"އަނެއް ރަމަޟާން މަސް އަންނައިރު ތިބާ ދިރިދުނިޔޭގައި ހުންނާނެކަން ނޫނީ އޮންނާނީ ބިމުގެ އަޑީގައިކަން އެކަކަށްވެސް އެނގުމެއްނެތެވެ. ވިދާލި ވިދުވަރެއްހެން ރަމަޟާމަސް ފާއިތުވެގެންދާހާ އަވަހަށް ތިބާގެ ދިރިއުޅުންވެސް ވޭތުވެގެން ހިނގައިދާނެއެވެ. އަޅުވެރިންނާއި ނުބައިމީހުންވެސް ފަހުން ހިތާމަކުރާނެއެވެ. އަޅުވެރިން ހިތާމަކުރާނީ އަޅުކަން ކުރެވުނުލެއް މަދުވެގެންނެވެ. ނުބައިމީހުން ހިތާމަކުރާނީ މަރުވުމުގެ ކުރިން ﷲގެ ހަޟުރަތަށް ރުޖޫއަ ނުވެވުނުކަމަށްޓަކައެވެ. ދެބަިއ މީހުންވެސް ތައުބާވެ އަވަހަށް އަޅުކަމަށް އަވަސްވެގަންނާށެވެ."< ޝޭޚު އަހްމަދު މޫސާ ޖިބްރީލް>
***
"މިއީ އަންހެންކުއްޖެއް...އެޕެންޑިސައިޓިސް ކަމަށް ޝައްކުކުރެވިގެން އެޑްމިޓްކޮށްފައިއޮތީ...ތަންކޮޅެއް ޑިފިކަލްޓް......"ނަރސްކުއްޖަކު ބުނެލިއެވެ.
"ޑިފިކަލްޓްއޭ ތިބުނީ؟"
"ސުވާލުތައް ގިނަކަމުން..."
އެއާއެކު އޭނަގެ ލޮލުގައި އަޅައިގަތް ނަމާއެކު ހިތް އޮބިނޯވެ ތެޅިގަތެވެ. ވަގުތުން އަތްތިލަ ފިނިވާގޮތްވިއެވެ.
ހަޔާގެ ނަން ފެނުމާއެކު އަވަހަށް ސިސްޓަމުން ބަލައިލީ ފޮޓޯއިން ޔަގީންކުރުމަށެވެ. ހަޔާގެ ދެލޯ ތަފާތެވެ. އޭނަގެ ހަތަރެސްފައި ފިނިކުރުވާ ދެލޮލެވެ.ފޮޓޯ ފެނުމުންވެސް ލޯ ވަކިކޮށްލަން އުދަގޫވިއެވެ. ލޮލަކީ ފުރާނައަށް ހުޅުވިފައިވާ ދޮރެއްކަމުގައި ބުނެވެއެވެ. ލޮލަށް ބަލައިގެން އެމީހެއްގެ ވިސްނުމާއި އިހުސާސްވެސް ދެނެގަނެވިދާނެއެވެ. މިނާހްއަށް އެލޮލުން ފެންނަނީ ހިތުގެ ސާފުކަމާއި ރީތިކަމެވެ. ހިތްހެޔޮކަމާއި ވިސްނުންތެރިކަމެވެ. އަދި ނޯޓުގައި ލިޔެފައިވާ "ކާމް" އެލަފުޒު ހަޔާ ސިފަކޮށްދޭން ހަމަ އެންމެ އެކަށީގެންވެއެވެ.
މިނާހް އެކޮޓަރިއަށް ވަންނަން ޓަކިދިންއިރު އޭނަގެ ދޮންބެ ގެ "ރަތް އިންޒާރު"އާއިމެދު ޖެހިލުންވިއެވެ. އައިކޮޅަށް އަނބުރައިލަން އުޅުމާއިއެކު ހިތް ހަޅުތާލުކުރިއެވެ. ހިތް އެންގީ އެންމެ ފަހަރަކުވެސް ހަޔާ ދެކެލުމަށެވެ. އޭނަ މިތަނަށް އައީ ޑޮކްޓަރެއްގެ ހައިސިއްޔަތުންނެވެ. އަޔާޝްއަށް އޭނަގެ ވާޖިބު އަދާކުރަން ހުރަހެއް ނޭޅޭނެއެވެ. މިއީ އޭނަގެ ވާޖިބެކެވެ.
ކޮޓަރީގެ އަލި މަޑެވެ. ކުޑަދޮރަށް ވިއްސަމުން ދިޔަ ވާާރޭ ތިކިން ބިއްލޫރިތަކުގައި ރީތި ޑިޒައިންއެއް އަޅުވަމުން ދިޔައެވެ. ހަޔާ ގެ އެނދުމަތީގައި ޑިޖިޓަލް ތަސްބީހައަކާއި ދީނީ ފޮތެއް އޮތްއިރު ފޯނުން ގުރުއާން ޖައްސާފައެވެ. ގައިމަތީ ނޫކުލައިގެ ރަޖާއެއް އަޅައިގެން އޮތްއިރު ފެންނަނީ ހަޔާގެ މޫނުން ތަންކޮޅެކެވެ.
ހަޔާ ކުޑަކޮށް ހައިރާންވެފައި މިނާހްގެ މޫނަށް ބަލައިލިއެވެ. ނަޒަރު ބައްދަލުވުމާއެކު ދެވަނަ ސިކުންތުކޮޅުގައި ރަކި ހިންޏަކާއެކު އަވަަސްއަވަހަށް ސީލިންއަށް ނަޒަރު ހުއްޓައިލިއެވެ.
"ހައި ޑޮކްޓަރ ހަޔާ..ކިހިނެއް ހާލު؟ އަނެއްކާ މި ދިމާވީ ދޯ..."
ހަޔާ ކުޑަކޮށް ނިތް އަރުވައިލިއެވެ.
"ހާލު ރަގަޅު.."
"ދެރައީ ހަޔާ މިތަނުން ފެންނަން ބޭނުންނުވާތީ...މިބުނީ...ޕޭޝަންޓެއްގެ ގޮތުގައި...."
ހަޔާ ހިނިތުންވެލިއެވެ. އޭނަ ދެން ބުނަންވީ ކީކޭހެއްޔެވެ؟މިއީ އަޔާޝްގެ ކޮއްކޮކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ. އަޔާޝްގެ އިންޒާރުގެ ބަސްތައް ކަންފަތުގައި ގުގުމައިލިއެވެ. އެއްއިރެއްގައި އަޔާޝްގެ ހައްގަކަށް ވާން އުޅެފައި އެބާބަށް ކުއްލި "ޓްވިސްޓް"އެއް އައީއެވެ. އަދި އަޔާޝްގެ ކޮއްކޮ އޭނަގެ ދިރިއުޅުމަށް ގެނައީ އަނެއްކާ ޑްރާމާ ހޫނުވާން ކަމަށްވެސް ވެދާނެއެވެ.
"މިއައީ ކުޑަ އެއްޗެއް އަހައިލަންވެގެން.." އޭނަ މާސްކު އަޅައިގެން ހުންނާތީ އަދިވެސް ހަޔާއަކަށް އޭނަގެ މޫނު ފެނިފައެއްނުވެއެވެ. ހިނިތުންވެލާކަން އެނގެނީވެސް ލޮލުންނެވެ. އެކަމަަކު ޔަގީންވަނީ އަޔާޝްފަދަ ރީތި މީހެއްކަމެވެ. ލޮލުގެ ތޫނުކަން އާދަޔާ ޚިލާފެވެ. އަންހެންކުއްޖަކު އެންމެ އަޅައިގަންނާނެ ފަދަ ލޮލެއް ދެއްވާފައިވެއެވެ.
"ކީއްވެ ވެކްސިން ނުޖަހަން އުޅެނީ؟"
"އެއްވެސް މީހަކަށް އޭގެ ހުރި ފައިދާއަކާއި ގެއްލުމެއް ހިތްހަމަޖެހޭ ފެންވަރަށް ބުނެނުދެވޭތީ....."
"ތިބުނީ؟"
"އެންމެން ބުނަނީ ވެކްސިން ރައްކާތެރިއޭ...އެކަމަކު ކިހާވަރަކަށް ރައްކާތެރިހެއްޔޭ ނޫނީ ރައްކާތެރި ނުވެއްޖެއްޔާ ކިހިނެއްހެއްޔޭ ވާނީ ބުނާއިރަށް ރާގު ބަދަލުވެ އެމީހުން އިތުރު އެއްޗެއް އަހާކަށް ބޭނުމެއްނުވޭ...ރުޅި ގަދަވަނީ...މަޖުބޫރުކުރާ ފާޑަކަށް..."
ހަޔާ ނިތްކުރީގައި އަތް ޖައްސައިލަން އަތްތިލަ ހިއްލައިލިއެވެ. އަތުގައި އެއްވެސް ކަހަލަ ގަހަނާއެއްނެތެވެ. ހިމަ ހޯލި އިނގިލިތަކެވެ.
"ބޭސްވެރިކަމާއި ވެކްސިންއާއި ދެކޮޅުވަނީއެއްނޫން...ސައިންސްއަށްވީމަ ބްލައިންޑް ފެއިތް ގަބޫލެއްނުކުރެވޭ..އެހެން ގަބޫލުކުރާނީ ކަލަކު ވޮޑިގެންވާކަން...އިންސާނާއަށް ސިކުނޑިދެއްވީ ކަމަކު ދޯ...މި ވެކްސިންއާއިމެދު ޝައްކުތަކެއް ކުރެވޭ...."
"ހަޔާ ބޭސް ގުޅައެއް ކެޔަސް އިންޖެކްޝަނެއް ޖެހިޔަސް އެމީހެއްގެ ހައްގެއް އެކަމާއި ދެކޮޅުހެދުން ނޫނީ އެއްބަސްވުން..."
"އެހެން މީހުންވެސް ތިހެން ބުނާނެނަމަ.."ހަޔާ އޮތީ ހަތަރުކަޅި ހަމަނުކުރަން ހުވާކޮށްގެން ކަން ނޭގެއެވެ.
"އެމީހުންނަށް ނުވިސްނެނީ.."
ވަރަށް ސިންސިއާގޮތަކަށް ވާހަކަ ތިހިރީ..."
"ހޫމް..ވަރަށް ޓްރައިކުރަން..ޕޭޝަންޓުންނަށްވެސް އަމިއްލައަށް ގޮތް ނިންމުމުގެ ހައްގު އޮންނަންޖެހޭ."
"ޢަދި އަނެއްހެން ނުނިންމަން.....މަޖުބޫރުކުރަންޏާ ވެކްސިން ޖަހަންވެސް ޖެހިދާނެ...އިސްތިޚާރާ ކޮށްފައި ހަޔާތުގެ ހުރިހާކަމެއް ކުރިއަށް ގެންދާން ބޭނުމީ........."ހަޔާ ހިނިތުންވެލިއެވެ.
"އިސްތިޚާރާއަކީ ކޮބާ؟" އޭނަ އެހިއެވެ.
***
ހަވީރު ހަޔާގެ ހާލަތު ތަންކޮޅެއް ގޯސްވިއެވެ. ސީޓީސްކޭނެއް ހަދަން ޑޮކްޓަރ އިރުޝާދުދިނެވެ. ކެއްސަންފެށި ސަބަބެއްވެސް ނޭގެއެވެ. މާ ބޮޑަށް ފިނިވަނީކަމަށް ވެދާނެއެވެ. އޭނައަކީ ފިންޏަށް ބަލިކުއްޖެކެވެ. އޭސީ ސައުވީހަށް ލާފައި ހުރުމުން އުދަގޫވިޔަސް އޭނަ ޝަކުވާނުކޮށް އޮތީއެވެ.
ހަޔާ ހޮސްޕިޓަލުގެ އެކި އަޑުތަކަށް ކަންފަތް ދީގެން އޮތަސް މަޑުމަޑުން ޒިކުރުކުރަމުން ދިޔައީ އަތުގައި އޮތް ޑިޒިޓަލް ތަސްބީހައިގެ އެހީތެރިކަންވެސް ހޯދަމުންނެވެ. އިރުކޮޅެއްފަހުން އައިޕީޑީ ޑޮކްޓަރެއް ހިފައިގެން އައި ޚަބަރަކުން ސިހޭގޮތްވިއެވެ. ސާޖަރީއެއް ހަދަން ޑޮކްޓަރ ނިންމެވީއެވެ. ހަޔާ ގޮތްހުސްވުމުގެ ބަދަލުގައި ދުޢާކުރިއެވެ. އިސްތިޚާރާ ނަމާދެއްކޮށްލުމަށްފަހު ހޭލާ އޮތިއްޔާ ދުޢާކުރުމާއި ޝިފާގެ އާޔަތްތައް ކިޔަވައިގެން އަމިއްލަ ނަފުސަށް ރުގުޔާކުރަމުން ދިޔައީ ވަރުގަދަ ޔަގީންކަމާއެކުގައެވެ.
މިނާހް ކޮޓަރިއަށްވަނީ ހޫނު ފެންތަށްޓެއް ގެނެސްދިނެވެ." ފަހަރެއްގައި މިކަހަލަ އެއްޗެއް ބޭނުންވެދާނެތީ ގެނައީ..ކަރުތެރެއަށް ފަސޭހަވާނެ......"
"ތެންކިއު..."ހަޔާ ޖަވާބުދިނީ ހިމޭން ކޯރެއްފަދައިންނެވެ.
މިނާހްގެ މި ގާތްކަން އޭނައަށް އުދަގޫއެބަކުރުވައެވެ. މިނާހްއަށް އޭނައާއި އަޔާޝްގެ ގުޅުން އެނގޭނަމަ މިހާ ގާތްކޮށް ވާހަކަދައްކަން ކެރިދާނެކަމާއިމެދު ޝައްކެވެ. ނަމަވެސް މާޒީގައި ވަޅުލާފައިވާ ސިއްރެއް އަލުން ކޮނުމުގެ މާނައެއް އެބައޮތްހެއްޔެވެ؟
"އަނެއްކާވެސް ސުވާލުތަކެއް ކޮށްލަން އެބަޖެހޭ..ކޮންސެންޓާއިބެހޭގޮތުން..."
"އަނެއްކާވެސް އެންމެން އަހަރެން ލައްވާ ސޮއިކުރުވަން އެއުޅޭ ފޯމުގެ ވާހަކަ ދޯ....."
އޭނަ ހަޔާއާއި ވާހަކަދައްކާނެގޮތް ޑްރާމާގެ ޑައިލޮގްތައްފަދައިން ހިތުދަސްކޮށްގެން ހުއްޓަސް ކޮންމެވެސް ވަރަކަށް އުދަގޫވިއެވެ."އާ..އެކަމަކު މިފަހަރު ރަގަޅަށް އެކްސްޕްލެއިންކޮށްދޭން މިއުޅެނީ..މިތަނުގެ އުސޫލުގައިވާގޮތުން.."
"ރަގަޅަށް އެކްސްޕްލައިން؟"ހަޔާ ހީލިއެވެ.
"އެންމެން ކިޔައިދެނީ ވެކްސިންގެ ސައިޑްއިފެކްޓްސް ދިރުވާލާފައި ދޯ...ޑޮކްޓަރުން ބޭހުގެ ނުބައި ބައި ކިޔާދީފިއްޔާ ޑޮކްޓަރަށް ދައްކަން އަންނާނެ މީހެއް ނުވާނެކަން ހަޔާއަށްވެސް އެނގޭދޯ..."އޭނަގެ އަޑުގައި ސަމާސާގޮތެއް ހުއްޓެވެ. "ވައިރޯނެކްސް ކިއު ވެކްސިން ތައްޔާކުރީ އަވަސް އަރުވާލައިގެން...ޔެސް..އިމަޖެންސީ ބޭނުމަށްޓަކާ...އެކަމަކު އަނެއްހެން ބަލަންޏާ ސޭފް..އެކަމަކު އެތައްބަޔަކު ރިޕޯޓްކޮށްފައިވޭ....ލައިކް ސިވިއާ ރިއަކްޝަން މި ޖަހައިގެން...ރެއާ އެކަމަކު މައްސަލަ ނެތެކޭ ނުބުނެވޭނެ..."
"ރެއާ...."
"ހޫމް...އެހެންވީމަ ހަޔާ ޑިޒިޝަނެއް ނެގުމުގެ ކުރިން ވަރަށް ވިސްނަންވާނެ.."
"ޑޮކްޓަރ މިނާހް މި ވެކްސިން ރައްކާތެރިކަމަށް ގަބޫލުކުރަންތަ؟"
އޭނަގެ ހިތް މަޑުޖެހިލިއެވެ. ހަޔާ އެ ސުވާލުކޮށްފާނެކަމަކަށް އޭނަ ހީނުކުރެއެވެ."އަހަރެން ސައިންސަށް އިތުބާރުކުރަން..އެކަމަކު ބައެއްފަހަރު ނަމްބަރުތަކުން ވާހަކަތައް ފޮރުވާފައިވޭ..."
"ނަމްބަރުތަކުން ވާހަކަތައް ފޮރުވާ.އެހެންވެ މިހާ ފަރުވާތެރިވެވެނީ...ފަރުވާތެރިކަމަކީ މިޒާޖުގެ ބަޔެއް..މިއީ އަންނަން ހެޔޮވާވަރުގެ ތަނެއްނޫން...ޕޭޝަންޓެއްގެ ގޮތުގައި....."
އޭނައަށް އެނގެނީ ހަޔާއާއި ދިމާލަށް ދަމާ ބާރެއް ވާކަމެވެ. ދަގަތްފާނަށް ދަގަނޑުދަމާހެންނެވެ. އަންހެންކުއްޖަކާއި ދިމާވެގެން މިފަދަ އިހުސާސެއް އަދި ނުކުރެވެއެވެ. ހަޔާއާއި ވާހަކަދައްކަން ކިތަންމެ ގިނައިރު އިނަސް ފޫއްސެއްނުވެއެވެ."ވެކްސިން"ފަދަ ފޫހި މައުޟޫއަކަށް ނަމަވެސް ހެވެވެ.
"ރިއަލީ؟ އެހެންވިއްޔާ މިތަނަށް އަންނަން ނިންމީ ކީއްވެ؟" އޭނަ އެ އަތްތިލަ ދަތްދޮޅީގައި ޖައްސާލައިގެން އިންއިރު ލޮލުގައި ވިދުމެއްވިއެވެ.
ފަހަރެއްގައި ސަބަބަކީ އޭނަކަމުގައި ވެދާނެހެއްޔެވެ؟ އެއާއެކު އަމިއްލަ ނަފުސަށް އަޑުލައިގަތެވެ. މޮޔަ ޚިޔާލު ދޫކޮށްލާށެވެ. ހަޔާއަކީ އެފަދަ ކުއްޖެއްނޫނެވެ. އޭނަދެކޭހިތުން ބޮޑު ޚަރަދެއްކޮށްފައި އަންނާނީ ދެން އެހެން ގުޅުމެއް އޮތްނަމަ ތާއެވެ.
"މިފަހަރުވެސް މި ހޮސްޕިޓަލަށް ގެނެވުނުގޮތެއް ނޭގޭ...ވަރަށް ޕެއިން ހުރެގެން ހަމަ ފެއިންޓްވާގޮތްވީ...މިތަނަށް އަންނަންވެގެނެއްނޫން އައީ. ޔޫ ނޯ ވަޓް...އެހެންމީހުންގެ ޕަޕެޓަކަށްވެ އެމީހުން ހިތަށް އެރިގޮތަކަށް އަމިއްލަ ނަފުސަށް ހެދިޔަދީގެން ނުވާނެ...."
އެ ލަފުޒުތަކުން އޭނައަށް އުދަގޫވިއެވެ. ފުރަތަމަފަހަރަށް އިހުސާސްވީ ހޮސްޕިޓަލުގެ ފާރުތައް އައިސް ވަށާ ބައްދައިލިގެންނެވެ. އިމާރާތެއް ނޫނެވެ. އެ އިމާރާތް ބަދަލުވީގޮތުންނެވެ. ސައިންސާއި ކިޔަމަންތެރިކަމާއި ފޮރުވިފައިވާ އެޖެންޑާތަކުގެ މައްޗަށް ބިނާކުރެވިފައިވާ ކިއްލާއެކެވެ.
ނުނިމޭ