ސަން ބަދިގެ: ބޮލިކޭ ދޮންރިހަ

ބޮލިކޭ މަހުގެ ދޮންރިހަ--ފޮޓޯ/ފޭސްބުކް

މިއަދުގެ ސަން ބަދިގެ ސެގްމެންޓްގައި މި ގެނެސްދެނީ ފަރުމަހުގެ ބާވަތެއް ކަމަށްވާ ބޮލިކޭ މަހުގައި ދޮން ރިހަ ތައްޔާރުކުރާނެ ގޮތެވެ. ބޮލިކޭ މަހަކީ ފިލޮޅުގެ ވައްތަރެކެވެ.

މި މަހަކީ ތ. އޮމަދޫގެ ގިނަ ބަޔަކު ރިހަ ކެއްކުމަށް ބޭނުންކުރުމުގެ އިތުރުން ފިހެގެން އަދި ގަރުދިޔަ ކައްކައިގެންވެސް ކެއުމަށް ބޭނުންކުރާ ފަރުމަހުގެ ވައްތަރެކެވެ.

ބޭނުންވާ ތަކެތި

މަސް

ދޮންރިހަ ހަވާދު

އިނގުރު އަދި ލޮނުމެދު

ރާނބާފަތް

ހިކަނދިފަތް

ރީނދޫކޮޅެއް (ރަހަލާވަރަށް)

ފެން ކިރު

ބޯކިރު

ފަރު މަސް ފިލޮޅުގެ ބާވަތެއް ކަމަށްވާ ބޮލިކޭ މަހެއް ސާފުކޮށްލަނީ--ފޮޓޯ/ފޭސްބުކް

ތައްޔާރުކުރާނެގޮތް

އެންމެ ފުރަތަމަ ސާފުކޮށްފައި ހުރި މަސްކޮޅު ތެއްޔަކަށް އަޅާލާށެވެ. އެއަށްފަހު ފުނޑާފައިހުރި ދޮންރިހަ ހަވާދު އޭގެތެރެއަށް އެޅުމަށްފަހު ފިޔާ އަޅައި ފެންކިރާ އެކު އެއްކޮށްލާށެވެ. ދެން ރާނބާފަތާއި ހިކަނދިފަތް އަޅާލުމަށްފަހު މަސްތަކާ އެކު ހަވާދުތައް ރަނގަޅަށް އެއްކޮށްލުމަށްފަހު 6-5 މިނެޓު ވަންދެން ކައްކާލާށެވެ. ހަވާދުގަނޑު ކެކެން ފެށުމުން ކުޑަ ރީނދޫކޮޅެއް އަޅާލާށެވެ.

ރިހަނގަނޑު ރަނގަޅަށް ކެކި މަސްތައް ރޯފިލުމުން ލޮނުމެދާއި އިނގުރު އަދި ގިތެޔޮ މިރުސްކޮޅެއް އަޅާލުމަށްފަހު ކައްކާލާށެވެ. އެއަށްފަހު ނަގާފައި ހުރި ބޯކިރު ކޮޅު އަޅާލުމަށްފަހު ލޮނު ހެޔޮވަރުކޮށްލުމަށްފަހު އުނދުން ނިވާލާށެވެ.

މި ރިހަ އަކީ ރޮއްޓާ އެކު ކާލަން ވަރަށް މީރު ބާވަތެކެވެ. މި ކެއުމަށް އިތުރު ފުރިހަކަމެއް ގެނައުމަށް ކޮންމެވެސް ކަހަލަ ފަތު ސަޓަންޏަކާ އެކު އިންސާފުކޮށްލާށެވެ.

comment ކޮމެންޓް