ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރަށް ވަރުގަދަ ރެއާލް މެޑްރިޑާއި ޕީއެސްޖީ ދަތުރުކޮށްފިއެވެ.
ރެއާލް މެޑްރިޑުގެ އަމިއްލަ ދަނޑުގައި ބެންފިކާއާ ދެކޮޅަށް ކުޅުނު ދެވަނަ ލެގުގެ މެޗު ރެއާލުން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
މީގެއިތުރުން ޕީއެސްޖީން ގަދަ 16 ބުރަށް ދަތުރުކޮށްފައިވަނީ މޮނާކޯއާ ދެކޮޅަށް ކުޅުނު ދެވަނަ ލެގު 2-2 އިން އެއްވަރުކޮށް، އެގްރިގޭޓު 5-4 ގެ ނަތީޖާއަކުންނެވެ.
ރެއާލް މެޑްރިޑުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ދެވަނަ ލެގުގެ މެޗުގައި ފުރަތަމަ ލަނޑުޖެހީ ބެންފިކާއިންނެވެ. މެޗުގެ 14 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރަފާ ސިލްވާއެވެ. އޭގެ ދެ މިނެޓުފަހުން ރެއާލުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.
ނަތީޖާ ހަމަހަމަކުރި ލަނޑު ކާމިޔާބުކޮށްފައިވަނީ އައުރެލިއަން ޗުއަމެނީއެވެ. އޭނާ މި ލަނޑުޖެހީ ފެޑެރިކޯ ވަލްވާޑޭ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
މެޗުން ރެއާލް މެޑްރިޑު މޮޅުވި ލަނޑު ފެނިގެންދިޔައީ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނެޓަށްވެފައި ވަނިކޮށެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލެގުންވެސް އެޓީމު މޮޅުކޮށްދިން ލަނޑު ޖެހި ވިނީޝިއުސް ޖޫނިއާއެވެ.

ޕީއެސްޖީއާ މޮނާކޯ ކުޅުނު މެޗުގެ ތެރެއިން--
ޕީއެސްޖީގެ ދަނޑުގައި މޮނާކޯ އަތުން އެއްވަރުވި މެޗުގައި ފުރަތަމަ ލަނޑުޖެހީ މޮނާކޯއިންނެވެ. މެޗުގެ 45 ވަނަ މިނެޓުގައި މި ލަނޑު މެގްނެސް އަކްލިއޫޗޭ ކާމިޔާބުކުރިއިރު، ކަލީދޫ ކުލިބާލީއަށް ތިން މިނެޓުތެރޭ ދެ ރީނދޫ ކާޑާއެކު ދެއްކި ރަތްކާޑުގެ ސަބަބުން ދަނޑުން ބޭރުކުރިއެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދަނިކޮށް އޭގެ ފައިދާ ލިބުނީ ޕީއެސްޖީއަށެވެ. މާކީނިއޯސްގެ ލަނޑުން ޕީއެސްޖީ އެއްވަަރުކޮށްފައިވާއިރު، ދެވަނަ ލަނޑޫ ޖެހީ ކްވިޗާ ކްވަރަޝްކޭލިއާއެވެ. އޭފެފަހުން މޮނާކޯގެ ދެވަނަ ލަނޑު ޖެހީ ޖޯޑަން ޓެޒޭއެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.