"އެސްފިޔަ ޖަހައިލާހާ ވަގުތުކޮޅެއްވީހެންވެސް ހީނުވެ ރަަމަޟާންމަހުގެ ފުރަތަމަ ދިހަ ދުވަސް އަހަރެމެންނާއި ވަކިވެެގެން ދަނީއެވެ. ބާކީއޮތް ދުވަސްކޮޅު އެންމެ ވަގުތެއްވެސް ބޭކާރުކޮށްލުމެއްނެތި ޒިކުރުކުރުމާއި އަސްތަޣުފާރުކުރުން، ދުޢާކުރުން، ގުރުއާންކިޔެވުން އަދި ރޭ އަޅުކަމުގައި ވަގުތު ހޭދަކުރުމުން ފަހުން ހިތާމަކުރަން ނުޖެހޭނެއެވެ. ދުނިޔެއަކީ ދުވަސްކޮޅެއްގެ މަންޒިލެކެވެ."

***

ކާދިންއަށް ރަމަޟާންއާއި ބެހޭގޮތުން އެހާ ބޮޑު އެއްޗެއް ނޭގެއެވެ. އެނގެނީ އެވެސް ދީނުގެ އަޅުކަމެއްކަމާއި ބަނޑުހައިކަން މަތީ ތިބެންޖެހޭކަމެވެެ. ގޭގައި ކެއުމުގެ ފޯރިއެއްހުރެއެވެ. ޕާޓީތަކާއި މުނިފޫހިފިލުވުމާއި ކުޅިވަރު އިތުރުކުރާ މަހެއްގެ ގޮތުގައި އޭނަ ދެކުނެވެ.

އޭނައަށް މަންމަ ފެނުނީ ނިކަން ނަލަ ހެދުމެއް އަޅައިގެން ކޮރިޑޯއިން އަންނަތަނެވެ. މުޅި ހިސާބުގައި މަންމަގެ މީރުވަހެވެ. ޒުވާން އަންހެންކުއްޖެއްފަދައިން އިސްތަށިގަނޑު ސްޓައިލްކޮށްފައި ކުރު ހެދުމެއްގައެވެ.

"މަންމާ..ބޭނުން ވާހަކައެއް ދައްކަން....."ކާދިން ގޮވައިލިއެވެ.

"މަންމަ މިދަނީ ޕާޓީއަކަށް ..ސޮރީ ޑާލިން...."މެހެރް އޭނަގެ ނިތްކުރިއަށް ދޮނެއްދިނެވެ."ޑޭޑްއާއި ވާހަކަދައްކާލާ...."

އެއާއެކު މެހެރްގެ ނަޒަރު އޭނަގެ އަތުގައި އޮތް ތަސްބީހައަށް ހުއްޓުނެވެ. ދަޅުލާފައިހުރި އިފުރީތެއް ތިރިކޮށްލިޔަސް އެވަރަށް ސިހޭނެކަމެއްނޭގެއެވެ. މެހެރްގެ ނަޒަރު ތަސްބީހައިން އޭނަގެ މޫނަށް ދަތުރުކުރިއިރުވެސް ލޮލުގެ ސިހުމެއް ނުކެނޑެއެވެ.

"ތިއީ ކޯނޗެއްކަން އެނގޭތަ ދަރިފުޅު؟"

"މާމަގެ ޑްރޯވަރއިން ފެނުނީ. މިއީ ތަސްބީހައެއްނު......."

"މަންމަ ބިރުން މިނިހާޓްއެޓޭކެއް ނުޖެހުނީ ކިރިޔާ..އެހެންނުވާނީ..މިހާރު ބްރެއިންވޮޝްކޮށްގެން ޖިހާދަށް ގެންދަން އޮންނަ ގްރޫޕެއްވެސް މާލޭގައި އޮވޭ. އެކަހަލަ ޖަމާއަތަކާއި ގުޅިގެން ހައްދުން ނައްޓާލައިގެންނުވާނެ އިނގޭ. މީހާގެ ރީތިކަން ގެއްލި ހަމަ ހީވާނީ އަފްގާން މުއްލާއެއްހެން.........."މެހެރް ހިނިގަނޑެއް ޖަހައިލިއެވެ.

މެހެރްގެ އެ ޚިޔާލު ފަހުމްނުވިއިރު ދީނާއިބެހޭގޮތުން އޭނައަށް މައުލޫމާތު ފޯރުކޮށްދެވިފައެއްނުވެއެވެ. މަގުން ކައްސާލައިގެން ދީނާއި ދުރުވެދާނެތީ ގަންނަ ބިރަށްވުރެ މެހެރްގެ ކަންބޮޑުވުން ހުރީ އެހެން ދިމާލެއްގައެވެ.

"ބޭބީއާއިހެދި މަންމަ ގަޑިޖެހިދާނެ..ނައިޓް ލަވް.."

***

މެހެރް ޕާޓީއިން އެނބުރިއައިކަން އިއުލާންކުރީ ބޭރުގެ ތަޅުންމަތިން އިވެންފެށި ބޫޓުގެ އަޑެވެ. ހަންޑި ޓައްކަނޑާފަދަ އަޑެއް ހިމޭންކަން މުގުރައިލިއެވެ. ފައިސަލްވެސް ވިޔަފާރި ބައްދަލުވުމަކާއި ސިޔާސީ އެއްވުމަކަށްފަހު ސިކުނޑި ވަރުބަލިވެފައި ހުއްޓަސް ދަރިފުޅުގެ ހާލުދެކެން އެކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ކާދިން ރަޖާދަށުގައި ފުން ނިންޖެއްގައި އޮތްކަމުގެ ކުށްހީގައި ހުރެ މަޑުމަޑުން ދޮރު ލައްޕައިލާފައި ހިނގައިގަތްތަނާ އަންހެނުންނާއި މުޑިއެރިއެވެ.

"ކޭޑް އެއްވެސް ވާހަކައެއް ދެއްކިތަ؟"

"ނިދާފައި އޮތީ.ދެންމެ ގެއަށް އާދެވުނީ..."

"އޯ.....ދެމީހުންގެ ބިޒީލައިފްއާއި ހެދި ކޭޑްއަށް ޓައިމް ނުދެވޭ...ޚިޔާލެއް އެބައޮތް..."މެހެރް އޭނަގެ އަތުގައި އެލިގަތެވެ."ކޭޑް ކިޔަވަން ޔޫކޭއަށް ފޮނުވައިލަންވީ...މިތާ ހުރެގެން ނުބައި މަގެއް ޚިޔާރުކޮށްފާނެކަމުގެ ބިރު ހީވެއްޖެ.."

"ތިބުނީ؟"

"ދީނީގޮތުން ހައްދު ފަހަނަޅާދިޔުން. ތާލިބާނުންފަދައިން އަންހެނުންގެ މިނިވަންކަން ފޭރިގެން ހަގުރާމައިގެ ހާލަތުގައި ބަޑިހިފައިގެން ތިބުމަށް ވަރަށް ނުރުހެން..ދެން އޮތީ މުސްލިމުންކަމަށް ދައުވާ ކުރާ އިރާން.........އެމީހުންނާއިހެދި ދުނިޔެއަށް ޖެހިފައިވާ ހާލު ބަލައިލަބަލަ.އިޒްރޭލާއި ދެކޮޅުވެގެން އުޅެ އެމީހުންނަށް ހަމަލާދޭން ގޮވާއިރު މުސްލިމުންނަށް ކުރެވޭ ކަމަކީ އަމިއްލަ މީހުންނާއި މިސްކިތްތަކުގައި ބޮން ގޮއްވުން......."

މެހެރްއަށް ލޯބިކުރެވެނީ ނޭގިނަމަވެސް ހުޅަގުގެ ދިރިއުޅުމުގެ ވައްޓަފާޅިއަށެވެ. އަދި އޭނައަށް ނޭގުނީ މުސްލިމުންގެ މައްސަލަތަކުގެ އަސްލެވެ. އެ ހަމަނުޖެހުމާއި އިސްލާމީ ގައުމުތަކުގެ އަދާވާތްތެރިކަމާއި އެއްބައިވަންތަކަން ނެތުމަކީ މުސްލިމް ވެރިންގެ ހުރި އުނިކަމެވެ. ކާފަރުންގެ ފިކުރީ ހަގުރާމައިގާ ޖެހި އޮޅިފައިވާވަރެވެ. އެމީހުން އެއްބައިވެއްޖެނަމަ ދުނިޔޭގެ ބޮޑުބާރަކީ މުސްލިމުންކަމުގައިވާނެކަން ޔަގީނެވެ. އެހެންވެ ކާފަރުންދަނީ އެމީހުން ބައިބައިކުރަން އެކި ރޭވުންތައް ރާވަމުންނެވެ. އިސްލާމްދީން ފުރިހަމައެވެ. ހުރިހާ ރީތި ސިފަތަކުން ﷲތައާލާ އިސްލާމްދީންވަނީ ފުރިހަމަކުރައްވާފައެވެ. އަންހެނުންނަށް ލިބިފައިވާ މަތިވެރި ދަރަޖައާއި އިއްޒަތެވެ. މުސްލިމުންނަށް ދީނުގައި އަންގަވާފައިވާ ގޮތަށް ނޫޅެވެނީއެވެ.

"އެތަނަށްގޮސް ދީން ގަބޫލުނުކޮށްފިއްޔާ...އިމްތިޔާޒުގެ ދަރިންވެސް ކުޑައިރު އެމެރިކާއަށް ފޮނުވުމުން ވީ ކިހިނެއް؟މާކްވެސް ކްރިސްޓިއަނަކާއި އިނދެގެން ދަރިން ޗާޗަށް އެގެންދަނީ........"

"ފައި...އެގޮތްވެސް މާރަގަޅެއްނު. ކިހާ އަރާމުގައި ހަމަޖެހިގެން ދުނިޔޭގައި އެބައުޅެވޭ......"

ފައިސަލް ހިމޭންވީ ވަރުބަލިވެފައިވާލެއް ބޮޑުކަމުންނެވެ. މެހެރްގެ ޚިޔާލަށް ތާއީދުކުރެވިގެނެއްނޫނެވެ. އޭނަ ދީނަށް ނޫޅުނަސް ހިތުގައި އީމާންކަމުގެ އޮށް އިންދި ގަސްފަޅާފައިވިއެވެ. ފެންދޭނެ ވަގުތެއް ނުވުމުން ގަސް ހީނަރުވިޔަސް އީމާންކަން އަދި މަރެއްނުވެއެވެ.

"މިބުނީ ތުނބުޅި ލީ ވައްހާބީއަކަށްވުމަށްވުރެ ކްރިސްޓިއަނަކާއި އިނަސް ކޭޑްއަށް ރަގަޅުވާނެ...އަހަރެން ލަވަކިޔާތީ ކުރު ހެދުން ލައިގެން ޕާޓީއަށްދާތީ ބައެއް މީހުން އެކުރާ ކޮމެންޓްތައް..ހަމަ ހެވޭ.....މަޖަލަކަށް ވަނީ..........."މެހެރް ޗުސް ކަނޑައިލިއެވެ." މި ލެވެލްއަށް ނާދެވުނީމަ ޖޭވެގެންގޮސް ކަން ނޭގޭ..."

"މެހެރް ރީތިކަމުން. ތިވަރުގެ ރީތި އަންހެންކުއްޖެއް ދުނިޔެއަކު ނުވާނެ....."ފައިސަލް ފަޚުރުވެރި ނަޒަރަކުން މެހެރްގެ މޫނަށް ބަލައިލިއެވެ.

"ތެންކިއު ލަވް.........."މެހެރް ތުއިވެލިއެވެ."އަދި ފައިއަށް އެނގޭތަ؟ބައެއްި ޝޭޚުން ކޮންމެކަމެއް ހަރާމްކުރަމުން އުޅެނީ...ލަވަ ކިޔައިގެން ހޯދަނީ ހަރާމް ލާރިއޭ..ބުރުގާ އަޅައިގެން ނުވާނެއޭ......އެމީހުން ބުނާގޮތުން އަހަރެމެންވީ ކަޅު ފޭއްޔެއްގެ ތެރޭ ފޮރުވިގެން....ދުވަހަކު ކުރާނެކަމެއްނޫން..."

ކޮޓަރިއަށް ވަދެފައި މެހެރް މޭކަޕް ފިލުވައިލަންވެގެން ރީތިވާ މޭޒުދޮށުގައި އިދެ ލަވައެއްގެ ތަންކޮޅެއް ކިޔާލާފައި އެނބުރުނެވެ."ފައި...އަދި އެނގޭތަ؟"

"މިއުޒިކާއި ގުރުއާން އެއް ހިތެއްގައި ނުވާނެއޭވެސް ކިޔާނެ..އެމީހުން ކިޔަވާވަރަށްވުރެ މާ ރީތި ރާގަކަށް ގުރުއާން ކިޔަވަންވެސް އެނގޭ..ނޮންސެންސް މީހުން ދޯ..ކީކޭ ބުނާނީ؟"

"ގުރުއާން ކިޔަވާފައި އެމީހުންނަށް ވީޑިއޯއެއް ނެރެންވީނު މެހެރް..."

"އަދި ތިކަން ކުރާނަން..."

***

ކާދިން ރަޖާއިން ހިމާޔަތް ހޯދައިގެން އޮތަސް އޭނަގެ ނަފުސަށް ރައްކާތެރިކަން ލިބުނުކަމުގެ އިހުސާސެއްނުވިއެވެ. ނިދަން ބިރުގަންނަނީއެވެ. އެކަނިވެރިކަމާއި ފޫހިކަން މުޅި ޖިސްމުކަމުން ދާފަދައެވެ. ކާކޮޓަރިން ގެނައި ކަޅުކޮފީތަށި ހިފައިގެން ބެލްކަނީއަށް ނިކުތްތަނުން މަގުމަތިން ދުއްވާ އެއްޗެހި ފެނުމުންވެސް ހިތަށް ނުބައިގޮތެއްވިއެވެ. އެމްބިއުލެންސް ސައިރަންއާއެކު ސިހުނީ އަނެއްކާ އެކްސިޑެންޓެއްވީބާވައޭ ހިތަށް އަރާފައެވެ. ފޯނު ނުހުޅުވަން ނިޔަތް ގަނެގެން އިން ކާދިންއަށް ފޯނު ނެގުނެވެ. ކަށުނަމާދު ސަފުހާ އެނގުނީވެސް އެކުވެރިއަކު ލީ ފޮޓޯއަކުންނެވެ. އެ ސަފުހާއަށް ބެލުނީވެސް ކުށުގެ އިހުސާސްވާލެއް ބޮޑުކަމުންނެވެ. ސްކްރޯލްކުރަމުންގޮސް މުރުޝިދާގެ ފޮޓޯގަނޑު ފެނުނެވެ. އަލި މޫނެކެވެ. ކުޑަކޮށް ހިނިތުންވެފައެވެ. ކަޅުބުރުގާގައެވެ. އޭނަގެ މެޔަށް ގަނޑުފެންއެއްޗެއް އޮއްސައިލިހެން ހީވިއެވެ. މިއީ އޭނަގެ ސަބަބުން މި ސަފުހާގެ ލިސްޓަށް އިތުރުވީ ނަމެއްކަމުގައި ދެކުނެވެ.

"ގޯޑް..ދިސް ވޯޒް މައި ފޯލްޓް...އައި ވޯޒް ސްޕީޑިން. ފޮގިވް މީ......" ކާދިންއަށް އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލެވުނެވެ.

"ޕްލީޒް ފޮގިވް މީ...އައި ޑިޑްންޓް މީން ޓު...އައި ޑިޑްންޓް..ގޯޑް...ފޮގިވް މީ...."އޭނައަށް ނޭގިވެސް އެދެެވުނީ ފާފަ ފުއްސެވުމަށެވެ.

އޭނަ ބިންމައްޗަށް ތިރިވުމާއެކު ލޮލުން ކަރުނަ އޮހިގަތެވެ.

އެތައް އިރެއްފަހުން ތެދުވުނީ ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅި ކަރުނަތައް ހިކުމުންނެވެ. އަނެއްކާ މުރުޝިދާގެ ކަށުނަމާދު މައުލޫމާތު ޕޯސްޓަށް ރަގަޅަށް ބަލައިލުމުން އެޑްރެސް ލޮލުގައި އަޅައިގަތެވެ.

"އެގެއަށް ދާންވީ..މުރުޝިދާދައްތަގެ ދަރިއެއް ހުރެއްޖެއްޔާ މާފަށް އެދޭނީ..އޭރުން....ބަޓް...އޭނަ ފޮގިވް ކުރާނެތަ؟ މަންމަ މަރައިލިމީހަކު އެނެމީއަކަށް ނޫންތަ ވާނީ؟ ތަޅައިގަތަސް ދާނަން..........."

ކާދިންއަށް ނިދީގެ އަރާމު ކޮޅެއް ލިބުނީ ފަތިސްވީފަހުންނެވެ.

***

ކާދިން ކަޅުކުލައިގެ ޖިންސަކާއި ޓީޝާޓެއްލައިގެން ލިވިންރޫމަށް ނިކުތްތަން ފެނި މެހެރް ތިރިއަށް ފޭބިއެވެ.

"ދަރިފުޅު..ކޮންތަނަކަށް؟"

"ބޭރަށް..."

"މަންމަގެ އާ އަލްބަމް ނެރޭ އިވެންޓަށް ވެސް ދާންވާނެ އިނގޭ..."

ކާދިންގެ ސިކުނޑި އެކަމަށް އެއްބަސްނުވިޔަސް ދުލުން ބުނެލަން ފަސްޖެހުނެވެ. މަންމަގެ ލޮލުގައި ދިއްލިފައި ހުރީ އުއްމީދުގެ ބައްތިތަކެވެ. މަންމަގެ އުފާވެރިކަމަށް ނޫނެކޭ ބުނަން ޖެހޭނެހެއްޔެވެ؟ މައްސަލައަކީ މަންމައާއިއެކު ފޮޓޯތަކަށް އެރިޔަސް އޭނައާއި ދިމާލަށް މީހުން އެއްޗެހި ކިޔާފާއި ފާޑުކިޔާނެތީއެވެ. މަންމައަށް ފަރުވާލެއްނެތެވެ. މަންމަ ބުނާގޮތުން މަޝްހޫރުވީމަ ހަސަދަވެރިން ރުޅިބާލަނީއެވެ. އެމީހުންގެ އުފާވެރިކަމާއި ހުނަރަށް އެއިން އަސަރެއްނުކުރާނެއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު