ސަން ބަދިގެ މިއަދުގެ ސެގްމެންޓްގައި މި ގެނެސްދެނީ އަޅުގަނޑުމެންގެ ދިވެހީންގެ މެދުގައި ވަރަށް މީރު ކެއުމެއް ކަމަށްވާ މަހުގެ ބަނޑުގެ ސާމާނު ތައްޔާރުކުރާ ގޮތެވެ.
ކަނޑު މަހުގެ މޭ، ބިސް އަދި ލަގޮނޑި އަކީ ރިހަ ކައްކައިގެންނާއި ގަރުދިޔަ ކައްކައިގެން ވެސް ދިވެހީން ކެއުމަށް ބޭނުންކުރާ ބާވަތެކެވެ. ނަމަވެސް މިއަދުގެ ރެސިޕީ މި ޚާއްސަކޮށްލަނީ މި ބާވަތްތައް ފިހެލައިގެން މީރުގޮތަކަށް ތައްޔާރުކޮށްލެވޭނެ ގޮތަކަށެވެ.
ތައްޔާރުކުރަން ބޭނުންވާ ތަކެތި
މޭ، ބިސް އަދި ލަގޮނޑި
ފިޔާ
ލޮނިމެދު
އޮލިވް އޮއިލް
އަސޭމިރުސް (މުގުރާފައި ހުރި)
ލޮނު
ޗިލީ ސޯސް
ޓޮމާޓޯ ސޯސް
ޗިލީ ޕޭސްޓް
ކޯންފްލާ
ބެލްޕެޕަ
ލުނބޯ
ތައްޔާރުކުރާނެގޮތް
އެންމެ ފުރަތަމަ ބިސްތައް އިންޗިއެއް ހުންނަ ވަރަށް ކޮށާލާށެވެ. ދެން މެޔާއި ލަގޮނޑި ވެސް ކޮށާލާށެވެ. ބޭނުންނަމަ މީގެތެރެއަށް މަހުގެ ގޮހޮރު ވެސް އިތުރުކޮށްލެވިދާނެއެވެ. އެއަށްފަހު ތެއްޔެއްގައި ނުވަތަ ފުން ތަށްޓެއްގައި ލުނބޯ ހުތް ކޮޅަކާއި އަސޭމިރުސް ކޮޅެއް އަޅާފައި ކުޑަ ލޮނު ކޮޅަކާ އެކު ކޮށާލި ބައިތައް އެއްކޮށްލާށެވެ.
ދެން މަތި ޖެހުމަށްފަހު 10 ވަރަކަށް މިނެޓް ވަންދެން މެރިނޭޓްކޮށްލަން ބަހައްޓާށެވެ. ދެން ތަވައަކަށް ހަތަރު ސައި ސަމުސާ ތެޔޮ އަޅާލުމަށްފަހު މެރިނޭޓްކުރި މޭ، ބިސް އަދި ލަގޮނޑި ރަނގަޅަށް ރޯފިލުވާލާށެވެ. ދެން ފިޔާ، ލޮނުމެދު އަދި ބެލް ޕެޕާ ކުދިކޮށް ކޮށާލާށެވެ.
ވަކިން ތެއްޔަކަށް ހަތަރު ސައި ސަމުސާ ތެޔޮ އެޅުމަށްފަހު ފިޔާ އަދި ލޮނުމެދު މީރުކުރަން އުދާލާށެވެ. އެއަށްފަހު ފިޔާގަނޑުގެ ތެރެއަށް ތިން ސައި ސަމުސާ ޗިލީ ޕޭސްޓް އަޅާލުމަށްފަހު އެއްކޮށްލާށެވެ. އެއަށްފަހު ތިން ސައި ސަމުސާ ޗިލީ ސޯސް، ޓޮމާޓޯ ސޯސް އަދި ލޮނުކޮޅެއް އެޅުމަށްފަހު މީރުކޮށްލާށެވެ.
ސޯސްކޮޅު ރަނގަޅަށް ކެކެން ފެށުމުން ދެ ސައި ސަމުސާ ކޯން ފްލާ ފެންފޮދެއްގައި ގިރާލައި ސޯސްގަނޑުތެރެއަށް އަޅާލާށެވެ. ދެން ކުރިން ގްރިލް ކޮށްލި ބިހާއި، ލަގޮނޑި އަދި މޭކޮޅު ތައްޔާރުކުރި ސޯސްގަނޑުގެ ތެރެއަށް އަޅާލުމަށްފަހު ކޮށާފައި ހުރި ބެލް ޕެޕާއާ އެއްކޮށްލާށެވެ. މިއީ ސައިޑް ޑިޝްއެއްގެ ގޮތުގައި ރޮއްޓާއި ބަތާއި ޕާނާ އެކު ކާލަން ވަރަށް މީރު ކެއުމެކެވެ.