ފުންނޭވާއެއް ދޫކޮށްލި، އައިރާގެ ނަޒަރު ޒަހްރާންގެ އެޕާރޓްމެންޓަށް ހުއްޓިގެން ދިޔައެވެ. ބޭރުގައި ހުރި ފިރިހެން ފައިވާން ފެނުމުން، ގޭގައި ޒަހްރާން އުޅޭކަން އޭނައަށް ދެނެގަނެވުނެވެ.
*** ޓްރިގަރ ވާރނިންގ*** މި އެޕިސޯޑުގައި ބައެއް ކިޔުންތެރިންނަށް އުނދަގޫވެދާނެ ފަދަ ވާހަކަތައް ހުރެދާނެތީ، އެކަމަށް ސަމާލުކަން ދެއްވުން އެދެމެވެ.
އިރުކޮޅަކު ފައިވާނަށް ބަލަހައްޓައިގެން އައިރާއަށް ހުރެވުނެވެ. ކުރީ ރޭގެ ހާދިސ މަތިން ހަނދާންވެފައެވެ. ފުންނޭވާއެއް ދޫކޮށްލަމުން އޭނަ ގޭތެރެއަށް ވަނެވެ. ސޯފާގައި އިށީނުމާއެކު އަނެއްކާވެސް ދެލޯ ފެންކަޅިވެގެން ދިޔައެވެ. އޭނަގެ ދިރިއުޅުމަކީ މިސްރާބެއް ނެތް އޮޑިއެއް ފަދައެވެ. އޭނައަކީ އެ އޮޑީގައި މަންޒިލެއް ނެތި ދަތުރުކުރާ މުސާފިރެކެވެ.
*****
ޖެހިގެން އައި ދުވަހެވެ. އީލާފް ހޭލައިގެން ބަދިގެއަށް ވަތްއިރު ނޯކަރަކު ހެނދުނުގެ ނާސްތާ ތައްޔާރުކުރަންވެގެން އުޅެއެވެ. އެ ގަޑީގައި އާއްމުކޮށް ބަސްމާވެސް ބަދިގޭގައި އުޅޭނެއެވެ. އީލާފް ވަށައިގެން ބަލައިލިއެވެ. އޭނައަށް ބަސްމާ ނުފެނުމުން، ސުވާލުކޮށްލިއެވެ.
"އާޝާ. ކޮބާ މަންމަ؟" އީލާފް އަހައިލިއެވެ.
"މެޑަމް... އާޝާ ޑޯނޯ..." އާޝާ ބުނެލިއެވެ. އޭނަ އެގެއަށް އައީ ދާދިފަހުންކަމުން ދިވެހިން އެހާ ރަނގަޅަކަށް ވާހަކަ ދައްކާކަށް ނޭނގެއެވެ. އިނގިރޭސިބަހުން ފަރިތަކޮށް ވާހަކަ ދައްކަން ނޭނގުނު ނަމަވެސް އޭނަ ބުނަން ބޭނުންވާ އެއްޗެހި ދޭހަވާ ވަރަށް ބަސް އެނގެއެވެ. އީލާފް ކާކޮޓަރިން ނުކުންނަންވެގެން ހިނގައިގަތް ވަގުތު، އެ ދިމާލަށް އައި ބަސްމާ އޭނަގެ ލޮލުގައި އަޅައިގަތެވެ.
"އީލު... ކީއްކުރަނީ؟" ބަސްމާއަށް ލިބުނީ ހައިރާންކަމެކެވެ. އީލާފްއަކީ އެ ގަޑީގައި ކާކޮޓަރިއަށް އައިސް އުޅޭ ކުއްޖެއް ނޫނެވެ. އޭނަ އެނދުން ހިއްލާލާނީވެސް، ސައި ހެދުމަށްފަހު ގޮވުމުންނެވެ.
"މަންމާ... އީލު ބަލިވީމަ ހެދީމެއްނު ސޫޕެއް. އޭތި ހަދައިދީފާނަންތަ؟" އީލާފް އަހައިލިއެވެ.
"ކިހިނެއްވީ؟ އީލު ހުން އައީތަ؟" ބަސްމާގެ މޫނުމަތިން ކަންބޮޑުވުން ފާޅުވިއެވެ. އޭނަ، އީލާފްގެ ނިތްކުރީގައި އަތް ޖައްސައިލިއެވެ. ހުމުގެ އަސަރެއް ނެތެވެ.
"ނޫން. ފްރެންޑަކަށް ގެންދަންވެގެން. ހުން އައިސްގެން އުޅެނީ. އެކަނި އުޅެނީވެސް." އީލާފް ބުނެލިއެވެ.
"މަންމައަކަށް ނޭނގެ އީލުގެ ފްރެންޑުން ތަކުގެ ތެރޭގައި އެކަނި އުޅޭ ކުއްޖަކު ހުންނަކަމެއް؟" ބަސްމާ ބުނެލިއެވެ.
"ދެން މަންމާ.. މި ދުވަސްކޮޅު އެކަންޏޭ އުޅެނީ.. ޕްލީޒް..." އީލާފްގެ ޖަވާބާއެކު، ބަސްމާއަށް ސުވާލުގެ ނަޒަރަކުން އީލާފްއަށް ބަލަހައްޓައިގެން ހުރެވުނެވެ. އީލާފް ކިތަންމެޅަކޮށް އުޅުނަސް އޭނައަކީ ރަޙްމަތްތެރިންނަށް އަޅާލާ އޯގާތެރި ކުއްޖެކެވެ. ދޭތެރެ ދޭތެރެއިން ރައްޓެހިކުދިން ބަލިވުމުން އޭނަ ލައްވާ ސޫޕް ކައްކުވައިގެން ގެންދާނެއެވެ. އެހެންކަމުން މާ ބޮޑު އެއްޗެއް ހިތަށް ނާރުވާ މިފަހަރުވެސް ބަސްމާ، އީލާފް ބަލިވުމުން އޭނަ އީލާފްއަށް ކައްކައިދޭ ސޫޕް ކައްކައިދިނެވެ. ބަސްމާ ސޫޕް ކެއްކުމަށްފަހު ތައްޓަކަށް އަޅާފައި ދިޔުމުން، އީލާފް އެ ހިފައިގެން ދާން ނުކުންނަމުން، އޭނަ އެ ތަށި ލާފައި ދެން ދާނީ ޒަހްރާންގެ ކައިރިއަށް ކަމުގައިވެސް އީލާފް ބުންޏެވެ.
މައި ދޮރުން ނުކުތުމާއެކު ޑްރައިވަރު އައިސް ކާރުގެ ދޮރުފަތް ހުޅުވާލަ ދިނުމުން އީލާފް އަރާ އިށީނެވެ. ދޮރުފަތް ލައްޕާލުމަށްފަހު، ޑްރައިވަރުވެސްގޮސް ކުރީ ސީޓަށް އަރާ ކާރު ދުއްވާލައިފިއެވެ. "ރިލެކްސް" އެޕާރޓްމެންޓުގެ ކައިރިއަށް ކާރު މަޑުކޮށްލުމުން އީލާފް ފޭބިއެވެ. އޭނަ ގެނައި ސޫޕް ތަށި ހިފައިގެން މައްޗަށް އެރުމަށްފަހު، އެންމެ ފުރަތަމަ ބެލް ޖަހައިލީ އައިރާ އުޅޭ އެޕާރޓްމެންޓުގައެވެ. މާގިނައިރު އިންތިޒާރުކުރާކަށް ނުޖެހުނެވެ. އައިރާ ދޮރު ހުޅުވާލައިފިއެވެ.
"އީލު..." އައިރާއަށް ބުނެވުނެވެ. އޭނަގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
"އެއްޗެއް ހިފައިގެން މިއައީ..." ގޭތެރެއަށް ވަންނަމުން އީލާފް އޭނަގެ އަތުގައި އޮތް ތަށި ދައްކައިލިއެވެ. "މިހާރު ހުންގަނޑު އޯކޭތަ؟"
"ހޫމް. މިހާރު ކުޑަކޮށް އޯކޭ..." އައިރާ ބުނެލިއެވެ. އީލާފް އައުމުން ނުތަނަވަސްވެފައިވާ އައިރާގެ ހިތަށް ހިތްހަމަޖެހުމެއް ލިބުނެވެ. އުމުރުގެ ގޮތުން އީލާފް އޭނައަށް ވުރެ ކުޑަ ނަމަވެސް، އީލާފް އަކީ އޭނަގެ އެކުވެރިއެއްގެ ގޮތުގައި އައިރާއަށް ބެލެވެން ފަށައިފިއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. މާލެ އައިފަހުން އެފަދަ ގޮތަކަށް ވާހަކަ ދައްކާލެވުނު ހަމަ އެކަނި އަންހެން ކުއްޖަކީ އީލާފްއެވެ. އީލާފްގެ އަނގަ ގަދަކަމުން އެ ދައްކާ ވާހަކަތައް އަޑު އަހަން އިންނައިރު، އެހެން ހުރިހާކަމެއް މަތިން އައިރާ ހަނދާންނެތެއެވެ. ވާނީވެސް އެހެންތާއެވެ. ދިރިއުޅުމުގައި ގާތް އެކުވެރިއަކީ މުހިންމު މީހެކެވެ. މީގެ ކުރީގައި އައިރާގެ ވެސް އެކުވެރިއަކު ހުއްޓެވެ. އެހެންނަމަވެސް، އެ އެކުވެރިޔާއާ ވެސް މިހާރު ގުޅުމެއް ނޯވެއެވެ.
"މީ ސޫޕްއެއް. އެހާ މީރެއް ނުވާނެ. އެކަމަކު ފީވަރ އެންޑް ކޯލްޑަށް ވަރަށް ރަނގަޅުވާނެ. މަންމަގެ ރެސިޕީއެއް މީ..." އީލާފް ބުނެލިއެވެ. އޭނަ އައިރާ އަތަށް ތަށި ދިނެވެ. އޭގައި ހިފަމުން އައިރާ ޝުކުރު އަދާކޮށްލިއެވެ.
އީލާފް އައިރާއާ ވާހަކަ ދައްކަން ސޯފާގައި އިށީނދެލިއެވެ. އައިރާވެސް އީލާފް އައުމުން ފޫހިފިލިއެވެ. ދެމީހުން އެހެން ތިއްބާ ގޭގެ ބެލް އަޅާލައިފިއެވެ. އައިރާއަށް ދޮރާ ދިމާލަށް ބަލައިލެވުނެވެ. އެއީ ކާކުބާއޭ އޭނަގެ ހިތަށް އެރިއެވެ. ރިހާމް ނަމަ ބެލްއެއް ނުޖަހާނެއެވެ. ސޯފާއިން ތެދުވެގެން ގޮސް ސްކްރީނުން ކާކުތޯ ބަލައިލުމާއެކު އައިރާ ފިނިވެއްޖެއެވެ. ނުތަނަވަސްވެ ހިންދިރުވައިލަމުން އޭނައަށް އީލާފްއަށްވެސް އަވަސް ނަޒަރެއް ދެވުނެވެ.
ބޭރުގައި ހުރީ ރިހާމްގެ މަންމަ ޝާފިޔާއެވެ. ރަނގަޅުކަމެއްގައި އޭނަ އެގެއަށް ނާންނާނެކަން އައިރާއަށް ރަނގަޅަށް އެނގެއެވެ. އަދި އަންނަ ކޮންމެ ފަހަރަކު އޭނަ ވާހަކަ ދައްކާނެ ގޮތްވެސް އަންދާޒާކޮށްލެވެއެވެ. އައިރާ ތުންފަތުގައި ދަތް އަޅައިލިއެވެ. އޭނަ އެހެން ހުއްޓާ ޝާފިޔާ ކެނޑިނޭޅި ބެލް އަޅަން ފެށިއެވެ. އެންމެފަހުން އައިރާ ދޮރު ހުޅުވާލައިފިއެވެ. އޭރުވެސް އީލާފް އިނެވެ.
"މަންމާ.... ވަ... ވަދޭ..." އައިރާއަށް ވާހަކަ ދެއްކުނީ އުނދަގުލުންނެވެ.
"މަންމައޭ. މަމީ ކަލޭގެ މަންމަތަ؟ ކޮންމެހެން މަށަށް މަންމަ ކިޔާނެ ކަމެއް ނެތް." ޝާފިޔާ ބުނެލިއެވެ. އޭނަ އެތެރެއަށް ވަނެވެ. ސޯފާގައި އިން އީލާފް ލޮލުގައި އަޅައިގަތުމުން ހައިރާންކަމެއް ވެސް ވެރިވިއެވެ. މާލޭގައި އައިރާގެ އެކުވެރިއެއް ހުންނަކަން އޭނައަށް އެނގިފައެއް ނުވެއެވެ. ރިހާމްއާ އިނދެގެން އެމީހުން ގޭގައި އައިރާ އުޅުނު އިރުވެސް، ދުވަހަކުވެސް ރައްޓެއްސަކާ ދިމާކޮށްފައެއް ނުވެއެވެ. އަބަދުވެސް އުޅެނީ ގޭގައެވެ. ބޭރަށް ދަންޏާ ދާނީ ރިހާމްއާ އެކީގައެވެ. ޝާފިޔާ ސުވާލުގެ ނަޒަރަކުން އީލާފްއަށް ބަލަން ފެށުމުން، އައިރާ ވާހަކަ ދެއްކިއެވެ.
"ފްރެންޑެއް...... އީލު އެހަށް ގޮސްލަންވީނު..." އައިރާ ބުނެލިއެވެ. އީލާފްއަށް ވެސް ތަނުގައިވި ނުތަނަވަސްކަން ފާހަގަވީ ކަންނޭނގެއެވެ. އިތުރު އެއްޗެއް ނުބުނެ އޭނަ ސޯފާއިން ތެދުވެގެން، އެގެއިން ނުކުންނަންވެގެން ހިނގައިގަތެވެ. އެއާއެކު، ޝާފިޔާ ވާހަކަ ދެއްކިއެވެ.
"އާ ރަޙްމަތްތެރިއެއްތަ؟" އޭނަ ސުވާލުކޮށްލިއެވެ. އީލާފް ބޯ ޖަހައިލަމުން ހިނިތުންވެލިއެވެ. ޝާފިޔާ އީލާފްގެ ފައިން ފެށިގެން ބޮލަށް ނަޒަރު ހިންގައިލި ގޮތުން ހީވީ ސްކޭން މެޝިނަކުން ސްކޭންކޮށްލިހެންނެވެ. އީލާފް ލާފައި ހުރި ހެދުމުން ފަށައިގެން އަތުގައި އޮތް ގަޑީގެ އަގުބޮޑުކަން ވަޒަންކޮށްލެވުމުން އީލާފްގެ ފެންވަރު ޝާފިޔާއަށް ދެނެގަނެވުނެވެ.
"އެނގޭތަ މިއީ ކާކުކަން؟" އައިރާއަށް އިޝާރާތްކޮށްލާފައި ޝާފިޔާ ބުނެލިއެވެ. މީހުންގެ ކުރިމަތީގައި އައިރާ ފަޟީޙަތްކުރުމަކީ ޝާފިޔާއަށް ލިބޭ އުފަލެކެވެ. އައިރާ އޭނަގެ ހަޤީޤަތް މީހުންނަކަށް ހާމައެއް ނުކުރާނެއެވެ. އެއީ ކީއްވެގެންކަންވެސް އޭނައަށް އެނގެއެވެ. ޝާފިޔާ އެ ސުވާލު ދެވަނަ ފަހަރަށް ތަކުރާރުކޮށްލުމުން، އީލާފް މިފަހަރު ނޫނެކޭ ބުނެލިއެވެ. އޭނަ ސުވާލުގެ ނަޒަރަކުން އައިރާއަށް ބަލައިލިއެވެ.
"މަންމާ... ޕްލީޒް...." އައިރާއަށް ބުނެވުނެވެ. އޭނައަށް ތުންފަތުގައި ދަތް އަޅައިލެވުނެވެ.
"މަމީ ކަލޭގެ މަންމައެއް ނޫނޭ ބުނެފީމެއްނު. ދި މުޑުދާރު ދުލުން އެހެން ނުކިޔާށޭއެއްނު މިބުނަނީ... އަޑެއް ނީވޭތަ؟" ޝާފިޔާގެ އަޑު ބާރުވިއެވެ. އީލާފްއަށްވެސް ލިބިފައިވަނީ ހައިރާންކަމެކެވެ. އައިރާގެ މަންމަ ނިޔާވެފައިވާއިރު، މިއީ ކާކުހެއްޔެވެ؟ އައިރާ އޭނައަށް ދޮގު ހެދީހެއްޔެވެ؟
"އީލު..." އައިރާ އުޅުނީ އީލާފް ފޮނުވާލާށެވެ. އެހެންނަމަވެސް، ޝާފިޔާ އެކަމަށް ހުރަސް އެޅިއެވެ.
"ކިހިނެއްވީ؟ އޭނައަށް ހަޤީޤަތް އެނގިދާނެތީ ބިރުގަތީތަ؟ ސިއްރުކުރުމުން އެއްވެސް ކަމެއް ބަދަލުވާނެތަ؟" ޝާފިޔާއަށް ބުނެވުނެވެ. އައިރާ މިފަހަރުވެސް ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރައިލިއެވެ. އޭނަގެ މޫނުމަތީން ފެންނަން ފެށީ އާދޭހުގެ އަސަރުތަކެކެވެ. ދެލޮލުން ކަރުނައިގެ އަސަރުވެސް ފާޅުވެލިއެވެ. އީލާފްއަށްވެސް ނުކުންނަން ނޭނގިފައި ހުރެވުނީއެވެ. އައިރާ ބަލައިލުމުން އޭނަ އަނެއްކާވެސް ފިޔަވަޅެއް ދޮރާ ދިމާލަށް އަޅައިލިއެވެ. އެހެންނަމަވެސް ޝާފިޔާގެ ބަސްތަކުން އޭނައަށް މަޑުޖެހެވުނެވެ.
"މީ ކަސްބީ އަންހެނެއް..." ޝާފިޔާ ބުނެލިއެވެ. އޭނަގެ އަޑުން ފާޅުވެގެން ދިޔައީ މަލާމާތުގެ އަސަރުތަކެކެވެ. އައިރާގެ މޭގައި ހީވީ މީހަކު ބާރު އެއްޗަކުން ޖެހިހެންނެވެ. އޭނައަށް އީލާފްއަށް ބަލައިލެވުނެވެ. "މީނައާ އެކުވެރިކަން ބާއްވަން ހެޔޮނުވާނެ. އޭނަގެ މަންމައަކީވެސް ހަށި ވިއްކަމުން ދުވި އަންހެނެއް." ޝާފިޔާ ބުނެލިއެވެ.
"ޕްލީޒް... ހުއްޓާލަބަ...." އައިރާއަށް ބުނެވުނެވެ. އޭނަގެ އަޑު ނުކުތީވެސް ކެނޑިކެނޑިގެންނެވެ. އެހެން ބުނެލިއިރު އަޑުގައި ތުރުތުރު އެޅުމެއްގެ އަސަރުވެސް ހުރިއެވެ.
"ކިހިނެއްވީ؟ ލަދުގަތީތަ؟ ކަލޭގެ މަންމައަކީ ހަށި ވިއްކަމުން ދުވި އަންހެނެއްކަން މުޅި ދުނިޔެ ހެކިވާނެ. އަދި ކަލޭއަކީ ހަރާން ދަރިއެއްކަންވެސް. ބައްޕަ ކަށަވަރުނުވާ ގޮތެއް ފޮތެއް ނެތް އަންހެނެއްކަންވެސް...." ޝާފިޔާ އޭނަގެ ހިތަށް އައިހާ އެއްޗެއް ގޮވަމުން ދިޔައެވެ. އެތަނުގައި އިތުރު މީހަކު ހުރި ނަމަވެސް އޭނަގެ ފަރުވާލެއް ނެތެވެ. އައިރާ ލަދުގަންނުވާލެވުމުން އޭނައަށް ލިބެނީ ބަޔާންކުރަން ދަތި އުފަލެކެވެ. އެ ބަސްތައް ރުވާފައި ދޫކޮށްލި ތީރެއްހެން ގޮސް ހެރުނީ އައިރާގެ ހިތަށެވެ. ތޫނު ރިހުމެއްގެ އަސަރު ހިތުގައި އުފެދުނުއިރު، ޖަހަމުން ދިޔަ ކޮންމެ ވިންދަކާއެކު އެ ރިހުން ހަށިގަނޑުގެ ހުރިހާ ސެލްއަކަށް ފެތުރެން ފެށިހެން އޭނައަށް ހީވާން ފެށިއެވެ. ކޮޅަށް ހުންނަންވެސް ދަތިވާން ފެށިއެވެ. އައިރާއަށް އީލާފްއަށް ބަލައިލުމަށްފަހު، ތުން ފިއްތާ ބާރުކޮށްލެވުނެވެ. ދެވަނަ ސިކުންތުގައި ނަޒަރު ވަކިކޮށްލަން މަޖުބޫރުވީ އީލާފްގެ މޫނުމަތީން ފެނުނު އަސަރުތަކުންނެވެ. އެ މޫނުމަތީގެ ކުލަވަރުތައް މާނަކުރާނީ ކިހިނެއްކަމެއް އައިރާއަކަށް ނޭނގުނެވެ. ޝާފިޔާ އެ ދެއްކި ވާހަކަތަކުގައި ތެދުގެ މިންވަރެއް ވިޔެއްކަމަކު އެއީ މުޅިއަކުން ހަޤީޤަތެއް ނޫނެވެ.
"މަ މިބުނީ ތެދެއް. އޭނައަކަށް ނުކެރޭނެ މިކަމަކާ ދެބަސްވާކަށެއް...ފެނޭތަ އެބަ އޭނައަށް ވީގޮތް؟" ޝާފިޔާގެ ދުލުން ނުކުންނަމުން ދިޔަ ކޮންމެ ބަހަކީ އައިރާގެ ހިތަށް ލިބެމުން ދިޔަ އަނިޔާއެކެވެ. ޝާފިޔާ އީލާފްއަށް ބަލައިލުމާއެކު، އީލާފް ގޮސް އެގެއިން ނުކުމެއްޖެއެވެ. ރޮމުން ދިޔަ އައިރާއަށް ދެލޯ މަރާލެވުނެވެ. ޝަކުވާއިން އޭނަގެ ހިތް ފުރިގެން ދިޔައެވެ. އޭނައަކީ ބައްޕަނެތް ކުއްޖެއްކަން މީހަކު އޭނައަށް ހަނދާންކޮށްދޭކަށް ނުޖެހޭނެއެވެ. އޭނަގެ މަންމަ ނާދިޔާއަކީ ކޮން ކަހަލަ، ކިހިނެއް އުޅުނު އަންހެނެއްކަން އިތުރަކަށް ބުނެދޭކަށް ވެސް ނުޖެހޭނެއެވެ. އޭނައަށް ވުރެ ރަނގަޅަށް މަންމަގެ ހަޤީޤަތް އެނގޭ އެހެން މީހަކު މި ދުނިޔޭގައިވެސް ހުންނާނެ ހެނެއް ހިޔެއްނުވެއެވެ. އެކަމަކު އޭނައަކީ އެކަހަލަ އަންހެނެއް ނޫނެވެ. އޭނައަކީ އޭނަގެ އަބުރާ ޢިއްޒަތް އެހެން މީހުންނަށް ނީލަން ކިޔާނެ މީހެއް ނޫނެވެ. އަންހެނެއްގެ ޢިއްޒަތަކީ ކިހާ މާތް އެއްޗެއްކަން އޭނައަށް އެނގެއެވެ. އެހެންނަމަވެސް ދެރައީ މުޖްތަމަޢު އެކަން ޤަބޫލުނުކުރާތީއެވެ. އެގޮތުގައި ދުނިޔޭގެ ކުރިމަތީގައި އޭނަ ބަދުނާމުވާން ޖެހޭނީ އަދި ކިތަށް ފަހަރު ހެއްޔެވެ؟ މާޒީ އަބަދު އޭނަ ފަހާ ދުވަނީ ކީއްވެހެއްޔެވެ؟ ކޮންމެ ތަނަކަށް ދިޔަނަމަވެސް، އެބިރުވެރި މާޒީ އޭނަގެ ފަސްބައިން ނެއްޓިގެނެއް ނުދެއެވެ. ދާ ކޮންމެ ތަނަކުންމެ އޭނައަށް އެ ހުރިހާކަމެއް ހަނދާންކޮށްލަދެއެވެ. ފަޟީޙަތްކޮށް ބޭޒާރުކޮށްލައެވެ. ރިހާމްގެ ޢާއިލާއިންވެސް އޭނަ ބަލައިނުގަތް މައިގަނޑު ސަބަބަކީ އެއީއެވެ. އޭނަގެ މާޒީއެވެ. އޭނައަކީ ބައްޕަ ނެތް ކުއްޖަކަށް ވުމެވެ. ގިނަ މީހުންގެ ބަހުރުވައިން ބުނާނަމަ ހަރާން ދަރިއަކަށް ވުމެވެ. ދުނިޔޭގެ ކުރިމަތީގައި އޭނައަކީ ކުށްވެރިއެކެވެ. ބޮލުގައި އެޅިފައިވަނީ ނުކުރާ ކުށެއްގެ ތުހުމަތެވެ.
"އަހަރެން މިގެއަށް މިއައީ އަދިވެސް ކަލެއަށް ނަޞޭޙަތްތެރިވާންވެގެން. ކަލެއަށް ވެސް އެނގޭނެ ރިހާމް މަޑުމަޑުން ކަލޭ ދެކެ ފޫހިވަމުންދާކަން. އިސާހިތަކު ވަރިކޮށްލާފަ އެއްލާލަފާނެ. އޭރުން ނުކުމެގެން ދާނީ ކޮންތާނަށް؟ ގޮސް ވަންނާނެ ތަނެއް އެބަ ހުރިތަ؟ ހިމާޔަތް ދޭނެ މީހަކު އެބަހުރިތަ؟" މަލާމާތުގެ ގޮތަކަށް ހީނލަމުން ޝާފިޔާ ދިނީ އިންޒާރެއްކަން އައިރާއަށް އެނގުނެވެ. އޭނަގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަކަކަށް ހުއްޓުމެއް ނައެވެ. ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދައުރުކޮށްލިއެވެ.
"އެހެންވީމަ އޭގެ ކުރިން އަމިއްލައަށް ވަރިވުން ބުއްދިވެރިވާނެ." އެހެން ބުނެލުމަށްފަހު އިތުރު އެއްޗެއް ނުބުނެ ޝާފިޔާ ގެއިން ނުކުމެގެން ހިނގައްޖެއެވެ.
އައިރާއަށް ހުރިތަނަށް ތިރިވެވުނެވެ. ފާރުގައި ލެނގިލަމުން، ކަކޫ ގެނެސް މޭގައި ޖައްސާލައިގެން އިނދެވުނެވެ. މަޑުމަޑު ގިސްލުމެއްގެ އަޑު މުޅިތަނަށް ފެތުރިގެންދާން ނެގީ މަދު ސިކުންތުކޮޅެކެވެ. އެ ކަރުނަތައް ހުއްޓުވާކަށް، އެ ގިސްލުން މައިތިރިކުރާކަށް މިފަހަރަކު އައިރާ މަސައްކަތެއް ނުކުރެއެވެ. އެއީ ބޭކާރު ކަމެއްކަން ޚުދު އޭނައަށްވެސް އެނގެއެވެ. އަމިއްލަ ނަފްސު ދިފާޢުކުރުމަށް ހިތާ ހިތުން އައިރާއަށް ވާހަކަ ދެކެވުނެވެ. އޭނައަކީ އެކަހަލަ އަންހެން ކުއްޖެއް ނޫނެވެ. އޭނަ ދުވަހަކުވެސް ގޯސް ގޮތަކަށް ނޫޅެއެވެ. އެހެންނަމަވެސް ދުނިޔެ އޭނަގެ ބޮލުގައި އަޅުވަނީ ދޮގު އިލްޒާމުތަކެކެވެ. ކުށްކުރީ އެހެން މީހެކެވެ. އެހެންނަމަވެސް އެކަމުގެ ސަޒާ މިލިބެނީ އޭނައަށެވެ. އޭނަގެ ނިކަމެތި ހިތަށެވެ. އައިރާއަށް އަމިއްލަ ޙާލާ މެދު ޝަކުވާކުރެވުނެވެ.
ރިހާމް އޭނައާ ކައިވެނިކުރިއިރު އޭނައަކީ ކޮންކަހަލަ މާހައުލެއްގައި ކިހިނެއް އުޅެމުން ދިޔަ ކުއްޖެއްކަން އެނގޭނެއެވެ. ކައިވެނީގެ ކުރިން އެއްވެސް ކަމެއް އައިރާ ރިހާމްއަށް ސިއްރުކޮށްފައެއް ނޯންނާނެއެވެ. މުޖުތަމައުގެ މީހުންގެ ފަރާތުން އޭނައަށް ކުރިމަތިވީ މަލާމާތާއި ފުރައްސާރައެވެ. އެތަކެއް މީހުންގެ ގޯނާއާ ކުރިމަތިލާން ޖެހުނެވެ. ކުޑައިރުވެސް އޭނަ ހުންނަނީ ބާކީވެފައެވެ. އެއްވެސް މީހަކު އެމީހެއްފެ ދަރިއެއް އައިރާއާ ގާތްވިޔަކަ ނުދެއެވެ. ބޮޑުވަމުން އައިއިރުވެސް އައިރާގެ ޙަޔާތުގައިވީ އެކަނިވެރިކަމެވެ. ރިހާމް އޭނައާ އިނީ އެ ހުރިހާކަމެއް އެނގި ހުރެ އުމުރު ދުވަހަށް ހިމާޔަތް ދޭނެކަމުގެ ވަޢުދާއެކުގައެވެ. އައިރާވެސް ހީކުރީ، ރިހާމްއާއެކު އެ ފެށުނީ ޙަޔާތުގެ އައު ބާބެއް ކަމުގައެވެ. އުފަން ރަށުގެ އަނިޔާވެރި މާހައުލުން ސަލާމަތްވެގެން، އޭނަ ރިހާމްއާއެކު މާލެ ބަދަލުވީ، އެ އުންމީދުގައެވެ. އުފާވެރިކަމަށް މަރްޙަބާ ކިޔުމުގެ ނިޔަތުގައެވެ. ލޯތްބާ އޯގާތެރިކަމާ، ހިތްހަމަޖެހުމަށް ޖާގަ ދިނުމަށް ފެންބޮވައިގެންފައިވާ ޙާލުގައެވެ. އެހެންނަމަވެސް އޭނަގެ މާޒީގެ ކިލަނބުކަން އެ ފުރުސަތެއް ނުދިނެވެ.
އައިރާ ދެ އަތުގެ ތެރޭގައި މޫނު ފޮރުވައިލިއެވެ. ތުންފަތް ފޫ އަޅުވާފައި ނުކުންނަމުން ދިޔަ ވޭނީ އާހުތަކާއެކު ކަރުނަތައް ވެސް ސައިލަކަށް ކޯތާފަތް މަތީން ފައިބަމުން ދިޔައެވެ. އެހެންނަމަވެސް އެ ކަރުނަތައް ހިންދާލާކަށް އައިރާ، މިފަހަރަކު މަސައްކަތެއް ނުކުރެއެވެ. އެ ކަރުނަތައް ފުހެދޭން އިތުރު މީހަކު ނާންނާނެކަން އެނގުނު ނަމަވެސް މެއެވެ. އޭނައަށް ކެތްކުރަން ދަތިވަނީއެވެ. ރޯލުމަކީ ހިތަށް ލުއިވާ ކަމެކޭ މީހުން ބުނާތީ އޭނަ އަޑު އަހައެވެ. އެހެންނަމަވެސް އައިރާއަކަށް އެކަމަކުންވެސް ތަސައްލީއެއް ނުލިބެއެވެ. ލިބެނީ އިތުރު ހިތްދަތިކަމެކެވެ. އިތުރު ވޭނެކެވެ. ފައިބަމުން ދިޔަ ކޮންމެ ކަރުނަ ތިއްކަކާއެކު އޭނައަށް ހަނދާންވަނީ އަމިއްލަ ނިކަމެތިކަން މަތިންނެވެ. ހިތުގެ ޝަކުވާތަކަށް ނިމުނެއް ނާންނަ ޙާލު އިޙްސާސްކުރެވެނީ އެކަނިވެރިކަމާއި ނިކަމެތިކަމެވެ.
(ނުނިމޭ)