ސިއްހީ ބައެއް މުވައްޒަފުންގެ މަސައްކަތު ގަޑި ތަފާތުކުރާ ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކޮށްފި

އައިޖީއެމްއެޗުގައި ނަރުހުންތަކެއް މަސައްކަތްކުރަނީ: ސިއްހީ ޚިދުމަތްދޭ އިދާރާތަކުގެ ބައެއް މުވައްޒަފުންގެ މެދުގައި ރަސްމީ މަސައްކަތުގެ ގަޑި ތަފާތުކުރާ ކަމަށް ބުނެ ވަނީ ކަންބޮޑުވުން ފާޅުކޮށްފައި --

ރަމަޟާން މަހު ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ރަސްމީ ވަގުތަކީ ހަތަރު ގަޑިއިރު ކަމަށް ކަނޑައަޅާފައި ވަނިކޮށް، ސިއްހީ ޚިދުމަތްދޭ އިދާރާތަކުގެ ބައެއް މުވައްޒަފުންގެ މެދުގައި ރަސްމީ މަސައްކަތުގެ ގަޑި ތަފާތުކުރާ ކަމަށް ބުނެ، ސިއްހީ މަސައްކަތްތެރިންގެ ޖަމިއްޔާ (އެމްއެޗްޕީޔޫ)އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މި ރަމަޟާން މަހު ސަރުކާރުގެ ރަސްމީ ގަޑިއަކީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް، ހެނދުނު 09:00 އިން ފެށިގެން މެންދުރު 13:00 އާ ހަމައަށެވެ.

އެމްއެޗްޕީޔޫއިން މިއަދު ނެރުނު ބަޔާނުގައި ވަނީ، މިދިޔަ ނޮވެންބަރު މަހު ދައުލަތުގެ ވަޒީފާގެ އާ އޮނިގަނޑަށް ހިޖުރަކުރި މުވައްޒަފުންގެ ވަޒީފާގެ އުސޫލުތައް ކަނޑައަޅަނީ "ނޭޝަނަލް ޕޭ ސްޓެންޑާޑްސް"ގެ ދަށުން ކަމަށެވެ. އެ އުސޫލުގެ ދަށުން މަދަނީ ހުރިހާ މުވައްޒަފުންނަށް އެއް މިންގަނޑަކުން ޝަރުތުތަކާއި އުސޫލުތައް ކަނޑައަޅާފައި ވަނިކޮށް، މަސައްކަތްތެރިންގެ މެދުގައި ތަފާތުކުރުން ގެންގުޅުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް، ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި އެމްއެޗްޕީޔޫއިން ބުނީ، 2022ވަނަ އަހަރުގެ މޭ މަހު އަމަލުކުރަން ފެށި ވަޒީފާގެ އޮނިގަނޑުގައިވާ ގޮތުން، މަދަނީ މުވައްޒަފުންގެ މުސާރަތައް ކަނޑައަޅާފައި ވަނީ ދުވާލަކު އަށް ގަޑިއިރު، އަދި ހަފުތާއެއްގައި ހަ ދުވަހުގެ މަސައްކަތު ގަޑިއަށް ކަމަށެވެ. ނަމަވެސް ސަރުކާރުން ދީފައިވާ ލުއިތަކާއެކު ބައެއް މުވައްޒަފުން ދުވާލަކު ހަ ގަޑިއިރު އަދި ހަފުތާއަކު ފަސް ދުވަހު މަސައްކަތްކުރަމުން އައި ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އެހެން ނަމަވެސް ސިއްހީ ދާއިރާގެ މުވައްޒަފުންގެ ތެރެއިން ވަކި ގިންތިއަކަށް ނިސްބަތްވާ މަސައްކަތްތެރިން ދުވާލަކު އަށް ގަޑިއިރު، އަދި ހަފުތާއަކު ހަ ދުވަހު މަސައްކަތްކުރަމުންދާކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އަދި މިއީ އެއް ހަމައަކުން މުސާރައާއި ވަޒީފާގެ އުސޫލުތައް ކަނޑައެޅިފައިވާ މުވައްޒަފުންގެ މެދުގައި ގެންގުޅޭ ވަރަށް ބޮޑު ތަފާތުކުރުމެއް ކަމަށް ބުނެ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީގެ އިތުރުން، ރަމަޟާން މަހުގެ ރަސްމީ ވަގުތަށްވުރެ އިތުރަށް މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް ހަމައަށް އެއްވެސް އިނާޔަތެއް ނުދިނުމަކީ އެ މުވައްޒަފުންނަށް ވެވޭ ބޭއިންސާފެއްގެ ގޮތުގައި އެމްއެޗްޕީޔޫއިން ވަނީ ސިފަކޮށްފައެވެ. އަދި ބައެއް މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑިއަކީ ހަ ގަޑިއިރާއި އަށް ގަޑިއިރާ ދެމެދު ކަމަށް ބުނެ، ބައެއް ހޮސްޕިޓަލުތަކުން އެ ވަގުތަށް މުވައްޒަފުން މަސައްކަތްކުރަން މަޖުބޫރުކުރުވާފައިވާ ކަމަށް ވެސް އެމްއެޗްޕީޔޫއިން ބުންޏެވެ.

އެއީ މުވައްޒަފުންގެ މެދުގައި ފިތުނަ އުފެއްދުމަށް ކުރާ ކަމެއްގެ ގޮތުގައި އެ ޖަމިއްޔާއިން ވަނީ ސިފަކޮށްފައެވެ.

އެެހެންވެ އެމްއެޗްޕީޔޫއިން ގޮވާލީ، ސިއްހީ ޚިދުމަތްދޭ އިދާރާތަކުގެ ހުރިހާ ގިންތިތަކުގެ މުވައްޒަފުންގެ ރަސްމީ ވަގުތު ހަތަރު ގަޑިއިރަށް ހެދުމަށާއި، އެއަށްވުރެ އިތުރަށް މަސައްކަތްކުރުވާ ނަމަ އެކަށީގެންވާ އިނާޔަތެއް ދިނުމަށެވެ.

comment ކޮމެންޓް