ވަހީ އަންނަކަމަށް ބުނެ ރަސޫލާއަށް ފުރައްސާރަކުރި މީހާގެ މައްސަލަ ބަލަން ހުށަހަޅައިފި

ބަޔަކު ހުކުރު މިސްކިތުގައި ނަމާދު ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި ވަހީ އިއްވަވާ ކަމަށް ބުނާ މީހެއްގެ މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އަޅަން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓާ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެެވެ.

ވަރަށް ފަހުން ދިވެއްސަކު ޓިކްޓޮކްގައި އިސްލާމް ދީނަށް ފުރައްސާރަ ކުރާ ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. ދިވެހި އެ ފިރިހެން މީހާ ކީރިތި ރަސޫލާ އާއި އިސްލާމްދީނަށް ވަރަށް ހުތުރުކޮށް އެއްޗެހި ބުނާ އަޑު އެ ވީޑިއޯތަކުން އިވެއެވެ.

ޝަހީމް މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ, ތިމަންނާއަށް ވަހީ އަންނަ ކަމަށާއި އިސްލާމީ ޢަޤީދާއަށާއި ކީރިތި މާތް ނަބިއްޔާއަށް ތައުހީނުވާ ގޮތަށް ވާހަކަދައްކާފައިވާ މީހާގެ ދައުރުވަމުންދާ ވީޑިއޯގެ މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކުގައި މިދިޔަ އާދިއްތަ ދުވަހު އެދިފައިވާނެ ކަމަށެވެ.

މި މައްސަލައާ ގުޅޭގޮތުން ފުލުހުން މިއަދު ބުނީ, ދީނަށް ފުރައްސާރަކޮށް، ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވާ ވީޑިއޯތަކެއް ފުލުހުންގެ ސަމާލުކަމަށް ވަަނީ އައިސްފައި ކަމަށެވެ.

މި މައްސަލައާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށް ބުންޏެވެ.

comment ކޮމެންޓް