އުނދަގޫ މައްސަލަތައް ހައްލުކުރުމުގެ ޚާއްޞަ ގާބިލުކަމާއެކު ގޫގުލްއިން އެކުންފުނީގެ އެންމެ ފަހުގެ އޭއައި މޮޑެލް "ޖެމިނައި 3.1 ޕްރޯ" ރަސްމީކޮށް އާންމުކޮށްފިއެވެ.
މި އައު މޮޑެލްއަކީ ކުރީގެ "ޖެމިނައި 3 ޕްރޯ" އަށް ވުރެ ބޮޑަށް ކުރިއަރާފައިވާ، އަދި އުނދަގޫ މަސައްކަތްތައް ކުރުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ މޮޑެލްއެކެވެ.
މި މޮޑެލްގެ ގާބިލުކަން ހުރި މިންވަރު ބެލުމަށް ހެދި ޓެސްޓުތަކުން ދައްކާގޮތުގައި، ލޮޖިކް ބޭނުންކޮށްގެން މައްސަލަ ހައްލުކުރުމުގެ ރޭޓް ވަނީ 77.1 އިންސައްތައަށް އަރާފައެވެ. މިއީ ވާދަވެރި އޯޕަން އޭއައިގެ ޖީޕީޓީ-5.2 އާއި އެންތްރޮޕިކްގެ އޮޕަސް 4.6 އަށް ވުރެ މާ މަތީ ނަތީޖާއެކެވެ. މީގެ އިތުރުން އިލްމީ ދިރާސާތަކާއި ބުއްދީގެ ގާބިލުކަން ވަޒަންކުރާ ޓެސްޓުތަކުންވެސް ޖެމިނައި 3.1 ޕްރޯ ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ.
ގޫގުލްއިން ހާމަކުރި ގޮތުގައި މި އައު މޮޑެލް މިހާރު ޑިވެލޮޕަރުންނަށާއި، ބޮޑެތި ކުންފުނިތަކުގެ އިތުރުން އާންމު ފަރުދުންނަށް ވެސް ބޭނުންކުރެވޭނެއެވެ. އެގޮތުން ޖެމިނައި އޭޕީއައި، ވާޓެކްސް އޭއައި، ޖެމިނައި އެޕް އަދި ނޯޓްބުކް އެލްއެމް މެދުވެރިކޮށް މި ހިދުމަތް މިހާރު ދަނީ ފޯރުކޮށްދެމުންނެވެ.
މި މޮޑެލްގެ އެހީގައި ކުރިއަށްވުރެ ފުރިހަމަ އަދި ތަފްސީލީ "އެސްވީޖީ" އެނިމޭޝަންތައް އުފެއްދޭނެ ކަންވެސް ގޫގުލްއިން ވަނީ ދައްކާލާފައެވެ.
ކުރީގެ މޮޑެލްތަކާ އަޅާބަލާއިރު، އެއް ޕްރޮމްޕްޓެއް ބޭނުންކޮށްގެން މާ ފުރިހަމަ ކުރެހުންތަކާއި އެނިމޭޝަންތައް މި މޮޑެލްއިން އުފައްދައިދޭކަމަށް އެކުންފުނިން ބުނެއެވެ.
މީގެ އިތުރުން، ގޫގުލް ލެބްސްއިން ވަނީ މާކެޓިން މަސައްކަތްތަކަށް ހާއްސަ އޭއައި އެސިސްޓެންޓް "ޕޮމެލީ" އަށް "ފޮޓޯޝޫޓް" ނަމުގައި އައު ފީޗާއެއް ތައާރަފުކޮށްފައެވެ. މި ފީޗާގެ ސަބަބުން، އެންމެ އުފެއްދުމެއްގެ އެންމެ ފޮޓޯއެއް ބޭނުންކޮށްގެން، އެކި އޭންގަލްތަކުން އެ އުފެއްދުމުގެ ފޮޓޯތަކާއި އިޝްތިހާރު ބެނާތައް އަމިއްލައަށް އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ޕޮމެލީގެ މި އައު ފީޗާ މިހާރު އެމެރިކާ، ކެނެޑާ، އޮސްޓްރޭލިއާ އަދި ނިއުޒީލޭންޑްގެ ބޭނުންކުރާ ފަރާތްތަކަށް ހިލޭ ލިބޭނެއެވެ.
މިއީ މާކެޓިން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މަސައްކަތް އަވަސްކޮށް، ހަރަދު ކުޑަކުރުމަށް ލިބިގެންދާނެ ބޮޑު ލުޔެއް ކަމަށް ގޫގުލްއިން ބުނެއެވެ.