"މީ. ކޭ ޔޫ ގޯ ޗެކް އޮން ހާރ؟" ޒަހްރާން އައިރާމެން އެޕާރޓްމެންޓް ހުންނަ ފަޅިއާ ދިމާލަށް ބޮޑުވާ އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ.
"އެން... ކާކު؟" އީލާފްއަށް ބުނެވުނެވެ.
"ޝީ..." ޒަހްރާން އަނެއްކާވެސް އަތުން އިޝާރާތްކޮށްލިއެވެ. "އައި ތިންކް ޝީ އިޒް ސިކް"
"ކާކު.....އައިރާތަ..." އީލާފްއަށް ބުނެވުނެވެ.
"ހޫމް.." ޒަހްރާން ބުނެލިއެވެ. އޭނަ އައިރާ މަތިން ހަނދާން ވަނީއެވެ. ރޭގެ ހާދިސާ އިރުއިރުކޮޅުން ސިކުނޑީގައި ކުރެހެނީއެވެ. އައިރާގެ ޙާލަކީ ކޮބައިތޯ ބަލާހިތުން ހިތް ތެޅި ފޮޅެނީއެވެ. އައިރާގެ ޙާލެއް ނޭނގުމުން ހިތަށް އުނދަގޫވަނީއެވެ. ކޮންމެވެސް ގޮތަކުން އައިރާ ހުރީ ހެޔޮ ހާލުގައިތޯ ބަލަން ބޭނުންވަނީއެވެ. އޭނައަށް ގޮސް އައިރާގެ ޙާލު އޮޅުން ފިލުވާކަށް ނުކެރޭނެއެވެ. އީލާފްއަކީ އޭނަގެ ހަމައެކަނި އުންމީދެވެ.
އީލާފްއަށް ބުމަ އަރުވައިލެވުނެވެ.
"ޝީ އިޒް ސިކް.... ކިހިނެއް ކުޑަބެއަށް އެނގުނީ؟" އީލާފް ސުވާލުކޮށްލިއެވެ. ޒަހްރާނަށް ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލެވުނެވެ. ކަމަކު ކިޔައިފިއްޔާ އީލާފް ނުކުރާކަށް ސުވާލެއް ނޯންނާނެއެވެ. އޭނަ ހުރިހާކަމެއްގެ ތަފްސީލު ބޭނުންވާނެއެވެ. އެ ހުރިހާ ސުވާލެއް ކޮށްފަ ނޫނީ ބުނާކަމެއް ނުވެސް ކުރާނެއެވެ.
"ދެން ކައިރީގަ އުޅެންޏާ ފެންނާނެ ދޯ." ޒަހްރާން ބުނެލިއެވެ.
"ފެނުނަސް ހައު ޑިޑް ޔޫ ނޯ ޝީ އިޒް ސިކް؟..." އީލާފް އަނެއްކާވެސް އަހައިލިއެވެ.
"ފައިން. އައި ސޯ ހާރ ރޭގަ. އެނބުރުން އަރައިގަނެގެން ކިރިޔާ ނުވެއްޓުނީ ދޮރު ކައިރިއަށް. ހިޔެއްނުވޭ ގޭގަ ވެސް މީހަކު އުޅޭހެނެއް. އެހެންވެ މިބުނީ..." ޒަހްރާން ބުނެލިއެވެ.
"އޯހް. އެބަ ދަން." އީލާފް ސޯފާއިން ފުންމައިލިއެވެ. އޭނަ ޒަހްރާނަށް ބަލައިލުމަށްފަހު، ގޮސް އެޕާރޓްމެންޓުގެ ދޮރު ހުޅުވާފައި ނުކުމެއްޖެއެވެ. ޒަހްރާންވެސް އީލާފްގެ ފަހަތުން ގޮސް ދޮރު ކައިރީގައި މަޑުކޮށްލިއެވެ. އީލާފް އައިރާމެންގެ އެޕާރޓްމެންޓުގައި ބެލް ޖަހައިލިއެވެ.
"ޔޫ އޯކޭ؟" އައިރާ ދޮރު ހުޅުވައިލުން ލަސްވި ފަދައެވެ. އީލާފް ވަގުތުން ސުވާލުކޮށްލައިފިއެވެ. އައިރާއަށް ހައިރާންކުރުވަނިވި ނަޒަރަކުން އީލާފްއަށް ބަލަހައްޓައިގެން ހުރެވުނެވެ. އީލާފް ޒަހްރާނާ ދިމާލަށް ބަލައިލުމުން އައިރާއަށްވެސް އެ ދިމާލަށް ބަލައިލެވުނެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވީ މަދު ސިކުންތުކޮޅަކަށެވެ. އަވަސް އަވަހަށް ޒަހްރާން ދޮރު ލެއްޕިއެވެ.
"ކުޑަބެ ބުނީ ބައްޔޯ. ރޭގަ ދޮރު ކައިރިން އެނބުރުން އަރައިގެން ވެއްޓެން އުޅެނިކޮށް ފެނުނޯ. އެހެންވެ މިއައީ..." އީލާފް ބުނެލިއެވެ. އައިރާ އާއެކޭ ބުނެލާފައި ހިނިތުންވެލަން މަސައްކަތްކުރިއެވެ. ހިތާމަތައް ވަންހަނާކުރަން ކިތަންމެ މަސައްކަތް ކުރިނަމަވެސް، އޭނައަށް ލިބެމުން ދިޔަ ތަކުލީފުތަކާ ވޭން، އެމޫނުމަތީން ފުހެލުމަކީ އައިރާއަށް ކުޅަދާނަކަމަކަށް ނުވިއެވެ. އޭނަގެ ހިތުގައި ޖެހިފައިވަނީ އިންތިހާއަށެވެ. މާޔޫސްކަމާއި ނާއުންމީދުގެ ވަކިތަކުން، ހިތުގައި ދަނީ ކޫރުން އަޅުވަމުންނެވެ. ވީއިރު، ހިނިތުންވާނީ ވެސް ކިހިނަކުން ހެއްޔެވެ؟ އެހެންމީހުންގެ ކުރިމަތީގައި ހަމަޖެހޭ ކަމަށް ދައްކައިގެން އުޅޭނީ ކިހިނަކުން ހެއްޔެވެ؟ އޭނައަކީވެސް އިންސާނެކެވެ. އެ މޭގެ ތެރޭގައިވެސް ވަނީ ހިތެވެ. ތަދުވެސް ވެއެވެ. ދެރަވެސް ވެއެވެ. އަޅާލުމާއި އޯގާތެރިކަމަށް ވެސް އެދެވެއެވެ. އެހެންމީހުންގެ އެހީއާ މަދަދުވެސް ބޭނުންވެއެވެ. އެހެންނަމަވެސް، ތަޤުދީރުގައި އޭނައަށް އެއިން އެއްވެސްކަމެއް ލިބުމަށް ލިޔެވިފައި ނެތީ ކަންނޭނގެއެވެ. ހިތާމަޔާއި ހިތްދަތިކަމާއި ތަކުލީފުތަކަށް ނިމުމެއް ނެތީ ކަންނޭނގެއެވެ. އައިރާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނަ އީލާފްއަށް ބަލައިލަމުން އެތެރެއަށް ވަންނަން ދަޢުވަތު ދިނެވެ.
"މިހާރު އޯކޭތަ؟" ދޮރު ލެއްޕުމަށްފަހު، އައިރާ އެނބުރިލުމާއެކު، އީލާފް އަނެއްކާވެސް ސުވާލުކޮށްލިއެވެ.
"އާނ.. ބެޓަރ....." އައިރާ ބުންޏެވެ.
"އެއްޗެއް ކައިފިންތަ؟" އީލާފް ސުވާލުކޮށްލިއެވެ.
"ހޫމް.." އައިރާ ބުނެލިއެވެ.
"އަސްލުވެސް އެކަނިތަ އުޅެނީ؟" އީލާފް ވަށައިގެން ބަލައިލިއެވެ. "އިތުރު މީހަކު މިގޭގައި ނޫޅޭނީތަ ހަމަ..."
"އެކަނި..." އައިރާ ޖަވާބު ދިނެވެ. އޭނައަކީ އެކަނި އުޅޭ އަންހެނެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ފިރިއަކު ހުއްޓަސް އެއީ ނެތް މީހެއް ފަދައެވެ.
"އެހެންވިއްޔާ ހެލްޕް ވާނެ މީހެއްވެސް ނުހުންނާނެ ދޯ." އީލާފް ބުނެލިއެވެ. އޭނަގެ އަޑުން ކަންބޮޑުވުމުގެ އަސަރުތައް ފާޅުވިއެވެ. އީލާފް އައިރާއާ އެކިއެކި ވާހަކަތައް ދެއްކިއެވެ. އީލާފް އައުމުގެ ކުރިން ނެގިމަޑުވެ، މާޔޫސްވެފައި އިން އައިރާވެސް މަޑުމަޑުން ހަމައަކަށް އެޅެމުން ދިޔައެވެ. އީލާފް ވާހަކަ ދައްކަމުން ދިޔައިރު، އޭނަގެ ޅަ ގޮތްގަނޑާއި އަނގަ ގަދަކަން އައިރާއަށް ފާހަގަކުރެވުނެވެ. އެހެންނަމަވެސް އެކަމުން އޭނައަކަށް އުނދަގުލެއް ނުވިއެވެ. އޭނަގެ ހިމޭން ދުނިޔޭގައި އެފަދަ ގޮތަކަށް ވެސް ވާހަކަ ދައްކާލާނެ މީހަކު މިހާރަކު ނުހުރެއެވެ. ވީއިރު، މިއަދު އީލާފް އައިސް އޭނައާ އެގޮތަށް ވާހަކަ ދެއްކުމުން އައިރާއަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ދިރިއުޅުމުގެ ހިމޭންކަމާ ދުރަށް ދާން ފުރުސަތު ލިބިގެން ދިޔައެވެ. ބައެއްފަހަރު ވާހަކަ ދައްކާލަން މީހަކު ހުރުމަކީ ވެސް ލިބޭ ނަސީބަކެވެ. އެއީވެސް ތަކުލީފު ލިބެމުން ދާ ހިތަކަށް ލިބޭ ފަރުވާއަކަށް ވެއެވެ. މާޔޫސްކަމުން ދުރުކޮށްލަދޭ ހަތިޔާރަކަށް ވެދެއެވެ. އައިރާއަށްވެސް އެއްވެސް ފޫހިކަމެއްނެތި އީލާފްގެ ވާހަކަތައް އަޑު އަހަން އިނދެވުނެވެ. އީލާފްގެ މައުސޫމްކަމާއި ޅަކަމުން އޭނަގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
"އެއީ އީލުގެ ކުޑަބެ. އަދި ހުންނާނެ ދޮންބެއެއްވެސް. އީލު މީ އެންމެ ކުޑަ... ދެން ހުންނާނީ ބައްޕަ އެންޑް މަންމަ..." އީލާފް އޭނަގެ ޢާއިލާގެ ކުޑަ ތަޢާރަފެއް އައިރާއަށް ދިނެވެ.
"ދެން އައިރާގެ ފެމެލީ ކިޔައިދީބަ..." އީލާފް މާ ބޮޑު ވިސްނުމަކާ ސުވާލުކޮށްލުމުން އައިރާއަށް ތުންފަތުގައި ދަތް އަޅައިލެވުނެވެ. ވަގުތުން އޭނަގެ ތުންފަތް މަތީގައިވި ހިނިތުންވުން ފަނޑުވިއެވެ. އޭނަގެ ޢާއިލާއާ ބެހޭގޮތުން އީލާފްއަށް ކިޔައިދޭނީ ކޮން ވާހަކައެއްހެއްޔެވެ؟ ބުނާނީ ކީކޭހެއްޔެވެ؟ އައިރާ އޭނަގެ މޫނުމައްޗަށް ވެރިވި އަސަރުތައް ހިންދައިލަން މަސައްކަތް ކުރިނަމަވެސް، އެކަން ކުރުމުގައި އޭނައަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. އައިރާއަށް ވީގޮތް ފެނި އީލާފްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެ ސުވާލުން އައިރާއަށް އެ އައި ބަދަލުތަކުގެ ސަބަބުން ތުންފަތުގައި ދަތް އަޅައިލެވުނެވެ. އައިރާގެ ދެލޯ ފެންކަޅިވެގެން ދިޔަތަން ފެނުމުން މާފަށް އެދެންވެސް ނޭނގިފައި އީލާފްއަށް އިނދެވުނީއެވެ.
"ސޮ.. ސޮރީ..." އީލާފްއަށް ބުނެވުނެވެ. އަނގަގަދަކަމުން ބުނަން ނުޖެހޭ އެއްޗެހި ބުނެވޭ ފަހަރު އަންނަކަން ޚުދު އޭނަވެސް ޤަބޫލުކުރެއެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ އެއީ އޭނައަށް ނުހުއްޓުނު އާދައެކެވެ. އެކަމަކީ އޭނަގެ ކަށީގައި ހަރުލާފައި ހުރި ކަމެކެވެ.
"އިޓްސް އޯކޭ... އަސްލު ފެމެލީއެއް ނުހުރޭ... މަން... މަންމަ... ނިޔާވީ..." އައިރާއަށް މަންމަ އެ ލަފުޒު ކިޔަން އުނދަގޫވީ ކޮންމެހެން މަންމަ ނިޔާވެފައިވީތީ އެއް ނޫނެވެ. އެހެންނަމަވެސް، އޭނަގެ މާޒީގެ ސަބަބުންނެވެ. މަންމަ އެއީ ކިހާ ރީތި ލަފުޒެއް ނަމަވެސް، އޭނަގެ ޙަޔާތުގައި އެ ލަފުޒުގެ ރީތިކަން ވަޒަންކޮށްލަން ފުރުސަތު ލިބިފައެއް ނުވެއެވެ. މަންމަގެ އޯގާތެރި ފިރުމުމާއި ހިމާޔަތް ލިބިފައެއް ނުވެއެވެ. އޭނަގެ ފަސްބައިގައި ޖެހިފައިވާ ލައްގަނޑަކީ ޤަބޫލުކުރަން ބޭނުންނުވި ނަމަވެސް، އެ މަންމަގެ ސަބަބުން ޖެހިފައިވާ ލައްގަނޑެކެވެ. ކިތަންމެ ވަރަކަށް ދޮވުނަސް ސާފެއް ނުވާނެއެވެ. އުމުރު ދުވަހަށް އޭނަގެ ހަށިގަނޑުގައި އެ ލައްގަނޑުގެ ނަޖިސްކަން ހުންނާނެއެވެ.
"ސޮރީ...." އީލާފްއަށް އަނެއްކާވެސް ބުނެވުނެވެ. އޭނަވެސް ޖަޒުބާތީ ވެއްޖެއެވެ. މަންމަ ޒޫނާ މަތިން ހަނދާންވެފައެވެ.
"އީލުއަށް އެނގޭ މަންމަ ނިޔާވީމަ ދެރަވާނެކަން. އީލުގެ މަންމަވެސް ނިޔާވީ." އީލާފް ބުނެލިއެވެ. އައިރާއަށް އީލާފްއަށް ބަލައިލެވުނީ ކުޑަ އިރުކޮޅެއް ކުރިން އީލާފް އޭނަގެ މަންމަގެ ވާހަކަ ދައްކާފައިވާތީއެވެ. ސުވާލުގެ ނަޒަރަކުން އައިރާ ބަލަން ފެށުމުން އީލާފް ތަފްސީލްކޮށްލަ ދިނެވެ.
"އެއީ އަސްލު ސްޓެޕް މަމް... މަންމަ ނިޔާވިއިރު އީލު ވަރަށް ކުޑަ ވާނެ. އެކަމަކުވެސް އެ ދުވަސް ހަނދާންހުރޭ...." އީލާފް ބުނެލިއެވެ. އެ ދެމެދަށް ހިމޭންކަމެއް ވެރިވެގެން ދިޔައެވެ. އައިރާ ކަރުނަތައް ފުހެލަމުން، ވާހަކަ ދެއްކީ އިރުކޮޅެއް ފަހުންނެވެ.
އީލާފްގެ ފޯނު ރިންގްވިއެވެ. ގުޅީ ބައްޕަ މުރާދެވެ. ފޯނު ނުނަގަން ހިތަށް އެރިނަމަވެސް، ޖަވާބު ނުދީ ހުންނާކަށް އީލާފްއަކަށް ނުކެރުނެވެ.
"އީލު. ކޮންތާކު؟" މުރާދުގެ އަޑު އިވުނެވެ.
"ރިސޯޓަކު ނޫން އަޅުގަނޑު މިހުރީ. ކުޑަބެ ކައިރީގައި." އީލާފް ބުނެލިއެވެ. އޭނަ ހުރީ އަދިވެސް އެކަމާ ހިތްހަމަ ނުޖެހިފައިކަން މުރާދަށް އަންގާލަން އީލާފް ބޭނުންވި ފަދައެވެ. "މަންމަ ކައިރީގައި ބުނެފަ އައީ..."
މުރާދު ފޯނު ބޭއްވުމުން އީލާފް އައިރާއަށް ބަލައިލިއެވެ.
"ފްރެންޑަކާ އެކީ ރިސޯޓަކަށް ދާންވެގެން އުޅުނީ. އެކަމަކު ބައްޕަ ހުއްދައެއް ނުދެއްވި." އޭނަ ދެން ވާހަކަ ދެއްކިއިރު ކުރީގެ މަޑުމޮޅިކަން ވެސް ވަނީ ފިލާފައެވެ.
"އެހެންތަ. ބައްޕަމެން ބުނާގޮތް ހަދަން ވާނެ. ބައްޕަ އީލުއަށް ދެރައެއް ލިބެން ނޭދޭތީ އެހެން އެބުނަނީ.... އީލު ދެކެ އެންމެންވެސް ވަރަށް ލޯބިވޭ ދޯ." އައިރާ ސުވާލުކޮށްލިއެވެ. ލޯބިވާ ޢާއިލާއަކާއެކު އުފާވެރި ދިރިއުޅުމަށް އުޅުމަކީ އޭނައަށް ލިބުނު ނަސީބެއް ނޫނެވެ. ޢާއިލާއެއްގެ މުހިންމުކަމާއި ޢާއިލީ ލޯބީގެ ރީތިކަމަކީ އޭނަ އެންމެ ބޮޑަށް ތަޖުރިބާކޮށްލަން ބޭނުންވާ ކަންތަކެވެ. އެކަމަކު އެއީ އޭނައަށް ދުވަހަކު ލިބޭނެ ނަސީބެއް ނޫންކަމުގައި އައިރާ ޤަބޫލުކުރެއެވެ. ދުނިޔޭގެ ކެހިވެރިކަމުގެ ދަލުގައި އޭނަގެ ޙަޔާތް ވަނީ ޤައިދުވެފައެވެ. އެއްވެސް އުފާވެރިކަމެއް ލިބުމެއް ނެތް ފަދައިންނެވެ. މޫނުމައްޗަށް ވެރިވި މާޔޫސްކަން ހިންދާލަމުން އައިރާ ހިނިތުންވެލިއެވެ.
އެތަކެއް އިރަކު ދެމީހުން ވާހަކަ ދައްކަން ތިއްބެވެ. އީލާފް ދިޔުމުން އަނެއްކާވެސް އައިރާ ވަށައިލީ އުދާސްކަމާއި އެކަނިވެރިކަމެވެ. އޭނަގެ ޙަޔާތުގައިވާ ވޭނީ ގިލަންވެރިކަމުގެ ސިލްސިލާއަށް ނިމުމެއް ނެތެވެ.
*****
ސިޓިން ރޫމުގައި ޒަހްރާން ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. އޭނަ އިންތިޒާރުކުރަމުން ދިޔައީ އީލާފް އަންނާނެ އިރަކަށެވެ. ކީއްވެކަމެއް ނޭނގެއެވެ. އައިރާގެ ޙާލު ބަލައިނުލާ ހިތްހަމަޖެހިދާނެހެނެއް ހިޔެއް ނުވެއެވެ. އެއީ އޭނައަށް ދުވަހަކުވެސް ވީ ގޮތެއް ނޫނެވެ. އަންހެން ކުއްޖަކާ މެދު ޝައުޤުވެރިވެ ވާނުވާ ބެލުމަކީ ދުވަހަކު ކުރިކަމެއް ވެސް ނޫނެވެ. ޒަހްރާންގެ ޙަޔާތަށް އަންނަ އަންހެން ކުދިންނަކީ "ޓައިމްޕާސް" ކޮށްލުމުގެ ގޮތުން އޭނަ ގެންގުޅޭ ކުދިންނެވެ. ފޫހިވީމާ ދޫކޮށްލުމަކީ އޭނަގެ އާދައެކެވެ. ހުޅަނގުގެ ގައުމުތަކުގައި ޙަޔާތުގެ ގިނަ ދުވަސްތަކެއް ހޭދަކުރީމަ ކަމަށްވެސް ވެދާނެއެވެ. އެފަދަ ގުޅުންތަކަކީ އޭނައަށް މާ ބޮޑުކަމެއް ނޫނެވެ. މަޖާކޮށްލަން ރައްޓެހިވެލާފައި، ފޫހިވީމާ ދޫކޮށްލާފައި ދިޔުމަކީ އޭނަގެ އުސޫލެވެ. މިހާތަނަށް އައިއިރު، އެގޮތަށް ވާހަކަ ދެއްކުނު ކުދިންގެ އަދަދެއްވެސް ނޭނގެއެވެ.
ބެލް ޖަހައިލުމާއެކު، ޒަހްރާން ގޮސް ދޮރު ހުޅުވިއެވެ. އީލާފްއަށް އޭނަ ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.
"ޝީ އިޒް ފައިން ނައު..." އީލާފް ބުންޏެވެ. ޒަހްރާން ބުމަ އަރުވައިލިއެވެ. އީލާފް އެހާއިރު އައިރާގެ ގާތުގައި ހުރެފައި އައިސް އެބުނެލި ކުރު ޖުމްލަ ހީވީ އޭނައަށް ހަޖަމުކޮށްލަން އުނދަގޫވިހެންނެވެ. އިތުރު ތަފްސީލް ބޭނުންވާކަން ޒަހްރާން އީލާފްއަށް އަންގައިލިއެވެ.
"އެކަނި އުޅޭ ވާހަކަ ބުނީ... މަންމަ ނިޔާވެފަ... ސޯ ބޭސިކަލީ އޭނަގެ އެކަކުވެސް މިހާރަކު ނެތް." އައިރާގެ ވާހަކަތައް ހަނދާނަށް ގެންނަމުން އީލާފް ޒަހްރާނަށް އޮޅުން ފިލުވައިދިނެވެ. އީލާފް ގޮސް ދެފައި ވަށްކޮށްލައިގެން ސޯފާގައި އިށީނދެ އަނެއްކާވެސް ފިލްމު އަޅުވާލައިގެން ބަލަން ފެށިއެވެ.
ޒަހްރާންގެ ހިތުގައި އައިރާއާ މެދު އުފެދުނު ޝައުޤުވެރިކަން ދެގުނަވެގެން ދިޔައެވެ. އޭނަވެސް ސޯފާގައި ލެނގިލަމުން ޓީވީއަށް ނަޒަރު ހުއްޓައިލިއެވެ. އެހެންނަމަވެސް ހިތާ ސިކުނޑިވަނީ މުޅިން އެހެން ދިމާލެއްގައެވެ. އާއެކެވެ. އޭނަގެ ޚިޔާލުތަކުގައި ވަނީ އައިރާއެވެ. ހަމައެކަނި އައިރާއެވެ. އައިރާގެ މޫނުމަތިން ފެނުނު މާޔޫސްކަން ހީވަނީ އަދިވެސް ލޯ ކުރިމަތީގައި ސިފަ ވާހެންނެވެ. އައިރާ އެކަނި އުޅޭނަމަ ރިހާމްއަކީ ކާކުހެއްޔެވެ؟ އެ ޙާލުގައި އޮވެވެސް އައިރާ ރިހާމްއަށް ގޮވަންވީ ކީއްވެހެއްޔެވެ؟ ޒަހްރާންގެ ހިތަށް އަރަމުން ދިޔައެވެ. އަންހެން ކުއްޖަކު ފެނިގެން އެވަރަށް ޝައުޤުވެރިވެ ވިސްނުމަކީ ޒަހްރާން ދުވަހަކުވެސް ކުރިކަމެއް ނޫނެވެ. އެހެންނަމަވެސް އައިރާއާ ދިމާވިފަހުން އޭނައަށް އައިރާއާ މެދު ވިސްނެނީއެވެ.
އީލާފް ގެއަށް ދިޔައީ އެރޭ އަށެއް ޖަހާ ބޮޑުވީފަހުންނެވެ. ޑްރައިވަރު އޭނަ ބަލާ އައުމުން އީލާފްއާއެކު ޒަހްރާންވެސް ތިރިއަށް ދިޔައެވެ. އީލާފް އަރަން ކާރުގެ ދޮރުފަތް ހުޅުވައިލަދިނީ ވެސް ޒަހްރާނެވެ. ކާރު ދުއްވައިލުމުން އޭނަ ގޮސް ލިފްޓުގެ ބަޓަނަށް އޮބައިލަމުން ލޮބީގައި މަޑުކޮށްލިއެވެ. ފޯނަށް ބަލައިލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ.
ޒަހްރާން އެތަނުގައި ހުއްޓާ އިތުރު ޒުވާނަކު އައިސް މަޑުކޮށްލިއެވެ. އޭނައަށް ބަލައިލުމަށްފަހުވެސް، ހިނިތުންވުމެއް ހަދިޔާކޮށްލުމެއް ނެތި ފޯނަށް ނަޒަރު ހުއްޓައިލުމުން ޒަހްރާނަށްވެސް ބުމަ އަރުވައިލެވުނެވެ. ހުދުކުލައިގެ ގަމީހެއްގައި ބެގީކޮށްލާފައި ހުރިއިރު ހަރުދަނާ ގޮތެއް ހުއްޓެވެ. އޭނައާ އެކު އެ ޒުވާނާވެސް ލިފްޓަށް އެރިއެވެ. ޒަހްރާން އޭނަ އުޅޭ ފްލޯގެ ބަޓަނަށް ފިތައިލިއެވެ. އެ ޒުވާނާ އިތުރު ފްލޯއަކަށް ފިތާނުލުމުން، ޒަހްރާން ކުޑަކޮށް ހައިރާންވިއެވެ. އެހެންނަމަވެސް އިތުރު އެއްޗެއް ބުނާ ޚިޔާލެއް އޭނަ ނުކުރިއެވެ.
ހަތްވަނަ ފަންގިފިލާއަށް ލިފްޓް ހުއްޓުމުން ޒަހްރާންވެސް ފައިބައިފިއެވެ. އޭނައާއެކު އައި ޒުވާނާވެސް މެއެވެ. ޒަހްރާން ބަލަން ހުއްޓާ އެ ޒުވާނާ ގޮސް ވަނީ އައިރާމެން އެޕާރޓްމެންޓަށެވެ. އޭނަގެ ހިތުގައި އަނެއްކާވެސް ސުވާލުތައް އުތުރި އަރައިގަތެވެ.
"އެއީ އަނެއްކާ ރިހާމްބާ؟" ހިތާ ހިތާ ޒަހްރާނަށް ވާހަކަ ދެކެވުނު އިރު، އެއީ ރިހާމްއަށް ވެއްޖެއްޔާ އޭނައާ އައިރާއަ އޮތް ގުޅުމާ ބެހޭގޮތުންވެސް، އޭނަގެ ހިތުގައި ސުވާލުތައް އުތުރި އަރައިގަތެވެ. "އެއީ ރިހާމް އަށް ވިއްޔާ ރިހާމްއަކީ އައިރާގެ ކާކުބާ؟ އަނެއްކާ... ފިރިމީހާތަ؟ ނޫނީ... ނޫނީ ލޯބިވެރިޔާތަ؟"
ވެރިވަމުން ދިޔަ ޚިޔާލުތަކުން ޒަހްރާނަށް އުނދަގޫވާން ފެށިއެވެ. އޭނަ ގޮސް އެޕާރޓްމެންޓަށް ވަދެ ދޮރު ޖެހިއެވެ.
*****
އެނދުގައި އޮށޯވެލައިގެން އޮތް އައިރާއަށް އޮތީ ނިދިޖެހިފައެވެ. އޭނައަށް ހޭލެވުނީ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު، ލައްޕައިލި އަޑަށެވެ. ތެދުވެ ބަލައިލިއިރު، ހުރީ ރިހާމްއެވެ.
"ރިހާމް..." އައިރާ ރިހާމްއަށް ގޮވައިލިއެވެ. އޭނަ ނުގުޅަނީސް ރިހާމް އައުމުން އައިރާގެ ހިތަށް ކުޑަ އުންމީދެއް ލިބިގެން ދިޔައެވެ.
"މިހާރު ރަނގަޅުތަ؟" ރިހާމްގެ އަޑުގައިހުރީ ފިނިކަމެކެވެ. މާ ބޮޑު އަޅާލުމެއް ނެތެވެ. އައިރާއަށް އެކަން ފާހަގަވެ ކުޑަކޮށް ދެރަވި ނަމަވެސް، އޭނަ ތުންފަތް މައްޗަށް ގަދަކަމުން ހިނިތުންވުމެއް ވެރިކޮށްލުމަށްފަހު، ބޯ ޖަހައިލިއެވެ.
"ބޭސް ކައިފިންތަ؟" ރިހާމް ދެވަނަ ސުވާލެއް ކޮށްލިއެވެ.
"ހޫމް..." އައިރާ "ހޫމް" އަކުން ފުއްދައިލިއެވެ.
"މިރޭ މަޑުކުރަން ދޯ ތިއައީ؟" އައިރާގެ ދެލޮލުގައިވަނީ އުންމީދީ ވިދުމެއްގެ އަސަރެވެ.
"އުހުމް... ނިދާކަށް މަޑެއް ނުކުރެވޭނެ. ކަމަކު ހުޅުމާލެ އައިސް މި ވަދެލީ... " ރިހާމް ބުނެލުމާއެކު، އައިރާގެ ދެލޮލުން ފެނުނު އުންމީދުގެ ހުޅުކޮޅު ނިވިއްޖެއެވެ. އޭނަ ތުންފަތުގައި ދަތް އަޅާލަމުން އަމިއްލަ ހިތަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.
އައިރާއަށް އިސްޖަހައިލެވުނީ، އޭނަގެ ދެލޮލުގައި ބޮނޑިވެގަތް ކަރުނަތައް ރިހާމްއަށް ދައްކަން ބޭނުން ނުވާތީއެވެ.
އައިރާއަށް ބަދަލުތަކެއް އަރުވެއްޖެކަން ޚުދު ރިހާމްއަށްވެސް ފާހަގަކުރެވުނެވެ. އެހެންނަމަވެސް، އޭނަ އެކަމަކާ މާބޮޑު ސަމާލުކަމެއް ނުދިނެވެ. ޝަކުވާކުރަން ކިތަންމެ ބޭނުންވިނަމަވެސް، އައިރާވެސް ޚިޔާރުކުރީ ހިމޭންކަމެވެ. ރިހާމްގެ ކުރިމަތީގައި އޭނަގެ އަމިއްލަ ނަފްސުގެ އަގުވެސް ވެއްޓެމުން ދާ ފަދަ އިޙްސާސެއް އައިރާއަށް ކުރެވެމުން ދިޔައެވެ. ވާހަކަ ދެއްކުމުން ހިތަށް ލިބެނީ ހުސް ތަކުލީފެވެ. އޭނަގެ ހިމޭންކަމުން ވެސް ރިހާމްއަށް އެއްވެސް ކަހަލަ އަސަރެއް ކުރޭތޯ ބަލާލަން އައިރާ ބޭނުންވީއެވެ. އެހެންނަމަވެސް އެހެންނެއްވެސް ނުވިއެވެ. އެނދުން ތެދުވެލަމުން އޭނަ އެއްޗެއް ކާނުތޯ ރިހާމް ގާތުން ސުވާލުކޮށްލިއެވެ.
"ނޫން. މިރޭ ޑިނަރައަކަށް ދާންވެފައި އެބައޮތް." ރިހާމް ބުނެލިއެވެ. އޭނަ ބުނީ ދޮގެއް ނޫނެވެ. އޭނަ ވަނީ މިރޭ ދާނިޔާއާއެކު ކެއުމަކަށް ދާން ވަޢުދުވެފައެވެ. އައިރާ ވެސް އިތުރު އެއްޗެއް ނުބުންޏެވެ. އެ ގުޅުން ސަލާމަތްކުރުމަށް އޭނަ ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް، ރިހާމް އެއްބާރުލުން ނުދެންޏާ އަލިމަގެއް ފެންނާނެހެއްޔެވެ؟
އައިރާ ގޮސް ރިހާމްގެ ކައިރީގައި ހުއްޓުމަށްފަހު، ރިހާމްގެ މޭގައި ފިރުމައިލިއެވެ. އެހެންނަމަވެސް، މިފަހަރުވެސް ރިހާމް އޭނަގެ އަތް ދުރުކޮށްލީ އުނދަގޫވެފައިވާ ފަދައަކުންނެވެ.
"ރިހާމް..." އައިރާ ގޮވައިލިއެވެ. އެ އަޑުގައިވަނީ ބުނެދޭން ނޭނގޭ އަސަރެކެވެ. އޭނަވަނީ ރިހާމްގެ އޯގާތެރި ފިރުމުމަށް ފެންބޮވައި ގަނެފައެވެ. ރިހާމްގެ ލޯތްބަށް ދަހިވެތިވެފައެވެ.
"ހޫމް..." އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ރިހާމް ބުނެލިއެވެ. އެހެންނަމަވެސް، އޭނަގެ މާ ބޮޑު ޝައުޤުވެރިކަމެއް އައިރާއަކަށް ނެތެވެ.
"ކިހިނެއްވީ؟" އައިރާ އެއްޗެއް ނުބުނުމުން ރިހާމް އެންމެފަހުން އައިރާ ގާތުން ސުވާލުކޮށްލިއެވެ.
"އުހުމް. ކަމެއް ނުވޭ..." ރިހާމް އޭނަގެ އިޙްސާސްތަކަށް ޤަދަރުނުކުރާނެކަން އައިރާއަށް ޔަޤީންވިއެވެ. އިތުރަށް ރިހާމްއާ ކުރިމަތިލައިގެން ހުރުމަކީ ކެތްކުރެވޭކަމަކަށް ނުވުމުން އޭނަ ގޮސް ވަނީ ފާޚާނާއަށެވެ. ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް އެސްފިޔަތަކާ ޖަދަލުކޮށްފައި ފައިބައިގަތީ ދެނެވެ. ގިސްލުމުގެ އަޑު ބޭރުވެދާނެތީ އަނގަމަތީގައި އަތް އަޅައިލެވުނެވެ. ލޯގަނޑުން އަމިއްލަ މީހާގެ ސޫރައަށް ބަލައިލުމާއެކު، އައިރާއަށް ފާރުގައި ލެނގިލެވުނެވެ. ފުންނޭވާތަކެއް ލަމުން މީހާ ހަމައަކަށް އަޅުވަން އޭނަ މަސައްކަތްކުރަމުން ދިޔައެވެ.
ފަސްވަރަށް މިނެޓް ފަހުން އައިރާ ފާޚާނާއިން ނުކުތްއިރު، ރިހާމް ކޮޓަރިއަކު ނެތެވެ. އޭނަ ސިޓިން ރޫމަށްވެސް ނުކުމެ ރިހާމް ހުރިތޯ ބެލިއެވެ. އެހެންނަމަވެސް، މިހާރަކު ރިހާމް ފެންނާކަށް ނެތެވެ. ދިޔައީކަން ޔަޤީންވި ނަމަވެސް، ދޮރު ހުޅުވާލާފައި އައިރާއަށް ބަލައިލެވުނެވެ. ހިތަށް ލިބުނީ މާޔޫސްކަމެކެވެ. ލިފްޓު އޭރު ތިރިއަށް ދަނީއެވެ. ގްރައުންޑް ފްލޯއަށް ލިފްޓު ހުއްޓެންދެން އޭނައަށް އެތަނުގައި ހުރެވުނެވެ.
ފުންނޭވާއެއް ދޫކޮށްލި، އައިރާގެ ނަޒަރު ޒަހްރާންގެ އެޕާރޓްމެންޓަށް ހުއްޓިގެން ދިޔައެވެ. ބޭރުގައި ހުރި ފިރިހެން ފައިވާން ފެނުމުން، ގޭގައި ޒަހްރާން އުޅޭކަން އޭނައަށް ދެނެގަނެވުނެވެ.
(ނުނިމޭ)