ރަމަޟާން މަހު ދުވަހުގެ ގިނަ ވަގުތު ކެއުމާ ދުރުގައި ހުރުމުގެ ސަބަބުން އަނގައިން ނުބައި ވަސް ދުވުމަކީ ވަރަށް ގިނަ ބަޔަކަށް ކުރިމަތިވާ އަދި ގިނަ ބަޔަކު ކަންބޮޑުވާ މައްސަލައެކެވެ.
މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ތަފާތު އެކި މޮޅެތި ބްރޭންޑްތަކުގެ ދަތް އުނގުޅާ ބުރުހާއި، ބޭސް އަދި އަނގަ ދޮންނަފުޅި ބޭނުންކޮށްގެން ވެސް މިކަމަށް ދާއިމީ ހައްލެއް ގިނަ މީހުންނަށް ނުލިބެއެވެ.
އަނގައިން ނުބައި ވަސް ދުވުމަކީ އަމިއްލަ މީހާގެ އިތުރުން އެކީގައި އުޅޭ މީހުންނަށް ވެސް އޭގެ ސަބަބުން އުނދަގޫތަކެއް ފޯރާ މައްސަލައެކެވެ. ދުބާއީގެ މަޝްހޫރު ޑެންޓަލް ކްލިނިކް ޑރ. މައިކަލްސް ޑެންޓަލް ކްނިލިކުން މިކަމާ ގުޅޭގޮތުން ނެރުނު ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި އަނގައިން ނުބައި ވަސް ދުވުމުގެ މައްސަލައަށް ވަރަށް ފަސޭހަ ހައްލެއް ހޯދޭނެ ކަންކަން އެބަހުއްޓެވެ.

ރޯދައަށް ހުންނައިރު އަނގައިން ނުބައި ވަސް ދުވާކަން އިހުސާސްކުރެވޭނަމަ ރޯދަ ވީއްލުމަށް ފަހު އަދި ހާރު ކެއުމަށްފަހު ދަތް އުނގުޅަން އާދަކުރެވިދާނެ--ފޮޓޯ/ޕިންޓްރެސްޓް
އޭގެތެރޭގައި ކޮންމެ ދުވަހަކު ވެސް އާދަވެގެން ދޭއް ނުވަތަ ތިން ފަހަރު ދަތް އުނގުޅަން އާދަކުރެވިދާނެއެވެ. އޭގެތެރޭގައި ރޯދަވީއްލުމަށްފަހު ދަތް އުނގުޅުން އަދި ހާރު ކެއުމަށްފަހު ދަތް އުނގުޅުމަށް އިސްކަން ދެވިދާނެއެވެ.
ކޮންމެ ދުވަހަކު ވެސް އާދަވެގެން ދަތްޕިލަ ފްލޮސް ކުރުމަކީ ވެސް ދަތުގެ ދޭތެރޭގައި ހަރުލާފައި ހުންނަ ބެކްޓީރިއާތައް ނައްތާލުމަށް ކުރެވިދާނެ ކަމެކެވެ. އޭގެ ސަބަބުން ހިރުގަނޑަށްޖެހޭ ބަލިތަކުން ސަލާމަތްކޮށްދޭނެ ކަމަށް ޑރ. މައިކަލްސް ޑެންޓަލް ކްނިލިކުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
އާއްމުކޮށް އަޅުގަނޑުމެން ދަތް އުނގުޅުމަށްފަހު އެހިސާބުން އެކަން ނިންމާލި ނަމަވެސް މި މަރުހަލާއަށްފަހު ދޫ ރީތިކޮށް މަޑު ބުރުހަކުން ނުވަތަ އެކަމަށް ހާއްސަކުރެވިފައިވާ ސާމާނެއް ބޭނުންކޮށްގެ ސާފު ކުރުމަކީ ވެސް އަނގައިންދުވާ ނުބައި ވަހުން މީހާ ސަލާމަތްކޮށްދޭނެ ކަމެކެވެ. މިކަން އާދައަކަށް ހެދުމުން ދުލުގައި ހުންނަ ބެކްޓީރިއާތަކުގެ ސަބަބުން އަނގައިން ނުބައި ވަސް ފިލުމަށް އެހީތެރިވެދެއެވެ.

އަނގައިން ނުބައިވަސް ދުވާނަމަ އާދަވެގެން ދޫ ވެސް ސާފުކޮށް ރަނގަޅަށް ދޮންނަން ހަނދާންކުރޭ--ފޮޓޯ/ގޫގްލް
މީގެއިތުރުންވެސް އާދަވެގެން ދުވަހުގެ ތާވަލުގައި ހިމެނިދާނެ ކަންކަމުގެތެރޭ ގަވައިދުން އަނގަދޮންނަ ފުޅިއަކުން ރީތިކޮށް އަނގަ ދޮވުން، ހަކުރުގެ މާއްދާ ނުހުންނަ މިންޓް ނުވަތަ އާވި ޗުވިންގަމްއެއް ކެއުން، ލޮނުފެނުން އަނގަ ދޮންނަން އާދަކުރުން، ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރުހެލިވުން އަދި ބެލެންސްޑް ޑައިޓެއް އިހުތިޔާރުކުރުން ހިމެނެއެވެ.
މާބޮޑަށް އަނގައިން ނުބައި ވަސް ދުވާކަމުގެ އިހުސާސް ކުރެވޭނަމަ ދަތުގެ ބަލީގެ ސިއްޙީ މާހިރެއްގެ އިރުޝާދު ހޯދުމަށްފަހު އަމަލުކުރުމަށް އިސްކަން ދިނުން ވަރަށް މުހިއްމެވެ.