ކީރިތި ޤުރްއާން އިންތިޒާމްކުރެވިފައިވާ ގޮތަށް ބަލާއިރު އެފޮތަށް ލިބިދޭ ސިފަތައް ގިނައެވެ. ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި ސޫރަތާއި އާޔަތަށް ބިނާކޮށްގެން އެކަން ކުރެވިދާނެއެވެ. ސޫރަތާއި އާޔަތަކީ އެފޮތުގެ އެންމެ އަސާސީ ސިފައެވެ. ވާހަކަޔާއި ތަފާތު މައުޟޫޢުތަކަކީވެސް ޤުރްއާނުގެ މުހިންމު ސިފައެކެވެ. ޤުރްއާން އުނގެނުމަށްޓަކައި ފަހަރަކު ވާހަކައެއް އުނގެނި ދަސްކުރެވިދާނެއެވެ. ކީރިތި ޤުރްއާނުގެ އަނެއް ސިފައަކީ އެފޮތުގައި ﷲ ހިމަނުއްވާ އެކަލާނގެ ހުވައިއެވެ. ޤުރްއާން އުނގެނޭ މީހަކަށް ފަހަރަކު ހުވައެއް އުނގެނިދަސްކުރެވިދާނެއެވެ. ކީރިތި ޤުރްއާނުގެ އަނެއް ސިފައަކީ މިސާލުއެވެ. މިފޮތް އުނގެނުމުގައި ފަހަރަކު މިސާލެއްވެސް އުނގެނި ދަސްކުރެވިދާނެއެވެ.
ކީރިތި ޤުރްއާނުގައިވާ ހުރިހާ މިސާލުތައް ފުރިހަމަ ތަސްވީރެއްގެގޮތުގައި ބެލިދާނެއެވެ. ހިތްގައިމު ކޮލާޗް ކުރެހުމަކަށް ނަޒަރުހިންގަން ހިނގާށެވެ. ކޮލާޗް ފުރިހަމަ ކުރެހުމަކަށްވަނީ ބައިވަރު ކުދިކުދި އެތިކޮޅުތައް އެކުވެގެންނެވެ. އެގޮތަށް ކީރިތި ޤުރްއާނުގައިވާ ހުރިހާ މިސާލުތައް އެއްކޮށްލުމުން އުފެދެނީ އެފަ އަޖާއިބުކުރުވަނިވި ފުރިހަމަ ތަސްވީރެކެވެ. މިއިން ކޮންމެ މިސާލެއްގެ މަގުސަދާއި ހިކުމަތަކީ އިންސާނާއަށް ތެދުމަގު ދެއްކުމެވެ. އިންސާނާގެ ބުއްދިއަށް ފަސޭހައިން ނަގައިގަނެވޭނެ ސާފު ސާދާ މިސާލުތަކުން އޭނާއަށް އުނގަންނައިދިނުމެވެ.

މިސާލަކީ ކީރިތި ޤުރްއާނުގެ އަސާސީ ސިފައަކަށްވާއިރު އެމިސާލުތަކާމެދު ވިސްނާފިކުރު ހިންގައި އެމިސާލުތަކުން ފިލާވަޅު ލިބިގަތުމަކީ މުސްލިމުން ކުރަންޖެހޭ ކަމެކެވެ. ވަކިން ޚާއްސަކޮށް ބަރަކާތްތެރި ރަމަޟާން މަހު ކީރިތި ޤުރްއާނުގެ މުހިންމު ސިފައެއް ދަސްކުރުމަކީ ތިމާގެ ރޫޙީގޮތުން ފައިދާހުރި ކަމެކެވެ. ކީރިތި ޤުރްއާނުގައި ﷲ ގިނަގުނަ މިސާލު ދެއްވައެވެ. އޭގެ ތެރޭގައި ސީދާކޮށް ދެއްވާ މިސާލާއި ނުސީދާކޮށް ދެއްވާ މިސާލު ހިމެނެއެވެ. ކީރިތި ޤުރްއާން ބާވައިލެއްވީ އިންސާނާއަށް ތެދުމަގު ދެއްކެވުމަށެވެ. ތެދުމަގު ދެއްކުމަށް ޤުރްއާން ބޭނުންކުރާ އެއް ވަސީލަތަކީ މިސާލެވެ.
މިސާލަކީ ކުރެވޭ މުއާމަލާތްތަކުގައި އާންމުކޮށް އިންސާނުން ދައްކާ ނުވަތަ ދޭ އެއްޗެކެވެ. އެކަމަކު ކީރިތި ޤުރްއާނުގައި މިސާލު ބަޔާންކުރައްވާ ބައެއް ތަންތަނުގައި ﷲ އަންގަވަނީ އެކަލާނގެ މިސާލުން ޖައްސަވާ ވާހަކައެވެ. މިނުކުތާއަށް ބަލާއިރު މިސާލުން ޖެއްސެވުމުގެ ހިކުމަތަކީ އެކަން އެހިސާބުން ނިންމުމެވެ. އެއްޗަކަށް މޮހޮރު ޖަހައި މަލަރުކުރުމުން އެއެއްޗެއް އެގޮތަށް ހަދައި ނިމުނީއެވެ. އިންސާނާއަށް ތެދުމަގު ދެއްކެވުމަށްޓަކައި ﷲ މިސާލު ޖައްސަވަނީ އެފަދައިންނެވެ. ކޮންމެ މިސާލަކީ އިންސާނާގެ ލާބައާއި މަންފާއަށް ﷲ ދެއްވާ އެއްޗެކެވެ. ނަތީޖާއަކީ ﷲ ދެއްވާ ކޮންމެ މިސާލެއް ލާމަސީލު ފިލާވަޅަކަށްވުމެވެ.
މޮޅު ނުވަތަ ކާމިޔާބު މުދައްރިސުންނަކީ ފަސޭހައިން ދަރިވަރަށް ނަގައިގަނެވޭ ގޮތަށް އުނގަންނައިދޭ މުދައްރިސުންނެވެ. އެފަދަ މުދައްރިސުން އުނގަންނައިދިމުގެ ބޭނުންކުރާ އެއް އުކުޅަކީ ނުވަތަ ހަތިޔާރަކީ ސާފު ސާދާ މިސާލުތައް ދިނުމެވެ. ފިލާވަޅުގައި ޝާމިލުވާ ތިއަރީ ނުވަތަ މަފުޙޫމް ބަޔާންކޮށްދިނުމަށް ފަހު ދޭނީ ސާފު މިސާލެވެ. ސާދާ މިސާލުތަކުން ދަރިވަރަށް ފަސޭހައިން އުނގެނި ދަސްވެއެވެ. ހަރުދަނާ މުދައްރިސްގެ މަގުސަދަކީ ފަހަރެއްގައިވެސް ދަރިވަރު ހައިރާންކުރުވައި އޭނާގެ މޮޅުކަން ދެއްކުމެއްނޫނެވެ. އެކަމަކު ދަރިވަރު ހުރި ހިސާބަށް ތިރިވެ ދަރިވަރަށް ފަހުމްވާނޭ ގޮތެއް ބޭނުންކޮށްގެން އުނގަންނައިދިނުމެވެ. ދަރިވަރަށް ކިޔެވެލީގައި ކުރިއެރުމާއި ކާމިޔާބު ހޯދެނީ ތިލަ މިސާލުތަކުން އުނގަންނައިދޭ މުދައްރިސުންގެ ކިޔަވައިދިނުމުންނެވެ.
ރަޙުމާންވަންތަ ﷲ އިންސާނާއަށް ޤުރްއާން އުނގަންނައިދެއްވިއެވެ. ﷲ އިންސާނާއަށް ޤުރްއާން އުނގަންނައިދެއްވީ އޭނާއަށް ފަސޭހައިން ދޭހަވެ އުނގެނި ދަސްވާނެ ގޮތަށެވެ. އޭނާއަށް ފަސޭހައިން ތެދުމަގަށް ވާސިލުވެވި ﷲ ގެ އެއްކައުވަންތަކަމުގެ ބޮޑު ހަގީގަތަށް އާދެވޭގޮތަށެވެ. އަދި ޝައްކެއްނެތި އޭނާގެ ހިތާއި ނަފުސަށް ﷲ ގެ އެއްކައުވަންތަކަމާއި ކުޅަދުންވަންތަކަން ވަންނާނެގޮތަށެވެ. މިޒަމާނުގެ ބަހުރުވައިން ނަމަ ކީރިތި ޤުރްއާނުގައި ﷲ ލައްވާފައިވަނީ ޒަމާނީ ސައެންސް ބަޔާންކުރާ އުނގަންނައިދިނުމުގެ ފުރިހަމަ ގޮތްތަކެވެ.
ކުލާހެއްގައި މުދައްރިސަކު ކިޔަވައިދެމުންދާއިރު އޭނާ ދޭ ފިލާވަޅު ކިތަންމެ ކުދިންނަކަށް ފަހުމްނުވެ ހިނގައިދާނެއެވެ. އެފަދަ ހާލަތުގައި ސުވާލުކުރަން ބޭނުންވުމަކީ ދަރިވަރުންގެ ޠަބީއަތުގައި ހުންނަކަމެކެވެ. އެކަމަކު ކުރަން ބޭނުންވާ ސުވާލާމެދު އެހެން ދަރިވަރުން ފަހިނޫންގޮތަކަށް ދެކިފާނެތީ ލަދުން ސުވާލުކުރަން ކެރެނީ މަދު ދަރިވަރަކަށެވެ. މިއީ އަހަރެމެން އެންމެނަށްވެސް ވާގޮތެކެވެ. އަމިއްލަ ނަފުސަށް އިތުބާރު އޮވެ ކެރޭ މީހަކަށް މެނުވީ ކޮންމެ ތަނެއްގައި ސުވާލެއްކުރާކަށް ނުކުރޭނެއެވެ. އެއީ ތިމާ ފާޅުކުރާ ވާހަކައަށް އަނެކާ ހުކުމްކޮށްފާނެތީއެވެ. އެހެންވެ އިންސާނާ ލަދުވެތިވަނީ ހުކުމުން އަތުވެދާނެ މަލާމާތާއި ފުރައްސާރައަށެވެ.

ސޫރަތުލް ބަޤަރާގެ 26 ވަނަ އާޔަތުގައި ﷲ ފިސާރި މިސާލެއް ދެއްވައެވެ. މި މިސާލުގައި ﷲ ބަޔާންކުރައްވަނީ މަދިރިއަކުން ނުވަތަ އެއަށްވުރެ ބޮޑު އެއްޗަކުން މިސާލުޖައްސަވަން ﷲ ލަދުވެތިވެވޮޑިގެން ނުވާ ވާހަކައެވެ. މިއީ، މިސާލަކީ ކޮބައިކަން ބަޔާންކުރައްވަން ﷲ ދެއްކެވި ފުރިހަމަ މިސާލެކެވެ. ބަޤަރާ ސޫރަތް އަމާޒުކުރެވުނު މީހުންގެތެރޭގައި އީމާންނުވި މީހުންނާއި މުނާފިޤުން ހިމެނުނެވެ. އޭގެތެރޭގައި ހިމެނުނު އެންމެ މުހިންމު ބަޔަކީ މަދީނާގައި ތިބި ޔަހޫދީ ޢިލްމުވެރިންނެވެ. މިހާރުގެ ބަހުރުވައިންނަމަ އެމީހުންނަކީ ޕްރޮފެސަރުންނާއި ޑޮކްޓަރުންނާއި އުސްތާޒުންނެވެ. އެމީހުން ދުށްގޮތުގައި ކީރިތި ޤުރްއާނުގައި ﷲ ޖައްސަވާ މިސާލަކީ ބޮޑު ޖޯކެކެވެ. އެމީހުން ދުށްގޮތުގައި އެފަދަ މިސާލުތައް ދައްކަންޖެހޭ ވަރަށްވުރެ އެމީހުންނަކީ މޮޅު މީހުންނެވެ. ޢިލްމުވެރިކަމާއި ދަރިފަސްކޮޅުގެ ގޮތުން އެމީހުންގެ ކިބައިގައި ހުރި ކިބުރުވެރިކަމުގެ ސަބަބުން އެމީހުން ތެދުމަގުން މަހުރޫމްވިއެވެ.
ކީރިތި ޤުރްއާނާމެދު އީމާންނުވި މީހުން ކޮންމެގޮތަކަށް ދުށްކަމުގައިވިޔަސް އީމާންވި މީހުންނަށް އެއީ ޙައްޤު ވަޙީގެ ބަސްފުޅެވެ. އީމާންވިމީހުން ދުށްގޮތުގައި އެފޮތުގައިވާ ކޮންމެ މިސާލަކީ ޙައްޤު މިސާލެކެވެ. އެއީ އެމިސާލާމެދު މީހަކަށް ދެބަސްނުވެވޭނެ ފުރިހަމަ ހެއްކެކެވެ އަދި އެފަދަ ކޮންމެ މިސާލަކުން އިމާންވި މީހުންގެ އީމާންކަން އިތުރުވިއެވެ. މާނަޔައަކީ ﷲ ދެއްވާ ކޮންމެ މިސާލެއްގެ ފަހަތުގައި ބޮޑުވެގެންވާ ފިލާވަޅެއް އޮތުމެވެ. އެފިލާވަޅު ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ ކަމަކީ އެ މިސާލުތައް އުނގެނި ދަސްކުރުމެވެ. މިއިން ލިބޭ އެއް ފިލާވަޅަކީ ޤުރްއާނުގައިވާ މިސާލުތަކުން ފިލާވަޅު ލިބިގަތުމަށްޓަކައި ތިމާގެ އީމާންކަން ފުރިހަމަވާންޖެހޭކަމެވެ.
ﷲ ދެއްވި މިމިސާލުން ލިބޭ އެއް މެސެޖަކީ ﷲ، ކީރިތި ޤުރްއާން ބާވައިލެއްވީ ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް މޮޅުކަން ދައްކަވަން ނޫންކަމެވެ. ﷲ ޖައްސަވާ މިސާލަށް ބަޔަކު މީހުން ކިޔާފާނެ އެއްޗަކަށް އެކަލާނގެ ޖެހިލުންވެވޮޑިގެންނުވާކަމެވެ. މިއިން އަހަރެމެން މުސްލިމުން ލިބިގަންނަންޖެހޭ ފިލާވަޅަކީ އިސްލާމް ދީނާމެދު ފަޚުރުވެރިވުމެވެ. މުޖުތަމައުގައި އުޅޭ މޮޅު ނުވަތަ ތަހުޒީބު މީހުން ކިޔާފާނެ އެއްޗަކަށް ބަލަންނުޖެހޭކަމެވެ. ބަޔަކު މީހުން ކިޔާފާނެ ނުވަތަ ބުނެފާނެ އެއްޗަކަށް ނުބަލައި އިތުބާރާއެކު އިސްލާމް ދީން ބަޔާންކޮށްދޭންޖެހޭ ކަމެވެ. ލަދުވެތިކަމެއް ފަސްޖެހުމެއްނެތި ދީނުގައި އެންގެވިގޮތަށް އުޅުމެވެ. ބަޔަކު މީހުން ރުއްސުމަށްޓަކައި އެމީހުން ބޭނުންވާ ގޮތަށް ދީނުގެ އެއްވެސް ކަމެއް ބަދަލުނުކުރުމެވެ.
މަދިރިއާ މެދު ވިސްނާލާއިރު މިހާރު ލިބޭ ފިލާވަޅުތައް ގިނައެވެ. ސައެންސްވެރިން ބަޔާންކުރާގޮތުގައި އެސޮރު ދުނިޔޭގައި އުޅޭތާ ސަތޭކަ މިލިއަން އަހަރުވެއްޖެއެވެ. މަދިރިއާބެހޭ ސައެންސްގެ ހަގީގަތްތަކުން މީހަކު އަޖާއިބުވާނެއެވެ. ތަފާސްހިސާބަށް ބަލާއިރު އެސޮރަކީ އެންމެގިނައިން އިންސާނުން މަރާ ސޫތްޕެވެ. މެލޭރިއާއާއި ޑެންގީއާއި ޗިކުންގުންޔާ ފަދަ ބަލިތަކުގައި އަހަރަކު ހަތް ލައްކަ މީހުން މަރުވެއެވެ. ބައެއް ގަސްގަހާގެހިން ލިބިދޭ ބާވަތްތައް ދަރިމައިވުމުގައި ނުވަތަ ޕޮލިނޭޝަންގައި މަދިރީގެ ދައުރެއްވެއެވެ. މިއިން އަންގައިދެނީ މިދުނިޔޭގެ ހަޔާތުގައި، ކުޑަކުޑަ އެއްޗެއްގެ ގޮތުގައި އިންސާނާއަށް ފެންނަ މަދިރީގެ ދައުރުގެ ބޮޑުކަމެވެ. މިމިސާލުން އެކަނިވެސް އަންގައިދެނީ ﷲ ގެ ބަސްފުޅުގެ ހައްގުކަމާއި އެއި ދައްކާ ތެދު ހަގީގަތެވެ.
ނޯޓް: މި ލިޔުން ލިޔުއްވި, ފަޔާޒަކީ ކީރިތި ޤުރްއާން އުނގެނި ދަސްކުރާ ދަރިވަރެކެވެ. އޭނާއަކީ ވިލާ ކޮލެޖުގެ ދާރިސެކެވެ.