ދިވެހީންނަށް ނުފެންނަ ގޮތަށް، ރޯދަ މަހު ފަތުރުވެރިންނަށް ކެއުމުގެ ޚިދުމަތް ދޭން މިނިސްޓްރީގެ އިލްތިމާސެއް

ރަށެއްގައި ފަތުރުވެރިންނަށް ކެއުމުގެ ޚިދުމަތް ދެނީ: ފަތުރުވެރިންނަށް ރޯދަ މަހު ކެއުމުގެ ޚިދުމަތް ދިވެހީންނަށް ނުފެންނަ ގޮތަށް ދިނުމަށް ވަނީ، އިލްތިމާސްކޮށްފައި ---- ފޮޓޯ/ މައިނާ ހޮޓެލްސް

ރޯދަ މަހު ރަށްރަށުގައި ފަތުރުވެރިންނަށް ކެއުމުގެ ޚިދުމަތް ދޭއިރު، އާންމުން ނުވަތަ ދިވެހީންނަށް އެ މަންޒަރު ނުފެންނަ އިންތިޒާމެއް ހަމަޖެއްސުމަށް ލޯކަލް ގަވަމެންޓް މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފިއެވެ.

ފަލަކީ ހިސާބުތައް ދައްކާ ގޮތުން، މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ވުން ވަރަށް ގާތެވެ. އަދި، ހަނދު ސާބިތުކުރުމުގެ މަސައްކަތް މިރޭ އިސްލާމިކް މިނިސްޓްރީން ކުރާނެއެވެ.

ލޯކަލް ގަވަމެންޓް މިނިސްޓްރީން ނެރުނު ބަޔާނެއްފައި ވަނީ، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށްވާއިރު، ރޯދަމަހު ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކެއިން ބުއިމުގެ ޚިދުމަތް ދިނުމުގައި ސަމާލުވާން ޖެހޭ ކަމަށެވެ.

ލޯކަލް ގަވަމެންޓް މިނިސްޓާރު އާދަމް ޝަރީފް އުމަރު: ފަތުރުވެރިންނަށް ރޯދަ މަހު ކެއުމުގެ ޚިދުމަތް ދިވެހީންނަށް ނުފެންނަ ގޮތަށް ދިނުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައި -- ފޮޓޯ/ ލޯކަލް ގަވަމެންޓް މިނިސްޓްރީ

މިގޮތުން، އެ ޚިދުމަތް ދިނުމުގައި ދިވެހި ރީތި އާދަތަކާއި ދީނީ އެއްބައިވަންތަކަމާއި ދިވެހީން ކުރާ އިޙުތިރާމާއި އިސްލާމީ ވަހުދަތު ދެމެހެއްޓުމަށް ބާރު ލިބޭ ގޮތަށް ކަންކަން އިންތިޒާމު ކުރުމަށް މިނިސްޓްރީން ވަނީ އިރުޝާދު ދީފައެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިންނަށް ކެއުމުގެ ޚިދުމަތް ދޭއިރު، އާންމުންނަށް ނުފެންނާނެ އިންތިޒާމެއްގެ ދަށުން އެ ޚިދުމަތް ދިނުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

އޭގެއިތުރަށް، މަގުތަކާއި އާންމު ތަންތަނުގައި ރޯދަ މަހުގެ ހުރުމަތް ނުކެނޑޭ ގޮތަށް ފަތުރުވެރިންގެ އަމަލުތައް ބެހެއްޓުމަށް ބާރު އެޅުމަށާއި އެ އަމަލުތައް ބަހައްޓަން ޖެހޭ ގޮތުގެ މައުލޫމާތު ދިނުމަށް ބަޔާނުގައި އިލްތިމާސްކުރިއެވެ.

ފަތުރުވެރިންނަށް ޚިދުމަތްދޭ ހުރިހާ އެންމެން އެ ކަންކަމަށް ސަމާލުވުމަށާއި ކައުންސިލްތަކުން އެ ކަންކަމަށް ފާރަވެރިވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

https://www.sun.mv/217894

މިނިސްޓްރީން އެ ފަދައިން އިލްތިމާސްކުރިއިރު، މިދިޔަ ހުކުރު ދުވަހު ޚުތުބާގައި ވެސް ވަނީ، މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރިންނަށް ޚިދުމަތް ދޭ މީހުންގެ އަމަލުތައް ބަހައްޓަންވީ ގޮތް ވެސް ބަޔާންކޮށްފައެވެ. މިގޮތުން، ހާމަކަން ބޮޑު ގޮތުގައި، ރޯދަމަހުގެ ދުވާލު މީހުން ދިރިއުޅޭ ރަށްތަކުގައި ރެސްޓޯރެންޓު ފަދަ ތަންތަން ހުޅުވައިގެން ކެއިންބުއިމުގެ ޚިދުމަތްދިނުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ޚުތުބާގައި ބުންޏެވެ.

އެ ރަށްރަށުގައި މިފަދަ ޚިދުމަތެއް ފަތުރުވެރީންނަށް ފޯރުކޮށްދޭ ފަރާތްތަކުން އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ޓަކައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސިދާނެ ކަން ޚުތުބާގައި ފާހަގަކުރިއެވެ.

comment ކޮމެންޓް