މިއަދުގެ ސަން ބަދިގެ ސެގްމެންޓްގައި މި ގެނެސްދެނީ ވަރަށް ގިނަ ބަޔަކަށް ކަމުދާ ޕާސްތާ ބޭނުންކޮށްގެން, ސެލެޑެއް ތައްޔާރުކޮށްލާނެ ގޮތެވެ. ޕާސްތާއަކީ ދިވެހީންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ކަމުދާ ބާވަތަކަށްވާއިރު ކެއުމުގައި ހިމަނާލާ ސެލެޑަށް ވެސް ޕާސްތާ މިވަނީ އިތުރުވެފައެވެ. ޚާއްސަކޮށް ކުޑަކުދިންގެ މެދުގައި ޕާސްތާ އަކީ ވަރަށް މަގުބޫލު ކެއުމެކެވެ. އެހެންކަމުން ސިއްހަތަށް ފައިދާހުރި ގޮތަކަށް މި ރޯދަމަހު މިއީ ތައްޔާރުކޮށްލެވިދާނެ ކެއުމެކެވެ.
ބޭނުންވާ ތަކެތި
250 ގްރާމް ޕާސްތާ (ފެނުކައްކާފައި)
1 ދަޅު މަސް
100 ގްރާމް ބީންސް (ފެނުކައްކާފައި)
60 ގްރާމް ލެޓިއުސް
100 ގްރާމް ޗެރީ ޓޮމާޓޯ
50 ގްރާމް ބްލެކް އޮލިވްސް
މޭޒުމަތީ ސަމުސާ ސެލެޑް ކްރީމް02
02 މޭޒުމަތީ ސަމުސާ މަޔޮނައިޒް
މުގުރިއަސޭމިރުސް އަދި ރަހަލާވަރުގެ ލޮނުކޮޅެއް

ޝެފް ނަހީޒު ޕާސްތާ ސެލެޑް ތައްޔާރުކުރާނެގޮތް ކިޔާލަދެއްވަނީ--ފޮޓޯ/ފޭސްބުކް
ތައްޔާރު ކުރާނެގޮތް
ސެލެޑު ތައްޔާރު ކޮށްލުމަށް އެންމެ ފުރަތަމަ ޕާސްތާކޮޅު ލޮނުކޮޅަކާ އެކު ފެނުކައްކާލާށެވެ. ޕާސްތާ ތެއްޔަށް އަޅަންވާނީ ފެންގަނޑު ރަނގަޅަށް ކެކިގަތުމުންނެވެ. އެއަށްފަހު ލޮނުކޮޅަކާ އެކު ބީންސްކޮޅު ކައްކާލާށެވެ.
ބީންސް ކައްކާއިރު ކުޑަ ކުޑަ ބޭކިންގް ޕައުޑާ ކޮޅަކާއެކު ކައްކާލުމުން އޭގައި ހުންނަ ފެހިކަމާއި ރީތިކަން ނުގެއްލި އަވަހަށް މަޑުވާނެއެވެ. ބީންސްކޮޅު ކައްކާލަން ނަގަނީ ދެ މިނެޓެއްހާއިރެވެ.
އެއަށްފަހު ބީންސްއާއި، ލެޓިއުސް ކޮށާފައި، ޗެރީ ޓޮމާޓޯ ދެފަޅިއަށް ފަޅާލާށެވެ. އަދި، ކުރިން ކޮށި ސާމާނުތައް ޕާސްތާއާ އެކު ފުން ތަށްޓެއްގެ ތެރެޔަށް އަޅާލުމަށްފަހު އެއްކޮށްލާށެވެ. ދެން އޮލިވް، ސެލެޑް ކްރީމް، މަޔޮނައިޒް އަދި އަސޭމިރުސް އެއްކޮށްލުމަށްފަހު މަޑުމަޑުން ރަނގަޅަށް މޮޑެލާށެވެ. ވަރަށް މަދު ތަކެތި ބޭނުންކޮށްގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޕާސްތާ ސެލެޑް މިހާރު ތައްޔާރުކޮށްލެވުނީއެވެ.