްކޮށްލިއެވެ.
"ބައްޕަ އެބުނުއްވީ ރަގަޅަށް....ބައެއް މަރުތައް...ވެކްސިންއާއި ގުޅުން އެބަހުރި..އައި ސޯ............"މިނާހް ބުނަންފެށިއެވެ.
"ޔޫ ސޯ ނަތިން..."
"އަހަރެން ފައިލްތައް ބެލިން...."
"ކޮންފިޑެންޝަލް އެއްޗެހި ބަލަނީ؟ ކާކު ހުއްދަދިނީ؟" އަޔާޝްގެ އަލިފާނުގެ ބެލުން އޭނައަށް އަމާޒުވިއެވެ.
"އަހަންނަކީވެސް ޑޮކްޓަރެއް...އަދި މުސްލިމެއް..."މިނާހް ޖަވާބުދިނެވެ.
"އަނެއްކާ ދީނުގެ ވާހަކަ..."
"އާނ. ކީއްވެ ދީނުގެ ވާހަކަ ނުދައްކަންވީ؟ ކޮންމެވެސް ދުވަހަކުން އެމީހެއްގެ އަމަލުތަކާއިގެން ހެއްދެވިފަރާތަށް ދާނެ..."
އޭނަ އަޔާޝްއާއި ހަތަރުކަޅި ހަމަކޮށްލިއެވެ.
"ބޭކާރު ވާހަކަ ނުދައްކާ..އަހަރެންގެ ނަމުގައި އެ ހޮސްޕިޓަލް ހުރީ....އެއީ މަގޭ ދިރިއުޅުން.....އުސޫލުތަކާއި ޚިލާފުވާން ނޫޅޭ.އެތަނުގައި ހުންނަން ބޭނުމިއްޔާ އަނގަ މަޑުން ލައިގެން ހުރޭ..ފެންވަރު ދަނެގެން.........."
"ހައްގު ބުނުމަކީ އުސޫލާއި ޚިލާފުވުމެއްނޫން..."
އަޔާޝް އިތުރު އެއްޗެކޭ ނުބުނެ ތެދުވެގެން ދާން ހިނގައިގަތީއެވެ.
***
މިނާހް ކޮޓަރިއަށް ވަންއިރު ގެސްޓްހައުސްގެ ބޮކިތައް ދިއްލާފައި ހުރިތަން ފެނުމުން އިރުކޮޅަކަށް ބަލަން ހުރެވުނެވެ. އެތަނުގައި ހުރީ ކާކުހެއްޔެވެ؟ ދޮންމަންމަ ދޮރު ހުޅުވިތަން ކުރީ ދުވަހު ފެނުނެވެ. ދޮންމަންމަ ދޭތެރެއަކުން ސާފުކޮށްލަން ވަނަސް ރޭގަނޑު އެގަޑީގައި އެބަޔަށް ދާނެހެން ހިޔެއްނުވެއެވެ. އޭނަގެ ޚިޔާލަށް އުދަގޫކުރާންފެށީ އިބްރާހިމްގެ އެންމެފަހު ވަގުތުތަކެވެ. ޖަނާޒާއެވެ. އެއާއެކު ހަޔާގެ ހަނދާންތަކެވެ. އެޚިޔާލުތަކާއި ވަކިވާން އޭނަ ނެގީ މުސްހަފެވެ. އެންމެ ކުރިން ފެނުނު އާޔަތުން ހިތް އަވަސްވިއެވެ.
ބަގަރާ ސޫރަތުގެ 283 ވަނަ އާޔަތުގައި ﷲ ތައާލާ ވަހީކުރައްވަނީ " ތިޔަބައިމީހުްނ ހެކިބަސް ވަންހަނާ ނުކުރާހުށިކަމެވެ.އަދި އެކަން ވަންހަނާކުރާ މީހާ ދަންނާށެވެ. އޭނައަކީ އޭނަގެ ހިތް ފާފަވެރިވެގެންވާ މީހެކެވެ."
ފޯނެއް އައުމުން އޭނަ ނެގިއެވެ. އަނެއްކާ އެހެން މީހަކު މަރުވީއެވެ. އެވެސް ވެކްސިންދިން ފަހުން ބަލިވެގެންނެވެ. އެހެން އާއިލާއެއް ހިތާމައިގެ ތެރެއަށް ވައްޓައިލެވުނީއެވެ. ދެރަކަމަކީ އާއިލާއަށް މަރުގެ ސަބަބު ސިއްރުކުރެވުނުކަމެވެ. އެކަން ދެނެތިބި މީހުން ހަގީގަތަށް ފަސްއަޅާ ފޮރުވަނީއެވެ.
***
ހަޔާއަށް ހޭލެވުނީ މީހަކު ދޮރުގެ ތަޅުގައި ހިފާ އަނބުރައިލި އަޑަށެވެ. އޭނަ ފުންމައިގެން ތެދުވެ ރަޖާ ގެނެސް އަނގައިގާ އަތާއިއެކު އެޅިއިރު މޭގަނޑު ފުންމައިލަފާނެކަހަލައެވެ. ބަލަބަލާ އިންދާ ދޮރު ހުޅުވުނެވެ. ފަނޑު އަނދިރީގެ ތެރެއިންވެސް ކާކުކަން އެނގުނެވެ. އެއީ އަޔާޝް ފިޔަވާ ދެވަނަމީހެއް ނޫނެވެ. އޭނަގެ ފިޔަވަޅުތައް ހުރީ އެނދާއި ދިމާލަށެވެ. ލޮލުން ފެނުނީ ރުޅިވެރިކަމާއެކު ފިނިކަމެވެ.
ނުނިމޭ