ދިވެހީންގެ އަމާންކަމަށްޓަކައި އަދި ދުނިޔެއާއި އާޚިރަތުގެ ސަލާމަތަށްޓަކައި، ޚުލްގުހެޔޮ، ފަސް ވަގުތު ބަރާބަރަށް ނަމާދުކުރާ މުޖުތަމައެއް ބޭނުންވާ ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މާދަމާ ފަށާ މިއަހަރުގެ ރަމަޟާން މަހުގެ ތަހުނިޔާ ފޮނުއްވައި ދެއްވި ޚިޠާބުގައި ރައީސް ވިދާޅުވީ، ރަމަޟާން މަހަކީ ބާއްޖަވެރިކަމުގެ މައްސަރު ކަމަށާއި ހެޔޮކަމުގެ މޫސުން ކަމަށެވެ.
އާއިލާ، ނުވަތަ މުޖުތަމައު، ނުވަތަ ގައުމު އިސްލާހުކުރަން އެދޭނަމަ، އެންމެ ފުރަތަމަ އިސްލާހުވާންޖެހޭނީ އަމިއްލަ މީހާ ކަމަށާއި، އިސްލާހުގެ މަސައްކަތް ފަށަންޖެހޭނީ އަމިއްލަ މީހާ އާ ހިސާބުން ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ދިވެހި މުޖުތަމައަކީ އުސޫލާއި ގާނޫނާއި ގަވައިދުތަކަށް ބޯލަނބައި، ދީނީކަންކަމާއި އާދަކާދައިގެ ކަންކަން ކުރިއަރުވާ މުޖުތަމައެއްގެ ގޮތުގައި ދިވެހީން ދެކެން ބޭނުންވާ ކަމަށެވެ.
"ފަސްވަގުތު ނަމާދުކުރާ މުޖުތަމައެއް އަޅުގަނޑުމެން ބޭނުމެވެ، ކުޑަކުދީންގެ ކަރާމާތް ރައްކާތެރިކުރާ، ބޮޑެތި މީހުންނަށް އިޙްތިރާމުކުރާ މުޖުތަމައެއް އަޅުގަނޑުމެން ބޭނުންވެއެވެ، މަސްތުވާތަކެތިން ސަލާމަތްވެފައިވާ، ސިއްހީގޮތުން ނުރަނގަޅު އާދަތަކަށް ނޫނެކޭ ބުނާ މުޖުތަމަޢެއް އަޅުގަނޑުމެން ބޭނުންވެއެވެ، ހުރިހާ ކަމެއްގައި މާތްވެގެންވާ އިސްލާމްދީނުގެ އަސްލުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތާ، ދިވެހީންގެ ހަރުދަނާ އިސްލާމީ ސަގާފަތާއި، ދިވެހިވަންތަ ރީތި ތަހުޒީބު އަމިއްލަ ގޮތްތައް ނަގަހައްޓާ މުޖުތަމައެއް އަޅުގަނޑުމެން ދެކެން ބޭނުންވެއެވެ،" ރައީސް ވިދާޅުވިއެވެ.
މިހުރިހާ ކަމެއް ދިވެހި މުޖުތަމައުން ދެކެން ބޭނުންވަނީ އެމަނިކުފާނު ވިދާޅުވިގޮތުގައި، ދިވެހީންގެ އަމާންކަމަށްޓަކައި، ދެ ދުނިޔޭގެ ސަލާމަތަށްޓަކައި، އަދި ޒަމާނާއެކު ކުރިއަރާފައިވާ ބަޔަކަށް ދިވެހީން ވުމަށްޓަކައެވެ.
މިފެށޭ ރަމަޟާން މަހަކީ މާތް اللهގެ ކިބައިން މަދަދު ހޯދުމަށް ރަނގަޅު ފުރުސަތެއްގެ ގޮތުގައި ސިފަކުރައްވައި، ރަމަޟާން މަހަކީ އަޅުކަންތަކާއި ވަގުތުތައް ރާވައިލާ، ވަގުތަށް ކަމޭހިތަން ދަސްކޮށްދީ، ހިތާއި ރޫހުން ހަށިގަނޑު ހެޔޮ ކަންކަމުގައި ހޭދަކުރަން ދަސްކޮށްދޭ މައްސަރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ވީމާ، މިކަންކަން އަޅުގަނޑުމެން ކޮންމެ މީހަކު އަމިއްލަ ނަފުސާ ހަމައިން ފަށަމާތޯއެވެ! މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަކީ ގައުމަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި، އަމިއްލަ ނަފްސު އެ ބަދަލާ އެއްގޮތަށް، ދީނީ، ޤައުމީ އިންތަކުގެ މަތީގައި ތަރުބިއްޔަތުކުރާ މައްސަރަކަށް ހަދަމާތޯއެވެ!" ރައީސް ވިދާޅުވިއެވެ.