ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫގެ ދަށުން އެއް ނަމްބަރު ފާލަމުން ފެށީގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް މަގުގައި ތާރުއެލުމުގެ މަސައްކަތް މި ރޯދަމަހު ފަށާނެ ކަމަށް އެ މަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވެއްޖެެއެެވެ.
އޭނާ މިފަދައިން ވިދާޅުވީ، ބައެއް ކެބިނެޓު މިނިސްޓަރުންނާ އެކު، އެމްޓީސީސީން އަލަށް ތަރައްގީކުރި ބާޒާރުމަތީ ސަރަހައްދުގެ މަގު ސެގްމަންޓުގައި ގަސް އިންދުމަށް ބޭއްވި ހަރަކާތުގެ ތެރެއިން މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައެވެ.
އެކި ސެގްމެންޓުތަަކަށް ބަހާލައިގެން ދެން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ރަސްމީ ފާލަމުން ފެށިގެން އެމްޓީސީސީގެ ޓާމިނަލާ ހަމައަށް ކަމަށާއި އެ ސަރަހައްދުގައި ތާރުއެޅުމުގެ މަސައްކަތް ރޯދަމަހުގެ ތެރޭގައި ފަށާނެ ކަމަށް ސައުދީ ވިދާޅުވިއެވެ. އަދި މިހާރު ޝެޑިއުލް ކުރެވިފައި ވާގޮތުން މުޅި މަގުގެ މަސައްކަތް އަންނަ އޭޕްރީލް ނުވަތަ މޭ މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ވިދާޅުވިއެވެ.
މާލޭގެ އެންމެ ކާރު ބާރު ބޮޑު ސަރަހައްދު ކަމަށްވާ ބާޒާރު މަތީ ސަރަހައްދުގައި ތާރުއެޅުމުގައި ދިމާވި ބޮންޖެހުންތަކުގެ ތެރޭގައި، އެ މަގުގައި ޝީޓް ޕައިލްކުރުމުގެ ތެރޭގައި ވަރަށް ހަރު އާނުގަނޑުތަކާއި ދިމާވެ މަޑުކުރަން ޖެހުނުކަން ސައުދީ ވަނީ ފާހަގަކުރައްވައިފައެވެ.

ރަސްމީ ފާލަމުން ފެށިގެން އެމްޓީސީސީ ޓާމިނަލާއި ހަމައަށް މަގު ތަރައްގީކުރަން ފަށަނީ -- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
އޭނާ ވިދާޅުވީ 24 ގަޑިއިރު މަސައްކަތް ކުރަމުން ދިޔައިރު ދިޔަވަރުގެ ސަބަބުން ކޮންމެ 24 ގަޑިއިރަކުން ނުވަ ގަޑިއިރު މަޑުކުރަން ޖެހުނު ކަމަށެވެ. އެހެންކަމުން އެބައި ކަވަރުކުރުމަށް ހުރިހާ މުއައްޒަފުން ދިޔަވަރު ހިކޭ ވަގުތު ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައިވާކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.
މި މަސައްކަތް މިހިސާބަށް ގޮސް މިއަދާ ހަމައަށް މި ނިންމާލެވުނީ ހުރިހާ މުއައްޒަފުންގެ ބުރަ މަސައްކަތުން. އެމްޓީސީސީ ޓީމުގެ ހީވާގި ބުރަ މަސައްކަތުން. މި މަސައްކަތް މިގޮތަށް ނިންމާލުމަށް ޓަކައި އަޅުގަނޑުމެންނަށް ވަރަށް ގިނަ އެސްއޯއީސްތަކުގެ އެއްބާރުލުން ލިބިފައި ވަނީ. އެމްޓީސީސީގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައުދީ
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ، މަސްމާރުކޭޓު އަދި ނޯތު ހާބަރު ސަރަހައްދުގައި ތާރުއެޅި ޒަމާނީ ފެންވަރަަށް ތަރައްގީ ކުރެވުމުން އެ ސަރަހައްދުގައި މުދާ އަރުވާ ބޭލުމަށް ލުއިތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ރަސްމީ ފާލަމުން ފެށިގެން އެމްޓީސީސީ ޓާމިނަލާއި ހަމައަށް މަގު ތަރައްގީކުރަން ފަށަނީ -- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
މުއްތަލިބް ވިދާޅުވީ، އެ ސަރަހައްދު އެއްކޮށް ތަރައްގީ ކުރެވޭއިރު، ފެންބޮޑު ނުވާނޭ ގޮތަށް، ސްޓްމް ވޯޓާ މެނޭޖް ސިސްޓަމެއް ލެވިފައި ހުންނާނެ ކަމަށާއި، އެ ސިސްޓަމުގެ ޕަމްޕުތަކާއި އެއްޗެހި ހަރުކުރުމަށް އަދި ވަގުތުކޮޅެއް ނަގާނެ ކަމަށެވެ. ނަމަވެސް ސިސްޓަމް ގާއިމްކުރެވުމުން އެ ސަރަހައްދުގެ ފެނާއި ނަރުދަމާ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް ކުރެވިގެންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެެވެ.
ހަގީގަތުގައި މި ސަރަހައްދު ތަރައްގީ ކުރެވިގެން މިދަނީ މި ސަރަހައްދުން ޚިދުމަތް ހޯދާ ފަރާތްތަކަށް ވީހާ ވެސް ލުއިފަސޭހަކަން ލިބިގެންދާނޭ ގޮތަށް. އެނގިވަޑައިންނަވާނެ އަޅުގަނޑުމެން މަސައްކަތް ފެށީ، ރޯދަމަހުގެ ކުރީން މަސައްކަތް ނިންމާ ހުޅުވުމަށް ޓާގެޓްކޮށްގެން. ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް
މާލޭގެ މަގުތައް ހެދުމުގެ މަސައްކަތަކުގެ ދަށުން ރަށުގެ ވަށައިގެންވާ ބައެއް ހިސާބުތަކުގައި ތާރު އަޅާފައިވާއިރު، އަމީނީމަގު ނިމި ރަސްފަންނުން ފެށިގެން ގޮސް އެމްޕީއެލާ ހަމައަށާއި، ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީޓާމިނަލާ ހަމައަށް އަދިވެސް އޮންނަނީ ގާ އަތުރައިފައެވެ. ހަތަރު ލޭނަށް ފުޅާކޮށް، ޒަމާނީ ފެންވަރަކަށް ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ އޮގަސްޓު މަހުގެ 22 ވަނަ ދުވަހެވެ.