"ތިވަރުން އަހަންނަށް ފުދޭ... މާބޮޑަށްވެސް ފުދޭ..." އާކިލްގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. "މަންމަމެން ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް، އަހަރެން އީވް ދޫކޮށެއް ނުލާނަން... ޕްރޮމިސް... މި އަންނަނީ ވަރަށް އަވަހަށް މަންމަ ކައިރިއަށް ގޮއްސަ..."
********
ކެފޭ ބަންދުކުރާ ވަގުތު ޖެހުނުއިރުވެސް އާކިލް ނާންނާތީ އިވްލީން އިނީ ކަންބޮޑުވެފައެވެ. މައިންބަފައިންގެ ނުފޫޒުގެ ސަބަބުން އާކިލްގެ ހިޔާލު ބަދަލުވީ ހެއްޔެވެ؟ ނޫނީ ގޭތެރޭގައި މަސްލަހަތު ގޯސްވީ ހެއްޔެވެ؟ ކޮންމެ ރެއަކު ކެފޭ ބަންދުކުރާ ވަގުތު އާކިލް އަންނާތީ، އިވްލީން ހުރީ އާކިލްއަށް އާދަވެފައެވެ. އެއީ އޭނާ ބިރުން އުޅުނު ކަންތައްވެސް މެއެވެ. ދޮރާއި ދިމާއަށް ބަލަން އިން އިވްލީން އޭނާގެ ފޯނަށްވެސް އެތައް ފަހަރަކު ބެލިއެވެ. އާކިލްގެ ހަބަރެއް ނުވިއެވެ.
"އަހަރެންގެ މިއުފާވެރިކަންވެސް ގެއްލެނީތަ؟... ޕްލީޒް ޑޯންޓް ލެޓް ދިސް ހެޕިނަސް ޑިސެޕިއަރ..." ފަށުފުލުގައި އިނގިލި ޖައްސާލައިގެން އިން އިވްލީނަށް ބުނެވުނެވެ.
ފުން ނޭވާއެއް ދޫކޮށްލަމުން އިވްލީން ތެދުވިއެވެ. ކައުންޓަރުގެ މަތީގައި ހުރި އެއްޗެހިތައް ތަރުތީބުކުރަން ހުރިއިރު، އިވްލީންގެ ހިތަށް އެތައް އެއްޗެއް އަރާ ފައިބަމުން ދިޔައެވެ. ކުރިން ކަންތައް ކުރިގޮތަށް އާކިލް އިވްލީން ދޫކޮށް، އެނބުރި ދިޔައީ ހެއްޔެވެ؟ ވިސްނަމުންދިޔަ ވަރަކަށް އިވްލީންގެ ދެލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ.
ކެފޭގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. އިވްލީން ފަސްއެނބުރުނެވެ. ކަރުނަތަކުން ދެލޯ ފުރިފައިވާތީ، އޭނާއަށް އާކިލް ފެނުނީ ފުސްކޮށެވެ.
"ފޯނެއް އައިސްގެން މިތާ ބޭރުގަ...." އާކިލްގެ ޖުމުލަ ފުރިހަމަނުވަނީސް އިވްލީންގެ ދެލޮލުން ކަރުނަތައް ބަންޑުންވާން ފެށިއެވެ.
އާކިލްއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އިވްލީން އޭނާގެ މޭގައި ޖައްސައިލިއެވެ.
"ކިހިނެއްވީ؟..." އާކިލް ކަންބޮޑުވެފައި ސުވާލުކުރިއެވެ.
"އަހަރެން ހީކުރީ... ހީކުރީ...." އިވްލީނަށް އޭނާގެ ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ.
"ހީކުރީ އަހަރެން އީވް ދޫކޮށްލާފަ ދިޔައީ ކަމަށްތަ؟..." އިވްލީން ބުނަން ބޭނުންވި ޖުމުލަ ބުނީ އާކިލްއެވެ.
އިވްލީން ބޯޖަހައިލުމުން އާކިލްގެ ތުންފަތަށް ވެރިވީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. އެ އަންހެންކުއްޖާ އޭނާދެކެ އެހާ ލޯބިވާކަން އާކިލްއަށް ކުރިން ނޭނގުނީ ކީއްވެ ހެއްޔެވެ؟ އާކިލް އިވްލީންގެ ބޮލުގައި ފިރުމައިލިއެވެ. އިވްލީން ކުޑަކޮށް ދުރުކޮށްލާފައި، ދެއަތުން ކަރުނަތައް ފޮހެލަދިނެވެ.
"އުފާވެރި ހަބަރެއް ހިފައިގެން އަންނަން ވެގެންނޭ ލަސްވީ... މިހާ ސްވީޓް ކުއްޖެއް ދޫކޮށްލާފަ ކިހިނެއް ދާނީ؟..." އާކިލް ވަރަށް ލޯބިން ބުނެލިއެވެ. "މިއައީ މަންމަމެން އޯކޭކޮށްފަ.. ދެން އަހަރެމެންގެ ކައިވެންޏަށް އެމީހުންގެ ބްލެސިން ލިބޭނެ... އީވް ބޭނުންވި ގޮތަށް... ހެޕީތަ؟..."
އިވްލީނަށް އާކިލްގެ ގައިގައި ދެއަތް ވަށައިލެވުނެވެ. ދެން އެދެލޮލުން އައީ އުފާވެރިކަމުގެ ކަރުނައެވެ. އާކިލްއަށް ޝައްކު ކުރެވުމުން އިވްލީނަށް އޭނާގެ އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ.
"މިހާރު ހެޕީތަ؟..." އާކިލް އުފާވިއެވެ.
އިވްލީން އަވަސް އަވަހަށް ބޯ ޖަހައިލިއެވެ. އެވަގުތު އޭނާގެ މެޔާއި ދިމާއިން ހޫނުކަމެއް އިހުސާސްވުމުން އާކިލް އާއި ދުރަށް ޖެހިލިއެވެ. އެ އިހުސާސްވީ، އޭނާގެ ކަރުގައި އަޅާފައިވާ ފަށުފޫ ޖެހޭ ހިސާބުންނެވެ. އިވްލީނަށް ފަށުފުލުގައި އަތް ޖައްސައިލެވުނެވެ.
"ކިހިނެއްވީ؟... ތަދުވަނީ؟..." އާކިލް ކަންބޮޑުވީ، އިވްލީން މެޔަށް ތަދުވެގެން އުޅެނީ ކަމަށް ހީކޮށެވެ.
"ނުވޭ... އެކަމަކު ވަރަށް ސްޓްރޭންޖް ގޮތެއް..." ކެފޭއިން ނުކުންނަން ހިނގައިގަންނަމުން އިވްލީން ބުނެލިއެވެ.
އާކިލްއަށް ނެގުނީ ތަފާތު މާނައެކެވެ. އޭނާ ފާޑަކަށް ހީލިތަން ފެނުމުން، އިވްލީން ތެޅިފޮޅިގަތެވެ. ދިފާއުވާން އުޅުނެވެ.
"އެކަހަލަ ގޮތަކަށް ނޫނޭ މިބުނީ.... މިބުނީ މެޔަށް ގޮތެއްވާ ވާހަކައޭ..." އިވްލީންގެ އަނގަ އޮޅިގެން ބުނެވުނީ ބުނަން އުޅުނު ޖުމުލައެއް ނޫނެވެ.
އާކިލް ހެމުންހެމުން ކެފޭއިން ނުކުތެވެ. އިވްލީން ދޮރު ތަޅުލާފައި އެނބުރުނުއިރުވެސް އާކިލް ހެނީއެވެ. އިވްލީން ތުންފިއްތާލައިގެން ހުރެ، ހަލުވި ފިޔަވަޅުތަކެއްގައި ހިނގައިގަތެވެ. މާފަށް އެދެމުން އާކިލްވެސް އިވްލީންގެ ފަހަތުން ދިޔައެވެ. އިވްލީން ހެމުން ދުއްވައިގަތެވެ.
********
ކެފޭގެ ދޮރުމަތީގައި ހުރި ރިމްޝާ ދޭތެރެއަކުން ބޭރު ބަލައިލައެވެ. އޭނާ އިންތިޒާރު ކުރަމުންދިޔައީ މިރާހް އަންނާނެ ވަގުތަކަށެވެ. ފަތިހު ކެފޭއަށް އަންނަ މިރާހު މިއަދުވެސް އައީ ލަހުންނެވެ. ރިމްޝާއަށް ބެލުނީ މިރާހުގެ މޫނަށެވެ. ދެލޯ ކައިރި ކަޅުވެފައިވާއިރު، ދެލޮލުގައިވީ މަޑު ރަތްކަމެކެވެ. ރޭގައި ނުނިދާ އުޅުމުގެ އަސަރުތައް އެ މޫނުން ފެންނަން ހުއްޓެވެ. ރިމްޝާ އާއި އަރައި ހަމަވެފައި، މިރާހު ހުއްޓުނެވެ. ރިމްޝާއަށް އަވަސް ނަޒަރެއް ދިނެވެ.
"މިއަދު އަދި އިއްޔެއަށްވުރެ ގޯސްހެން ހީވޭ..." ރިމްޝާގެ މޫނުން ފެނުނީ ކަންބޮޑުވުމުގެ އަސަރެވެ.
"ރޭ ނުނިދަން..." މިރާހް ބުނެލިއެވެ.
"ސޮބާހުގެ ކަންތައް؟..." ރިމްޝާ އަހައިލިއެވެ.
މިރާހް ޖަވާބެއް ނުދީ ހިނގައިގަތެވެ. މިރާހަށް ބަލަން ހުރި ރިމްޝާ ދޫކޮށްލީ ފުން ނޭވާއެކެވެ. މިރާހު އެކަމަކުން ސަލާމަތްކުރަން ރިމްޝާ ބޭނުންވިއެވެ.
އެންމެންނާއި އެކަހެރިވެފައި މިރާހް އޭނާގެ ފޯނު ނެގިއެވެ. މެސެޖެއް ލިޔަން ފެށިއެވެ. އިނގިލިތަކުގައި މަޑު ތުރުތުރުލުމެއްވީ ނަމަވެސް މިރާހުގެ އިނގިލިތަކުގެ ހަރަކާތްތައް އަވަހެވެ.
"އަހަންނަށް ދެން މިކަން އިތުރަށް ސިއްރެއް ނުކުރެވޭނެ..." މެސެޖު ލިޔެ ނިންމާފައި، ފޮނުވައިލަން އުޅުނު މިރާހު ސިހުނީ ކޮންމެވެސް މީހަކު އޭނާގެ ކޮނޑުމަތީގައި އަތް ބާއްވައިލުމުންނެވެ.
"މިސްޓޭކެއް ހަދަންތަ ތިއުޅެނީ؟..." އިވުނީ މިރާހުގެ ބޭބެ ޝައުކަތުގެ އަޑެވެ.
މިރާހްގެ ދެލޯ ބޮޑުވިއެވެ. އަވަސް އަވަހަށް ފޯނު ޖީބަށް ލިއެވެ.
"ކީއްކުރަން މިތަނަށް ތިއައީ؟..." މިރާހުގެ މޫނުން ފެނުނީ ނުރުހުމުގެ އަސަރެވެ.
"އަހަރެންގެ އޮފީސް ހުންނަނީ މިތާ ކައިރީގައޭ..." ޖެއްސުމުގެ ރާގަކަށް ޝައުކަތު ބުނެލިއެވެ.
މިރާހް އެއްޗެއް ނުބުނެ ހިމޭނުން ހުރީއެވެ.
"ހާދަ ކެއާލެސް ވެއްޖެއޭ... ބްރޯ..." މިރާހުގެ ކޮނޑުމަތީގައި ދެތިން ފަހަރަކު ޖަހައިލަމުން ޝައުކަތު ވާހަކަ ދެއްކިއެވެ.
މިރާހަށް އުނދަގޫ ގޮތަކަށް ހިންދިރުވައިލެވުނެވެ.
"ތިކަމުގެ ސަބަބުން ކިތައް މީހުންނަށް އެބަ ގެއްލުންވޭ...." މިރާހްގެ މޫނުން ފެނުނީ މަޖުބޫރީއެވެ.
"ރަނގަޅަށް ތިބުނީ... ކޮންމެ މީހަކަށް އަބަދުވެސް ކޮންމެވެސް ގެއްލުމެއް ލިބޭނެތާދޯ... ލައިކް ނެޗުރަލީވެސް... އަހަންނަށްވެސް ކިހާ ގެއްލުމެއް މިވަނީ.... ސަލާމަތްވާން މަސައްކަތް ކުރާނީ އެމީހަކު އަމިއްލައަށް.... އެހެންނެއްނު އެކަން ވާނީ..." ޝައުކަތު ބުނެލީ ފަރުވާކުޑަ ރާގަކަށެވެ.
މިރާހުގެ ދަތްތަކަށް ބާރުވިއެވެ. ޝައުކަތުގެ ރާގުން މިރާހަށް އެއްކަމެއް ޔަގީންވިއެވެ. ހުރިހާ ކަމެއް ސިއްރުކޮށްގެން މިރާހަށް ހެދެނީ ގޯހެކެވެ. ކަންތައް ދާނީ ގޯހުން ގޯހަށެވެ. މިރާހުގެ ބޭނުންކޮށްގެން ޝައުކަތު ދެން ބަލާނީ އެހެން މީހުންނަށް ގެއްލުން ދެވޭތޯއެވެ. އެ ފުރުސަތެއް މިރާހް ދެން ނުދޭނެއެވެ. އެއީ އޭނާގެ އަޒުމެކެވެ.
"ތި އަނގަ ހުޅުވައިފިއްޔާ، ވަގުތުން މި ކެފޭ ބަންދު ކުރާނަން..." ޝައުކަތު އިންޒާރު ދިނެވެ. "އިނގޭނެ މިހާރު ކައުންސިލްތެރޭ އަހަރެންގެ ބާރު އޮތް މިންވަރު..."
"އީވްގެ ކޮން ކުށެއް އޮވެގެން އެ ނިކަމެތި ކުއްޖާއަށް ގެއްލުން ތި ދެނީ؟...." މިރާހްގެ ދެއަތް މުށްކެވުނެވެ.
ޝައުކަތު މިރާހުގެ ކައިރިއަށް ޖެހިލިއެވެ.
"އެހެންވިއްޔާ، އަހަރެންގެ މަގުން އޭނަ އެއްފަރާތްކުރޭ!..." މިރާހުގެ ކަންފަތް ކައިރީގައި ސިއްރެއް ބުނާހެން ޝައުކަތު ބުނެލިއެވެ.
ޝައުކަތު އެނބުރި ދިޔައިރުވެސް މިރާހް ހުރީ ޖެހި ބުދެއް ހެންނެވެ. ރުޅިގަދަވެގެން ގޮސް، މިރާހުގެ މުޅި ހަށިގަނޑުވެސް ތުރުތުރު އަޅައެވެ. ރިމްޝާ އައިއިރު މިރާހު އިނީ ބޮލުގައި ދެއަތުން ހިފަހައްޓާލައިގެންނެވެ. ކުޑަކަކޫ މައްޗަށްވާހެން މިރާހުގެ ކައިރީގައި އިށީން ރިމްޝާއަށް މިރާހުގެ އަތުގައި އަތް ޖައްސައިލެވުނެވެ. ކާކު ކަމެއް ނޭނގޭހާލު، މިރާހު ރިމްޝާގެ އަތް ފޮޅުވައިލިއެވެ.
"ކިހިނެއްވީ؟..." ރިމްޝާ ހާސްވިއެވެ.
މިރާހް ސިހިފައި ރިމްޝާއަށް ބަލައިލިއެވެ. އޭނާގެ ދެލޯ ވަނީ ރަތްވެފައެވެ.
"އައި އޭމް ޓްރެޕްޑް... ހަމަ ރަނގަޅަށްވެސް މަޅީގަ ހައްޔަރުވެއްޖެ..." މިރާހްގެ އަޑުގައި މަޑު ތުރުތުރުލުމެއް ހުއްޓެވެ.
"ތި މަޅިފަތިން ސަލާމަތްވާން ހިނގާ..." ރިމްޝާ ބުނެލިއެވެ.
ހަގީގަތް ހާމަކުރަން މިރާހު އަނގަ ހުޅުވައިލިއެވެ. އެކަމަކު، ޝައުކަތުގެ އިންޒާރުތައް އޭނާ ވަށައިލި ކަހަލައެވެ.
"އަހަރެން މި ޕްރޮޓެކްޓް ކުރަނީ މޮންސްޓާރއެއް..." މިރާހަށް ބުނެވުނެވެ.
"ދެމީހުންވެގެން ތި މޮންސްޓާރއަށް ފައިޓް ކުރާނީ..." ރިމްޝާ ބޭނުންވީ އޭނާ މިރާހާއި އެކުގައި ހުރިކަން ޔަގީންކޮށްދޭށެވެ. "އެ މޮންސްޓާރ އަކީ އަދި ސޮބާހެއް ނޫންދޯ؟...."
މިރާހަށް ކުއްލި ސިހުމެއް ލިބުނެވެ. އޭނާ ރިމްޝާއަށް އަވަސް ނަޒަރެއް ދިނެވެ.
"މިރާހްގެ ބޭބެ ދެންމެ އައިދޯ؟..." ރިމްޝާ އަހައިލިއެވެ.
ރިމްޝާ ބޭނުންވީ ކަމެއް ޔަގީންކުރާށެވެ. ޝައުކަތުގެ ނަން އަޑު އިވުމުންވެސް މިރާހަށް ސިހުމެއް ލިބުނެވެ.
"ޓެލްމީ... ޝައުކަތު ކުރަން އުޅޭ ކަމެއް މިރާހަށް އެބަ އެނގޭ... ޕްލީޒް މިރާހް ޓެލްމީ..." ރިމްޝާ އާދޭސްކުރަން ފެށިއެވެ.
"ކައުންސިލް ތެރޭން ހުރިހާ ކަމެއް ކޮންޓްރޯލް ކުރަނީ ބޭބެ... އިންސްޕެކްޝަންސް... ކޮމްޕްލެއިންޓްސް... އެވްރީތިންގް..." މިރާހް ދެލޯ މަރައިލިއެވެ.
"ތީގެ މާނައަކީ ކެފޭގެ..." ރިމްޝާއަށް ވިސްނުނެވެ.
ޝައުކަތު ހުރީ، މިރާހް ބުނި ހުރިހާ ކަމެއް ނުހަނު ފަސޭހައިން ކުރެވޭނެފަދަ މަގާމެއްގައެވެ. ކައުންސިލް އިދާރާގެ އިސް މަގާމެއްގައެވެ. ވިސްނައިލުމުން، ރިމްޝާއަށް ހަގީގީ މަންޒަރު ސިފަވިއެވެ. އަޑިއަޑިން ޝައުކަތު އަދާކުރި ނުބައި ރޯލު ވިސްނުނެވެ.
"ބޭބެ ބޭނުންވަނީ މި ކެފޭ..." މިރާހް ފުން ނޭވާއެއް ދޫކޮށްލިއެވެ.
"ދެން ސޮބާހު؟..." ރިމްޝާއަށް އަހައިލެވުނެވެ.
"ބޭބެ، ސޮބާހް ޔޫޒް ކުރަނީ އަމިއްލަ ފައިދާއަށް..." މިރާހުގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. އަމިއްލަ ބޭބެގެ ނުބައި ވާހަކަ ދައްކަން އޭނާއަށް ފަސޭހައެއް ނުވިއެވެ. "ބޭބެގެ މަގުސަދަކީ ސޮބާހް ބޭނުންކޮށްގެން އާކިލްއަށް ޕްރެޝަރ ކުރުން... ސޮބާހް އީވްދެކެ ލައިކްވާތީ، އޭނަ ބޭނުންވަނީ އާކިލް މިތަނުން ފޮނުވާލަން..."
"ކީއްވެ އާކިލްއަށް ޕްރެޝަރ ކުރަންވީ؟..." ރިމްޝާގެ މޫނުން ކުރިއަށްވުރެ ބޮޑު ހައިރާންކަމެއް ފެނިގެން ދިޔައެވެ.
"ބިޒްނަސް ޕާޓްނާރޝިޕް ނުހެދީމަ..." މިރާހް ތަފްސީލް ދިނެވެ. "އެއީ ވަރަށް ކުރިން ދިމާވި ކަމެއް... އާކިލް ނޭނގެ މިހާރު އެކަން ހަނދާންވެސް ހުންނާނެކަމެއް... ބޮޑަށް ދެން ފަހުން އެކަން ގޯސްވީ، އާކިލް މި ކެފޭގެ ދިފާއުގަ ކަންކަން ކުރާތީ..."
********
މެންދުރު ވީއިރު، ކެފޭ އޮތީ މީހުންތަކުން ފުރި ބާރުވެފައެވެ. އިވްލީނަށް އެހީވާން އާކިލްވެސް ކެފޭގައި އުޅުނެވެ. ކައުންޓަރުގެ ކައިރީގައި ހުރި އިވްލީން އިސް އުފުލައިލީ ކުރިމަތީގައި މީހަކު ހުއްޓުނުހެން ހީވެގެންނެވެ. ރަސްމީ ހެދުމުގައި ތިބި ދެމީހަކު އިވްލީންގެ ކުރިމަތީގައި ތިއްބެވެ.
"ނޯޓިސް ލިބުނުކަމަށް މިތަނުގަ ސައިން ކޮށްލަދީ!..." ކައުންޓަރުގެ މަތީގައި ސިޓީ އުރައެއް ބާއްވަމުން އެތަނުން އެކަކު ދިއްކޮށްލީ ފޮތެކެވެ.
"ކޮން ނޯޓިސްއެއް؟..." އިވްލީން ދެއަތް ތުރުތުރު އަޅައިގަތެވެ.
"ވަގުތީގޮތުން ތަން ބަންދުކުރަން އަންގާ ނޯޓިސް..." ދެން ހުރި މުވައްޒަފު ބުނެލިއެވެ.
"އޭނ؟..." އިވްލީނަށް ލިބުނީ ކުއްލި ސިހުމެކެވެ. "ތީ މިސްޓޭކެއް... ކީއްވެ މިތަން ބަންދުކުރަން ޖެހެނީ..."
"އަޅުގަނޑުމެންނަކަށް ނޭނގެ... މީ ވެރިން އެންގެވި ގޮތް..." މުވައްޒަފު ޖަވާބު ދިނެވެ. "ސައިންކޮށްލަ ދެއްވާ!.."
އާކިލް ހަލުވި ފިޔަވަޅުތަކެއްގައި މުވައްޒަފުގެ ކައިރިއަށް ދިޔައެވެ.
(ނުނިމޭ)