ލޭ މައްޗަށް ދާ މީހުން ރޯދަ ހިފާއިރު މިކަންކަމަށް ސަމާލުވޭ!

ލޭ މައްޗަށް ދިއުމާއި ލޭގެ ޕްރެޝަރު ދަށް ނުވުމުގެ މައްސަލައަކީ ރަމަޟާން މަހު ވެސް ގިނަ ބަޔަކު ތަހައްމަލުކުރަމުން އަންނަ ކަމެއް--ފޮޓޯ/މައުންޑްއެލިޒަބެތު

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލޭ މައްޗަށްދާ ބަލީގެ އުނދަގޫ ތަހައްމަލު ކުރަމުންދާ ގިނަ އަދަދެއްގެ މުސްލިމުން އުޅެއެވެ. މީގެ ތެރެއިން ގިނަ ބަޔަކީ ބަލި ކޮންޓްރޯލް ކުރަމުން ރޯދަ ހިފަން ބޭނުންވާ މީހުންނެވެ.

އުފާވެރި ޚަބަރަކީ، އިތުރު އެހެން ނުރައްކާތެރި ބައްޔެއް ނެތް ނަމަ، ލޭ މައްޗަށްދާ މީހުން ރޯދަ ހިފުމަކީ ރައްކާތެރި ކަމެއްގެ އިތުރުން ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ލަފާ ދެއްވާފައިވާ ކަމެވެ.

އެމެރިކަން ހާޓް އެސޯސިއޭޝަންގެ ދިރާސާތަކުން ދައްކާ ގޮތުގައި، ލޭ މައްޗަށްދާ މީހުންނާއި އާއްމު މީހުންނަށް ވެސް ރޯދަ ހިފުމުގެ ސަބަބުން ސިއްހީ ފައިދާތަކެއް ކުރެއެވެ.

އެގޮތުން 24 ގަޑިއިރު ލޭގެ ޕްރެޝަރު ހުންނަ މިންވަރު ބަލައިގެން ކުރެވުނު ދިރާސާތަކުން އެނގުނު ގޮތުގައި، ގަވާއިދުން ބޭސް ބޭނުންކުރާ ނަމަ ރަމަޟާން މަހު ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓިފައި ހުރެއެވެ. އަދި ބައެއް ހާލަތްތަކުގައި ލޭގެ ޕްރެޝަރު އިތުރަށް ރަނގަޅުވާކަން ވެސް އެ ދިރާސާއިން ވަނީ ފާހަގަ ކުރެވިފައެވެ.

ރަމަޟާން މަހު ވެސް ސިއްހަތާ ރަހްމަތްތެރި ގޮތަކަށް ކެއުން ބެހެއްޓުމަށް ސަމާލުކަން ދިނުމަކީ ވަރަށް ގިނަ ބަލިތަކުން މީހާ ސަލާމަތްކޮށްދިނުމަށް އެހީތެރިވެދޭނެ ކަމެއް--ފޮޓޯ/އެންޑީޓީވީ

ނަމަވެސް، ރައްކާތެރިކަމާ އެކު ރޯދަ ހިފުމަށްޓަކައި ބޭސް ކާނެ ވަގުތުތަކާއި ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލު ގެންނަންޖެހޭ ކަމަށް އެ ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ތިރީގައި ބަޔާންކޮށްފައި މިވާ ހާލަތްތަކުގައި ރޯދަ ހިފުމަކީ އެދެވިގެންވާ ކަމެއް ނޫންކަމަށް އެމެރިކަން ހާޓް އެސޯސިއޭޝަންގެ ދިރާސާގައި ވަނީ ބަޔާންކޮށްފައެވެ.

1. ލޭގެ ޕްރެޝަރު ވަރަށް ބޮޑަށް މަތިވެފައި ހުރުން (180/120 އަށް ވުރެ މަތީގައި ހުރުން)
2. ކުއްލިއަކަށް ލޭގެ ޕްރެޝަރު މަތިވެގެން ފަރުވާ ހޯދަން ޖެހުން
3. ލޭމައްޗަށް ދިއުމުގެ ސަބަބުން ކިޑްނީގެ ބަލި، ހިތުގެ ބަލި ނުވަތަ ސްޓްރޯކެއް ފަދަ ކަމެއް ދިމާވެފައިވުން
4. ދުވާލަކު ގިނަ ފަހަރު ބޭސް ބޭނުންކުރަން ޖެހުމުގެ ސަބަބުން ރޯދަ ވަގުތަށް ބަދަލުނުކުރެވުން

ސަޢުދީ ޢަރަބިއްޔާގެ ދަހުރާންގެ ޖޯންސް ހޮޕްކިންސް އަރަމްކޯ ހެލްތުކެއާގެ ވެބް ސައިޓުގައި މި މައުޟޫއާ ގުޅޭގޮތުން ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބަޔާންކޮށްފައިވާ ގޮތުގައި ލޭ މައްޗަށްދާ ހާލަތްތަކުގައި ރޯދަ ހިފުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.

ލޭގެ ޕްރެޝަރު މަތިވާ ކަމުގެ އަލާމާތެއް ފެންނަން ފެށުމާ އެކު ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވާ--ފޮޓޯ/ގޫގްލް

ހަމައެއާއެކު ރަމަޟާން މަހު ބޭސް ކާނެ ވަގުތުތަކާއި ރޯދަ ވީއްލާ ވަގުތާއި ހާރު ވަގުތަށް ބަދަލު ގެނެސް ޑޮކްޓަރުންގެ ލަފާގެ މަތިން އެކަން ކަމަށް އަމަލުކުރުން ވަރަށް މުހިއްމު ކަމަށް މި ލިޔުމުގައި ބަޔާންކޮށްފައިވެއެވެ.

ރޯދަ މަހު ކެއުމަށާއި ނިދުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލޭގެ ޕްރެޝަރަށް އަންނަ ބަދަލުތައް ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން އެންމެ ރަނގަޅީ ހާރުކެއުމުގެ ކުރިންނާއި ރޯދަ ވީއްލުމަށްފަހު ޕްރެޝަރު ބެލުމެވެ.

ބޯ އެނބުރުން ނުވަތަ ބޮލުގައި ރިއްސުން ފަދަ ކަމެއް ދިމާވެ މާ ހާލު ދެރަވާހެން ހީވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެ ހެލްތުކެއާއިން ނެރުނު ލިޔުމުގައި ވަނީ އިރުޝާދު ދީފައެވެ.

ރޯދަ ވީއްލާ ވަގުތުން ފެށިގެން ހާރު ވަގުތާ ހަމައަށް ކާބޯތަކެތި ބޭނުންކުރާ ގޮތުން ލޭގެ ޕްރެޝަރަށް ވަރަށް ބޮޑު އަސަރެއް ކުރާއިރު އެކަމަށް ހައްލެއް ހޯދުމަށް ކެއުމަށް ޚާއްސަ ސަމާލުކަމެއް ދިނުން މުހިއްމެވެ.

އެގޮތުން އަސާރަ، ފަދަ ދަޅުގައި ބަންދުކުރި ކާނާ އަދި އިތުރަށް ލޮނު އެޅި ކާނާއާ ދުރުހެލިވުމަށް މަސައްކަތް ކުރާށެވެ. ލޮނުގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވެ، ކަރުހިއްކުން އިތުރުވުމަށް މަގުފަހިކޮށްދެއެވެ.

މީގެއިތުރުންވެސް ސަމާލުކަން ދެވިދާނެ މުހިއްމު ކަންކަމުގެތެރޭ ޕޮޓޭސިއަމް ގިނަ ކާނާ ، މިސާލަކަށް ދޮންކެޔޮ، ކަދުރު، އޮރެންޖް އަދި ފަތްޕިލާވެލި ބޭނުންކުރުން އިތުރު ކުރެވިދާނެއެވެ. ހަމައެއާއެކު ތެލުލި ކާނާ، ފޮނި ކެއުންތައް އަދި ކެފެއިން ހުންނަ ބުއިންތައް މަދު ކުރުމަކީ ވެސް ކުރެވިދާނެ ކަންކަމެވެ.

ރޯދަ ވީއްލުމަށްފަހު ގިނައިން ފެން ބޯން އާދަ ކުރުމަކީ ވެސް ލޭގެ ޕްރެޝަރު މަތިވުމުން ރައްކާތެރިކަން ހޯދުމަށް ކުރެވިދާނެ ކަމެކެވެ.
ދެން އެންމެ ބޮޑު ސަމާލުކަމެއްދޭންޖެހޭ ކަމަކީ ރަމަޟާން މަހުވެސް މާ ބުރަ ނޫން ކަސްރަތެއް ކުރިއަށް ގެންދަން ނިންމުމެވެ.

މިސާލަކަށް ތަރާވީޙް ނަމާދުކޮށްލުން ނުވަތަ ރޯދަ ވީއްލުމަށްފަހު ގަޑިއެއް ނުވަތަ ދެ ގަޑިއިރު ފަހުން ތަންކޮޅެއް ލުއި ކަސްރަތެއް ކޮށްލަން އާދަ ކުރުމަކީ ވެސް ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފަހައްޓަން އެހީތެރިވެދޭ ކަމެއް ކަމަށް ދަހުރާންގެ ޖޯންސް ހޮޕްކިންސް އަރަމްކޯ ހެލްތުކެއާއިން ނެރުނު ލިޔުމުގައި ވަނީ ބަޔާންކޮށްފައެވެ.

comment ކޮމެންޓް