ސްޕެނިޝް ލީގުގައި ރޭ އޮސަސޫނާ އަތުން ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑު ބަލިވުމާއެކު އެއްވަނައިގައި ލީޑު ފުޅާކުރަން ލިބުނު ފުރުސަތު އެޓީމަށް ގެއްލިއްޖެއެވެ.
ރަށުން ބޭރުގައި ރެއާލް މެޑްރިޑް ކުޅުނު މި މެޗުން އެޓީމު ބަލިވެފައިވަނީ އޮސަސޫނާއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުންނެވެ.
މެޗުގައި އޮސަސޫނާ ވަނީ ގިނަވަގުތު ބޯޅަ ހިފަހައްޓާ، ގިނަ ހަމަލާތަކެއް ރެއާލް މެޑްރިޑުގެ ގޯލަށް އަމާޒުކޮށްފައެވެ.
މި ނަތީޖާއާއެކު ތާވަލުގެ ދެވަނައިގައި އޮތް ބާސެލޯނާ އޮތީ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެ ޕޮއިންޓުގެ ތަފާތަކާއެކުއެވެ. އެއްވަނައިގައި ރެއާލް އޮތީ 60 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ބާސެލޯނާ އޮތީ 58 ޕޮއިންޓާއެކު އެވެ.
މި ނަތީޖާއާއެކު މިރޭ ލެވަންޓޭ އަތުން ބާސެލޯނާ މޮޅުވެއްޖެނަމަ ތާވަލުގެ އެއްވަނަ މަގާމަށް އެރުމުގެ ފުރުސަތު ބާސެލޯނާއަށް ލިބޭނެއެވެ.
އޮސަސޫނާއިން މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ 38 ވަނަ މިނެޓުގައެވެ. މިއީ ލިބުނު ޕެނަލްޓީއަކުން އާންޓޭ ބުޑިމީރް ކާމިޔާބުކުރި ލަނޑެކެވެ. މިއީ އޭރިއާ ތެރޭގައި ކުރި ފައުލަކާއި ގުޅިގެން ވީއޭއާރު ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ.
ރެއާލް މެޑްރިޑުން ވަނީ މެޗުގެ 73 ވަނަ މިނެޓުގައި ލަނޑެއްޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ވިނިޝިއަސް ޖޫނިއާއެވެ.
ނަމަވެސް މެޗުގެ 90 ވަނަ މިނިޓުގައި އޮސަސޫނާ ވަނީ އެޓީމަށް ތިން ޕޮއިންޓު ކަށަވަރުވި ލަނޑު ޖަހާފައެވެ. މިއީ ރައުލް ގާސިއާ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.