ވީޑިއޯއަށް ލިބޭ ކޮންމެ ލައިކަކަށް "ސްކިޕް ޖަމްޕް" ކުރާނެކަމަށް ބުނުމުން ބޮޑު ސަމާލުކަމެއް

ބަރުދަން ލުއިކުރުމަށްޓަކައި ސޯޝަލް މީޑިއާގައި ވީޑިއޯއަށް ލިބޭ ކޮންމެ "ލައިކް" އަކަށް އެއްފަހަރު ސްކިޕް ޖަމްޕް (ވަލެއްގެ ދެކޮޅުގައި ހިފައިގެން ފުމެއް) ވައުދުވި ޗައިނާގެ ހަތް އަހަރުގެ ކުޑަކުއްޖަކަށް އިންޓަނެޓްގައި ހީނުކުރާފަދަ ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

"ޓޭންގްޑޫ"ގެ ނަމުން މަޝްހޫރުވެފައިވާ މި ކުއްޖާއަށް އަދި އުމުރުން އެންމެ ހަތް އަހަރު ނަމަވެސް، އޭނާގެ އިސްކޮޅާ އަޅާބަލާއިރު ބަރުދަން އިތުރެވެ. އިސްކޮޅުގައި 1.32 މީޓަރު ހުރިއިރު ބަރުދަނުގައި 45 ކިލޯ ހުރުމުން، އޭނާގެ ބައްޕަ ބޭނުންވީ ކުޅިވަރުގެ ތެރެއިން ދަރިފުޅުގެ ސިއްހަތު ރަނގަޅުކޮށް ބަރުދަން ލުއިކުރުމަށް ހިތްވަރު ދިނުމަށެވެ. މިގޮތުން ބައްޕަ ހުށަހެޅީ ސޯޝަލް މީޑިއާގައި ހިއްސާކުރާ ވީޑިއޯއަށް ލިބޭ ތަރުހީބާ އެއްވަރަށް ކަސްރަތު ކުރުމަށެވެ.

ސޯޝަލް މީޑިއާގައި ލިބުނު ބޮޑު ތަރުހީބު

މި ޗެލެންޖު ފެށުމުގެ ގޮތުން ދޫކޮށްލި ވީޑިއޯއަށް އެންމެ ދުވަހެއްގެ ތެރޭގައި 1.8 މިލިއަން ލައިކްސް ލިބުމުން އެ ކުއްޖާއާއި އޭނާގެ އާއިލާއަށް ވެސް ލިބުނީ ކުއްލި ހައިރާންކަމެކެވެ.

"މިހާ ގިނަ އަދަދަކަށް އަހަރެންނަށް ނުފުންމޭނެ،" ލައިކްސްގެ އަދަދު ފެނުމުން ޓޭންގްޑޫ ބުނި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ވީޑިއޯ ވައިރަލްވެގެން ދިޔައީ ކުޑަކުއްޖެއްގެ މައުސޫމުކަމާއި، ބަރުދަން ލުއިކުރުމަށް އޭނާ ކުރަމުންދާ ހިތްވަރުގަދަ މަސައްކަތުގެ ސަބަބުންނެވެ. ގިނަ ބަޔަކު ވަނީ އޭނާގެ އަޒުމަށް ތައުރީފުކޮށް ހިތްވަރުދީފައެވެ.

މިހާ ގިނަ އަދަދަކަށް އެއްފަހަރާ ފުންމުމަކީ ވާނެ ކަމަކަށް ނުވި ނަމަވެސް، މިއީ އޭނާގެ ކަސްރަތު ރޫޓިން ދަމަހައްޓަން ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.

އޭނާގެ ބައްޕަ ބުނި ގޮތުގައި މަގުސަދަކީ ދަރިފުޅަށް މަޖުބޫރުކުރުމެއް ނޫނެވެ. ނަމަވެސް ލިބުނު ތަރުހީބާއެކު، ކޮންމެ ދުވަހަކުވެސް ވަކި ވަރަކަށް ފުންމުމުގެ ކަސްރަތު ކުރިއަށް ގެންދިއުމަށް ޓޭންގްޑޫ ވަނީ ނިންމާފައެވެ.

ޗައިނާގެ ސިއްހީ މިންގަނޑުތައް ބުނާގޮތުން އެ އުމުރުގެ ކުއްޖެއްގެ ބަރުދަނުގައި ހުންނަން ޖެހޭނީ ގާތްގަނޑަކަށް 20 އާއި 26 ކިލޯއާ ދެމެދުގެ އަދަދެކެވެ. މި ހަރަކާތުގެ ސަބަބުން ގިނަ ބަޔަކަށް ކުޑަކުދިންގެ ސިއްހަތާއި ކަސްރަތުގެ މުހިންމުކަން ވަނީ ފާހަގަވެގެން ގޮސްފައެވެ.

comment ކޮމެންޓް