"ހިތްހަމަޖެހުމާއި އުފާވެރިކަން ލިބޭނީ އެހެން ދިމާވާންޖެހޭ ސަބަބެއް ހޯދުން ހުއްޓައިލަމުންނެވެ. ﷲގެ ގަދަރުފުޅާއި ރުހެންވީއެވެ. އިތުބާރުކުރަންވީއެވެ. އެމީހަކަށް ލިބެން އޮތް އެއްޗެއް ކަނޑަށް އެއްލައިލެވިފައި އޮތަސް އަތުގެ ތެރެއަށް އަންނާނެއެވެ. އެއީ ކުރިއަށް އޮތް މަގު އަދި ނުފެނުނުކަމުގައިވިޔަސްމެއެވެ. ކޮންމެ ދަތިކަމެއްގައި ފިލާވަޅެއްވެއެވެ. އަދި ކޮންމެ އިމްތިހާނަކަށްފަހު ފަސޭހަ ދުވަސްކޮޅެއްވެސް އަންނާނެއެވެ. އެހެންވީމަ ޝުކުރުވެރިވާންވީއެވެ. ކުރިއަށް އޮތް ދުވަސްތަކާއި އިމްތިހާން ނޭގޭ މި ދަތުރުގައި ﷲތައާލާއަށް އިތުބާރުކުރަންވީއެވެ. ސަބަބަކީ އަހަރެމެންނަށް ވިސްނޭވަރަށްވުރެ އެފަރާތުގެ ހިކްމަތްތެރިކަން ބޮޑުކަމުންނެވެ. ދެން އޮތް ބާބު ނޭގުނަސް ދިރިއުޅުމުގެ ފަސަނާ ލައުހުލް މަހުފޫޒުގައި ލިޔުއްވާފައިވާކަން ނޫންހެއްޔެވެ؟ އެފަރާތަށް އިތުބާރުކުރާށެވެ."

***

"އަހަރެން މި ތަން ސަލާމަތް ކުރަން މި މަސައްކަތްކުރަނީ...ސްޓާފުންގެ ސެލެރީ، ސަޕްލައި ޗެއިން، އިންވެސްޓަރސް..މިއީ ފަސޭހަކަމެއްނޫނޭ..މި ޒަމާނުގައި ފައިސާނެތި އެއްވެސް ކަމެއްނުކުރެވޭނެ...ބާރުވެރިކަމާއި އިއްޒަތް ގުޅިފައިވަނީ ފައިސާއާއި.........."

މިނާހްއަށް ލޯ މަރައިލެވުނެވެ. އޭނަގެ ދޮންބެވެސް ހަމަ އެހާ އަމިއްލަ އެދުން ބޮޑުހެއްޔެވެ؟ މަކަރުހެދުމާއި އޮޅުވައިލުމާއި ދެކޮޅަށް ތެދުވާންވީ ސިއްހީ ޚިދުމަތްތެރިން ނޫންހެއްޔެވެ؟

"ތިއީ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުން.."

"ނޫން މިއީ ހަމަ މި ނިޒާމް ބެލެންސްކުރަން މަސައްކަތްކުރުން..."

މިނާހްއަށް ބަލަން ހުރެވުނީ ބީރައްޓެހި ނަޒަރަކުންނެވެ. ކުރިމަތިން ފެންނަނީ އޭނަގެ ބޭބެގެ ބަދަލުގައި ބީރައްޓެއްސެއް ފަދައެވެ.

"402 ގައި އޮތް ބަލިމީހާ މަރުވީ މެޓެސްޓަޓިކް ކެންސަރުގައި..އޭނަ ކިއުއެކްސްއަށް ނެގެޓިވް..އެކަމަކު މަރުވި ސަބަބަކީ ކިއުއެކްސް....މިއީ ބޮޑުވަރުކަން ނޭގޭ...ކިހާ ބޮޑު އޮޅުވައިލުމެއް....ކޮންފަދަ ރޭވުމެއްތަ މިއީ؟"

އަޔާޝްގެ ދަތްދޮޅިއަށް ވާންވެލިއެވެ."ޕަބްލިއަކަށް ތިހުރިހާ އެއްޗެއް ނޭގނެ..އެމީހުންނަށް އެނގެނީ ގުނަން..."

"އެމީހުންނަށް އެނގެނީ ތެދު...." އޭނަގެ އަޑު ތަންކޮޅެއް ބާރުވެލިއެވެ. "ނޫނީ ތެދު އަންގަން ޖެހެނީ.."

"ކޭސްތައް މަދުވެއްޖެއްޔާ ފަންޑިން މަދުވާނެ...ފަންޑިން މަދުވެއްޖެއްޔާ އެނދުތައް ފަޅުވާނެ...ސްޓާފުން ތިބެން ޖެހޭނީ ކަމެއްނެތި. މުސާރަވެސް ނުދެވޭނެ. އެފަދަ އެހެން ރާޅެއް އަތުވެއްޖެއްޔާ؟ސިކުނޑީގެ ބަދަލުގައި ކާށްޓެއް އޮތީ؟ އަހަރެން ހީކުރީ އެހެން ގޮތަކަށް........."

"ތި ވިސްނުމާއި ދެކޮޅު..ކާރިސާއަކަށް ތައްޔާރުވާން ބޮޑު ދޮގުތަކެއް އީޖާދުކުރުމެއް ނެތް..ހަގީގަތަށް މައުލޫމާތު ފޯރުކޮށްދޭން ޖެހެނީ..."

އަޔާޝްގެ އަތުގައި ހުރި ތަށި މޭޒަށް ޖެހިލެއް ބާރުކަމުން ގުޑައިލިއެެވެ."ތިއީ ޑޮކްޓަރެއްގެ ވިސްނުން..އަހަންނަކީ ތަނެއްގެ އިސްވެރިއެއް....ވިސްނުން ހުންނާނީ އެތަނަށް ފައިދާވާގޮތަކަށް... "

"އަހަރެން ވިސްނީ ހުވަޔާއި އެއްގޮތަށް..."

އުދަގޫދެނިވި ހިމޭންކަން ދިގުދެމިލައިގެން ދިޔައެވެ.

"މިފަދަ ކޮންމެ ދޮގުވެރި ލޭބަލްއަކުން އާއިލާތައް މާނައެއްނެތް ބިރުވެރިކަމަކަށް ވެއްޓިދާނެ...މައްޗަށްދާ ކޮންމެ ނަމްބަރަކުން އިތުބާރު ގެއްލޭނެ...އާއްމުން އަހަރެމެންގެ ވާހަކަ ގަބޫލު ކުރުން ހުއްޓާލައިފިއްޔާ؟ދެން ކިހިނެއްވާނީ؟" އޭނަ ހިމޭންކަން މުގުރައިލިއިރު އަޑު ތަންކޮޅެއް މަޑެވެ.

އަޔާޝް ހަށަން ބަދެލައިގެން ހުރިއިރު ނަޒަރުގައި ތޫނުކަންވިއެވެ.

"ޔޫ ޑިޑްންޓް ގެޓް އިޓް.."އަޔާޝް ގޮސް ކައުްޗްގައި އިށީނެވެ.

"ނޫން.. ހަމަ ވަރަށް ފުރިހަމަށް ވިސްނިއްޖެ...މިހާރ ވައިރަސްއަކާއި ނޫން ތި ފައިޓްކުރަނީ..މީހުންގެ އިހުސާސްއާއި ހަގުރާމަކުރެވެނީ.."

"އެއަށް ކިޔަނީ ޕަވާ.."

"ހުރިހާވެސް އެއްޗަކީ ނަޒާހަތްތެރިކަން..ތިއުޅެނީ މިތަނުގެ ނަން ކިލަބުކޮށް ފަޟީހަތްވާން...އެނޫން ދެން ކޮންކަމެއް؟"މިނާހް ގެ އަޑު ގަދަވިއެވެ."މިކަން ކުރިއަށް ދަންޏާ ހިމޭނުން ނުހުންނާނަން..."

"އިނަފް..."އަޔާޝްގެ ތޫނު ނަޒަރު އޭނައަށް އަމާޒުވިއެވެ."ލައިސެންސް އުވާލާފައި ޓާމިނޭޓްކޮށްލާން ވެސް ކެރިދާނެ.. އެހާ ބާރު ލިބިފައިވަނީ.."

"ނާޖާއިޒު ފައިދާ ނަގައިގެން ކޮންމެ ކަމެއްކުރެވިދާނެ...."

"ގެޓްއައުޓް....ހަމަ މިހާރު...."އަޔާޝް މުށްކެވިފައިވާ އަތް ޖީބަށް ޖަހައިލިއެވެ.

މިނާހް ޖަދަލުކުރުމެއްނެތި އެތަނުން ދާން ހިނގައިގަތުމުން އަޔާޝްއަށް ދަތް ވިކައިލެވުނެވެ. ކޮއްކޮއަށް ވިޔަސް ކާމިޔާބަށް ހުރަސްއަޅައިގެން ނުވާނެއެވެ.

އަޔާޝް ނަޒަރު ހުއްޓައިލީ ޓީވީ ސްކްރީނަށެވެ. ފޯނު ރިންގްވާންފެށުމުން އަވަހަށް ޖަވާބުދިނެވެ. އޭނަގެ ތުންފަތަށް ވެރިވީ ސިއްރުވެރި ހިނިތުންވުމެކެވެ.

***

އާސީން ޔަލްވީ ގާތު ބުނީ ގެއަށް ޚާދިމެއް ގެންނަން ބައްޕަ ދެކޮޅުކަމަށެވެ. އެއީ ހިތަށް އުދަގޫވި ޚަބަރެކެވެ. ޔަލްވީގެ ހިތް އަނދައިގަތެވެ. ދެކޮޅު ހެދި ސަބަބަކީވެސް ތަގުވާއެވެ. ތަގުވާގެ މުރާލިކަމުން ގޭތެރޭގެ ހުރިހާކަމެއް ކުރެވޭނެކަމަށާއި ޚާދިމާއަކަށް ބޭނުންނުވާކަމަށް ބުނަނީއެވެ. ތަގުވާއަށްޓަކާ ހިތުގައިވާ ކިލަބުކަން އިތުރުވެ ލަނޑެއްދޭނެގޮތެއް ރޭވުމުގައި މުޅި ދުވާލު ހޭދަކުރެވުނެވެ. އޭނައަށް ވިސްނުނީ އެހެންގޮތަކަށް ތަގުވާއަށް ޖެއްސުންކުރުމަށެވެ. މަސައްކަތް ވީހާވެސް ގިނަކުރުމަށެވެ. ކޮފީނޫނީ ޖޫސްފަދަ އެއްޗެހި ތަޅުންމައްޗާއި އެނދަށްދާންދެން ވެރޭފަދަ "އެކްސިޑެންޓް" ތައް ގިނަވިއެވެ. ތަގުވާ ދޮވެ ހިއްކަން އަޅާ އެއްޗެހި ގިނަވާންފެށިއެވެ.

ތަގުވާ މެންދުރަށް މަސްބަތާއި ފިހުނު މަސް އަދި ސެލެޑްއަކާއިއެކު ފޮނި އެއްޗެއް ތައްޔާރުކޮށް ނިމިގެން ނަމާދަށް ވަންނަން އުޅެނިކޮށް ޔަލްވީ ދުވަމުން އައެވެ.

"މޮމްޒީ.......ވަރަށް ބޮޑުކަމެއް ދިމާވެގެން...އަޔާއަށް ބީފް ހަދާދީފާނަންތަ؟"

"ކައްކާ ނިންމާލާފައި މޭޒުވެސް ރެޑީކޮށްފަ.."

"އަޔާ ގުޅާފައި ބުނީ މިއަދު ކާންބޭނުމީ ބީފްއޭ...ތަންކޮޅެއް ކުރިން ގުޅި..އަހަންނަށް ނިދުނީ.. މޮމްޒީ..ޕްލީސް އަހަރެން ސަލާމަތްކޮށްދީބަލަ...ނޫނީ އަޔާއަށް އަހަރެން ކެއަރނުކުރަނީއޭ ހިތަށް އަރާފާނެ....އައި ލަވް ހިމް ލައިކް ކްރޭޒީ އެކަމަކު މޮމްޒީއަށް އެނގޭނެ އަހަންނަށް ބީފް ހަދަން ނޭގޭކަން.އެހާ މޮޅު ކެއްކުންތެރިއެއްނޫންކަން...ކިޗަން ހެލްޕާއަކަށްވެސް ނުވެވެނީ އަތްވެސް ސަކަރާތްކަމުން..."ޔަލްވީ ތަގުވާގެ ކޮނޑުގައި ހިފަހައްޓަމުން ބަދިގެއާއި ދިމާލަށް ގެންދިޔައެވެ.

"އެންމެ ރަގަޅު...ދެން ފަހަރަކުން ތަންކޮޅެއް ކުރިން ބުނެލައްޗޭ..."ތަގުވާ ހުރީ ވަރުބަލިވެފައެވެ.

ޖިސްމާނީ ވަރުބަލިކަމަށްވުރެ ސިކުނޑިއަށް ކުރާ ބާރު ބޮޑީއެވެ. ހަޔާއާއިމެދު ވިސްނުމުންވެސް ހިތަށް ކުރާ އަސަރުތަކުން ލޯ ފުރެންފަށައެވެ. ހަޔާއަށް އެހީތެރިވެދޭން ހިތަށް ބާރު އެޅިޔަސް މާޒީގެ ހިޔަނި އެގެއަށް އެޅުނަދޭން ބޭނުންނުވަނީއެވެ.

"އެންމެން ގާތު ބުނަންވާނީ ކެއްކީ ޔަލްވީއޭ..."ޔަލްވީ ވަށައިގެން ހޯދާ ބަލައިލިއެވެ."ސަަބަބަކީ އަޔާ ރުޅިއަރައިފިއްޔާ އަހަރެންގެ ގައިގާ ތަޅައިގަންނާނެތީ...އަހަންނަށް ހެލްޕްވެވޭނީ ހަމައެކަނި މޮމްޒްއަށް..."

"ފައިން..ބަޓް....ޔަލްވީއަށް އަނިޔާ ކުރަންޏާ އެކަން ފޮރުވަކަށް ނުޖެހޭނެ..."

"އޭރުވެސް ބުނީމެއްނު އަޔާދެކެ މޮޔަވާ ވަރަށް ލޯބިވެއޭ...ކޭންޓް ލިވް ވިދައުޓް ހިމް..އެހެންވެއޭ ހެލްޕްވާން މިއެދުނީ..."

"އިންޝާﷲ....ތަންކޮޅެއް ކުރިން ކޮންމެފަހަރަކު ބުނެލައްޗޭ...."ތަގުވާ ހިނިތުންވެލިއެވެ.

އެ އުފާވެރި މޫނު ފެނުމުން އޭނަގެ ހިތުގައި ރުޅިވެރިކަމުގެ އޮއިވަރެއް ހިނގައިގަތެވެ. މަސައްކަތްކުރިޔަސް ހިތުގައި ޖައްސަން ބޭނުންވިއެވެ. " މޮމް....މިހެން ބުނީމަ ދެރަވާނެކަން އެނގޭ..އަޔާ ބުނީ ބަނޑަށް މަރުވިޔަސް ކާ އެއްޗެއް ނުލިބުނަސް ތަގުވާ ކައްކާ އެއްޗެއް ނުކާނަމޯ...މުސްލިމެއްގެ ނަމުގައި ހުއްޓަސް ނަޖިސް ކާފަރެކޯ...އެހެންވެ އަހަރެން ގާތުގައި ކައްކަން ބުނީ..."

ތަގުވާގެ ތުންފަތުގައިވި ހިނިތުންވުމް ފަނޑުވުމާއެކު ފެންކަޅިވިއެވެ. ހިތުގައި ޖެހުނުލެއް ބޮޑުކަން މޫނުމަތިން ރަގަޅަށް ފެނުނެވެ. ނަމަވެސް ހީލިއެވެ.

"ޔަލްވީ ކަމެއް ބޭނުންވިއްޔާ މިހިރީ ކޮށްދޭން..ނުވިސްނާ.. ހުރިހާކަމެއް ރަގަޅުވާނެ..."

***

ތަގުވާ ނަމާދުކޮށްގެން މުސައްލަމަތީގައި އިނދެ ދުޢާއަށް އަތް އުފުލައިލިއިރު ލޮލުން ކަރުން ފައިބަމުން ދިޔައެވެ. އޭނަ އާދޭސްކޮށް ދަންނަވަމުން ދިޔައީ ފާފަފުއްސެވުމަށެވެ. އޭނައަށް ކުރެވުނީ އާދައިގެ ފާފައެއްނޫނެވެ. އަމިއްލަ ނަފުސަށްވެސް މާފު ނުދެވޭވަރުގެ ބިރުވެރި އަމަލެކެވެ. ކަރުނައަޅާ ހާލުގައި ސަޖިދައިގާ އޮވެ ތަކުރާރުކޮށް އެދެވުނީ ފާފަ ފުއްސެވުމަށެވެ. އެއަށްފަހު ތެދުވެގެންގޮސް މޫނު ދޮވެލުމުން ތާޒާކަން އިހުސާސްވިއެވެ. ޝޯލް ބޮލުގައި އޮޅައިލުމަށްފަހު ކޮރިޑޯއިން ހިނގައިގަތްތަނާ އަޔާޝްއާއި ދިމާވިއެވެ.

"އަޔާ..ކައިފިންތަ؟"

އަޔާޝް އަޑުއިވުނުމަކަށް ނަހަދާ އެންމެ ކުރިން ޖެހުނު ކޮޓަރީގެ ދޮރުން އެތެރެއަށް ވަނެވެ.

"ހީ ހޭޒް އެވްރީ ރައިޓް ޓު ހޭޓް މީ...."ތަގުވާއަށް ބުނެވުނެވެ.

***

ހަޔާ ހޮސްޕިޓަލުގައި އޮތް ދުވަސްކޮޅު މަންމަ އަންނާނެކަމަށް ކުރެވުނު އުއްމީދު ފަނޑުވަމުންގޮސް އުއްމީދުގެ ހުޅުކޮޅު ނިވުނެވެ. މަންމަ އޭނަގެ ގާތަށް ނާންނާނެއެވެ. މާޒީއިން އިބުރަތެއް ލިބޭވަރުވެއްޖެ ނޫންހެއްޔެވެ؟ އޭނަ ޒުވާން އުމުރާއި ހަމަޔަށް މިއައީ މަންމައަށް ބަރޯސާވުމެއްނެތިއެވެ. ނަމަވެސް މަންމައަކީ ކޮންފަދަ މާތް މީހެއްހެއްޔެވެ؟ އިސްލާމްދީނުގައި ކޮންފަދަ މަތިވެރި ދަރަޖައެއް ދެއްވާފައިވޭހެއްޔެވެ؟ އޭނަވެސް ބޭނުންވަނީ މަންމައާއި އޮތް ގުޅުން ރަގަޅުވުމެވެ. މަންމައަށް ހައްގު އޯގާތެރިކަމާއި އަޅައިލުމާއި ލޯބި ދިނުމަށެވެ. އޭނައަށް އެފަދަ ނަސީބެއް ނުލިބޭނެހެއްޔެވެ؟ މިހެންވާންވީ ކީއްވެހެއްޔެވެ؟

އޭނަގެ ސިކުނޑީގެ ކޮންމެވެސް ދިމާލަކުން ޟަމީރު ހޭލައިގަތެވެ. އެކި ދަރުސްތަކުގެ ތަންކޮޅާއި ފަހި ވިސްނުން އޭނަގެ ހިތްވަރު އާލާކޮށްދިނެވެ. އަނދިރި މަގެއްގައިވެސް ކުރިއަށްދާން ބޭނުންވަނީ އެފަދަ ސާބިތުކަމެކެވެ.

"އައި ޓްރަސްޓް ﷲ ތައަލާ....އޮންލީ...އެހެން އެއްވެސް މީހަކާއިހެދި އުޅެނީ ކީއްވެ؟ ދުނިޔެއަށް އައީ އަދި ދާނީވެސް އެކަނި.....މީހުންނަށް އެވަރަށް އެޓޭޗްވާކަށް ނުވާނެ...އެހާވަރުން އުޅުނު މީހާ ހެދީ ކިހިނެއް؟ ހަނދާން ނެތުނީތަ ސްޓުޕިޑް..އެންމެންގެ ކުރިމަތީގައި ލަދުގަންނަވައިލީ......"

ހަޔާ މުސްހަފް ނެގިއެވެ.

ފުރަތަމަ ހުޅުވައިލެވުނު ސަފުހާއިންވެސް ފެނުނު އާޔަތުން އޭނަގެ ލޮލަށް އުފާވެރިކަމުގެ ކަރުނަ ނިރައިލިއެވެ.

الطلاق ސޫރަތުގެ ތިންވަނަ އާޔަތުގައި ﷲ ތައާލާ ވަހީކުރައްވާފައިވަނީ "وَمَن يَتَوَكَّلْ عَلَى ٱللَّهِ فَهُوَ حَسْبُهُۥ މާނައަކީ އަދި ﷲއަށް ވަކީލުކުރާ މީހާ ދަންނާށެވެ. ފަހެ އޭނައަށް އެކަލާނގެ ފުދެއެވެ."

ކޮޓަރީގައި އެހެން މީހަކު ނެތުމުން މަޚުރަޖުން ރީތި ރާގަކަށް ގުރުއާން ކިޔަވަން އިނދެވުނީ ކިހާ އިރެއްވާންދެން ކަމެއްވެސް ނޭގުނެވެ. ހޭވެރިކަންވީ ދޮރު ހުޅުވާލާފައި އެހެން މީހަކު ވަނުމުންނެވެ. މިއަދަކީ އޭނަ ގެއަށް ފޮނުވަން ޑޮކްޓަރ ނިންމާފައިވާ ދުވަހެވެ. ކޮންމެވެސް ސަބަބަކާއިހުރެ އޭނަގެ ހިތް އެދެމުން ދިޔައީ އިތުރު ދުވަސްކޮޅަކަށް މަޑުކޮށްލުމަށެވެ. ބަލިމީހެއްގެ ގޮތުގައެވެ.ހަޔާއަށް ނޭގުނީ އޭނަގެ ހިތުގެ އެދުން އެހެންގޮތަކަށް ހާސިލުވާން އުޅޭކަމެވެ. ބޭނުންވާގޮތަކަށް ނޫނެވެ.

ދިރިއުޅުމުގެ އެހެން ބާބެއްގެ ދޮރު ހުޅުވެނީއެވެ.

ދޮރުމަތީގައި ހުރި މީހާ ފެނުމުން ހަޔާގެ މުޅި ވުޖޫދު ފުޑުުފުޑުވެން ފައިބައިގަތްފަދައެވެ. ލިބުނު ސިހުމާއެކު ގުރުއާން މޭގައި ޖައްސާ ބޮނޑިކޮށްލެވުނުއިރު ލިބުނު ސިހުމާއި ބިރުވެރިކަމުން ހިތް ހަފުސްވާގޮތްވިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު