ޖައްވަށް ކުރި ދަތުރަށް ފަހު ސުނީތާ ބުނީ އިންސާނުން ދެބަސްވުމަކީ ބޭކާރު ކަމެއް ކަމަށް

ނާސާގެ އެސްޓްރޮނޯޓް ސުނީތާ ވިލިއަމްސް--ފޮޓޯ/ގޫގްލް

ކާއިނާތުގައި ތިބޭއިރު ދުނިޔެ ފެންނަ ގޮތް ވަޒަންކުރެވެމުން އިންސާނުންގެ މެދުގައި އުފެދޭ ދެބަސްވުންތަކަކީ ހަގީގަތުގައި ވަރަށް "ބޭކާރު" ދެބަސްވުންތަކެއް ކަމަށް ނާސާއިން ދާދި ފަހުން ރިޓަޔާކުރި އެސްޓްރޮނޯޓް ސުނީތާ ވިލިއަމްސް ބުނެފިއެވެ.

ސުނީތާ ވިލިއަމްސް ބުނި ގޮތުގައި، ފަޒާއަށްކުރި ދަތުރުތަކުގެ ސަބަބުން ދިރިއުޅުމާ މެދު އޭނާ ދެކޭ ގޮތް ވަނީ މުޅިން ބަދަލުވެފައެވެ.

ފަޒާގެ ތެރެއިން ދުނިޔެ "އެއް ގުރަހައެއްގެ" ގޮތުގައި ފެންނައިރު، ކުދިކުދި ކަންތައްތަކާ މެދު އިންސާނުން ޒުވާބުކޮށް، ޚިޔާލު ތަފާތުވުންތައް ގެންގުޅުމަކީ ވަރަށް "ހަމަނުޖެހޭ" ނުވަތަ މާނައެއް ނެތް ކަމެއްގެ ގޮތުގައި ސުނީތާ ވަނީ ސިފަކޮށްފައެވެ.

ސުނީތާ ޖައްވީ އުޅަނދެއްގައި ހަރަކާތްތެރިވަނީ--ފޮޓޯ/ބީބީސީ

އެމެރިކާގެ ނޭޝަނަލް އެއިރޮނޮޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ)އިން ދާދި ފަހުން ރިޓަޔަކުރި، އުމުރުން 60 އަހަރުގެ ސުނީތާ ވިލިއަމްސް މި މޭރުމުން ވާހަކަދައްކާފައިވަނީ އިންޑިއާގެ އެމެރިކަން ސެންޓަރުގައި ބޭއްވި "އައިސް އޮން ދަ ސްޓާސް، ފީޓް އޮން ދަ ގްރައުންޑް" ކިޔާ ޚާއްސަ ބައްދަލުވުމެއްގައި ދިން ބަސްދީގަތުމެއްގައެވެ.

މި ބައްދަލުވުމުގައި އޭނާ ވަނީ އެންމެ ފަހުން ޖައްވަށް ކުރި ދަތުރާ ބެހޭ ތަފުސީލުތައް ހިއްސާކޮށްފައެވެ. ބޮއިންގް ސްޓާލައިނާ އުޅަނދަށް ދިމާވި ފަންނީ މައްސަލަތަކުގެ ސަބަބުން، އެންމެ އަށް ދުވަހުގެ ޓެސްޓް ދަތުރެއްގެ ގޮތުގައި ފެށި އެ މިޝަން ވަނީ ނުވަ މަހަށް ވުރެ ދިގުވެފައެވެ.

ސުނީތާ ބުނި ގޮތުގައި ފަޒާގެ ދަތުރުތަކަކީ ވަރަށް ބޮޑު ޓީމެއް ގުޅިގެން އެކީގައި ކުރާ ވަރަށް މުހިއްމު މަސައްކަތެކެވެ.

ސުނީތާ ދާދިފަހުން އިންޑިއާއަށް ކުރި ދަތުރުގައި އެ ޤައުމުގެ މަޝްހޫރު ޕޮޑްކާސްޓަ ރާޖް ޝަމާނީ--ފޮޓޯ/ފޭސްބުކް

"ފަޒާއަށް ދެވުމުން، އަހަރެމެން އެންމެން ވެސް އެންމެ ފުރަތަމަ ކުރާ ކަމަކީ އަމިއްލަ ވަޒަން ހޯދުން. އަހަރެންގެ ބައްޕައަކީ އިންޑިއާ މީހެއް، އަދި މަންމައަކީ ސްލޮވީނިއާ މީހެއް. އެހެންކަމުން އަހަރެން އެންމެ ފުރަތަމަ ވެސް ބެލީ އެ ތަންތަން ފެނޭތޯ. އެއީ ކޮންމެ މީހެއްގެ ވެސް ފުރަތަމަ އަމާޒު،" ސުނީތާ ބުންޏެވެ.

ނަމަވެސް، އޭނާ ފާހަގަކުރެއްވި ގޮތުގައި ވަކި ޚާއްޞަ ތަނެއް ހޯދުމަށް ކުރާ އެ މަސައްކަތުގެ ތެރެއިން، މުޅި ދުނިޔެ އުފެދިފައިވަނީ އެއް ތަނެއްގެ ގޮތުގައި އެއްބައިވަންތަކަން އެ ތަނުގައި ޤާއިމުކުރެވޭ ތަނެއްގެ ގޮތުގައިކަން ވަރަށް ބޮޑަށް އިހުސާސްކުރެވޭ ކަމަށެވެ.

އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި، ޖައްވުގައި ތިބޭއިރު ފެންނަ ދުނިޔޭގެ އަޖައިބުކުރުވަނިވި ރީތި މަންޒަރުތަކަކީ އެ މަންޒަރު ފެންނަ ކޮންމެ މީހަކު ވެސް ދިރިއުޅުމާމެދު ދެކޭގޮތް މުޅިން ބަދަލުކޮށްލާ މަންޒަރުތަކަކަށް ވާނެއެވެ.

"މީސްތަކުންގެ މެދުގައި އެއްވެސް ތަފާތެއްވާކަމުގެ އިޙުސާސް މިކަމުގެ ސަބަބުން ނެތިގެންދޭ. ދުނިޔެއަކީ އެއް އާއިލާއެއްގެ ގޮތުގައި އޮންނަ ތަނެއްކަން އިޙްސާސްކޮށްދީ، އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ކާއިނާތުގެ ތެރެއިން ދުނިޔެ ފެންނައިރު އަހަރުމެންނަށް އިހުސާސްކުރެވޭ،" އެސްޓްރޮނޯޓް ބުނެފައިވެއެވެ.

"މި މަންޒަރުތައް ފެނުމުން، މީހުން އެކި ކަންކަމާ ދެބަސްވެ އަރާރުން ވަނީ ކީއްވެގެންބާއޭ ހިތަށްއަރާ. އަހަރެންނަކީ ކައިވެނިކޮށްގެން އުޅޭ މީހެއް، އަހަރެންގެ ފިރިމީހާއާއި އަހަރެންނާ ދެމެދު ވެސް ދެބަސްވުންތައް ހިނގާ. އެހެންކަމުން އަރާރުންވުމަކީ ކޮބައިކަން އަހަރެންނަށް އެނގޭ. އެކަމަކު ހަގީގަތަކީ، އެފަދަ ކަންކަމަކީ ކިހާ މާނައެއް ނެތް ކަންކަންކަން ދުނިޔޭގެ އެ ފެންވަރުގެ ތަޞައްވުރަކުން ބަލާއިރު އިޙްސާސްވޭ،"

އޭނާ އިތުރަށް ބުނީ، ދުނިޔެއާއި މި ކައުނުގައި އިންސާނުންގެ މަގާމަކީ ކޮބައިކަން ދެނެގަނެ، ވަށައިގެންވާ ދިރުންތަކަށް އިހުތިރާމުކޮށް، ރައްކާތެރިކަމާ އެކު ދިރިއުޅެން ދަސްކުރުން މުހިންމެވެ.

ހަތާވީސް އަހަރުގެ ކާމިޔާބު ޚިދުމަތްތަކަށް ފަހު، މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 27ގައި ރިޓަޔާކުރި މި އެސްޓްރޮނޯޓަކީ، ބައިނަލްއަޤުވާމީ ޖައްވީ މަރުކަޒުގައި ތިން މިޝަނެއް ފުރިހަމަކޮށް، އިންސާނީ ތާރީޚުގައި ޖައްވީ ދަތުރުފަތުރުގެ ދާއިރާއިން ގިނަ ރިކޯޑުތަކެއް ގާއިމުކޮށްފައިވާ ކުޅަދާނަ ޝަހުސިއްޔަތެކެވެ.

ނާސާއިން މިދިޔަ މަހުގެ 20 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ސުނީތާ ވަނީ ފަޒާގައި ޖުމުލަ 608 ދުވަސް ހޭދަކޮށްފައެވެ. މިއީ ނާސާގެ އެސްޓްރޮނޯޓުންގެ ތެރެއިން ދެވަނައަށް އެންމެ ގިނަ ދުވަސް ފަޒާގައި ހޭދަކުރުމުގެ ރިކޯޑެވެ.

މީގެ އިތުރުން، ބޮއިންގް ސްޓާލައިނާ އަދި ސްޕޭސްއެކްސް ކްރޫ-9 މިޝަންތަކުގައި 286 ދުވަސް ހޭދަކޮށް، އެމެރިކާގެ އެސްޓްރޮނޯޓް ބުޗް ވިލްމޯއާ އެއްވަރަށް، އެމެރިކާގެ އެންމެ ދިގު "ސިންގަލް ސްޕޭސް ފްލައިޓް" ރިކޯޑުތަކުގެ ހަވަނަ އޭނާ ވަނީ ހޯދާފައެވެ.

މީގެ އިތުރުން، ޖައްވުގައި ހިނގުމުގެ (ސްޕޭސްވޯކް) ނުވަ ހަރަކާތެއް ސުނީތާ ފުރިހަމަކޮށްފައިވާއިރު، ޖުމުލަ 62 ގަޑިއިރާއި ހަ މިނެޓުގެ މި ހަރަކާތްތަކާ އެކު، އޭނާއަކީ އަންހެނުންގެ ތެރެއިން އެންމެ ގިނަ ވަގުތު ފަޒާގައި ހިނގި ޝަހްސިއްޔަތެވެ. އަދި، މުޅި ތާރީޚަށް ބަލާއިރު މި ދާއިރާއިން ސުނީތާ އޮތީ ހަތަރުވަނައިގައެވެ.

ސުނީތާއަކީ ފަޒާގައި މެރަތަންއެއް ފުރިހަމަކުރި ފުރަތަމަ އެސްޓްރޮނޯޓުކަން ވެސް ނާސާއިން ނެރުނު ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އިންޑިއާގެ ދަރިކޮޅަކަށް ނިސްބަތްވާ އެމެރިކާގެ ނޭވީގެ ކުރީގެ ކެޕްޓަނަކީ މިއަދު ވެސް އިންޑިއާގައި ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ ނަމޫނާ ޝަޚުސިއްޔަތެކެވެ.

comment ކޮމެންޓް