ވަކީލެއްގެ އެހީތެރިކަން ހޯދުމަށް ދެ ފަހަރެއްގެ މަތިން މަސައްކަތްކޮށް ވެސް ކުރިއެރުމެއް ނުލިބުނު، މަސްތުވާތަކެތި ޓްރެފިކް ކުރި މީހަކު އުމުރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.
މިއީ، ހދ. ފިނޭ، ނެއްލައިދޫގޭ އަދުނާން މުހައްމަދުގެ މައްޗަށް ތުހުމަތުވާ މައްސަލައެކެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ ޑައިމޯފިކް ޓްރެފިކް ކުރުމުގެ ދައުވާއެވެ. މި ދައުވާ ދައުލަތުން ހުށަހެޅީ މާލެ އަތޮޅު ގުޅީ މެޖިސްޓްރޭޓް ކޯޓަށެވެ.
ގުޅީ ކޯޓަށް ހުށަހެޅި މި މައްސަލައަކީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހު، މާލޭ ބޮޑުތަކުރުފާނު މަގުން ޓެކްސީއެއްގައި އިތުރު މީހަކާ އެކު، އަދުދާން ދަތުރުކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭނާ ހިފެހެއްޓި މައްސަލައެވެ. ފުލުހުން އޭނާ ހިފަހައްޓައި، ބެލިއިރު އޭނާގެ އަތުގައި އޮތް ސިނގިރޭޓް ފޮއްޓެއްގެ ތެރޭގައި އޮތް ޖޫސްޕެޓީ ކޮތަޅަކުން މަސްތުވާތަކެތި ވަނީ ފެނިފައެވެ.
މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އަދުނާންގެ ދިފާއުގައި އޭނާ ފުރަތަމަ އައްޔަންކުރި ވަކީލު ވަނީ މައްސަލައިން ތަނާޒުލުވެފައެވެ. ވަކީލު މައްސަލަ ދޫކޮށްލާފައިވަނީ ހުލާސާ ބަޔާނާއި ހިސާބުގައި ޝަރީއަތް އޮއްވައެވެ.
އަދުނާނަށް ދެވަނަ ފަހަރަށް ވަކީލަކު އައްޔަންކުރަން ފުރުސަތު ދިން ނަމަވެސް، މައްސަލަ ތާވަލުކުރި ދުވަހަށް ވަކީލު ހާޒިރުނުވުމުން މައްސަލަ ނިންމީ ވަކީލަކާ ނުލައެވެ. އެކަން އޮތީ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ވެސް ފާހަގަކޮށްފައެވެ.
މި މައްސަލަ ނިންމާފައިވަނީ އަދުނާން، އުމުރަށް ޖަލަށްލުމާ އެކު 100،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އެކަމަކު، މި މައްސަލައާ ގުޅިގެން ކުރިން އޭނާ ބަންދުކޮށްފައި ހުރި މުއްދަތު އުނިކުރުމުން ދެން ތަންފީޒުކުރަން ޖެހޭ ހުކުމަކީ 24 އަހަރާއި 10 މަހާއި 17 ދުވަހެވެ. އެއް ލައްކަ ރުފިޔާގެ ޖޫރިމަނާ ދައްކަން ޖެހެނީ އެއް އަހަރު ދުވަހުގެ ތެރޭގައެވެ.