ރަމަޟާން މަހަކީ ވަރަށް ގިނަ އަންހެންވެރިން ބަދިގެތެރޭގައި ގިނަ ވަގުތު ހޭދަކުރާ މަހެކެވެ.
ޚާއްސަކޮށް ރޯދަ މަހުގެ މެންދުރުފަހުން ފެށިގެން އިރުއޮއްސިއްޖައުމަށް ދާންދެން ބަދިގެ އަކީ ގޭގެ އެންމެ ބިޒީ އެއް ތަނެވެ. ރޯދަވީއްލުމަށް އެކި ބާވަތްތަކުގެ ކެއުން ތައްޔާރުކުރަމުންދާއިރު ފަހުން އުޅެންޖެހެނީ ކާއެއްޗެހީގެ ވަސް ބަދިގެއިން ނުފިލައިގެންނެވެ.
މިހާރަކަށް އައިސް ގިނަ ބަޔަކު ދިރިއުޅޭ ގެތަކުގެ ޖާގައިގެ ދަތިކަމުން ބަދިގެއަކީ ގޭގެ ސިޓިންގްރޫމްގެ ވެސް ހިއްސާއަކަށްވާއިރު ގެއަށް މެހެމާނަކު ޒިޔާރަތް ކުރާނަމަ ބަދިގެއިން ވަސް ނުފިލުމުގެ ކަންބޮޑުވުންތައް އަންހެންވެރިން ހާސްކުރުވައެވެ.

ލުނބޯ އަދި ފޮނިތޮށި ނުވަތަ ރޯޒްމެރީ ފަދަ ސްޕައިސެސް އަޅައިގެން ފެން ކެއްކުމުންވެސް ބަދިގެތެރޭގައި ހިފާފައި ހުންނަ ވަސް ފިލާ މީރުވަސް ގޭތެރެއަށް ފެތުރުމަށް އެހީތެރިވެދޭ--ފޮޓޯ/ގޫގްލް
ނަމަވެސް މިކަމަށް ހައްލެއް ހޯދުމަށް ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ކައްކާ ނިމުމުން ބަދިގެތެރެ ރަނގަޅަށް ސާފުކޮށްލެވިދާނެއެވެ. އޭގެތެރޭގައި ކެއްކުމަށް ބޭނުންކުރި ހިފާ ގެންގުޅޭ ސާމާނުތަކުގެ އިތުރުން ކައްކަން ގެންގުޅޭ އުނދުން އަދި ކުނި އަޅަން ގެންގުޅޭ ޑަސްބިން ފަދަ ތަކެތި ހިމެނެއެވެ.
ޑަސްބިން ހުސްކޮށްލުމަށްފަހު ސާފު ކުރާއިރު ހޫނު ފެނަށް ސައިބޯނި އެޅުމަށްފަހު ޑަސްބިން ދޮންނަން ބޭނުންކުރެވިދާނެއެވެ. ނޫނީ ބޭކިން ސޮޑާ ނުވަތަ ރާހުތް ބޭނުންކޮށްގެން ވެސް ޑަސްބިން ދޮވެލެވިދާނެއެވެ.
ޑަސްބިން ބޭނުންކުރުމުގެ ކުރިން އޭގެތެރެއަށް ޕެޕަމިންޓް ތެޔޮ އަޅާފައިވާ ކަފަކޮޅެއް ނުވަތަ ރޯޒްމެރީއެއް ލުމަކީ ޑަސްބިންގައި ހަރުލާ ނުބައި ވަސް ފިލުވާލަ ދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ.
އިނގިރޭސިވިލާތަށް ނިސްބަތްވާ ލައިފް ސްޓައިލިސްޓް އަދި ކްރާފްޓްސް މުދައްރިސެއް ކަމަށްވާ ނަތާޝާ ބްރޫސްގެ ލިޔުމެއްގައި ފާހަގަކޮށްފައިވާ ގޮތުން ކެއްކުމަށްފަހު ނޫނަސް ކޮންމެ ހަފުތާއަކު އެއްފަހަރު ބަދިގޭގެ ކަބަޑުތަކާއި އޭގެ ކައިރިފަތް ރަނގަޅަށް ސާފު ކުރުމަކީ ވަރަށް ބަދިގެ ސާފުތާހިރުކޮށް ބެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ބަދިގޭގައި ދުވާ ކައްކާ ވަސްގަނޑު ގޭތެރެއިން ފިލުވާލުމަށް ބަދިގެތެރޭގައި ކުޑަ އެއަޕިއުރިފަޔައެއް ވެސް ބެހެއްޓިދާނެ--ފޮޓޯ/ޕިންޓްރެސްޓް
އެގޮތުން ބަދިގޭގައި ހުންނަ އައިސް އަލަމާރި ކޮންމެ ހަފުތާއަކު ސާފު ކުރުމުގެ އިތުރުން ބަދިގެތެރެ ރަނގަޅަށް ޑިސްއިންފެކްޓް ކުރުމަކީ ކެއްކުމުގެ ސަބަބުން ގޭތެރޭގައި ހަރުލާފައި ހުންނަ ވަސް ފިލުވުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ނަތާޝާ ވަނީ ފާހަގަކޮށްފައެވެ.
ގޭތެރޭގެ ވެންޓިލޭޝަން އަކީ ގޭތެރޭގައި ދުވާ މިފަދަ ވަސްވަހުން ގޭގެ މާހައުލު ރައްކާތެރިކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއް ކަންތަކެވެ. ޚާއްސަކޮށް ބަދިގޭގެ ވެންޓިލޭޝަން ރަނގަޅުވެއްޖެނަމަ ކައްކާއިރު އެ ދުވާ ވަސްގަނޑު ފަސޭހައިން ބޭރުވުމަށް މަގުފަހިކޮށްދެއެވެ.
ކައްކާއިރު ބަދިގޭގައި ހުޑްއެއް ހުންނަނަމަ ކެއްކުމުގެ ކުޑައިރުކޮޅެއް ކުރިން ހުޑް ޖައްސާލެވިދާނެއެވެ. ހުޑް ބޭނުންކުރާނަމަ އޭގެ ފިލްޓާތައް ގަވައިދުން ސާފުކުރުމަކީ އޭގެ އެތެރެ ބެދުމުން ސަލާމަތްކޮށްދޭނެ ކަމެކެވެ.
ޚަރަދު ކުޑަ ގޮތަކަށް ވެސް ގޭތެރެއިން ކާއެއްޗެހީގެ ވަސްތައް ފިލުވާލުމަށް އެހީތެރިވެދޭ ގިނަ ކަންކަން ކުރެވެން އޮތްއިރު ލުނބޯ ބޭނުންކޮށްގެން މިކަން ކުރެވެން އެބައޮތެވެ.
ލުނބޮއެއް ފަޅިކޮށްލުމަށްފަހު ގާތްގަނޑަކަށް ދިހަ މިނެޓު ވަންދެން ފެނުގައި ކައްކާލުމުން ވެސް ގޭތެރެއިން ވަސް ފިލައިދެއެވެ. ޚާއްސަކޮށް ލޮނުމެދު، ފިޔާ އަދި އަސޭމިރުސްފަދަ ވަސްތަކާ ދެކޮޅަށް ލުނބޯ ފެނަކީ ބޭނުންކޮށްލެވިދާނެ މޮޅު ހަތިޔާރެކެވެ.
ގޭތެރޭގައި ހިފާފައި ހުންނަ ކާއެއްޗެހީގެ ވަސް ފިލުވާލުމަށް ކޮފީ އަކީ ވެސް ބޭނުންކުރެވިދާނެ ވަރަށް މުހިއްމު ބާވަތެކެވެ. މުގުރާފައި ހުންނަ ކޮފީ ތަށްޓަކަށް އަޅާލުމަށްފަހު ބަދިގެތެރޭގައި ބެހެއްޓުމުން ވެސް ރޭގަނޑުގެ ކެއުމަށްފަހު ގޭތެރޭގައި ހިފާފައި ހުންނަ ވަސްތައް ނައްތާލުމަށް އެހީވެދެއެވެ.