އުމަރު ނަސީރު ފުލުސް އޮފީހަށް ހާޒިރުވާން ޗިޓުފޮނުވައިފި

ރައީސް މުހަންމަދު ނަޝީދުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު އިއްތިހާދުން ކުރި މުޒާހަރާތަކުގެ ތެރޭގައި "ހަރުގަނޑެއް ބޭނުންކޮށްގެން ފާރެއްގެ މަތިން އަރައި އެތެރެއަށް ފުންމާލުމަށް" ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ގޮވާލައްވާފައިވާ މައްސަލާގައި އޭނާ ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި އެވެ.

އުމަރު ނަސީރު ވެސް މިރޭ ވަނީ ސަން އޮންލައިންއަށް އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައި ވަނީ މާދަމާ ހެނދުނު 10 ޖަހާއިރަށް ކަމަށެވެ.

"އެއީ ކޮން މައްސަލައެއްގައި ކަމެއް ނޭނގޭ، އެކަމަކު ފުލުހުންގެ ޗިޓްވަ ނީ ލިބިފައި،" އެސްއެމްއެސް މެދުވެރިކުރައްވައި އުމަރު ވިދާޅުވި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް، ހަސަން ހަނީފު މިރޭ ވިދާޅުވީ އުމަރު ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ފޮނުވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އަދި ވިދާޅުވީ އޭނާ ފުލުސް އޮފީހަށް ހާޒިރުކުރަނީ އިއްތިހާދުގެ މުޒާހަރާތަކުގެ ތެރޭގައި ވާހަކަ ދައްކަވަމުން "ހަރުގަނޑެއް ބޭނުންކޮށްގެން އޭނާ ބުނާ ފާރެއްގެ މައްޗަށް އަރައި އެތަނެއްގެ ތެރެއަށް ފުންމާލުމަށް" އޭނާ ގޮވާލައްވާފައިވާ މައްސަލަ ތަހުގީގުކުރުމަށް ކަމަށެވެ.

"މީގެ ކުރިން ވެސް ތަހުގީގު ކުރަމުން އަންނަ މައްސަލައެއް އެއީ، އެ މައްސަލަ އެއީ ހިނގަމުން ދިޔަ މައްސަލައެއް، އެހެންވީމާ އަނެއްކާ ވެސް އެ މައްސަލަ ތަހުގީގުކުރަން މި ގެނެވެނީ،" ހަނީފު ވިދާޅުވި އެވެ.

އެ މައްސަލައިގައި ޖެނުއަރީ 26 ވަނަ ދުވަހު ވެސް އުމަރު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކުރި އެވެ. ނަމަވެސް އެ ދުވަހު ފުލުހުން ކުރި ސުވާލުތަކަށް އޭނާ ޖަވާބުދެއްވާފައެއްނުވެ އެވެ. ފުލުހުން ތުހުމަތުކުރަނީ ހަރުގަނޑެއް ބޭނުންކޮށްގެން ފުންމާލުމަށް އުމަރު ގޮވާލެއްވީ، ސިފައިންގެ މައިމަރުކަޒު، ބަންޑާރަކޮށީގެ ތެރެއަށް ކަމަށެވެ.

އުމަރު އެރޭ ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ؛ "މުޒާހަރާ ހަރަކާތަކަށް ބަދަލުކޮށް އެހަރަކާތުގެ ތެރެއިން 2000 ވޮލަންޓިއަރުން ނަގައި އެމީހުން ހަރުގަނޑެއް ހިފައިގެން ގޮސް ހަރުގަނޑުން އަރާ އަޅުގަނޑު ބުނާ ފާރުމަތިން ފުއްމާލަން،"ވެއްޖެ ކަމަށެވެ.

ނަމަވެސް އެއީ ކޮން ފާރެއް މަތިން ފުންމާލާ ވާހަކައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު