ކާދިންގެ ބޮޑާކަމާއި ފަރުވާކުޑަ ދުއްވުމެއްގެ ސަބަބުން ހިނގި އެކްސިޑެންޓެއްގައި މުރުޝިދާ ނިޔާވުމަކީ އޭނާގެ ހަޔާތަށް އައި ބޮޑު އިންގިލާބެކެވެ. މަންމަގެ މަޝްހޫރުކަމާއި މުއްސަނދިކަމުގެ ތެރޭގައި އުޅެމުން ދިޔަ ކާދިން، އެ ހާދިސާގެ ސަބަބުން ނަފްސާނީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހެއެވެ. ޒިންމާދާރުކަން ކުޑަ ދިރިއުޅުމަކުން ދުރުވެ، ހަގީގީ ހިތްހަމަޖެހުން ހޯދުމަށް އޭނާ ކުރާ މަސައްކަތްތަކާއި، ދީނީ އަދި ރޫހާނީ ގުޅުންތައް ބަދަހިކުރުމަށް ކުރާ މަސައްކަތްތައް މި ވާހަކައިން ފެނިގެންދެއެވެ. މާޒީގެ ކުށްތަކަށް އިއުތިރާފުވެ، މާފަށް އެދުމުގެ ޖެހިލުންވުންތަކާއެކު އޭނާ އާ ދިރިއުޅުމަކަށް ފިޔަވަޅު އަޅަން މަސައްކަތް ކުރެއެވެ.

  • ފަރުވާކުޑަކޮށް ދުއްވުމުގެ ސަބަބުން ހިނގި އެކްސިޑެންޓެއްގައި މުރުޝިދާ ނިޔާވުމުން ކާދިންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ.
  • މަންމަގެ މަޝްހޫރުކަމާއި މުއްސަނދިކަމުގެ ހިޔަނީގައި އުޅުނު ކާދިން، އަމިއްލަ ނަފުސު ކުށްވެރިކުރަން ފަށައެވެ.
  • ޖަރުމަނަށް ކުރި ދަތުރެއްގައި މިސްކިތަކަށް ވަދެ، ނަމާދުގެ ޒަރީއާއިން ރޫހާނީ ހަމަޖެހުން ހޯދަން އޭނާ މަސައްކަތް ކުރެއެވެ.
  • މާޒީގެ ކުށްތަކަށް މާފު ހޯދުމުގެ ގޮތުން މުރުޝިދާގެ އާއިލާއާ ބައްދަލުކޮށް މާފަށް އެދުމަށް ކާދިން ނިންމައެވެ.

"ރަމަޟާންމަސް ނިމެން ބާކީ އޮތީ އެންމެ ހަފްތާއެކެވެ. އަދިވެސް ފުރުސަތު ނުގެއްލެއެވެ. ހަގުރާމައާއި ސިޔާސީ ކަންތައްތަކާއި ދުނިޔަވީ އެހެން ކުޅިވަރުތަކުގައި ޣާފިލުވެ ބަރަކާތްތެރި ދުވަސްތަކުގެ ވަގުތުތައް ބޭކާރުކޮށްލެވުނު ފަރާތްތަކަށް އަދިވެސް ފުރުސަތު މުޅިން ނުގެއްލެއެވެ. ތައުބާވެ ރޭގަނޑުގެ ހުރިހާ ފަރުޟު އަދި ސުންނަތް ނަމާދުތައް ޚުޝޫއަތްތެރިކަމާއެކު ކޮށް، ސަދަގާތްކުރުމާއި، ގުރުއާންކިޔެވުމާއި، ދުޢާކުރުމާއި އަޅުކަމަށް އަވަސްވެގަންނަމާ ހިނގާށެވެ."

***

ކާދިން ބޭކަރީއަށް ވަދެލީ ނަންބޯޑު ފެނިފައެވެ. މި ބޭކަރީގައި ހުންނަ ފޮނި އެއްޗެއްސަށް ކުރިން ދެވިހިފާފައިވާ ހަނދާންވީއެވެ. މިފަހަކަށް އައިސް ބޭކަރީ އިން މަންމަ ގެނެސްފައި ހުންނަ އެއްޗެހި ކެޔަސް ކުރީގައި އެލާކަހަލަ ރަހައެއް ނުދެއެވެ. ކާހިތް ކެނޑިފައި ހުންނާތީކަން ނޭގެއެވެ. މަންމަ ގެންނަ މެކެރޮންގެ ރަހަވެސް ތަފާތެވެ. ބިއްލޫރި ކައުންޓަރުގައި އަތުރާފައިވާ ފޮނި އެއްޗެހި ފެނުމުން ބަނޑުހައިކަން އިހުސާސްވިއެވެ. މެކެރޮންއަށް އޯޑަރު ދިނުމުން ލިބުނީ ހީނުކުރާފަދަ ޖަވާބެކެވެ.

"ކުރިން މިތަނަށް ފޮނި އެއްޗެހި ހަދާދިން މުރުޝިދާ ދައްތަ އެކްސިޑެންޓެއްގައި ނިޔާވީ....އެހެންވެ މިހާރު އެވެއިލަބްލްއެއްނޫން..."

އޭނައަށް ހިން ދިރުވައިލެވުނެވެ. އޭނަގެ ބޮޑާކަމުން ނަގައިލެވުނު ފަރާތަކީ ކޮންމެވެސް ގޮތަކުން ގުޅުން ހުރި ފަރާތެވެ. އޭނަ އެއަަށް ދެވިހިފާފައިވާ މެކެރޮން ތައްޔާރުކުރީ އެ ދެއަތުންނެވެ.

"ނޯ....ނޯ...މިއީ ތެދަކަށް ނުވާނެ..."އޭނަގެ ޟަމީރު ރޮއިގަތެވެ.

ކީއްތިކުރީ...ޔޫ ކިލްޑް ހާ..ދެން ދުވަހަކުވެސް އެ މެކެރޮންއެއްވެސް ނުލިބޭނެ......"އަމިއްލަ ނަފުސް ކުށްވެރިކުރެވުނެވެ.

"އެނގޭތަ؟ މުއްސަންޖެއްގެ ދަރިން އުޅޭ ވައްތަރުން އެހެންވަނީ...އެމީހުންނަށް މަގުތައް ހިތަކަށް ލިބިފައި އޮންނަނީ.... ސްޕޯޓްސްކާރެއްގައި ރޭސްޖަހަނިކޮށް ކޮންޓްރޯލްނުުވެ ގޮސް މުރުޝިދާގެ ގައިގާ ޖެއްސީ...ލައިސަންސް އޮތްކަމެއްވެސް ނޭގޭ......"އެހެން ކަސްޓަމަރަކަށް އެ ވާހަކަ އިވުމުން ބުނެލިއެވެ."އެއަށް އެރިގެން ސުވަރުގެ ދެވެނީކަމަށް ހީކުރަނީ...އެހެން މީހުންގެ ފުރާނައަށް ބަލައިލުމެއްނެތް...ހިތް އުފާކުރަން ފޮނި ދައްކަން އެކަންތައް އެކުރަނީ...ދެން ގޮސް ކޮންމެވެސް ތަނެއްގައި ޕާޓީކޮށްފައި އަރާމުގައި ގަނޑުވަރުގައި ނިދާނީ. ތިމާ އަތުން މީހަކު މަރުވިޔަސް ފިލާވަޅެއް ނުލިބޭނެ.އަދި މޮޅުތަންކޮޅަކީ ނުފޫޒުގަދަ މީހެއްގެ ދަރިއަކަށްވީމަ އެކަން އޮއްބައިލިކަން...މަރުވިމީހާ ކުށްވެރިވީ..ބަލާނުލާ ހުރަސްކުރިކަމަށްވީ....."

އޭނަގެ މޫނު ރަތްވެގެން ދިޔައެވެ. އެމީހާއަށް ނޭގުނަސް އެބަސްތަކުގެ ހަމަލާތައް އެއައީ އެހެން މީހަަކަށް ނޫނެވެ. ސީދާ އޭނައަށެވެ. އެމީހާއަށް ނޭގި އެއްޗެހި ކިޔުނީ ކުށްވެރިޔާއާއި ދިމާލަށެވެ. އެ ލަޒުފުތައް ޚަންޖަރެއްހެން ހިތަށް ހެރުނެވެ.

އަވަސް ފިޔަވަޅުތަކެއްގައި އެތަނުން ނުކުމެ ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނެވެ.

އޭނައަށް މާޒީގެ ހިޔަނިން ދުވަހަކު ސަލާމަތްވާނެހެއްޔެވެ؟

***

ކާދިން އޭނަގެ މަންމަގެ އާ އަލްބަމް ނެރޭ ހަފްލާއަށް ހިތާއި ދެކޮޅަށް ދިޔައެވެ. އެރޭ މެހެރް ރިހިކުލައިގެން އިސްތަށިގަނޑުގައި ކުލަ ޖައްސާލައިގެން ހުރުމުން އެންމެންގެ ލޯތަކުގެ އަމާޒަކަށްވިއެވެ.މެހެރް އުފަލުން ވަރެއްނެތެވެ. އަމިއްލަ ނަފުސާއެކު ދަރިފުޅުގެ ރީތިކަމާއި ފުރިހަމަކަން މީހުންނަށް ދައްކަން މެހެރް ވަރަށް ވަރުހުރެއެވެ. އޭނަގެ އުފާވެރި ދިރިއުޅުމަކީ ހުޅުވާލެވިފައިވާ ރީތި ފަސާނާއެކެވެ.

މެހެރްއަށްވުރެ ދިގު އިސްކޮޅެއްލިބިފައިވާ ދަރިފުޅަށްޓަކާ އެހިތް ފަޚުވެރިވިއެވެ. ކާދިންއަކީ ފިލްމް އިންޑަސްޓްރީއަށް އާ މޫނެއް ނޫނެވެ. މެހެރްގެ ހަފްލާތަކަށް އެކުއްޖާ ގެނެސް އެންމެނަށްހެން ތައާރަފުކޮށްފައިވާތީ އެކުއްޖާއަށް ސަމާލުކަން ލިބިފައިވަނީއެވެ. މި ހަފްލާގައި އެމޫނުމަތިން ފެނުނީ ކަންބޮޑުވުމާއި މޮޅިވެރިކަމެވެ. ފޮޓޯތަކުގައި ހުރީ ކަރު އެލުވާލައިގެންނެވެ.

ކާދިންއަށް އެ ގަދަ އަލިތަކާއި ސްޓޭޖްގެ ހަރު އަޑުތަކުން ހިތް ހަމަޖެހުމެއް ނުލިބުނެވެ.

"މިއީ ހަމަ އަމިއްލަ ދަރި؟"އެކަކު އަހައިލިއެވެ.

"އާނ ވައްތަރެއްނޫންތަ؟" މެހެރް ފޮނިގޮތަކަށް ހީލިއެވެ.

"ހަމަ ހީވަނީ ދެބެންހެން...މަންމައާއި ދަރިއޭ ބުނިނަމަ ގަބޫލުކުރަން ފަސޭހަވީހެއްނު.............."

"އަހަރެމެންގެ ޖީންއިން ޒުވާންކަމާއި ރީތިކަން ވާދަކުރީކަމަށްވާނީ........"މެހެރް ސަސާމާއަކަށް ހަދާފައި ހިނިގަނޑެއް ޖަހައިލިއެވެ.

"އެކުޑަ ފުށްގުޅައިގެ ކޮލުގައި ހިފާލެވުނު އަދަދެއްވެސް ނޭގޭ..މިހާރު ދެން ކޮލުގެ މަސްކޮޅުވެސް ނެތެއްނު..ބޮޑުވާވަރަކަށް ފައިސަލްއާއި ވައްތަރީ....ޓޫ ހެންޑްސަމް..."މެހެރްގެ އެކުވެރިއަކު ކާދިންގެ އިސްތަށިގަނޑުގައި ފިރުމައިލިއެވެ. އޭނައަށް ދުރަށް ޖެހިލެވުނެވެ. ސިފަނޭގޭވަރަށް މޭކަޕްކޮށްލާފައި ހުރިއިރު ޖަހާލައިގެން ހުރި ސެންޓުގެ ވަސް މުޅި މާލޭގެ ޖައްވުވެސް ޚަރާބުކޮށްލާނެކަން ޔަގީނެވެ. އެހާ ފޮނި ހުތް ވަހެކެވެ. އޭނަ މޭނުބައިކުރާގޮތްވިއެވެ. އެންމެންގެ ފަރާތުން އެކި ތައުރީފުތައް އިވުމުން މިއަދު އެކަމުން އުދަގޫވެ ދުވެފިލަން ބޭނުންވިއެވެ. އޭނައަށް މިއުޅެވެނީ އަދިވެސް ސިމިއުލޭޝަނެއްގެ ތެރޭގައިހެންވެސް ހީވިއެވެ. އޭނައަށް އުދަގޫ ދެނެވި އިހުސާސްތަކެއް ކުރެވުނެވެ.

ކާދިން ގެއަށް އައިގޮތަށް އޭނަގެ މަންމަގެ ޔޫޓިއުބް ޗެނެލް ހުޅުވާލައިގެން ސްކްރޯލްކުރަންފެށިއެވެ. މަންމަ އޭނަ ކުޑައިރު ވަރަކަށް އިޝްތިހާރުކޮށްލާފައި ހުއްޓެވެ. މަންމަ ބަނޑުބޮޑުއިރުން ފެށިގެންނެވެ. އޭނަ ކުޑައިރު ބީޗްގައި ކުޑަ ޖަންގިޔާކޮޅެއްގައި ދުވާ މަންޒަރެވެ. މޫދަށް އެރި ތުއްތު އަޑަކުން ހަޅޭއްލަވަނީއެވެ. އުނދޯއްޔެއް ހެއްލަމުން ދޫންޏެއްހެން ލަވަޖަހަނީއެވެ. މަޖާވެފައެވެ. އެއް ފޮޓޯއެއްގައި ނުދަންނަ މީހެއްގެ ކޮނޑުމަތީގައި ބޯ އަޅާލައިގެން އަނގައިގާ އިނގިލި ޖަހާލައިގެންނެވެ. އެއީ އޭނަ ކުޑައިރު ގެންގުޅު މީހަކަށްވެދާނެއެވެ. ސްނޯގަނޑުގެ ތެރޭގައި ދުވާތަނާއި ޚަރީފު ފަތްތަކުގެ ތެރޭ މަޖާކުރާ ވީޑިއޯތައްވެސް ހުއްޓެވެ. މަންމައާއި ބައްޕައާއެކު ނަގާފައިވާ ވީޑިއޯތަކުގައިވެސް މަންމަ ހުންނަނީ ނިކަން ނަލަވެގެންނެވެ. ކުރުކުރު ހެދުންތަކުގައެވެ. ޔޫރަޕްގައި ބީޗް ހެދުންތަކުގައެވެ. އޭނަ މަންމަ ގާތުގައި މި ޗެނެލް ފޮހެލަން އެދޭނީއެވެ.

ޒާތީ އުފާވެރި ވަގުތުތައް އެންމެނާއި ހިއްސާކުރާކަށް ނުވާނެއެވެ.

***

ދުވަސްތައް ހަފްތާތަކަށް ވަމުން ދިޔައިރު އޭނަގެ ތަބީއަތަށް އައި ބަދަލުތައް ސޯޝަމްމީޑިއާއިން ފެންނާންފެށިއެވެ. އޮންލައިންކޮށް ޕޯސްޓްކުރުން ހުއްޓައިލިއެވެ. އެއާއެކު އޭނަގެ ފޮލޯވާސްއިން މަދުވިއެވެ. އޭނަގެ މަގުބޫލުކަން ދަށަށްދާންފެށީއެވެ. ސްކޫލްތެރޭގައި ސިއްރުން އޭނަގެ ވާހަކަދެކެވެންފެށިއެވެ. ބައެއްފަހަރު ފާޅުގައެވެ.

ބައެއްމީހުން ދެކޭގޮތުން ނެޕޯބޭބީއަކަށް ވުމަކީ ނަސީބެކެވެ.

އަނެއް ބަޔަކު ދެކުނީ އޭނައަކީ ގާތިލެއްކަމުގައެވެ. އޭނަ ދިފާއުގައި އެންމެ ލަފުޒެއް ބުނަންވެސް ޟަމީރު ދެކޮޅުހެދިއެވެ. ޖަދަލުކުރާކަށްވެސް ނޫޅުނެވެ. އޭނައަށް އެނގެނީ މުރުޝިދާ މަރައިލީ ގަސްތުގައި ނޫންކަމެވެ. އެކަމަކު ޔަގީނުންވެސް މަރުގެ ސަބަބަކީ އޭނައެވެ. ޒިންމާ އެޅުނީ އޭނަގެ ބޮލުގައެވެ.

***

ކާދިން އޭނަގެ މަންމައާއިއެކު ޖަރުމަނަށް ދިޔައީވެސް މާޒީގެ ޚިޔާލުތަކުން ކުޑަ ހުސްވަގުތުކޮޅެއް ލިބުމުގެ އުއްމީދުގައެވެ. ކޮންސަޓްގައި މަންމަގެ ރީތި އަޑުން އެތައް ބަޔަކަށް އަސަރުކުރިއެވެ. ތައުރީފު އޮހުނެވެ. މަންމަގެ ދެލޯ ވިދަމުން ދިޔައެވެ. ރަތްކުލައިގެ މިޑީ ހެދުމަކާއިއެކު އެކުލައިގެން ތުންފަތުގައި ލިޕްސްޓިކް ޖައްސާލައިގެން ހުރިއިރު ވިއްސަކަށް އަހަރުގެ ކުއްޖެކޭ ތަފާތެއްނެތެވެ. ކާދިން ހޮޓަލުގައި ހުއްޓާ ތަންކޮޅެއް ދުރުގައި ހުރި މިސްކިތަކުން ބަންގިދޭ އަޑު ކަންފަތުގައި ޖެހުމާއެކު ރޫހަށް ފިނިކަމެއް ލިބުނެވެ.މިއުޒިކުން ބޮލަށް އުދަގޫވީއިރު ތައުހީދުގެ ކަލިމައިން ހިތަށް އަސަރުކުރިއެވެ.

އޭނަ އެއަޑުއައި ދިމާ ފާހަގަކޮށްގެން ގޮސް ވަދެވުނީ ހިތްގައިމު މިސްކިތަކަށެވެ. އެއްވެސް މީހަކަށް އޭނައަކީ ކާކުކަން ނޭގޭފަދަ ތަނަކަށް އާދެވުމުން ހިނިތުންވެލެވުނެވެ. އޭނަ މިސްކިތަކަށް ނުވަންނަތާ ކޮން ޒަމާނެއްހެއްޔެވެ؟ ﷲ ތައާލާ އޭނަދެކެ ކޯފާވެވޮޑިގަންނަވާނެ ހެއްޔެވެ؟ އޭނައަށް އުޅެވެނީ ޔަގީނުންވެސް އެންމެ ރަގަޅަކަށް ނޫނެވެ. ދިނަށްވެސް އުޅެވެނީއެއް ނޫނެވެ. ނަމާދުކުރަން ރަގަޅަކަށް ނޭގެއެވެ. ނަމެއްގައި މުސްލިމެކެވެ. ތަފާތު ޚިޔާލުތައް ސިކުނޑިއަށް ވަނަސް ފިޔަވަޅުތައް އެޅުނީ ކުރިއަށެވެ. ވިސްނައިލެވުނުއިރު ހުރެވުނީ އެންމެ ފަހަތު ސަފުގައި އެންމެންނާއެކު ހަރަމް ބަދެލައިގެންނެވެ. ސަޖިދައަށް ތިރިވިގޮތަށް ފިނި ތަޅުމުގައި ނިތްކުރި ޖައްސައިލެވުމާއެކު ކޮންޓްރޯލެއްނެތި ކަރުނަ ފައިބަންފެށީއެވެ. ހިމޭންކަރުނައެއްނޫނެވެ. ހަލާކުވެފައިވާ ހިތެއްގެ އެތިކޮޅުތަކެވެ.

"އައި ކިލްޑް ސަމްވަން..އެކްސިޑެންޓެއްވިޔަސް...އައި ވޯޒް އެރަގަންޓް..އެހާ ފަރުވާކުޑަ.....ދެއްކުންތެރި.."

ނަމާދުން ނިމުމުން ކައިރީގައި އިން މުސްކުޅި މީހަކު އޭނަގެ ކޮނޑުގައި ފިރުމައިލިއެވެ. ހީވަނީ ޖަރުމަނު މީހެއް ހެންނެވެ. އިނގިރޭސިން ވާހަކަދެއްކިއިރު ކޮށިކަމެއް ހުއްޓެވެ.

"ސަން...ﷲ ޓެސްޓްސް ދަ ހާޓްސް ހީ ވޯންޓްސް ކްލޯޒް ޓު ހިމް...."

އޭނައަށް އެބުނާ ގާތްގުޅުމެއް އެފަރާތާއި އޮންނާނީ ކިހިނެއްހެއްޔެވެ؟ އޭނައަށް އިހުސާސްވަނީ ދުރުކަމެވެ. ފާފައިގެ ކަނޑަކަށް ގެނބެމުންދާކަމެވެ. އިތުރު އެއްޗެއް އަހަން އުޅުމުގެ ކުރިން އެ މީހާ ދާން ތެދުވުނެވެ.

***

ކާދިން ފޯނު ހުޅުވާލައގެން އޮވެ ވީޑިއޯއަކަށްފަހު ވީޑިއޯއެއް ބަލަމުން ދިޔައެވެ. އޭނަގެ ރޫހު ގެއްލިގެން އުޅޭ އެއްޗެއް ހޯދަން ކަރު ހިއްކައިގެންފައިވާ ފަދައެވެ. ހޯދެނީ މުޅިންވެސް ދީނީ އެއްޗެއްސެވެ. އޭނައަށް ހުޅުވައިލެވުނު ވީޑިއޯއަކުން އީސާއީއަކު މުސްލިކަމާއި ސުވާލުކޮށްލީ ނަމާދާއި ބެހޭގޮތުންނެވެ. ފަސްވަގުތު ކޮންމެހެން ނަމާދުކުރަން ޖެހުމުގެ މަގުސަދާއިގެން ބެހޭގޮތުންނެވެ. އިލްމުވެރިޔާ ދެންނެވީ ހަށިގަނޑަށް ތިންއިރު ނޫނީ ހަތަރުއިރު ކެއުމާއި ފެން ބޭނުންވާފަދައިން ރޫހަށް ތާޒާކަމާއި ދިރުން ލިބެނީ ނަމާދުންކަމަށެވެ. އެއީ ރޫހާނީ ގުޅުން ވަރުގަދަކޮށްދޭ ކަމެކެވެ. ރޫހާނީ ބެޓެރި ޗާޖްކުރަން ޖެހޭނެއެވެ. އޭރުން އަބަދުވެސް ހެއްދެވި ފަރާތް ވާ ކަމާއި، ﷲގެ އަމުރުފުޅުތަކާއި. ދުނިޔެއަށް އައި މަގުސަދު ހަނދާންވާނެއެވެ.

ކާދިންއަށްވެސް އެއީ ތެދެއްކަން އަމިއްލަ އަށް ތަޖުރިބާކުރެވުނެވެ. ނަމާދުން ހިތްހަމަޖެހުމާއި އުފާވެރިކަން ލިބުނެވެ.

ޖަރުމަނުގައި މިސްކިތަށްދާނެ ފުރުސަތެއް ނުލިބުނީ ރޭލުގައި އެކި ތަންތަނަށް މަންމައާއެކު ދަތުރުކުރަން ޖެހުމުންނެވެ. އެކަމާއި ހިތާމަކުރިއެވެ. މިސްކިތަކީ ދުނިޔޭގައިވާ އެންމެ އަމާން ހިތްހަމަޖެހޭ މަކާނެވެ. ޖަރުމަނުން އިނގިރޭސިވިލާތަށްގޮސް އެތަނުގައިވެސް މަންމަގެ އާރުކާޓީއެއްފަދައިން އުޅެން ޖެހުނެވެ. ބާޒާރުކުރަން ދިޔަސް އޭނަޖެހެނީ މަންމައާއެކު ހުރުމަށެވެ. ފިނިގަދަ ލަންޑަނުގައި ޖެކެޓްލައިގެން ހުންނައިރުވެސް ތުރުތުރުލާވާރުވެއެވެ. އެއްގޮތަކަށްވެސް ޔޫރަޕްގެ މިނިވަން ޖައްވަށް ހިތް ދެވޭގޮތެއްނުވިއެވެ.

މަންމައާއެކު ހޮޓަލަށް އައި މަގުމަތީގައި ބުރުގާ އަޅައިގެން ތިބި އިނގިރޭސިކުރިންކޮޅެއް ފެނުނެވެ. އޭނަގެ ސިކުނޑިއަށް އެ މަންޒަރު ނެގުނެވެ. މަންމައާއި އެކުދިން ހެދުން އަޅާފައިވާ ގޮތާއި އަޅާ ކިޔުނެވެ. ބުރުގާއެޅުމުން މާތް ވައްތަރުޖަހައެވެ. މުސްލިމްކުދިންކަން ދައްކުވައިދޭ ރަމްޒަކަށް ނިވާކުރުން ފެނުނެވެ. އޭނަގެ މަންމައާއި މި ފެންނަ އިނގިރޭސިންނާއި ތަފާތެއް ނެތެވެ.

"މަންމަ ބުރުގާ ނާޅަނީ ކީއްވެތަ؟މުސްލިމުން ވަކިކުރަން އެނގޭނީ ބުރުގާ އެޅީމަ.."

"ބުރުގާ އަޅާކަށް ދީނަކު ނެތް.......އެއީ ސައުދީ ޓްރެޑިޝަންއެއް. މީހުން އެ ފޮލޯކުރަނީ......"

"އެހެންތަ؟" ގުރުއަނުގެ ހުކުމްފުޅުއޮތް ގޮތެއް މެހެރްއާއި ކާދިންއަށްވެސް ނޭގެއެވެ.

"އާނ....މާލޭގައި އުޅޭ ވައްހާބީންގެ ފަތުވާ އަޑު އަހައިގެން ދަރިފުޅު މި ހަރުކަށި ފިކުރު މީހަކަށް ނުވާތި. އެ ބޯ ގޯސް ވާހަކަ އެހުންނަނީ. މަންމަމެން މިއުޅެނީ ހަމަ މޮޑެރޭޓްކޮށް....ދީނަކު ނޯވޭ ހައްދުފަހަނަޅާ ދާކަށް..."

ކާދިން ހިމޭންވިއެވެ.

***

ކާދިން ޔޫރަޕުން އެނބުރި އައުމާއެކު މާޒީގެ ހިޔަނިތައް ރުޖޫއަވެއްޖެއެވެ. ހޭކަނޑާލާފައި ދުއްވާ މީހުން މަދުން ނަމަވެސް ފެނެއެވެ. އެފަދަ އުޅަދެއް ފެނިއްޖެއްޔާ ހިތް ފިނިވާގޮތްވެއެވެ. އެކްސިޑެންޓްތައް މަދުކުރެވޭނީ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައިގެންނެވެ.

އޭނަ ރޭގަނޑު ކެއުމަށްފަހު ލެޕް ހިފައިގެންގޮސް ޖައްސައިލީ ބެލްކަނީގައެވެ. ކޮފީ މޭޒުމަތީގައި ހުރި އާވި އަރާ ކޮފީތަށިން އެތިފޮދެއް ބޯލުމުން ސިކުނޑިއަށް ވެރިވެފައިވާ ވާންކަން ކެނޑުނެވެ. އޭނަ ފޭސްބުކަށް ވަނީ އެތައް ޒަމާނަކަށްފަހުގައެވެ. ފޭސްބުކް ޑީއެކްޓިވޭޓްކުރުމުގެ ނިޔަތުގައެވެ. މުުރުޝިދާގެ ފޮޓޯއެއް ފެނުމާއެކު ތިރީގައިވާ ލިޔުންކޮޅަށް ބަލައިލެވުނެވެ. ހީވާގޮތުން މުރުޝިދާގެ ދަރިއެއްގެ ވަދާއީ މެސެޖެކެވެ.

އެ މެސެޖް ކިޔާފައި އޭނަގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. ސްކްރީނަށް ބަލަހައްޓައިގެން އެތައް އިރެއްވާންދެން އިނދެވުނެވެ. އޭނަގެ ސަބަބުން މުރުޝިދާ ނިޔާވީއެއް ނޫނެވެ. އާއިލާއެއްވެސް ރޫޅާލެވުނީއެވެ. ކުދިންތަކެއްގެ ދިރިއުޅުން ބަރުބާދުކޮށްލެވުނީއެވެ.

އޭނަ އެ މެސެޖް ކޮޕީކޮށްލުމަށްފަހު ފޯނުގައި ރައްކާކޮށްލިއެވެ. އެރޭގެ ނިދި ޚަރާބުވިއެވެ. ދޭތެރެއަކުން ހޭލެވިގެން ކޮފީއެއްގައެވެ.

އެގެއަށް ގޮސް އެކުދިން ގާތުން މާފަށް އެދެންވީއެވެ.

***

އާދައިގެ ކުޑަ ކުޑަ އެޕާޓްމެންޓްގެ ކޮޓަރިއެކެވެ. ހިމޭންވެފައި ދިރުމެއްނެތެވެ. ފަޅު ފުއްޓަރެއްފަދައެވެ. އިވޭ ހަމައެކަނި އަޑަކީ އޭގެ ވާޖިބު އަދާކުރުމުގައި ބުރު ޖަހަމުން ދިޔަ ފަންކާގެ އަޑެވެ. ބޮލާއެކު ރަޖާ އަޅައިގެން، ބުޅި އިސްތަށިގަނޑު ބާލީސްމަތީ ފަތުރާލައިގެން އޮތް އަންހެންކުއްޖާ ދޭތެރެއަކުން މަޑުމަޑުން ފައިން އެނދުގައި ޖަހައިލަނީ ކޮންމެވެސް އުދަގޫތަކެއްވެގެންނެވެ.

"ކޮންމެވެސް މީހަކު ނޮކް އެބަކުރޭ........ހުޅުވަންވީތަ؟"ކާ މޭޒުދޮށުގައި ރޮށްޓާއި ރިހާކުރު ޖަހައިގެން ކާން އިން ކުޑަ ފިރިހެންކުއްޖަކު ގޮވައިލިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު