މާބަނޑު ދުވަސްވަރަކީ އަމިއްލަ ސިއްހަތަށް ދޭ އިސްކަން އިތުރުވެ, ކެއުމަށް ވެސް ޚާއްސަ ސަމާލުކަމެއް ދޭ ދުވަސްވަރެކެވެ.
އޭގެ އެންމެ މުހިއްމު ބޭނުމަކީ މައިމީހާގެ އިތުރުން ބަނޑުގައި އޮންނަ ދަރިފުޅަކީ ވެސް ފުރިހަމަ ސިއްހަތު ރަނގަޅު ކުއްޖަކަށް ހެދުމެވެ. ރަމަޟާން މަހު މާބަނޑު މީހުން ރޯދައަށް ތިބޭ ތިބުމުގައި ކެއުމުގައި ޚާއްސަ ސަމާލުކަމެއް ދިނުން މުހިއްމު ކަންކަން އެބަހުއްޓެވެ.
ދުބާއީގެ މެޑްކެއަ ވިމެން އެންޑް ޗިލްޑްރެން ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ އަންހެނުންގެ ޚާއްސަ ޑޮކްޓަރު ޑރ.ޝިވާ ހަރީކްރިޝްނަންގެ ބްލޮގްގައި މި މައުޟޫއާ ގުޅޭގޮތުން ވަރަށް މުހިއްމު މައުލޫމާތުތަކެއް ކިޔުންތެރިންނާ ވަނީ ހިއްސާކޮށްފައެވެ.
މި ބްލޮގްގައި ބަޔާންކޮށްފައިވާ ގޮތުގައި މާބަނޑު ދުވަސްވަރު ސިއްހީ ގޮތުން އެއްވެސް ކަހަލަ މައްސަލައެއް ނެތް ކަމުގައި ވަނީ ނަމަ މައިންނަށް ރޯދައަށް ތިބެވިދާނެއެވެ. ނަމަވެސް އެ ނިންމުމަކީ އެއީ އެ މީހެއްގެ އަމިއްލަ ވަރަށް ޕާސަނަލް ނިންމުމަކަށް ވާން ވާނެ ކަމަށް ޑރ.ޝިވާ ބަޔާންކޮށްފައިވެއެވެ.

ރަމަޟާން މަހު މާބަނޑު މީހުން ރޯދައަށް ތިބޭނަމަ ކެއުމުގައި ސަމާލުކަންދިނުން މުހިއްމު ކަންކަން ހުރޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
ރޯދަ މަހު ދުވާލުގެ ވަގުތު ނުކައި ނުބޮއި ހުރުމުގެ ސަބަބުން ދަރިފުޅަށް ބޭނުންވާ ނިއުޓްރިއެންޓް މާއްދާތައް ނުލިބިދާނެ ކަމަށް ބައެއް މައިންނަށް ހީކުރެވި ދަރިފުޅުގެ ބަރުދަނަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެ ކަމުގެ ކަންބޮޑުވުން އޮންނަ ކަމަށް މި ލިޔުމުގައި ވަނީ ބަޔާންކޮށްފައެވެ.
ދުބާއީގެ އެސްޓަ ހޮސްޕިޓަލްގެ އޮބްސްޓެޓްރިކްސް އަދި ގައިނޮކޮލިޖީ ޑިޕާޓްމަންޓްގައި މަސައްކަތް ކުރައްވާ ޑރ.ރަބީލާ ޕީވީ ވިދާޅުވެފައިވާ ގޮތުގައި ރަމަޟާން މަހުގެ ހެޔޮ ދަރުމަ އާއި ޘަވާބު މާބަނޑު އަންހެނުން ވެސް ހޯދިދާނެއެވެ. އެހެންނަމަވެސް ރަމަޟާން މަހު ރޯދައަށް ހުރުމަށް ނިންމުމުގެ ކުރިން ޑޮކްޓަރުންގެ ލަފާ އެކަމުގައި ހޯދުން މުހިއްމު ކަމަށް ޑރ.ރަބީލާ ވަނީ ވިދާޅުވެފައެވެ.
އެގޮތުން އެނީމިއާ، ހަކުރު ބަލި ނުވަތަ އެނޫނަސް މާބަނޑު ދުވަސްވަރު ސިއްހީގޮތުން އެހެނިހެން ބަލިތައް ތަހައްމަލުކުރާނަމަ ރޯދައަށް ހުރުން ރައްކާތެރި ނޫން ކަމަށް ވެސް ޑރ. ރަބީލާ މިކަމާ ގުޅޭގޮތުން ލިޔުއްވާފައިވާ ލިޔުމެއްގައި ބަޔާންކޮށްފައިވެއެވެ.
ރަމަޟާން މަހު ރޯދަށް ތިބޭ ތިބުމުގައި އެހެނިހެން މަސް މަހު އިހުސާސްނުވާ މިންވަރަށް ވަރުބަލިކަން އިހުސާސްކުރެވިދާނެ ކަމަށާއި އެހެންކަމުން ވީހާވެސް ގިނައިން ހަށިގަނޑަށް އަރާމު ދިނުމަކީ މުހިއްމު ކަމެއް ކަމަށް ޑރ.ރަބީލާ ވަނީ ފާހަގަކުރައްވާފައެވެ.
ހަމައެއާއެކު ރޯދަވީއްލާ ވަގުތު ކާބޯހައިޑްރޭޓްސްގެ މާއްދާ ހުންނަ ކެއުންތައް، މިސާލަކަށް އޯޓްސް އަދި ގްރެއިންސް ކެއުމުގައި ހިމަނާލެވިދާނެއެވެ. މިއީ ހަށިގަނޑަށް ހަކަތަ އިތުރުކޮށްދިނުމަށް އެހީތެރިވެދޭ ކެއުންތަކެއް ކަން ޑރ.ރަބީލާ ވަނީ ފާހަގަކުރައްވާފައެވެ.
ރޯދަ މަހު ހަވާދުގެ ބާވަތައްތައް އެކުލެވޭ ކެއުންތަކާއި ކުޅިކޮށް ހުންނަ ކެއުންތައް އަދި ތެލުލި ބާވަތްތަކާ ދުރުވުމަށް މާބަނޑު މީހުންނަށް ޑރ.ރަބީލާ ވަނީ އިރުޝާދު ދެއްވާފައެވެ. ރޯދަވީއްލުމަށްފަހު ހާރުކެއުމާ ދެމެދު ވީހާވެސް ގިނައިން މޭވާ އާއި ތަރުކާރީގެ ބާވަތްތައް ބޭނުންކޮށް ގިނައިން ދިޔާ ތަކެތި ބޭނުންކުރުމަށް ވެސް ޑރ.ރަބީލާ ވަނީ ލަފާ ދެއްވާފައެވެ.
ރޯދައަށް ހުންނަ ހުރުމުގައި ބޯ އެނބުރުން އަދި މާބޮޑަށް ގައިގެ ވަރު ނެތް ކަމުގެ އިހުސާސް ކުރެވޭނަމަ ވީހާވެސް އަވަހަކަށް ރޯދަ ދޫކޮށްލުމަކީ އެންމެ ރައްކާތެރިގޮތް ކަމަށް ވެސް ޑރ.ރަބީލާ ވަނީ ވިދާޅުވެފައެވެ.