ގޫގުލްގެ ޕިކްސެލް ފޯނުތަކުގައި ބޭނުންކުރާ 'ފޯން އެޕް' މެދުވެރިކޮށް ކޯލް ރެކޯޑުކުރެވޭ ފީޗާ ދުނިޔޭގެ އިތުރު ގައުމުތަކަށް ފުޅާކުރަން ފަށައިފިއެވެ.
ކުރިން ހަމައެކަނި އެމެރިކާގެ ބައެއް ސަރަހައްދުތަކަށް ލިބޭ މި ފީޗާ، މިހާރު ޔޫރަޕްގެ ގިނަ ގައުމުތަކަކަށް އަންނަނީ ދޫކުރަމުންނެވެ.
ފަހުގެ ރިޕޯޓްތައް ބުނާގޮތުން ޖަރުމަނު، އިޓަލީ، ސްޕެއިން، ރޫމޭނިއާ އަދި ފްރާންސް ފަދަ ގައުމުތަކުގައި ޕިކްސެލް ފޯނު ބޭނުންކުރާ ފަރާތްތަކަށް މިހާރު މި ފީޗާ ވަނީ ލިބެން ފަށާފައެވެ.
ގޫގުލްއިން ހާމަކޮށްފައިވާ ގޮތުގައި، ކޯލް ރެކޯޑުކުރުމާ ގުޅޭގޮތުން އެ ގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތައް ހުއްދަކުރާ ނަމަ، ފެބްރުއަރީ މަސް ނިމުމުގެ ކުރިން ހުރިހާ ސަރަހައްދަކަށް މި ފީޗާ ތައާރަފުކޮށް ނިންމާނެއެވެ.
މި ފީޗާ ބޭނުންކުރެވޭނީ ގޫގުލް ޕިކްސެލް 6އިން ފެށިގެން އޭގެ ފަހުގެ މޮޑެލްތަކުގައެވެ. އަދި ފޯނުގައި އެންޑްރޮއިޑް 14 ނުވަތަ އެއަށްވުރެ ފަހުގެ ވާޝަނެއް ހުންނަން ޖެހެއެވެ. މިއީ އޭއައި ބޭނުންކޮށްގެން ކުރާ ކަމެއް ނޫން ކަމަށާއި، އެ ފީޗާއިން ކޯލްގައި ދައްކާ ވާހަކަ ލިޔުމަށް (ޓްރާންސްކްރިޕްޓް) އަށް ބަދަލުކޮށް ނުދޭނެ ކަމަށް ގޫގުލްއިން ބުނެއެވެ.
ކޯލް ރެކޯޑުކުރާއިރު، ކޯލްގައި ހިމެނޭ ހުރިހާ ފަރާތްތަކުގެ ސިއްރު ހިފެހެއްޓުމަށާއި ގާނޫނީ ރައްކާތެރިކަމަށްޓަކައި، ރެކޯޑުކުރަން ފެށުމުގެ ކުރިން އެކަން އަންގައިދޭ އޯޑިއޯ މެސެޖެއް އިވޭނެއެވެ. މީގެ އިތުރުން، ނޭނގޭ ނަންބަރުތަކުން ކުރާ ކޯލްތައް އޮޓޯއިން ރެކޯޑުކުރުމުގެ އިޚްތިޔާރުވެސް ލިބެއެވެ.
ޕިކްސެލް ފޯނު ބޭނުންކުރާ ފަރާތްތަކަށް މި ފީޗާ އެކްޓިވް ކުރެވޭނީ 'ފޯން އެޕް' ގެ ސެޓިންގްސްގެ ތެރެއިން 'ކޯލް އެސިސްޓް' ބައިންނެވެ.
ރެކޯޑުކުރެވޭ އޯޑިއޯތައް ފޯނުގެ 'ފޯން އެޕް' ތެރެއިން ފެންނަން ހުންނައިރު، ވަކި ދުވަސްތަކެއް ފަހުން (7، 14 ނުވަތަ 30 ދުވަސް) އެ އޯޑިއޯތައް އަމިއްލައަށް ފޮހެވޭ ގޮތަށްވެސް ސެޓިންގް ހެދޭނެއެވެ.
ކޯލް ރެކޯޑުކުރުމަކީ ބައެއް ގައުމުތަކުގައި މަނާ ކަމަކަށް ވާތީ، މި ފީޗާ ލިބޭނީ އެ ގައުމެއްގެ ގާނޫނީ ހަމަތަކަށް ބަލައިގެން ކަމަށްވެސް ގޫގުލްއިން ފާހަގަކޮށްފައިވެއެވެ.