ރޯދަ މަހު މުދާ އުފުލުން މަނާ ގަޑިތައް އާންމުކޮށްފި، ޚިލާފުވާ މީހުން 750 ރުފިޔާއިން ޖޫރިމަނާކުރާނެ!

މާލޭގެ ބާޒާރު ސަރަހައްދުގެ މަގުތައް ބާރުބޮޑުވެފައި: ރޯދަ މަހު، މާލެ ސަރަހައްދުގައި މުދާ އުފުލުން މަނާ ގަޑިތައް ވަނީ އާންމުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ސަރަހައްދުގައި ރޯދަ މަހު، މުދާ އުފުލުމާއި ބަރު އުޅަނދު ދުއްވުން މަނާ ގަޑިތައް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު އާންމުކޮށްފިއެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައ، ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 19 ދުވަހުގެ ނިޔަލަށް ހެނދުނު 08:00 އިން 09:30 އަށާއި 16:30އިން 20:00އަށް މުދާ އުފުލުން މަނާވާނެއެވެ. ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ވެސް އެ ވަގުތުތަކުގައި މުދާ އުފުލުމާއި ބަރު އުޅަނދު ދުއްވުން މަނާ ވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރޯދަ މަހުގެ 20 ވަނަ ދުވަހުން އެ މަހުގެ ނިޔަލަށް 16:30 އިން 20:00އަށް މުދާ އުފުލުމާއި ބަރު އުޅަނދު ދުއްވުން މިނިސްޓްރީން ވަނީ މަނާކޮށްފައެވެ.

މީގެ އިތުރަށް މިނިސްޓްރީން ބުނީ، އެންގުމާ ޚިލާފުވާ މީހުން އެއްގަމު ދަތުރުފަތުރުގެ ގާނުނުގެ ދަށުން 750 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި، މާލެ ސަރަހައްދުގައި ރޯދަ މަހަށް ޓްރެފިކް ބާރު ބޮޑުވެއެވެ. އެހެންވެ، މުދާ އުފުލުން މަނާ ގަޑިތަކެއް ކަނޑައެޅީ އެ ކަމަށް ލުޔެއް ހޯދަަން ކަމަށް ބެލެވެއެވެ.

comment ކޮމެންޓް