އިޤުރާރުވީމޭ ލޯބިން - 06

އިޤުރާރުވީމޭ ލޯބިން -

އައިރާއަށް ބަލަހައްޓައިގެން ކުޑަކޮށް ގުދުވެލައިގެން އޮތް ޒަހްރާންގެ ހިތުގެ ތެޅުން ކޮންމެވެސް ވަރަކަށް ބާރުވެލިއެވެ.

ހިންދިރުވައިލުމާއެކު އޭނަ އަނެއްކާވެސް އައިރާ ހިފައްޓާފައިވާ އަތް މިނިވަންކުރަން މަސައްކަތްކުރިއެވެ. މަޑުމަޑުންނެވެ. އެހެންނަމަވެސް އެކަން ނުކެރެވި އުޅެނިކޮށް އައިރާ ލޯ ހުޅުވާލައިފިއެވެ. ސިހިފައި ޒަހްރާނަށް އަތް ދަމައިގަނެވުނެވެ. އޭނައަށް ވަގުތުން ހަށިގަނޑު ސީދާކޮށްލެވުނެވެ.

ލޯ ހުޅުވައިލި އައިރާގެ ލޮލުގައި ޒަހްރާން އަޅައިގަތްހެން ހީނުވެ ޒަހްރާން އެ އަތުގެ ތެރެއިން އަތް މިނިވަންކޮށްލިއެވެ. އައިރާއަށްވެސް ލިބުނީ ހައިރާންކަމެކެވެ. އޭނައަށް ވެސް ސިހިފައި ތެދުވެވުނެވެ. އެހެންނަމަވެސް، ބޮލަށް އެނބުރުން އަރާހެން ހީވުމުން ބޮލުގައި އަތުން ހިފައްޓައިލެވުނެވެ.

"ޔޫ އޯކޭ؟" އައިރާއަށް ވީ ގޮތުން ޒަހްރާނަށް ސުވާލުކޮށްލެވުނެވެ. އައިރާ އިސް އުފުލައިލާ، ޒަހްރާނަށް ބަލައިލިއެވެ. އޭނަގެ ހަނދާނަށް މީގެ ކުޑައިރުކޮޅެއް ކުރީގެ ހާދިސާ އަންނަން ފެށިއެވެ. ދޮރު ކައިރިން އޭނަގެ ގައިގައި ހިފައްޓީ ޒަހްރާންކަން އެނގުނު ހިނދު އޭނައަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

"ޔާ. ތޭންކްސް." އައިރާ ބުނެލިއެވެ. އޭނަ ޒަހްރާނާ ނަޒަރު ވަކިކޮށްލިއެވެ.

"އޭރު. ދޮރު ކައިރިން..." ޒަހްރާން އޮޅުން ފިލުވައިލަދޭން އުޅުނެވެ. އެހެންނަމަވެސް އައިރާ އިން ގޮތުން ވާހަކަ ކުރިއަށް ނުގެންގޮސް އޭނަ މަޑުޖެހުނެވެ.

'ހޫމް. އެނގޭ.." އައިރާ ބުނެލިއެވެ.

"އައި ތިންކް ޔޫ ޝުޑް ގޯ، ކޮންސަލްޓް އަ ޑޮކްޓަރ..." އަނެއްކާވެސް ޒަހްރާން ބުނެލިއެވެ. އައިރާއަށް ބޭސްކޮތަޅު ހޯދައިލެވުނީ ދެނެވެ. އޭނަ ކުރިމަތީގައި ހުރި މޭޒުގެ އިތުރުން ސޯފާވެސް ބަލައިލިއެވެ. އައިރާ އެ ހޯދަނީ ކޯންޗެއްކަން ފަހުމްވާން ޒަހްރާނަށް އިރުކޮޅެއް ނެގިއެވެ. ކޮތަޅު ބޭރަށް ވެއްޓުނުކަން ހަނދާންވުމުން، އޭނަ ގޮސް ދޮރު ހުޅުވާލާފައި ކޮތަޅު ނެގިއެވެ. އޭގައި އޮތް ބޭސް ސިޓީއާ ބޭސްތައް ފެނުމުން އައިރާ އެ އައީ ޑޮކްޓަރަށް ދައްކާފައިކަން ޒަހްރާނަށް ދެނެގަނެވުނެވެ. އޭނަ އެ ހިފައިގެން އައިސް އައިރާއަށް ދިއްކޮށްލިއެވެ.

"މީތަ ތި ހޯދަނީ؟" ޒަހްރާން ބުނެލިއެވެ. އައިރާ ބޯ ޖަހައިލިއެވެ.

"އަމް... އައެމް ޒަހްރާން... އަނެއް އެޕާރޓްމެންޓް..." މިފަހަރު ޖުމްލަތައް ރަނގަޅަށް އަތުރައިލަން ޒަހްރާނަށް އުނދަގޫވިއެވެ. އޭނައަށް ބުނެވުނީ ހުއްޓެމުން ހުއްޓެމުން ކަހަލަ ގޮތަކަށެވެ. އައިރާ އޭނަގެ ނަން ބުނޭތޯ ކުޑަ ހިނދުކޮޅަކު ޒަހްރާން މަޑުކޮށްލިނަމަވެސް، އައިރާ އަނގައިންނެއް ނުބުންޏެވެ.

"އެންޑް ޔޫ އާރ..." އެންމެފަހުން ޒަހްރާން ސުވާލުކޮށްލިއެވެ.

"އައިރާ..." އައިރާ އިސް އުފުލައިލިއެވެ.

"އޯކޭ.. ޓޭކް ކެއަރ..." އިތުރަށް ދައްކާނެ ވާހަކައެއް ޒަހްރާނަކަށް ނޭނގުނެވެ. އޭނަ ހުރުމުން އައިރާއަށް އުނދަގޫވާހެން ހީވާން ފެށުމުން އެންމެ ފަހުން ޒަހްރާން އެގެއިން ނުކުންނަން ހިނގައިގަތެވެ. ދޮރު ހުޅުވާލަމުން އޭނަ އަނެއްކާވެސް އައިރާއަށް ބަލައިލިއެވެ. އިސްޖަހާލައިގެން ބޮލުގައި ހިފައްޓާލައިގެން އިނދެފައި އައިރާ ފަސް އެނބުރި ދޮރާ ދިމާލަށް ބަލައިލިއެވެ. އެއާއެކު ޒަހްރާން ނުކުމެ ދޮރު ޖެހިއެވެ. ކުޑަ ހިނދުކޮޅަކު ލެއްޕުނު ދޮރަށް ބަލަހައްޓައިގެން ޒަހްރާނަށް ހުރެވުނެވެ. އޭނައަށް ވިސްނެނީއެވެ. އައިރާއާ މެދުގައެވެ. ދެންމެ ވީ ހުރިހާކަމަކާ މެދުގައެވެ. ހިތުގައި ސުވާލުތައް އުތުރި އަރަން ފެށީ ދެނެވެ. އައިރާ އުޅެނީ އެކަނި ހެއްޔެވެ؟ އިތުރު މީހަކު އެގޭގައި ނޫޅެނީހެއްޔެވެ؟ އެހާ ބަލި އިރުވެސް އަޅާލާނެ އިތުރު މީހަކު ނެތީބާވައެވެ. އޭނައަށް އައިރާއާ މެދު ޝައުޤުވެރިވެވުނެވެ. އެ އަންހެން ކުއްޖާއާ ބެހޭ މައުލޫމާތު ހޯދަން ބޭނުންވިއެވެ. އެ ދެލޮލުގައިވި މާޔޫސްކަމުގެ ފަހަތުގައި ފޮރުވިފައިވަނީ ކޮން ސަބަބެއް ހެއްޔެވެ؟ އެ މޫނުމަތީން ފެނުނު ނާއުންމީދީ ކުލަވަރުތަކުގެ މާނައަކީ ކޮބައިހެއްޔެވެ؟ އެ ދެލޮލުގައި ވި ހުސްކަމާއި، މޫނުމަތީގެ އަސަރުރައް ބަޔާންކޮށްދޭން މަސައްކަތްކުރަނީ ކޮން ކަންތައްތަކެއްހެއްޔެވެ؟

އެހެން ހުރެފައި ޒަހްރާންވެސް ގޮސް އޭނަގެ އެޕާރޓްމެންޓުގެ ލޮކް ކޯޑު ޖަހާލާފައި އެތެރެއަށް ވަނީއެވެ.

*****

ރޭގަނޑުގެ ކެއުމަށް އިންސާފުކުރުމަށްފަހު، އެންމެން އައިސް ސޯފާތަކުގައި އިށީނދެލިއެވެ.

"ރަޝީދު.. އެހެންވީމަ ތާރީޚެއް ކަނޑައަޅަމާ.." އެންމެ ފުރަތަމަ ވާހަކަ ދެއްކީ ދާނިޔާގެ ބައްޕަ އިމާދެވެ. އޭނަ ހިނިތުންވެލިއެވެ.

"އާނ... ލަސްކުރާނެކަމެއް ނެތެއްނު." ރަޝީދު ބުނެލިއެވެ.

"އެކަމަކު އޭގެ ކުރިން ދެ ކުދިންގެ ޚިޔާލަށް ހޯދާލަންވާނެއެއްނު. ދާނިޔާއާ ރިހާމްގެ..." އެ މީހުން ދެމީހުންގެ ވާހަކަތައް އަޑު އަހަން އިނުމަށްފަހު، ދާނިޔާގެ މަންމަ ހަނީފާ ބުނެލިއެވެ. ދާނިޔާއަކީ އޭނަގެ ހުރި ހަމައެކަނި ދަރިފުޅުނެވެ. ދާނިޔާ ދެކެ އިންތިހާއަށް އޭނަ ލޯބިވެއެވެ. އެންމެ ކުރިން ފެށިގެންވެސް ދާނިޔާއަށް ރިހާމް ކަމުދާކަން ހަނީފާއަށް އެނގެއެވެ. އޭނައަށް ދާނިޔާ ބޭނުންވާ ގޮތް އެނގުން ވަރަށް މުހިންމެވެ. އެ ދަރިފުޅުގެ ހުރިހާ އުފާތަކެއް ގުޅިފައިވަނީ ރިހާމްއާއެވެ. ވީއިރު، ދާނިޔާ ބޭނުންވާ ކޮންމެ ގޮތަކަށް ކަންތައް ކޮށްދޭންވެސް އޭނައާ އިމާދާ ދެމީހުން ތިބޭނީ ތައްޔާރަށެވެ.

"ދެކުދިން ބޭނުންވެގެނެއްނު މިހާ ހިސާބަށް މިގުޅުން ގެންނާނީ. އެހެންވީމަ އަހަރެމެން ކަނޑައަޅާ ތާރީޚަކާ ދެކޮޅުވާނެހެނެއް ހިޔެއްނުވޭ." އެ ވާހަކަތައް އަޑު އަހަން އިނދެފައި ޝާފިޔާ ވާހަކަ ދެއްކިއެވެ. ވަރަށް އޮމާންކޮށެވެ. ހީވަނީ އޭނަ އެ ކައިވެނި އަވަސްކުރަން ބޭނުންވެފައި ވާހެންނެވެ. ރިހާމްގެ ޚިޔާލު ބަދަލުވެދާނެތީ އުޅޭހެންނެވެ. އޭނަގެ ބާޒީ މުށުތެރެއިން ގެއްލިގެން ދާކަށް ޝާފިޔާ ބޭނުމެއް ނޫނެވެ. ކަންތައްތައް އިތުރަށް ރަނގަޅުވާނީ، ރިހާމްއާ ދާނިޔާ ގުޅުނުހާ އަވަހަކަށެވެ.

"ދަރިފުޅުމެންވެސް މިކަމުގައި އެއްޗެއް ކިޔާބަލަ." އިމާދު ރިހާމްއާއި ދާނިޔާއަށް ބަލައިލިއެވެ. އޭނަގެ މޫނުމައްޗަށް ވެއްޓިފައިވާ ބްލޮންޑް ކުލަ ޖައްސާފައިވާ އިސްތަށިގަނޑު ކަންފަތް ދޮށަށް ލައްވާލަމުން ދާނިޔާ ވާހަކަ ދެއްކިއެވެ.

"ބައްޕަމެންނަށް ފެންނަ ކޮންމެ ގޮތެއްވެސް ރަނގަޅުވާނެ." ދާނިޔާ ބުނެލިއެވެ. އޭނަ އަވަސް ނަޒަރެއް ރިހާމްއަށް ދިނެވެ. ރިހާމްވެސް ދާނިޔާއަށް ބަލައިލަމުން އޭނައަށް ވެސް އެންމެ ރަނގަޅޭ ބުނެލިއެވެ. ދާނިޔާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ދާނިޔާއަކީ ރީތި އަންހެން ކުއްޖެކެވެ. އޭނަގެ ރާޅުބާނީ އިސްތަށިގަނޑާއި، އަލި ހަންގަނޑާއި، ފިޔާތޮށިކުލައިގެ ތުންފަތަކީ އޭނަގެ ބުރު ސޫރަޔަށް ފުރިހަކަންގެނެސް ދޭ ސިފަތަކެވެ. ސްކޫލު ދައުރުގައިވެސް އޭނަގެ ރީތިކަމަށް ތަޢުރީފް ކުރަމުން ފަހަތުން ދުވި ފިރިހެން ކުދިންތައް ބައިވަރެވެ. އެހެންނަމަވެސް، އޭނަގެ ހިތުގައި އެއިން އެއްވެސް ކުއްޖަކާ ދޭތެރޭ ޝައުޤުވެރިކަމެއް ނުއުފެދުނެވެ. އޭނަގެ ހިތް އަތުލުމުގައި ކާމިޔާބުވީ ހަމައެކަނި ޒުވާނަކީ ރިހާމްއެވެ. ރިހާމްއަށްޓަކައި ހިތުގައި ވިންދުތައް އެންމެ ފުރަތަމަ ހޭލައިގަތީ ސްކޫލު ދައުރުގައެވެ. އޭރު ކިޔާގޮތުންނަމަ ރިހާމްއަކީ އޭނަގެ ސްކޫލު ދައުރުގެ "ކްރަޝް"އެވެ. ރިހާމްގެ ޢާއިލާއާ އޭނަގެ ޢާއިލާގެ ދެމެދުގައި އޮތް ޒަމާންވީ ރަޙްމަތްތެރިކަމުގެ ސަބަބުންވެސް އޭނައަށް ވަރަށް ގިނައިން ރިހާމްއާ ދިމާވެއެވެ. އޭރުއްސުރެ މިއަދާ ޖެހެންދެންވެސް އޭނަގެ ހިތުގައި ރަސްކަންކުރަމުން ދާ ހަމައެކަނި ޒުވާނަކީ ރިހާމްއެވެ. މިއަދު ރިހާމް އޭނަގެ މީހަކަށް ވާތީ ދާނިޔާ ހުރީ ވަރަށް އުފަލުންނެވެ.

ރިހާމްގެ ފޯނު ރިންގުވިއެވެ. އޭނަ ޖީބުގައި އޮތް ފޯނު ނަގާފައި ބަލައިލިއިރު ގުޅަނީ، އައިރާއެވެ. ރިހާމްއަށް ބަލައިލެވުނީ ޝާފިޔާއަށެވެ. ޝާފިޔާ ދެފަރާތަށް ބޯ ހޫރައިލުމުން ރިހާމް ފޯނު ކަނޑާލަމުން ސައިލެންޓަށް ލިއެވެ. އެއަށްފަހު އޭނަ އަނެއްކާވެސް ދެކެވެމުން ދިޔަ ވާހަކައަށް ސަމާލުކަން ދޭން މަސައްކަތްކުރިއެވެ. އެހެންނަމަވެސް، އެކަން ކާމިޔާބު ނުކުރެވުނީ ހިތުގެ ކަނަކުން އައިރާއާ މެދު ނާއިންސާފުން ކަންތައް ކުރެވޭކަމުގައި ބުނެލުމުންނެވެ. ރިހާމްއަށް ކޮންމެވެސް ކަހަލަ އުނދަގުލެއް ވިނަމަވެސް، އެކަމާ އަޅާނުލާވޭތޯ އޭނަ މަސައްކަތްކުރިއެވެ.

އެތަކެއް ވާހަކަތަކެއް ދެކެވުމަށްފަހު، ވީ އެންމެ އަވަހަކަށް ކައިވެނިކުރުމަށް ނިންމުނެވެ. ކުރަން ޖެހޭ ކަންތައްތަކާއި ވާންޖެހޭ ތައްޔާރީތައް ނުހަނު ގިނަ ނަމަވެސް، މީގެ ދެ ހަފްތާފަހުން ކައިވެނި ކުރަން ހަމަޖެއްސުނެވެ. ޝާފިޔާ ބޭނުންވަނީ މި ފެށޭ ހަފްތާގައިވެސް ކައިވެނީގެ ކަންތައްތައް ނިންމާށެވެ. އެހެންނަމަވެސް ދާނިޔާ ވިޔަފާރުކުރުމަށް ރާއްޖޭން ބޭރަށް ދާން ބޭނުންވާތީ އޭނައަށް ވެސް ގޮތް ދޫކުރަން މަޖުބޫރުވީއެވެ. ދާނިޔާއަކީ ދުނިޔޭގެ ތަހުޒީބަށް ލޯބިކުރާ ޒުވާން އަންހެން ކުއްޖެކެވެ. އަގުބޮޑެތި އެއްޗެއްސަށް އޭނަ ލޯބިކުރެއެވެ. ކުރާ ކޮންމެ ކަމެއްގައި މީހުންގެ ސަމާލުކަން އަތުލުމަކީ އޭނަ ނުހަނު ބޭނުންވާ ކަމެކެވެ. އޭނަގެ ޝޯޝަލް މީޑިޔާ އެކައުންޓުތަކަށް ބަލައިލުމުން އެކަނިވެސް އެކަން އެނގި ހާމަވާނެއެވެ. ތަންތަނަށް ދަތުރުކުރުމާއި ވިޔަފާރިކުރުމަކީ ދާނިޔާ އެންމެ ކުރާހިތްވާ ކަންތަކެވެ. ބޭނުން ވަރަކަށް ފައިސާ ލިބޭތީ، ފައިސާގެ މުހިންމުކަމާއި ފަހަށް ފައިސާ ރައްކާކުރުމާއި އިޤްތިޞާދުކުރުމުގެ މުހިންމުކަން ދާނިޔާއަކަށް ނުވިސްނެއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ކުޑަ އިރުން ފެށިގެންވެސް އޭނަ ބުނިއްޔާ ބުނި އެއްޗެއް މައިންބަފައިން ދިޔައީ އޭނައަށް ހޯދައިދެމުންނެވެ. ފައިސާ ހުރީތީ ދަރިފުޅު އެއްވެސް އުފަލަކުން މަޙްރޫމް ކުރަން ބޭނުންނުވާތީ ކަމަށް ވެސް ވެދާނެއެވެ. ނޫނީ ހުރި ހަމައެކަނި ދަރިފުޅުކަމުން އެ ދަރިފުޅަށް ހުރިހާ އުފަލެއް އެންމެ ފުރިހަމަ ގޮތުގައި ހޯދަ ދޭން ބޭނުންވީއެވެ. ކުޑަ އިރުން ފަށައިގެން ފުރާވަރަށް އަރައިގެން އައި އިރުވެސް އޭނަގެ ދިރިއުޅުމަކަށް ބަދަލެއް ނާދެއެވެ. މައިންބަފައިންގެ އުސޫލުތަކަކަށް ބަދަލެއް ނާދެއެވެ. މިއަދު އޭނަގެ ދިރިއުޅުމުގެ ވައްޓަފާޅިއަކީ އެހުރިހާކަމެއްގެ ނަތީޖާ އެވެ.

ހަނީފާމެން ދިޔުމުން، ރިހާމް ސޯފާއިން ތެދުވިއެވެ. އޭނަ ފޯނަށް ބަލައިލިއެވެ. އައިރާގެ ދިހަ ވަރަކަށް މިސްކޯލުގެ އިތުރުން މެސެޖުތަކެއްވެސް ލިބިފައި އޮތެވެ. އޭނަ ހަޤީޤަތުގައިވެސް ބަލިވެ ކަމަށާއި މިރޭ އައިސް ދިނުމަށް އެދިއެވެ. ރިހާމްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އައިރާގެ ގާތަށް ދިޔުމަށް އޭނަ ނިންމިއެވެ. ހަޤީޤަތުގައިވެސް އައިރާ ބަލި ނަމަ އޭނައަށް އަޅައިލަން އިތުރު މީހަކު ނުހުންނާނެތީއެވެ. މިވީ މަހެއްހާ ދުވަސް ތެރޭގައި އޭނަ އައިރާގެ ގާތަށް ގޮސްފައިވަނީ ވަރަށް މަދުންނެވެ. އެދާ ފަހަރަކުވެސް މާގިނައިރު މަޑުކުރާކަށް ރިހާމް ނުހަދައެވެ. ޙާލު ބަލާލާފައި ނުކުމެގެން އޭނަ އަންނަނީ ގެއަށެވެ.

ރިހާމް ގެއިން ނުކުންނަން ދާން ފެށުމުން، ޝާފިޔާ އޭނައަށް ގޮވައިލިއެވެ.

"ކޮންތާކަށް؟" ޝާފިޔާ ސުވާލުކޮށްލިއެވެ.

"ހުޅުމާލެއަށް." ރިހާމް ބުނެލިއެވެ. ސީދާ ސީދަލަށް އައިރާ ކައިރިއަށް ދާ ވާހަކަ ރިހާމް ބުނަން ބޭނުންނުވީ ކަންނޭނގެއެވެ.

"އެ އައިރާ ކައިރިއަށް ދޯ." ޝާފިޔާއަށް ދެބުމަ ގާތްކޮށްލެވުނެވެ.

"އެއީ އަދިވެސް އަހަރެންގެ އަންހެނުން." ރިހާމް ބުނެލިއެވެ. ޝާފިޔާ އިތުރަށް އެއްޗެއް ބުނަން އުޅުނު ނަމަވެސް، ރަޝީދު ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރައިލުމުން، އޭނަ މަޑުޖެހިލިއެވެ. ރިހާމް ގޮސް ގެއިން ނުކުމެ ދޮރު ޖެހުމުން ޝާފިޔާ ނުރުހިފައި، ރަޝީދާ ވާހަކަ ދެއްކިއެވެ.

"ރަޝީދު ކީއްވެ އަހަރެން ހުއްޓުވީ.." ޝާފިޔާއަށް ބުނެވުނެވެ.

"އޭނަ އައިރާ ވަރި ނުކުރާހާ ހިނދަކު އެއްގޮތަކަށްވެސް އައިރާ ކައިރިއަށް ނުގޮހެއް ނުހުންނާނެއެއްނު. އެހަށް ހަމަޖެހިބަލަ. މިހާރު ހުރިހާކަމެއްވެސް މިވަނީ ޝާފިޔާ ބޭނުންވާ ގޮތަކަށްނު. ރިހާމްވެސް މިހާރު ކިހާ މަދުން އައިރާ ކައިރިއަށް އެދަނީ. އެހެން ނޫނަސް ދާނިޔާއާ ކައިވެނި ކުރީމަ މިހާރު ދާވަރަށްވެސް އައިރާ ކައިރިއަކަށް އޭނައަކަށް ނުދެވޭނެ. އިސާހިތަކު ދެން ފޫހިވެ ވަރިވެސް ކޮށްފާނެ." ރަޝީދު ޝާފިޔާއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. ޝާފިޔާ ފުންނޭވާއެއްލަމުން އައިސް ސޯފާގައި އިށީނދެފައި އައިރާއަށް ނިސްބަތްކޮށް ބޭއަދަބީ ބަހެއް ބުނެލިއެވެ. އެހެންނަމަވެސް ރަޝީދަށް އަޑު ނީވޭ ވަރަށެވެ.

*****

ރިހާމް ސައިކަލުގައި ހުޅުމާލެއަށް މިސްރާބުޖެހިއެވެ. އޭރުވެސް އޭނައަށް ވިސްނެނީ އައިރާއާ މެދުގައެވެ. މި ވީ ދުވަސްތަކުގައި އައިރާއާ މެދު ފަރުވާކުޑަކުރެވުނީ ގަސްތަކު ނޫނެވެ. އެހެންނަމަވެސް އޭނައަށް ވެސް ދާނިޔާ ކަމުދިޔައީތީއެވެ. އައިރާއާ ދާނިޔާއާ އަޅާކިޔެން ފެށުނީއެވެ. މަންމަގެ ދަޢުވަތަށް ދާނިޔާ ގިނަގިނައިން އެގެއަށް އައިސް އުޅޭއިރު އޭނައާ ގާތްގުޅުމެއް ބާއްވަން މަސައްކަތްކުރެއެވެ. އޭނަގެ ސަމާލުކަން އަތުލަން މަސައްކަތްކުރެއެވެ. އޭނަ ކަމުދާކަން ދާނިޔާ ދިޔައީ އެކި ގޮތްގޮތުން ހާމަކުރަމުންނެވެ. އެންމެ ފަހުން ރިހާމްއަށްވެސް އޭނަގެ ހިތަށް ބާރު ނުފޯރުވުނީއެވެ. ދާނިޔާއާއެކުގައި ކޮފީތަކަށް ދެވެން ފެށީއެވެ. ވާހަކަ ދެކެވެން ފެށީ ހަމައެކަނި ރައްޓެއްސެއްގެ ހައިސިއްޔަތަކުން ނޫނެވެ. އެހެން ނަމަވެސް، އެއަށްވުރެ ގާތްކޮށެވެ. އޭނައަށް ވެސް ދާނިޔާ ކަމުދާން ފެށީއެވެ. ދާނިޔާއާ ކައިވެނިކުރާ ވާހަކަ މަންމަމެން ދައްކަން ފެށުމުން ދެކޮޅު ނުހެދި ސަބަބަކީވެސް އެއީއެވެ.

ހުޅުމާލެ ދެވެންދެންވެސް ރިހާމްގެ ސިކުނޑީގައި ދައުރުވަމުން ދިޔައީ އެފަދަ ޚިޔާލުތަކެކެވެ. އޭނަ ގޮސް އައިރާ އުޅޭ "ރިލެކްސް" އެޕާރޓްމެންޓް ކޮންޕްލެކްސްގެ ޕާކިން ލޮޓްގައި ސައިކަލު ޕާކުކޮށްލާފައި ފައިބައިގެން ގޮސް އެޕާރޓްމެންޓަށް ވަނެވެ. ލިފްޓުން މައްޗަށް އެރުމަށްފަހު ދޮރުގެ ލޮކް ކޯޑު ޖަހާލާފައި އޭނަ ދޮރު ހުޅުވައިލިއެވެ. ސޯފާގައި އިށީނދެގެން އިސްޖަހާލައިގެން އިން އައިރާއަށް ދޮރާ ދިމާލަށް ބަލައިލެވުނެވެ. އެވަގުތު ރިހާމް ފެނުމުންވެސް އޭނައަށް ހިނިތުންވާކަށް ނޭނގުނެވެ. އެއަށްވުރެ ބޮޑަށް އައިރާގެ މޫނުމަތިވަނީ މިލާފައެވެ. އޭނަގެ މޫނުގައި އެއްވެސް ދިރުމެއް ނެތެވެ. މޫނުމަތީން އެކަނިވެސް ބަލި ވައްތަރު ޖަހައެވެ.

"ކިހިނެއްވީ؟" އައިރާއާ ދިމާލަށް ހިނގައިގަންނަމުން ރިހާމް ސުވާލުކޮށްލިއެވެ. "ހުން އައީތަ؟"

މޭޒުމަތީގައި އޮތް ބޭސް ކޮތަޅަށް ބަލައިލުމަށްފަހު ރިހާމް ސުވާލުކޮށްލިއެވެ. އައިރާ ބޯ ޖަހައިލިއެވެ. އޭނަ ނޭފަތް ދަމައިލިއެވެ. ދެލޮލުގެ ތެރެއަށް ޖަމާވި ކަރުނަތައް ހިންދައިލަން މަސައްކަތްކުރިއެވެ.

"ޑޮކްޓަރަށް ދެއްކީ ދޯ." ބޭސް ކޮތަޅު ތެރޭގައި އޮތް ބޭސް ސިޓީ ނަގާފައި، ރިހާމް ބުނެލިއެވެ. އައިރާ މިފަހަރުވެސް ބޯ ޖަހައިލިއެވެ. ހީވަނީ ރިހާމްއާ ވާހަކަ ދައްކާނެ ހިތްވަރު އޭނަގެ ނެތްހެންނެވެ. ރިހާމް ގާތުން އޯގާތެރިކަމަށް އެދި އާދޭސްކުރަން ޖެހުމުން އެކަމުގެ ހިތްދަތިކަން އައިރާގެ ހިތުގައި ވަކި ހިއްޕަމުން ދިޔައެވެ. އެ ވަކިތަކުން އޭނަގެ ހިތް ޒަޚަމްވަމުން ދިޔައެވެ. ލޭ އޮހޮރެމުން ދިޔައެވެ. އެކަމުގެ ސަބަބުން ހިތަށް ލިބެމުން ދިޔަ ވޭން މުޅި މީހާގެ ހަށިގަނޑަށް ފެތުރެން ފެށިހެން އޭނައަށް ހީވާން ފެށިއެވެ.

"ބޭސް ކައިފިންތަ؟" ރިހާމް ސުވާލުކޮށްލިއެވެ. އައިރާ މިފަހަރުވެސް ބޯ ޖަހައިލިއެވެ. އަނގައިން ބުނާ ޚިޔާލެއް އޭނާ ނުކުރެއެވެ.

"ކިހިނެއްވީ ވާހަކަ ނުދައްކަނީ؟" ރުޅިއައިސް ދޯ. އަހަރެން ބިޒީ ކަމުންނޭ ނާދެވުނީ. އައިރާ ޖެހޭނެ ދޯ އަންޑަސްޓޭންޑް ވާން." ރިހާމް ބުނެލިއެވެ. އޭނަގެ އަޑުގައި އޯގާތެރިކަމެއް ނެތެވެ. ހީވީ އައިރާގެ ސަބަބުން އުނދަގޫވެފައި ހުރިހެންނެވެ.

"ކީއްވެ ފޯނު ނުނަގަނީ؟" އެހުރިހާއިރު އެއްޗެއް ނުބުނެ އިން އައިރާ އެންމެފަހުން ސުވާލުކޮށްލިއެވެ.

"ބިޒީކަމުން... އަހަރެން މަންމަމެން..." ރިހާމްއަށް ބުނެވުނީ އެވަރަށެވެ. އައިރާ އޭނަގެ ޖުމްލަ މެދުކަނޑާލިއެވެ.

"ބިޒީކަމުންތަ ތިން ދުވަސްވީއިރު އަހަރެންގެ ކައިރިއަށް އެންމެ ފަހަރަކުވެސް ވަދެނުލެވުނީ؟ އަހަރެންގެ ހާލު ބަލައިލަން ކުޑަ މިނުން ގުޅައިނުލެވުނީ. ބަލިވެގެން ގުޅީމަ އަހަރެން ކަންތައް ބޮޑުކުރާކަމަށް ވީ؟ ރިހާމްގެ މަންމަމެން ޤަބޫލުނުވީމަ އަހަރެން ގެނެސް ވަކި ތަނެއް ހިފާފަ ބަހައްޓާފަ ރިހާމް ބުނީ ކީކޭކަން ހަނދާން އެބަހުރިތަ؟" އައިރާއަށް ބުނެވުނެވެ. އޭނައަށް ހިތުގެ ޝަކުވާތައް ބަންޑުންކޮށްލެވުނެވެ. ރިހާމްއަށް ކަމެއް ހަނދާންކޮށްލަދޭން އައިރާ ބޭނުންވިއެވެ.

ރިހާމް އައިރާއަށް ޖަވާބު ދޭން އުޅުނު ވަގުތު އޭނަގެ ފޯނު ރިންގުވިއެވެ. އަރާފައިވާ ނަން ފެނުމާއެކު ރިހާމްއަށް އައިރާއަށް ބަލައިލެވުނެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި ފޯނު ނަގަމުން އޭނަ އައިރާއަށް ފުރަގަސް ދިނެވެ.

"ހަލޯ..." ރިހާމްގެ އަޑު މަޑެވެ. ދެއްކި ވާހަކަތައް އަޑު އަހަން ރިހާމް ހުރިއިރު، އައިރާވެސް ހުރީ އޭނައަށް ބަލަހައްޓައިގެންނެވެ.

"މި ދަނީ..." އެހެން ބުނެލާފައި ރިހާމް ފޯނު ބޭއްވިއެވެ. އައިރާއަށް ދެލޯ މަރައިލެވުނެވެ. އޭނަގެ ހިތް ހީވީ ގެނބިގެން ދިޔަހެންނެވެ. އެއީ ހަމަ އޭނަ ދެކެ ލޯބިވީ ރިހާމް ހެއްޔެވެ؟

"ބޭސް ކައިގެން ނިދާލާ. އޭރުން ރަނގަޅު ވެދާނެ. ޑޮކްޓަރަށް ވެސް ދައްކައިފީމެއްނު. މިގަޑީ ދާން ޖެހިއްޖެ." ރިހާމް ބުނެލިއެވެ. އެއަށްފަހު އައިރާގެ ޖަވާބަކަށް އިންތިޒާރުކުރުމެއްނެތި އޭނަ ބާރު ބާރަށް ގޮސް ނުކުތީ އައިރާގެ ޝަކުވާތަކުން އުނދަގޫވެފައިވާ ޙާލުގައެވެ. އައިރާގެ ކަރުނަތައް ކޯތާފަތް މަތީން ރޮނގުދެމިގެން ދާން ފެށީ ދެނެވެ. ދިރިއުޅުން މަތީން ފޫހިވެ ނާއުންމީދު ވެއްޖެއެވެ. އޭނައާ މެދު ކަންތައްތައް ވަމުންނާ ނާއިންސާފު ކަމާއެކު އައިރާގެ ހިތް ޝަކުވާކުރިއެވެ.

އެރޭ ހަތަރު ދަމު އައިރާ ހޭދަކުރީ ރުއިމާ ގިސްލުމުގައެވެ. ވޭނާ ކެކުޅުމުގައެވެ. ގައިގައި އަޅަމުން ދިޔަ ވޭނަށް ވުރެ ހިތުގައި އަޅަމުން ދިޔަ ވޭން އެތައް ގުނައެއް އިތުރުވިއެވެ.

*****

ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. ކޮފީއެއް ހަދާލައިގެން ގޮސް މޭޒު ދޮށުގައި އިށީން ޒަހްރާން ކޮފީ ޖޯޑު ތުމުގައި ޖަހާ އެތިފޮދެއް ބޮއިލިއެވެ. އޭނަ އިންގޮތުން ހީވީ ވިސްނުމަކަށް ގެއްލިފައި އިންހެންނެވެ. ފޯނުން ފޭސްބުކް ސްކްރޯލްކުރަމުން ދިޔަ ނަމަވެސް، ވިސްނުން ހުރީ މުޅިން އެހެން ދިމާލެއްގައެވެ. އެހެން އިންދާ ގޭގެ ބެލް ޖަހައިލިއެވެ. އޭނަ ގޮސް ބަލައިލިއިރު ހުރީ އީލާފްއެވެ.

"ކީއްވެ މާ ހެނދުނަކާ ތިއައީ؟" ޒަހްރާން ހައިރާންވިއެވެ. އީލާފްގެ މޫނުވެސް ވަނީ މިލާފައެވެ.

"ފޫހިވެގެން މިއައީ." އީލާފް ބުނެލިއެވެ.

"އަނެއްކާ ކިހިނެއްވީ؟" ޒަހްރާން ސުވާލުކޮށްލިއެވެ.

"މި ބައްޕަގެ ރޫލްސް ގިނަކަމުން... ވަރަށް ފޫހިވޭ..." އީލާފް ގޮސް ސޯފާ މައްޗަށް ވެއްޓިގަތެވެ.

"ކިހިނެއްވީތަ؟ ވީގޮތެއް ބުނެބަލަ." ޒަހްރާން ކޮފީ ތަށި ތުމުގައި ޖަހާ އެތިފޮދެއް ބޮއިލިއެވެ. "އީލޫ... ވީގޮތެއް ބުނެބަލަ..."

"އެހާވަރުން ފްރެންޑްސްއާ އެކީ ޓްރިޕެއް ޕްލޭން ކުރީމަވެސް ނުފޮނުވިއޭ... ކުޑަބެ ހެން ގެއިން ނުކުންނަންވީ ކަންނޭނގެ." އީލާފް އިނީ ފޫހިވެފައެވެ.

"އީލުއަށް ކެރޭނެތަ؟" ޒަހްރާންގެ ގާތަށް ކުޑަކޮށް ހިނިއަންނަ ގޮތްވިއެވެ. ހިތްހަމަނުޖެހިގެން ކޮންމެ އެއްޗެއް ކީ ނަމަވެސް، ބައްޕައާ ދެކޮޅަށް އީލާފްއަށް ކަމެއް ކުރަން ނުކެރޭނެކަން އޭނައަށް ވަރަށް ރަނގަޅަށް އެނގެއެވެ.

"ނޭނގެ ދެން...." އީލާފް ރިމޯޓު ނަގާ ޓީވީ އަޅުވައިލިއެވެ. ޒަހްރާން ކޮފީ ބޮއި ނިންމާލުމަށްފަހު، ޖޯޑު ސިންކަށް ލާފައި ގޮސް ސޯފާގައި އިށީނެވެ. ޓީވީން އިނގިރޭސި ފިލްމެއް އަޅުވާލައިގެން އެއަށް ގެއްލިފައި އިން އީލާފްއަށް ބަލަހައްޓައިގެން އޭނަ އިނެވެ. ބޯ ކަހާލުމަށްފަހު ދެފަރާތަށް ބޯ ހޫރާލި ގޮތުންނާ، ދޫކޮށްލި ފުންނޭވާގެ ސަބަބުން އޭނަ އިނީ ދެވިސްނުމެއްގައިކަން އެނގެއެވެ.

"އީލު...." އެންމެފަހުން ސިކުނޑީގެ ހައިޖާނުގަނޑުގެ މައްޗަށް ކުރި ހޯދަމުން ޒަހްރާން އީލާފްއަށް ގޮވައިލިއެވެ.

"ހޫމް..." މާބޮޑު ޝައުޤުވެރިކަމެއް ނެތް ފަދައަކުން އީލާފް ބުނެލިއެވެ.

"އީލޫ..." މިފަހަރު ޒަހްރާން، ތަންކޮޅެއް ބާރަށް އީލާފްއަށް ގޮވައިލިއެވެ. އޭނަ އީލާފްގެ ސަމާލުކަން ބޭނުންވާތީއެވެ. އީލާފް ފިލްމު ހުއްޓާލާފައި، ޒަހްރާނަށް ބަލައިލިއެވެ. އެއާއެކު ޒަހްރާންގެ މޫނުމަތިން ފެނުނު ނުތަނަވަސްކަން އޭނައަށް ވެސް ފާހަގަވިއެވެ.

"ކިހިނެއްވީ؟" އީލާފްއަށް ސުވާލުކޮށްލެވުނެވެ. އަޔާޝްއަށް ވުރެ ބޮޑަށް އީލާފް ގާތީ ޒަހްރާންއާއެވެ. އޭނައަށް ކަންކަމުގައި އަޔާޝްއަށްވުރެ ޒަހްރާނާ ވާހަކަ ދައްކަން ފަސޭހަވާތީއެވެ. ޒަހްރާންގެ މޫނުމަތީގެ އަސަރުތައް އޭނައަށް ދެނެގަންނަން އެހާ ފަސޭހަވަނީވެސް އެ ގާތް ގުޅުމުގެ ސަބަބުން ކަންނޭނގެއެވެ.

"މީ. ކޭ ޔޫ ގޯ ޗެކް އޮން ހާރ؟" ޒަހްރާން އައިރާމެން އެޕާރޓްމެންޓް ހުންނަ ފަޅިއާ ދިމާލަށް ބޮޑުވާ އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު